Support Us

ކޮލަމް ދިވެހި: ދޮންބަންޑާރައިންގެ ޤައުމީ ޖިހާދާއި ޑިބޯނޯގެ ހަ ތޮފި

ވަރަށް ގިނަ ފަހަރު ކަންކަމާ ވިސްނާލަން ޖެހޭ ވަގުތު އޮޅުންބޮޅުން ޚިޔާލުތަކެއްގެ ތެރެއަށް ވަދެވެއެވެ. ގިނަބަޔަކުވެގެން ކަމަކާ ފިކުރުކޮށް މަޝްވަރާއެއް ދޭން އެއްވެ ތިބޭ ވަގުތު އެކަކަށްވުރެ އަނެކަކުގެ އަޑު މައްޗަށްދާތަން އާދެއެވެ. އެ ހިސާބުން ވިސްނުން އުފަންކުރުމާއި މަޝްވަރާ ދިނުމުގެ މަޖިލިސް، ބަދަލުވެގެންދަނީ ރޯ ބަނޑައިދޫފަޅިއެއް ވައްޓާލެވުނު ވައްލަކޮށްޓަކަށެވެ. އެއްޒަމާނެއްގައި ޔޫރަޕުގައި ވެސް މި މައްސަލަ ވަރަށް ބޮޑަށް އޮތްކަމަށް ވެއެވެ. އޭގެ ހައްލެއްގެ ގޮތުން ވިސްނުމުގެ ޢިލްމީ އުކުޅުތައް ތަޢާރުފުކުރެއްވުމުގައި މަޝްހޫރު ނަފުސާނީ ޢިލްމުވެރިޔާ އަދި ފަލްސަފާވެރިޔާ ޑރ. އެޑްވަރޑް ޑިބޯނޯ ނަޒަރިއްޔާއެއް ތަޢާރަފުކުރެއްވިއެވެ. އެއީ ކަންކަމާ މެދު ވިސްނާ އިރު މައިގަނޑު އަސާސީ ހަ ދާއިރާއަކުން ވިސްނާށާއި، އެ ކަން ވަކި ތަރުތީބަކުން ކުރުމަށް ބާރު އަޅާ ނަޒަރިއްޔާއެކެވެ. މަޝްހޫރު ނަމުން ނަމަ، އެޑްވަޑް ޑިބޯނޯގެ "ވިސްނުމުގެ ހަ ތޮފި" (Six Thinking Hats) އެވެ.

މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ އަޅުގަނޑުމެންގެ ޤައުމީ ބަޠަލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) މަލާބާރު ކަރައިގެ ހޮޅިންނާ ދެކޮޅަށް ކުރެއްވި ހަނގުރާމައިގައި މި އުކުޅުތައް ބޭނުންކުރައްވައިފައިވާ ގޮތުގެ މައްޗަށެވެ. އަޅުގަނޑަށް ފާހަގަކުރެވިފައިވަނީ ދިވެހި ތާރީޚުގެ މި މުހިންމު ހާދިސާ ދަރިވަރުންނަށް ކިޔަވައިދޭ އިރު ވެސް، މި ފަދަ އުސްލޫބުތައް ބޭނުންކުރުމުން އާދަޔާ ޚިލާފު ޝައުޤުވެރިކަމަކާއި ފުން ދޭހައެއް ދަރިވަރުންގެ ކިބައިގައި އުފެދޭކަމެވެ.

