Support Us

"އޭސީކޮށްފައިވާ ގައުމު" ސިންގަޕޫރު- ފިނިކުރަން އެހެން މަގުތަކެއް ހޯދުމުގެ ދަތުރު

ކަރަންޓުގެ ހަރަދު ބޮޑުވަމުންދާތީ ސިންގަޕޫރުން އޭސީގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ވަސީލަތްތައް މިހާރު ދަނީ ހޯދަމުންނެވެ.

އެ ގައުމުން ދަނީ އިމާރާތްތައް ފިނިކުރުމަށާއި އާދައިގެ އޭސީއަށް ބަރޯސާވާ މިންވަރު ކުޑަކުރަން އާ ގޮތްތަކެއް ހޯދަމުންނެވެ. އެ ގައުމަކީ "އޭސީކޮށްފައިވާ ގައުމެއް"ގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. އަމިއްލަ ގޭގޭގެ ތެރެއިން ގާތްގަނޑަކަށް 99 ޕަސެންޓް ގޭގައި އޭސީ ހުރެއެވެ. އަދި ސިންގަޕޫރަކީ ދެކުނުއިރުމަތީ އެޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އެންމެ ގިނައިން އޭސީ ހުރި ގައުމެވެ.

އޭސީ ބޭނުންކުރުމަށް ގިނަ އަދަދަކަށް ކަރަންޓު ހޭދަވެއެވެ. އެ ގައުމުން ދޫކުރާ ކާބަން މާއްދާގެ ފަސްބައިކުޅަ އެއްބައި ސިންގަޕޫރުގެ އިމާރާތްތަކުގެ ދާއިރާއިން ހިއްސާކުރެއެވެ. ފިނިކުރާ ނިޒާމުތަކަށް އިމާރާތެއްގެ ހަކަތައިގެ 40 އާއި 60 ޕަސެންޓާ ދޭތެރޭގެ މިންވަރެއް ހޭދަވެއެވެ.

ވަށައިގެންވާ މާހައުލަށް އޭސީތަކުން ހޫނު ވައިވެސް ދޫކުރެއެވެ. އަދި ކަރަންޓު އުފައްދަން ފޮސިލް ފިއުލް ބޭނުންކުރާއިރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން މޫސުމީ ބަދަލުތައް އިތުރަށް ގޯސްވެގެންދެއެވެ.

ފިނިކުރަން ބޭނުންކުރެވޭނެ އެހެން ނިޒާމުތައް

ސިންގަޕޫރުގެ ބައެއް އިމާރާތްތަކުގައި މިހާރު ބޭނުންކުރަނީ "އެކްޓިވް ޗިލްޑް ބީމްސް"އެވެ. މިއީ ފިނިކުރާ ކޮއިލްތަކާއެކު ސީލިންގައި ހަރުކޮށްފައިވާ ޕެނަލްތަކެކެވެ. ކޮއިލްތަކުގެ ތެރެއިން ފިނި ފެން ދައުރުކުރެއެވެ. އަދި ޕެނަލްތަކުގެ ތެރެއިން ވައި ދަތުރުކޮށް، ކޮޓަރިތަކުގައިވާ ހޫނުކަން އެ ނިޒާމަށް ދަމައިގަނެއެވެ.

އަށް ބުރީގެ ޕާޔާ ލެބާ ގްރީން އިމާރާތުގައި ބޭނުންކުރަނީ މި ޓެކްނޮލޮޖީއެވެ. މި ނިޒާމުން އޮފީހުގެ ފިނިހޫނުމިން 24 ޑިގްރީ ސެލްސިއަސްގައި ހިފަހައްޓައިދެއެވެ. މި ނިޒާމު ފަރުމާކުރި ޑީ.ޕީ އާކިޓެކްޓްސުން ބުނާ ގޮތުގައި އާދައިގެ އޭސީއާ އަޅައިބަލައިއިރު މި ނިޒާމުން ހަކަތަ ހޭދަވާ މިންވަރު 30 ޕަސެންޓަށްވުރެ ބޮޑަށް ކުޑަކޮށްދެއެވެ.

އިންސާނީ ވަސީލަތްތަކާ ބެހޭ ފަންނުވެރިއެއްކަމަށްވާ ރެނޫގާ ޝޭކަރު ބުނީ ފުރަތަމަކޮޅު މުވައްޒަފުންނަށް މި ތަފާތު ފިނިކުރާ ނިޒާމު ފާހަގައެއް ނުކުރެވުނުކަމަށެވެ.

"އަހަރެމެންނަށް އެއީ ކިހާ ތަފާތު ނިޒާމެއްކަން ހުދު އެނގުނީއެއްވެސް ނޫން. ސަބަބަކީ އެއީ ވަރަށް އަމާންކޮށް، އޮމާންކޮށް ދާ ނިޒާމަކަށްވެފައި، ފިނިހޫނުމިނަށް ބަލައިއިރު އޮފީހުގެ އެންމެނަށްވެސް ވަރަށް ގަޔާވާ މިންވަރެއްގައި ހުރުމުން،" އޭ.އެފް.ޕީއަށް އޭނާ ބުންޏެވެ.

