(މި ފަހަރު ތަންކޮޅެއް ލުއި، ކުރުވާހަކައެއްގެ ސިފައިގައި)
ހަސަންފުޅުބޭ މާލެއައީ އޭނާގެ ކުޑަކުޑަ ރަށުން މީހުން ބައިލާން އުޅޭ ވާހަކަ އިވިގެންނެވެ. ވިޔާފަރިވެރި ޝީރާޒީންގެ ތިރީހަކަށް ތާޖިރުން ޒިންޖިބާރުން ފުރައިގެން އަސޭކަރަޔަށް ދާން ކުރި ދަތުރެއްގައި އެ މީހުން ދަތުރުކުޅަ އޮޑި ކޮޅިގަނޑެއްގައި ޖެހި، ރޫޅި، އެންމެން ކަނޑުވެ، އޭގެ ތެރެއިން ފަތަން ދަންނަ މީހުން އެކި ދިމާޔަށް ފަތައި ހެދިހެދުމުގައި ހަސަންފުޅުބޭގެ ހޫރުކާފަ އެ ރަށަށް ލެއްގި ހިސާބުން އޭނާގެ ޢާއިލާޔަކީ އެ ރަށުގެ ޢާއިލާޔެކެވެ. އެހެނަސް، ޒަމާން ފުރޮޅިގެން އަދާ ހަމަޔަށް އައި އައުމުގައި، ރަށުގެ އާބާދީ މަޑުމަޑުން މަދުވެ، ޒަމާނީ ތަރައްޤީގެ މަލަތަކަށް ރަށުގެ ޒުވާނުން ހިޖުރަކޮށް، ރަށުގައި ދިރިއުޅުން ހަމަޖައްސައިލައިގެން އުޅޭ މީހުންގެ ޢަދަދު ބާރަ ދޮޅަހަށް ދަށްވީ ހިސާބުން، ރަށުގެ މުސްތަޤުބަލާ މެދު ތަފާތު ރޮނގުރޮނގުން ވިސްނާ މީހުންގެ ޢަދަދު ގިނަވާން ފަށައިފިއެވެ. ރަށުގެ ފައިދާ އެންމެނަށް ކުރާނޭ ތަދުބީރުތަކުގެ ވާހަކަ އެއް ދިމާޔަށް ވުރެ ގިނަ ދިމާއިން އިވޭން ވެސް ފަށައިފިއެވެ. އެހެނަސް، ހަސަންފުޅުބެއަކީ ރަށް ދޫކޮށްލައިފައި، ޚުދު އޭނާގެ ދަރީން ވެސް އެ ތަނެއްގައި ދިރިއުޅޭ މާލެޔަށް ބަދަލުވުމާ އެހައި ޤަބޫލު މީހަކަށް އަދި ނުވާތީ، އޭނާ ޤަޞްދުކުޅައީ ދަތުރުވަރެއްގައި މާލެ އައިސް، އޭނާ މާ ކުރީން ނަމަވެސް ދަންނަ ބޮޑެތިބޮޑެތި ބޭބޭފުޅުންގެ ގެކޮޅަށް ގޮސްލައި، ފައިންޕުޅުދެކެލައި، ކުޑައިކޮށް އާދޭސްދަންނަވައިލައިގެން ނަމަވެސް ރަށް ސަލާމަތްކުރެވޭނޭ މަގެއް ފެނޭތޯއެވެ.
ހަސަންފުޅުބޭ މާލެއަތުވެއްޖެއެވެ. މާލެފައިބާކަށް ނޫނެވެ. ކުރީން މި ދެންނެވި ފައިންޕުޅުތަކުން އެންމެ ފައިންޕުޅެއް ވެސް ފެނޭތޯ، ދައްކަވަތްތޯ، ކަންފަތްޕުޅުދެއްވަތްތޯ ބަލާށެވެ. އެކަމަކު، މާލެއައިތަނުން އޭނާޔަށް އެނގުނީ އެ ޒާތުގެ ނުފޫޒުގެ މުޅި ނިޒާމާއި، ނުފޫޒުގެ އުންސުރުތަކާއި، ބަސްވިކުމާއި، މީހާ މުޠަލަޤަށް ވިކުމާއި، މި ހުރިހައި ކަމެއް ބަދަލުވެއްޖެކަމެވެ. ހިއްޗަށްވަޑައިގަންނަވާމަގާއި، އައިފާނުމަގާއި، ކާޅުގުއިރޭމަގު ވެސް ނެތިހިންގައްޖެކަމެވެ. މާލޭގެ ދެކުނުފަރާތުން ހިނގައިފައި އަންނަ މީހާ ގަނޑުވަރުގެ އެއް ދޮރޯށިދޮށުގައި މަޑުކޮށްލާންކަމަށް އެ މަގަކުން ހިނގައިފައި އައިސް އުޅުނު، އެއް ޒަމާނެއްގައި ނުލާހިކު ތެދަށް އޮތް ރަށްދެބައިމަގު ވެސް މިހައިރު އެ އޮތީ ގުދުގުދުލައިފައިކަމެވެ. އެހެންކަމުން، އޭނާ އަވަސްވެގަތީ އޭނާގެ އެކި ދަރީން ވަކިވަކީން ދިރިއުޅޭ އެކި ވަކި ތަންތަން ހޯދައިގެން، އެ މީހުން ގާތު ވަގުތުކޮޅެއް ހޭދަކޮށްލައިފައި އަވަހަށް ރަށަށްދާށެވެ.
ހަސަންފުޅުބޭގެ ދަރީންނާއި އެ ކުދީންގެ އަނބިދަރީން ހަސަންފުޅުބެޔަށް ވަރަށް ކަމޭހިތިއެވެ. ހަސަންފުޅުބޭގެ ކެއިންބުއިމާއި ނިދުމުގެ ކަންކަން ނުލާހިކުމޮޅަށް ހަމަޖައްސައިދިނެވެ. ޒަމާނުގެ ހުރިހައި ވަޞީލަތެއް ހަމަޔަށް ހުރި ގެސްޓުހައުސްއެއްގައި ނިދޭނޭގޮތް ހަދައިދިނެވެ. އެކު ކުދީން އެކި ގަޑީގެ ކެއުމާ ޙަވާލުވެ، އެކި ރެސްޓޯރަންޓުން މޮޅު ކެއުންތައް ކާން ބައްޕަ ގޮވައިގެން ދިޔައެވެ. ހިނގައިފައެއް ނޫނެވެ. މަދު ފަހަރަކު ސައިކަލުގައި ދާން ޖެހުނަސް، ގިނަ ފަހަރު ކާރުގައެވެ. ޓެކްސީގައެވެ. ވޭނުގައެވެ.
ހަސަންފުޅުބޭ ހުރި ގެސްޓުހައުސްއާ ބެހޭ އެތަކެއް ސުވާލު އޭނާ އޭނާގެ ދަރީންނާ ކުރިއެވެ. ޒަމާނީ އެތައް ވަޞީލަތެއް ބޭނުންކުރާނޭ ގޮތްތައް އަހައި އޮޅުންފިލުވައި ދަސްކުރިއެވެ. ރެސްޓޯރަންޓުތަކުން ގެނެސްދިން ތަފާތު ބާވަތްތަކުގެ ކާނާޔާ ބެހޭ އެތައް ސުވާލެއް ކުރިއެވެ. އެ ބާވަތްތަކުގެ މަސް ކާނޭ ގެރިބަކަރިއާއި ކުކުޅާއި ކަންނެއްޔާއި ލަނޑާ އެއީ ކޮންކޮން ތަންތާކު ގެންގުޅެގެން ކިހިނެއް މާލެގެންނަ ބާވަތްތަކެއްތޯ އަހައި، ތަރުކާރީއާއި ފަތްޕިލާވެލި ހައްދަނީތޯ، ގެންނަނީތޯ، އުފައްދަނީތޯ އަހައި، އެ މަޢުލޫމާތު ވެސް ހޯދައި، ލިބިގަތެވެ. އަދި އެ ރޮނގުން ވެސް ލިބުނުހައި މަޢުލޫމާތަކާ މެދު ވާހަކަދައްކައި، ޢަޖާއިބުވެ އުޅުނެވެ.
ހަސަންފުޅުބޭ އެ ރަށެއްގައި ދިރިއުޅޭ ރަށުގެ މުސްތަޤުބަލާ މެދު ވެސް ހަސަންފުޅުބޭ އެތައް ސުވާލެއް ކުރިއެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު ދިނީ ހަމައެކަނި އޭނާގެ ދަރީންނެއް ނޫނެވެ. އަދި ކިއެއްތޯއޭ، އޭނާގެ ދަރީންގެ ރައްޓެހި ރަޙުމަތްތެރީންގެ ތެރޭގައި ހިމެނޭ ބާރުވެރި ނުފޫޒުވެރީންނާއި، މަހުޖަނުންނާއި، ސިޔާސީގޮތުން ފުންނާބު އުސް މީހުންނާއި، މަޖިލީހު މެންބަރުންނާ ބައްދަލުކުރުމުގެ ފުރުޞަތު ވެސް ހަސަންފުޅުބެޔަށް ހޯދައިދީ، އެގޮތުން ވެސް އޭނާގެ ހިތް ފުރައިލައިދިނެވެ.
ހަސަންފުޅުބޭ އޭނާގެ ދަރީންނާ ކުރި ސުވާލުތަކަށް އެ ކުދީން ޢަމަލާއި ބަހުން ޖަވާބުދީ، މަޢުލޫމާތު ހޯދައިދީ، އެ މަގުން ލިބުނު ފުރިހަމަ މަޢުލޫމާތު ހަސަންފުޅުބޭ ހެޔޮހިތުން ބަލައިގަތެވެ. ޙައިރާންކަމާއި އުފަލާއި ޝުކުރުވެރިކަމާއެކުގައެވެ. އެކަމަކު، ހަސަންފުޅުބޭ އޭނާގެ ދަރީންނާ ކުރި އެއް ސުވާލަކަށް ލިބުނު ޖަވާބާ މެދު އޭނާ އެހައި ހިތްހަމަޖެހޭ ގޮތެއް ހަމަ ނުވިއެވެ.
އެ ސުވާލަކީ، "ދަރިފުޅާ، އެއީ ކީއްކުރާ ރޮނގުތަކެއް؟"، މިއެވެ!
ހަސަންފުޅުބޭ އެ އިޝާރާތްކުރީ މާލޭގެ މަގުތައް މަތީން އޭނާޔަށް ފެނުނު، ރީނދޫކުލަޔާއި ހުދުކުލައިގެ ރޮނގުތަކަކަށެވެ. ބައެއް މަގުތަކުގެ މެދުގައި ހުރީ މެދުނުކެނޑި ހުރި ރޮނގުތަކަށެވެ. ހަމަ އެ ރޮނގުތައް ބައެއް ތަންތާނގައި މެދުކެނޑިފައިވާ ރޮނގުބުރިތަކަކަށް ބަދަލުވެފައި އެ ހުންނަ ހުރުމަށެވެ. މަގުގައި މީހުން ހިނގާން އެ އޮންނަ ދުވާރޭ ކިޔޭ ތަނުގެ މަގަތުގައި، ބައެއް ތަންތާނގައި އެ ހުންނަ އެއް ރޮނގު ނުވަތަ ދެ ރޮނގަށެވެ. ބައެއް މަގުމަގުގެ ވަކި ހިސާބުތަކެއްގައި މަގު ހުރަސްކޮށް ދަމައިފައި އެ ހުންނަ، ތަންކޮޅެއް ފުޅާ، ރޮނގު ބައިގަނޑަށެވެ. ގަޅިކަނޑައިފައި ހުންނަ ގޮތަށެވެ. ކަފިހިބޮލި ހަނދާންވާ ކަހަލަ ގޮތަކަށެވެ.
"ބައްޕާ، މަގު މެދުގައި ދަމައިފައި އެ ހުންނަނީ، މަގުމަތީގައި ދުއްވާއެއްޗިހި ދުއްވާނޭ ގޮތްތަކާއި ފަރާތްތައް ދައްކައިދޭން ހުންނަ ރޮނގުތަކެއް. އަދި ދުއްވާއެއްޗިހި ޕާކުކޮށްފައި ބަހައްޓައިގެން ނުވާނޭ ތަންތަނާއި ހަމަ އެއްގޮތަކަށްވެސް ބަހައްޓައިގެން ނުވާނޭ ތަންތަން ދައްކައިދޭން ހުންނަ ރޮނގުތަކެއް އަރިމަތީގެ އެކި ހިސާބުގައި އެ ހުންނަނީ. އަދި ތިޔަ ބުނުއްވާ ކަފިހި ގަޅި ކަނޑައިފައި އެ ހުންނަ ތަންތަނަކީ ފައިމަގުގައި އުޅޭ މީހުން ރައްކާތެރިކަމާއެކު މަގު ހުރަސްކުރާން ހުންނަ ތަންތަން. އެ ތަންތަނުން މީހުން ހުރަސްކުރާއިރު ދުއްވާއެއްޗިހި ޖެހޭނީ މަޑުކޮށް، ނުވަތަ ހުއްޓައި، ހުރަސްކުރާ މީހުންނަށް ފުރުޞަތުދޭން." ހަސަންފުޅުބޭގެ ދަރިޔަކު ޖަވާބުދިނެވެ.
"ބައްޕަ ހީކުރީ ދުވާރުގެ މަގާ ވީ ފަރާތުގައި ދަމައިފައި އެ އޮންނަ ރޮނގަކީ، ފޯރާ މީހުންގެ ކާރު އެ ރޮނގު ކުރަހައިފައި ހުންނަ ދިމާއިން ދުވާރުމައްޗަށް އަރުވައި، އެ ތާނގައި ޕާކުކުރުމުގެ ހުއްދަ ދޭން ކުރަހައިފައި އޮންނަ ރޮނގެއްކަމަށް." ހަސަންފުޅުބޭ ބުނެލިއެވެ. "އަދި ކަފިހިބޮލި ގަޅިކަނޑައިފައި އެ ހުންނަ ކުރެހުމަކީ މަގުގެ ޒީނަތްތެރިކަމާއި ނަލަކަމާއި އެމެރިކާވަންތަކަން ފުރިހަމަކުރުމަށްޓަކައި ކުރަހައިފައި ހުންނަ ކުރެހުމެއްކަމަށް."
"ނޫނޭ، ބައްޕާ!" ދަރިފުޅު ބުނެލިއެވެ. "ކުރީން ތިޔަ ބުނުއްވި ރޮނގަކީ އެ ރޮނގު ދަމައިފައި އެ ހުންނަ ހިސާބުގައި ކާރު ޕާކުނުކުރެވޭނޭކަން އަންގައިދޭން ކުރަހައިފައި އޮންނަ ރޮނގެއް. އެކަމަކު… ބަޔަކު އެކަން ކުރީމައި…"
"ބަޔަކު އެކަން ކުރީމައޭ ބުނެލައިފައި ތިޔަ ހުއްޓައިލިއްޔޯ؟" ހަސަންފުޅުބޭ އަހައިލިއެވެ. "އެ ވާހަކަ ދެއްކޭކަށް ނެތް، އުތަ؟"
"ލައްބަ! އެހެންކަމަށް ހީކޮށްލައްވާ!" ފަނޑު ހިނިތުންވެލުމަކާއެކު ދަރިފުޅު ބުނެލިއެވެ. "އަދި ތިޔަ ބުނުއްވާ ކަފިހިހުރަހަކީ މީހުން ރައްކާތެރިކަމާއެކު މަގު ހުރަސްކުރާން ހުންނަ ތަނެއް. އެކަމަކު…"
"ދެން އެހެންވިއްޔާ، އިންސާނާގެ ސަމާލުކަމުން އެހައި ފަސޭހައިން ފޮހެވޭ، އެކަމަކު މާއްދީގޮތުން މަގުމަތިން ފަސޭހައިން ނުފޮހެވޭ، އަގުބޮޑު ދަވާދުން އެ ހުރިހައި ރޮނގެއް ކުރެހުމަކީ ހައުދަހައި ބޮޑު އިސްރާފެކޭ!" ހަސަންފުޅުބެޔަށް ބުނެލެވުނެވެ. "ދަރިފުޅާ، ދަރިފުޅުމެން ކަހަލަ ހޭލެވިފައި ތިބި ކުދީންގެ މަސްއޫލިއްޔަތެކޭ އެއީ އެ ރޮނގުތަކުގެ ޙަޤީޤީ ބޭނުން އެންމެނަށް ބުނެދިނުން!"
"ލައްބަ!" ދަރިފުޅު ބުނެލިއެވެ.
"އެހެންނޫނީ…. ދަރިފުޅާ، އެއީ ކީއްކުރާ ރޮނގުތަކެއް؟" ހަސަންފުޅުބޭ ބުނެލިއެވެ. "ވަކި ބަޔަކަށް އެޔާ ޚިލާފަށް އުޅޭން ހުއްދަ ރޮނގުތަކަކަށް އެ ރޮނގުތައް ވެއްޖިއްޔާ… މި ފަހަރު ބައްޕަ އެ ހިސާބުން ޖުމުލަ ކުރުކޮށްލާނަން."
ހަސަންފުޅުބޭގެ ޚިޔާލުގައި އެވަގުތު އެނބުރިގަތީ އޭނާގެ ހޫރުކާފަގެ ޒިންޖިބާރަށް ހިޖުރަކުރުންކަމެއް، ހިއްޗަށްވަޑައިގަންނަވާމަގާއި، އައިފާނުމަގާއި، ކާޅުގުއިރޭމަގާއި ދެބޯދޫނި ދިޔަ ތާކަށް ދިޔުންކަމެއް، އާބާދީ މަދުވުމުން މީހުން ބޭލުމަށްފަހު ރަށުން ކޮންމެވެސް އެހެން ބޭނުމެއް ހިފާން ހިފައިފައި ތިބި މީހުންނާ ދެކޮޅަށް މަސައްކަތްކުރުން މަތީ ދެމިހުންނާން ރަށަށް ދިޔުންކަމެއް، ބޮޑުވަރިހަމައިން ވަރިހަމަވުންކަމެއް، އެހެން އެއްވެސް މީހަކަށް ހަމަ ނޭނގުނެވެ.