ޑިބޯނޯގެ ހުށަހެޅުއްވުން

ޑިބޯނޯ މަގުދައްކަވަނީ ކަންކަމާ ޚިޔާލު ކުރާ އިރު، ކަންކަން ކާމިޔާބު ކުރާން ރާވާ އިރު، ވިސްނުން މައިގަނޑު ހަ ބަޔަކަށް ބަހައިލާށެވެ. އެ ހަ ބައި ހަނދާނުގައި ހަރުލައްވާން ފަސޭހަޔަކަށް އޭނާ ކުލައިގެ ރަމްޒެއް ދެއްވައެވެ. އެއީ ހަ ކުލައިގެ ހަ ތޮތްޕެވެ. ހުދު، ރަތް، ކަޅު، ރީނދޫ، ފެހި، ނުލެވެ. އެހެންކަމުން ކަމެއްގައި މަޝްވަރާކޮށް ގޮތް ނިންމާ އިރު، ތަރުތީބު މި ތޮފިތައް ފަހަރަކު ތޮތްޕެއް ފަހަރަކު ތޮތްޕެއް އަޅަންވާނެއެވެ.

ހުދުކުލައިގެ ތޮފިން އިޝާރާތްކުރަނީ ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަޤީޤަތް ދެނެގަތުމަށެވެ. ޖަޒުބާތީ އޮއިވަރުތަކާއި ހީވާހީވުންތަކުން ދުރުވެ އިތުބާރު ހުރި ހެކި ހޯދައި، ކަންކަން ރަނގަޅަށް ޔަޤީންކޮށް ކަށަވަރުކުރުމަށެވެ. އެ ގޮތުން ކަމެއްގައި އެނގެން ހުރީ ކޮންކަންތައްތަކެއްތޯ ސުވާލު އުފައްދައެވެ. އިތުރަށް ހޯދަން ޖެހެނީ ކޮންކޮން މަޢުލޫމާތުތަކެއްތޯ ވިސްނައި ސުވާލުތައް އުފަންކުރެއެވެ.

ރަތް ތޮފިން އިޝާރާތްކުރަނީ ޖަޒުބާތާއި އިޙްސާސްތަކަށެވެ. އެއްވެސް ދަދީލެއް ދެއްކުމަކާ ނުލައި، ހިތުގައި އުފެދޭ ޝުޢޫރުތަކާއި ހިތަށް އަންނަ އިޙްސާސްތައް ވެސް ފާޅުކުރުމަށް މި ތޮފި ބުނެއެވެ. ޑިބޯނޯ ދެކެވަޑައިގަންނަވާ ގޮތުގައި އިންސާނާގެ "ހަވަނަ ހިއްސު" ބުނާ ވާހަކައަށް ޖާގަ އޮންނަން ވާނެއެވެ. އެހެންކަމުން ކަމެއްގައި މަޝްވަރާކުރާ އިރު، ހިތަށް ފެންނަ ގޮތް (އަދި އެ ހިނދަށް ސާބިތު ހެއްކެއް ނެތަސް) ހާމަކުރުމަށް މި ތޮފި ބާރު އަޅައެވެ.

ކަޅުތޮފި އިޝާރާތްކުރަނީ ސަމާލުކަމާއި ނުރައްކަލަށެވެ. ކަމެއްގައި ހުރެދާނެ އުނިކަންތައްތަކާއި ހުރަސްތަކާއި އެކި ނުރައްކާތެރިކަން ދެނެގަތުމަށެވެ. އެ ކަމަށް ޓަކައި މި ކަން ނާކާމިޔާބުވެދާނެ ސަބަބުތަކަކީ ކޮބައިތޯ ސުވާލު އުފައްދައި ވިސްނައެވެ. އޮތީ ކޮން ކަހަލަ ނުރައްކާތަކެއް ތޯ ސުވާލު އުފައްދައި އެ ކަންކަން ބަލާން ޖެހެއެވެ.

ރީނދޫ ތޮފި އިޝާރާތްކުރަނީ އުންމީދާއި ފައިދާއަށެވެ. އެހެންކަމުން މި ތޮފި އަޅައިގެން އެ ކަމެއްގެ އުޖާލާ ފަރާތާއި، އެ ކަމަކުން ލިބޭނެ މަންފާއާއި، ހުރި ފުރުޞަތުތައް ދެނެގަނެއެވެ. މި ކަން ކާމިޔާބުވާނެ ސަބަބުތަކަކީ ކޮބައި؟ އޭރުން ލިބޭނެ ފައިދާތަކަކީ ކޮބައި؟ މި ފަދަ ސުވާލުތަކަށް މި ތޮފި އަޅައިގެން ޖަވާބު ހޯދައެވެ.

ފެހިތޮފި އިޝާރާތްކުރަނީ އުފެއްދުންތެރިކަމާއި އާ ޚިޔާލަށެވެ. މި ތޮފި އެ ކަމަކަށް ޓަކައި، އާ ގޮތްތައް ހޯދައެވެ. ތަފާތު ޙައްލުތައް އުފައްދައެވެ. އާދައިގެ ސާދާ ވިސްނުމުން ބޭރުވެގަނެ، ތަފާތު ވިސްނުންތައް އުފަންކުރެއެވެ. މި ކަން ކުރެވިދާނެ އެހެން ގޮތަކީ ކޮބައިހެއްޔެވެ؟ އަލަށް އުފަންކުރާނެ ޚިޔާލަކީ ކޮބައިހެއްޔެވެ؟ ފެހިތޮފީގައި މި ފަދަ ސުވާލުތަކުގެ ޖަވާބު ހޯދައެވެ.

ނޫތޮފި އިޝާރާތްކުރަނީ އިންތިޒާމާއި ކޮންޓްރޯލަށެވެ. މި ތޮފި އަޅައިގެން މުޅި ވިސްނުމުގެ މަރުޙަލާ ރާވައި ހިންގައެވެ. އެހެން ތޮފިތައް ބޭނުންކުރާނެ ތަރުތީބު ކަނޑައަޅައި ނިންމުންތައް ނިންމައެވެ. މިހާރު މިދަނީ ކޮން މިސްރާބަކަށްހެއްޔެވެ؟ ދެން އަޅަންޖެހޭ ފިޔަވަޅަކީ ކޮބައިހެއްޔެވެ؟ މި ފަދަ ސުވާލުތައް އުފައްދައިގެންނެވެ.

ޑރ. ޑިބޯނޯ ވިދާޅުވާ ގޮތުގައި، އިންސާނަކު އެއްފަހަރާ ހުރިހާ ދިމާއަކުން ވިސްނަން އުޅުމުން ސިކުނޑި އޮޅުންބޮޅުންވެއެވެ. އެހެންކަމުން، ވިސްނުމުގެ ދާއިރާތައް ބަހައިލައި، ކޮންމެ ފަހަރަކު ވެސް، ތަރުތީބުން އެންމެން އެއް ކުލައެއްގެ ތޮފި އެޅުން ބުއްދިވެރިއެވެ. އޭރުން މާނައެއް ނެތް ޒުވާބުކުރުމުގެ ބަދަލުގައި ބިނާކުރަނިވި ގޮތެއްގައި މައްސަލަތައް ޙައްލުކުރެވޭނެއެވެ.

ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުގެ ޚުލާޞާ

ހިޖުރައިން 1166ވަނަ އަހަރު ޞަފަރު މަހު 13 ވިލޭރޭ އިންޑިޔާގެ މަލާބާރު ކަރައިގެ ހަތިޔާރު އެޅި ބަޔަކު މާލެއެރިއެވެ. މާލޭގެ ތިންބައިކުޅަ ދެބައި ހުޅުޖަހާ އަންދާލިއެވެ. ދިވެހި ތަޚްތުގައި ރެދަލިކުރައްވާން އިންނެވި ރަދުން، މުކައްރަމް މުޙައްމަދު ޢިމާދުއްދީން ހައްޔަރުކޮށް އިންތިހާ އަނިޔާކުރިއެވެ. ރަސްކަން ފިރުކައިގަނެ، މާލޭގެ މައްޗަށް ވެރިވެގަތެވެ. ދޮންބަންޑާރައިންގެ ޤައުމީ ޖިހާދަކީ، އޭގެ ދެތިން މަހެއްހައި ދުވަސްފަހުން އެ މަލާބާރީންނާ ހަނގުރާމަކުރައްވައި، އެ މީހުން ބަލިކުރެއްވުމެވެ. ދިވެހިރާއްޖެ އަލުން މިނިވަންވެ، މާތް ﷲގެ ވާގިފުޅާއެކު، ދިވެހީންނަށް ނަޞްރު ލިބުމެވެ.

މި ޖިހާދުގެ ކަންކަން ކުރިޔަށް ދިޔަ ގޮތް

ސިއްރުސިރުން ދިވެހީންނާ ބައްދަލުކުރައްވަމުން ހޮޅިންނާ ހަމަލާދޭނެގޮތުގެ ރޭއްވެވުންތައް ކުރިޔަށް ގެންދެވިއެވެ.
ފުދޭ ވަރެއްގެ ލަޝްކަރެއް ސިއްރުން އެއްކުރެއްވިއެވެ. ހަމަލާ ދޭނެ ރެޔާ ވަގުތު ކަނޑައެޅުއްވިއެވެ.
މުންނާރުން ބަންގިދެއްވާ މުދިންކަލޭގެއާ ވަކިން ބައްދަލުކުރައްވައި، އެރޭގެ މުނާޖާ ފަތިސް ވަގުތަށްވުރެ ދަމެއް ހައި އިރު އަވަސްކުރާ ގޮތަށް ރޭއްވެވިއެވެ. ސަބަބަކީ މުނާޖާ ގޮވުމުން ހޮޅީން ނިދާން އޮށޯންނާތީއެވެ.
ހޮޅިންގެ ހަތިޔާރު ގުދަން ބަލަހައްޓާ މީހާ ހައްލައިލައި އެރޭ އެ ވަގުތު އެ ގުދަން ހުޅުވޭނެ ގޮތް ހަމަޖެއްސެވިއެވެ.
ހޮޅީންގެ ޚަބަރުދަބަރު ބަލާނެ ޖާސޫސުން އުފެއްދެވިއެވެ.
ހޮޅީންގެ ވެރިޔާ "ކަނައްކަފޫޅު" މަރާލާން ވަކި މީހަކު އައްޔަނު ކުރެވުނެވެ.
ހަމަލާއަށް ނިކުންނަވަމުން އަނބިކަނބަލުންނާ ބޭފުޅުންނަށް ވަޞިއްޔަތްކުރެއްވިއެވެ.
މަރަކީ ކޮންމެ މީހަކާ ވެސް، ކޮންމެވެސް އިރަކުން ބައްދަލުކުރާނެ އެއްޗެކެވެ.

ކަމަނާއެވެ. މަރަށް ބިރުގަތުމެއް ނެތެވެ. މި ލޮބުވެތި ވަޠަނުން ވެލިފުކެއް ވެސް، ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށެއް ނުލެވޭނެއެވެ. ފުރާނަޔާ ޖާނާމާލު މި ފަސްގަނޑަށް ޓަކާ ޤުބާނެއެވެ. ދަރީންނަށް ވެސް މި ކަން ކިޔައިދޭށެވެ.

ދެން މެދު ޒިޔާރަތްދޮށަށް ވަޑައިގެން ވަރަށް އަސަރު ގަދަ ދުޢާފުޅެއް ކުރައްވައި، ނަދުރުފުޅެއް ބައްލަވައިގަތުމަށް ފަހު، އަރަހުށި ﷲގެ ޙަޟްރަތުން ނަޞްރާ ކާމިޔާބީ ޔަޤީންކުރައްވަމުން މި މަތިވެރި ޖިހާދަށް ނިކުމެވަޑައިގަތެވެ.

ކަނޑައެޅިފައިވާ ގޮތަށް މާ ކުރިން އެ ރޭ މުނާޖާ ގޮވައިފިއެވެ. ހޮޅިން ނިދައިފިޔެވެ. ހަމަލާ ފެށިއްޖެއެވެ. ހަތިޔާރު ގުދަން ހުޅުވިއްޖެއެވެ. ދެ ފަރާތުގެ ކުރިމަތިލުންތަކުން މައިދާން ހޫނުވެއްޖެއެވެ. ކަނައްކަފޫޅު މަރައިލެވިއްޖެއެވެ. ހޮޅީން ބަލިވެ، ދިވެހީންނަށް ނަޞްރު ލިބިއްޖެއެވެ.

މި ޖިހާދު ޑިބޯނޯގެ ވިސްނުންތެރިކަމުގެ ހަ ތޮފީގެ އަލީގައި ތަހުލީލުކޮށްލުން;

1. ހުދު ތޮފި – މަޢުލޫމާތާއި ޙަޤީޤަތްތައް

ހުދު ތޮފިން ބަލަނީ ޖަޒުބާތުން އެއްކިބާވެ، ހުރި ޙަޤީޤީ މަޢުލޫމާތާއި ހެކިތަކަށެވެ.

ޖާސޫސީ މަޢުލޫމާތު އެއްކުރެއްވިއެވެ. ހަމަލާ ދެއްވުމުގެ ކުރިން ހޮޅީންގެ ޚަބަރުދަބަރު ބަލާނެ ޖާސޫސުން އުފައްދަވައި، ދުޝްމަނުންގެ ޙަރަކާތްތަކާއި ބަލިފައިތަކުގެ ޞައްޙަ މަޢުލޫމާތު އެއްކުރެއްވިއެވެ. ހޮޅީންގެ ރޭގަނޑުގެ އަދާތައް ހުންނަ ގޮތް ބެއްލެވިއެވެ. އެ ގޮތުން މުންނާރުން މުނާޖާ ގޮވުމުން ހޮޅީން ނިދާން އޮށޯންނަކަމުގެ ޙަޤީޤަތް ދެނެވަޑައިގަތެވެ.

2. ރަތް ތޮފި – އިޙްސާސްތަކާއި ޖަޒުބާތު

ރަތް ތޮފިން ދައްކުވައިދެނީ ހިތުގެ އަޑިން އުފެދޭ ޝުޢޫރުތަކާއި، އީމާންތެރިކަމުގެ ޖޯޝާއި، ވަޠަނީ ލޯތްބެވެ.

ވަޠަނީ ޣީރަތްތެރިކަން އުތުރި އަރަމުން ދިޔައެވެ. "މި ލޮބުވެތި ވަޠަނުން ވެލިފުކެއް ވެސް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށެއް ނުލެވޭނެ" ކަމަށް ވިދާޅުވެ ކުރެއްވި ވަޞިއްޔަތުން، ޤައުމަށްޓަކައި އޮތް މަތިވެރި ލޯބި ހާމަވެއެވެ. ހަމަ އެހެންމެ ބިރުކުޑަކަމާއި ޔަޤީންކަމަށް ބައްލަވާށެވެ! މަރަށް ބިރުގަތުމެއް ނެތި، މާތް ﷲ އަށް ވަކީލުކުރައްވައި، އަނބިކަނބަލުންނަށާއި ބޭފުޅުންނަށް ހިތްވަރު ދެއްވުމަކީ ޖަޒުބާތީ ގޮތުން ނުހަނު ވަރުގަދަ ޝުޢޫރުތަކެކެވެ.

3. ކަޅު ތޮފި – ހުރަސްތަކާއި ނުރައްކާތައް ދެނެގަތުން

ކަޅު ތޮފިން ބަލަނީ ކަންކަމުގައި ހުރި ނުރައްކާތަކާއި، ރައްކާތެރިވާންޖެހޭ ކަންކަމަށެވެ.

ސިއްރު ހިފެހެއްޓެވީ އިންތިހާޔަށެވެ. ރޭވުންތައް ހާމަވެއްޖެ ނަމަ، މުޅި ޤައުމު ނެތިގެން ހިނގައިދާނެކަމުގެ ނުރައްކާ ދެނެވަޑައިގެން، ދިވެހީންނާ ބައްދަލުކުރެއްވުމާއި ލަޝްކަރު އެއްކުރެއްވުން ނުހަނު ސިއްރުވެރިކަމާއެކު ކުރިޔަށް ގެންދެވިއެވެ. ހަމައެހެންމެ ލަޝްކަރެއް ނުވަތަ ޓީމެއް ގުރޫޕެއް ވިޔަސް، ރޫޅައިލައި ބަލިކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ އެ މީހުންގެ ލީޑަރު ނައްތާލުން ކަމަށް ވާތީ، އެ ކަމަށް ވަކި ޚާއްޞަ ސްޓްރެޓެޖީއެއް ގެންގުޅުއްވިތަން ފެނެއެވެ.

ހަތިޔާރުގެ ދަތިކަން އޮތީތީ އެ ކަމަށް ވެސް ފިޔަވަޅު އެޅުއްވިއެވެ. ހޮޅީންނާ ކުރިމަތިލާއިރު ދިވެހީންގެ އަތުގައި ހަތިޔާރު މަދުވުމުގެ ނުރައްކާ އޮތްކަން ވިސްނިވަޑައިގެން، ކުރީބައިގައި ހަތިޔާރު ގުދަން ހުޅުވޭނެ މަގު ފަހިކުރެއްވިއެވެ. މީގެ އިތުރަށް ޝަހީދުވުމުގެ އިޙްތިމާލަށް ޓަކައި، އެ ކަމަށް ނަފުސު ތައްޔާރުކުރެއްވިއެވެ. ހަނގުރާމައިގައި ފުރާނަފުޅު ގެއްލިދާނެކަމުގެ ޙަޤީޤަތް ޤަބޫލުކުރައްވައި، އާއިލާއަށް ވަޞިއްޔަތް ކުރެއްވިއެވެ.

4. ރީނދޫ ތޮފި – އުއްމީދާއި ފައިދާތައް

ރީނދޫ ތޮފިން ދައްކައިދެނީ އުޖާލާ ވިސްނުމާއި، ކާމިޔާބީއަށް އޮންނަ ޔަޤީންކަމާއި، ލިބޭނެ މަތިވެރި ފައިދާއެވެ.

ނަޞްރުގެ އުއްމީދު ފިސާރި މަތިވެރިއެވެ! މަދު ބަޔަކާއެކު ނަމަވެސް ރޭވުންތެރިކަމާއެކު މަސައްކަތްކޮށްފިނަމަ ހޮޅީންގެ ކިބައިން ޤައުމު ސަލާމަތްކުރެވޭނެކަމުގެ ފުރިހަމަ އުއްމީދު އެ މަނިކުފާނުގެ ކިބައިގައި އޮތެވެ. ޖިހާދަށް ނިކުމެވަޑައިގަންނަވަމުން ކުރެއްވި ދުޢާފުޅުން އެކަނި ވެސް އެ ކަމަށް ދަލީލު ލިބެއެވެ. އެހެނީ މިނިވަންކަމުގެ މަތިވެރި ފައިދާއާއި، ފުރާނައާއި ޖާނާމާލު ފަސްގަނޑަށްޓަކައި ޤުރުބާންކޮށްގެން ނަމަވެސް، ޤައުމަށް މިނިވަންކަން ހޯއްދަވައިދެއްވުމުގެ އަހަންމިއްޔަތު އެ މަނިކުފާނުގެ ހިތްޕުޅުގައި ދިރިދިރި އޮތެވެ. އެ ކަމުގެ ރޫޙު އަންނަން އޮތް ޖީލުތަކަށް (ދަރީންނަށް/ ބޭފުޅުންނަށް) ވާރުތަކޮށްދިނުމުގެ ބޭނުންތެރިކަން އެ މަނިކުފާނަށް ފެނިވަޑައިގަތެވެ.

5. ފެހި ތޮފި – އުފެއްދުންތެރި އަދި އާ ޚިޔާލުތައް

ފެހި ތޮފިން ދައްކައިދެނީ އާދަޔާ ޚިލާފު، އުފެއްދުންތެރި ޙައްލުތަކާއި ސްޓްރެޓެޖީތަކެވެ.