އަނެއް ގޮތަކީ "ޕެސިވް ޑިސްޕްލޭސްމަންޓް ކޫލިން"އެވެ. މިއީ މެކޭނިކަލް ފަންކާތަކަށް ބަރޯސާވާ މިންވަރު ކުޑަކުރަމުން ގުދުރަތީ ވައިގެ ދައުރުވުމުގެ ނިޒާމު ބޭނުންކުރާ ސިސްޓަމެކެވެ.

ސިންގަޕޫރުން ދަނީ "ރޭޑިއަންޓް ކޫލިން"ގެ ގޮތްވެސް ބަލަމުންނެވެ. މި ނިޒާމުގައި ހޮޅިތަކާއި ޕެނަލްތަކުގެ ތެރެއިން ދަތުރުކުރާ ފިނި ފެން ބޭނުންކޮށްގެން މީހުންނާއި ތަކެތީގައި ހުންނަ ހޫނުކަން ނިޒާމަށް ދަމައިގަނެއެވެ.

ސަރުކާރުގެ އެހީތެރިކަމާއެކުކުރާ މަސައްކަތްތައް

ސަރުކާރުން 2024 ގައި ހެދި ދިރާސާއަކުން ފާހަގަކުރެވުނު ގޮތުގައި ފިނިކުރަން ބޭނުންކުރާ އެހެން ޓެކްނޮލޮޖީތަކަކީ ހަކަތަ ސަލާމަތްކުރަން މުހިންމު ސްޓްރެޓެޖީއެކެވެ. މި ޓެކްނޮލޮޖީތަކުގެ ސަބަބުން ހަކަތަ ހޭދަވާ މިންވަރު 48 ޕަސެންޓާ ހަމައަށް ކުޑަކުރެވިދާނެއެވެ.

މި އަހަރުގެ މެދުތެރެއާ ހަމައަށް އައިއިރު ސަރުކާރުގެ މަދުވެގެން 33 އިމާރާތާއި އަމިއްލަ 14 އިމާރާތެއްގައިވަނީ ފިނިކުރުމުގެ އެހެނިހެން ނިޒާމުތައް ބޭނުންކުރަން ފަށައިފައެވެ. ސިންގަޕޫރުގެ އަމާޒަކީ 2050 އާ ހަމައަށް ދާއިރު ނެޓް-ޒީރޯ ކާބަން އެމިޝަންސް ނުވަތަ ޖައްވަށް ދޫކުރާ ވިހަ ކާބަން މާއްދާގެ މިންވަރާއި ޖައްވުން އެ އުނިކޮށްލެވޭ މިންވަރު ހަމަހަމަކުރުމެވެ.

ނަމަވެސް މި ފަދަ ނިޒާމުތައް ހަރުކުރުމުގެ ހަރަދު އާދައިގެ އޭސީއެއް ހަރުކުރުމަށްވުރެ ބޮޑެވެ. އަދި ގިނަ މީހުން އަދިވެސް އިސްކަންދެނީ ގޮތް އެނގޭ ފިނިކުރާ ނިޒާމުތަކަށެވެ.

ޑީ.ޕީ އާކިޓެކްޓްސްގެ ޑިރެކްޓަރެއްކަމަށްވާ ޗުއާ ޒީ ޖުން ބުނީ މީހުންގެ އުއްމީދުތަކަށް އަދިވެސް ބަދަލުތަކެއް އަންނަން ޖެހޭކަމަށެވެ.

"އެންމެންވެސް އާދަވެފައިވަނީ އޭސީކޮށްފައިވައި އޮފީސް މާހައުލަކަށް. އެހެންކަމުން ކުއްލިއަކަށް 26 ޑިގްރީއަށް އެ މީހުން އެއްބަސްވުމަށް އެންމެން އާންމުކޮށް ބަލައިގަންނަ މިންވަރަށް ވިސްނުން ބަދަލެއް ނުވޭ،" އޭނާ ބުންޏެވެ.

ނަންޔަން ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ ފިނިކުރުމުގެ ދާއިރާގެ މާހިރެއްކަމަށްވާ ވަން މޭން ޕުން ބުނީ ކުރިމަގުގެ ނިޒާމުތަކުގައި ފިނިހޫނުމިނަށް އަންނަ ބަދަލުތައް ކުރިއައިލައި ދެނެގަތުމަށް ސްމާޓް ކޮންޓްރޯލްތައް ބޭނުންކުރަން ޖެހޭނެކަމަށެވެ. ނަމަވެސް މިހާރު ހުރި އެހެނިހެން ނިޒާމުތަކަށްވުރެ އާދައިގެ އޭސީން ކަންކަން މާ ފުރިހަމައަށްކުރެވޭކަމަށް އޭނާ އެއްބަސްވިއެވެ.

"މި ޓެކްނޮލޮޖީތަކަކީ ރަނގަޅު މިސްރާބަކަށް އެޅުނު ފިޔަވަޅެއް،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *