އެއް ދުވަސް ތެރޭގައި 16 ލިޔުންތެރިން ގުޅިގެން ރޭލު ދަތުރެއްގައި ޖަޕާންގައި ވާހަކަ ފޮތެއް ލިޔެ ނިންމައިލައިފިއެވެ.
ފަރަންސޭސި ބަހުން ވާހަކަދައްކާ ލިޔުންތެރިންނާއި ޖަޕާނުގެ ލިޔުންތެރިން ހިމެނޭ ގޮތަށް 16 ލިޔުންތެރިއަކު ގުޅިގެން ޖަޕާނު ހުރަސްކޮށްކުރި 24 ގަޑިއިރުގެ ރޭލު ދަތުރުގައި އެ ވާހަކަ ފޮތް ލިޔެ ނިންމައިލިއެވެ.
ލިޔުންތެރިން މި ދިޔަ މަހު 22 ގައި ކިޔޯޓޯއިން އަރައިފައިވަނީ އަރާމުކަމަށް މަޝްހޫރު ޓްވައިލައިޓް އެކްސްޕްރެސް މިޒޫކާޒީ ރޭލަށެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު އެ މީހުން މެޓްސޫއޭއަށް ފޯރިއެވެ. އެ މީހުންގެ އަމާޒަކަށްވީ ދަތުރު ނިމުމުގެ ކުރިން 200 ސަފުހާގެ ވާހަކަ ފޮތެއް ލިޔެ ނިންމުމެވެ.
މި މަޝްރޫއު އިންތިޒާމުކުރީ ފްރާންސްގެ އަދަބީ ޖަމިއްޔާ، ލޭކްރީތޫރު އޯން މޫވްމަންޓުންނެވެ.
މި މަޝްރޫއުގައި ފަރަންސޭސި ބަހުން ލިޔާ އަށް ލިޔުންތެރިންނާއި ޖަޕާނުގެ އަށް ލިޔުންތެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި އެވޯޑު ލިބިފައިވައި ލިޔުންތެރިއަކުވެސް ހިމެނެއެވެ.
ކޮންމެ ލިޔުންތެރިއަކާވެސް ހަވާލުކުރީ ވާހަކައިގައި އުޅޭ ޝަހުސިއްޔަތަކާއި ބާބެކެވެ. މި ނާވިލުގައި ބަޔާންކުރަނީ އެ މީހުންގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އެއް ރޭލަކުން ބައްދަލުވާ މީހުންތަކެއްގެ ވާހަކައެވެ.

ލިޔުންތެރިންގެ މެދުގައި މުއާމަލާތްކުރުމަށް ތަރުޖަމާނުން އެހީތެރިވެދިނެވެ.
މި ޕްރޮޖެކްޓް ކުރިއަށްދިޔައީ އޫލީޕޯ އަދަބީ ހަރާތުގެ އުސޫލުތަކާ އެއްގޮތަށެވެ. މި ހަރަކާތަކީ އާދަޔާ ހިލާފު ލިޔުމުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އުފެއްދުންތެރިކަން ނެރެން މަސައްކަތްކުރައި ހަރަކާތެކެވެ.
"އަހަރެމެން މި އުފައްދަނީ ވާހަކަ ފޮތެއް، އަދި އަހަރެން މި މަސައްކަތްކުރަނީ ތަފާތު އެކި ބާބުތައް ގުޅުވަން،" މަޝްރޫއުގެ ބާނީ، އޭން ފޮރެސްޓް-ވިލްސަން ބުންޏެވެ.
ވާހަކަ ފޮތް އަންނަ އަހަރު ފަރަންސޭސި އަދި ޖަޕާން ބަހުން ޝާއިއުކުރެވޭނެކަމަށް ބެލެވެއެވެ. ފޮތަށް އަދި ނަމެއް ނުދިނަސް މަޝްރޫއަށް ކިޔައިފައިވަނީ "24 ގަޑިއިރުގެ ނާވިލު"އެވެ.

"މި މަޝްރޫއު ކާމިޔާބުނަމަ ވަރަށް ރަނގަޅު. ނަމަވެސް އެ ކަން އެ ގޮތަށް ނުވުމުގެ ފުރުސަތު ބޮޑު،" މި ވާހަކަ ފޮތް ލިޔުމުގައި ބައިވެރިވި ޖަޕާނުގެ ލިޔުންތެރިޔާ ތޯ އެންޖޯ ބުންޏެވެ.
އޭނާ އިޝާރާތްކުރީ 16 ލިޔުންތެރިންގެ ބައިތައް އެކުލަވައިލައި، އެއްގޮތްކޮށް، ގުޅޭ ވާހަކަ ފޮތަކަށް ހެދުމުގައި ހުރި ގޮންޖެހުންތަކަށެވެ.
"މިއީ މުޅިން އަންތަރީސްވާވަރުގެ މަޝްރޫއެއް. އެއީ، މަޝްހޫރު ރޭލެއްގައި އެއްވެ، 16 މީހެއްގެ ހިއްސާ އެކުވެގެން މާނަހުރި އެއްޗެއް އުފައްދަން ޖެހުމުން،" މަޝްރޫއުގައި ބައިވެރިވި ފަރަންސޭސި ލިޔުންތެރިޔާ މިއުރިއަލް ބާބަރީ ބުންޏެވެ.
އޭނާ މި އަދަބީ ހިޔާލު އިތުރަށް ސާފުކޮށްދިނެވެ.

"އަހަރެމެން ކޮންމެ މީހަކަށްވެސް ދިނީ ޝަހުސިއްޔަތެއްގެ ވަނަވަރު. އެއީ، އެހެން ހުރިހާ ޝަހުސިއްޔަތުތަކަށްވެސް އެނގޭ، އަދި އެންމެން އެއް ރޭލަކުން ބައްދަލުވާން ޖެހުނު ސަބަބުކަމުގައިވާ މީހާ،" އޭނާ ކިޔައިދިނެވެ.
"އަމިއްލައަށް ޖިމްނާސްޓިކްސް ހެދުމާއި އެންމެން ގުޅިގެން ޖިމްނާސްޓިކްސް ހެދުމަކީ އެއް ކަމެއް ނޫން. އަހަރެމެން މިކުރި ކަމަކީ ސިންކްރޮނައިޒްޑް ސުވިމިން (އެއް ވަގުތެއްގައި ގިނަ ބަޔަކު އެކުއެކީގައި ފެތުން) ފަދަ ކަމެއް،" މި މަޝްރޫއުގައި ބައިވެރިވި، ކުރިން އެވޯޑެއް ލިބިފައިވައި ފަރަންސޭސި ލިޔުންތެރިޔާ އާވޭ ލެ ޓެލިއޭ ބުންޏެވެ.



advertisment