ވަގުތަށް ބަދަލުގެނައުން (މުނާޖާ އަވަސްކުރުން) ހިތްޕުޅަށް ގެންނަވާށެވެ! ހަނގުރާމައިގެ މައިދާނުގައި ބާރުގެ ބަދަލުގައި ބުއްދި ބޭނުންކުރައްވައި، މުނާޖާ ގޮވާ ވަގުތު ދަމެއްހާއިރު އަވަސްކޮށްގެން ދުޝްމަނުން ނިންދަވާލުމަކީ ނުހަނު އުފެއްދުންތެރި ޢަސްކަރީ އުކުޅެކެވެ.

އެތެރެއިން ބާރު ކަނޑުވާލުމުގެ އުކުޅާ މެދު ވެސް ވިސްނާލެވެއެވެ. ދުޝްމަނުންގެ ހަތިޔާރު ގުދަން ބަލަހައްޓާ މީހާ އަތުލައިގަނެ، ހޮޅީންގެ ހަތިޔާރު ދިވެހީންނަށް ލިބޭނެ ގޮތް ހެއްދެވުމަކީ ވިސްނުންތެރި އާދަޔާ ޚިލާފު ރޭވުމެކެވެ.

ހަނގުރާމައިގެ ފަންނާއި ޢިލްމަށް ބަލާ އިރު، ވެރިޔާއަށް އަމާޒުކުރުން ވެސް ހަމަ އެ ފަދަ އެވެ. މުޅި ލަޝްކަރުގެ ރޫޙު މިލުވައިލުމަށްޓަކައި، ހޮޅީންގެ ވެރިޔާ "ކަނައްކަފޫޅު" މަރާލުމަށް ޚާއްޞަ މީހަކު އައްޔަނުކުރެއްވިކަމީ ވެސް އާދަޔާ ޚިލާފު އާންމު ރޮނގުން ބޭރު މޮޅު ވިސްނުމެކެވެ.

6. ނޫ ތޮފި – ރޭވުންތެރިކަމާއި ކޮންޓްރޯލް

ނޫ ތޮފިން ބަލަނީ މުޅި މަސައްކަތް ރާވައި، ހިންގައި، ކޮންޓްރޯލް ކުރާ ގޮތަށެވެ.

ފުރިހަމަ ޓައިމްލައިނަކާއި ތަރުތީބެއް ފެނެއެވެ. ޖާސޫސުން އުފެއްދުމުން ފެށިގެން، ލަޝްކަރު އެއްކުރުމާއި، މުނާޖާ ގޮވުމާއި، ހަތިޔާރު ގުދަން ހުޅުވުމާއި، ހަމަލާއަށް ފެށުން ވަނީ ރާވައި އެކަށައަޅައިލެވިފައެވެ. މި ހުރިހާ ކަމެއް ހިނގާފައިވަނީ ތަރުތީބު ނުގެއްލޭހާ ފުރިހަމަ ކޮންޓްރޯލެއްގެ ދަށުންނެވެ. ކޮންމެ ކަމެއް ވެސް އަނެއް ކަމަކާ ވަނީ ޗޭނެއްހެން ގުޅިފައެވެ.

ވީމާ، މި ހަ ތޮފީގެ އޮނިގަނޑުން ބަލާއިރު، ދޮންބަންޑާރައިންގެ މި ޖިހާދަކީ ހަމައެކަނި ގަދަ ހިތްވަރުފުޅާއި ޢަޒުމުން ހޯއްދެވި ނަޞްރެއް ނޫނެވެ. އެއީ ވިސްނުމުގެ ހުރިހާ ދާއިރާއެއް އޭގެ އެންމެ ފުރިހަމައަށް ބޭނުންކުރައްވައިގެން ހޯއްދެވި ތާރީޚީ ފަތަޙައެއްކަން ވަރަށް ސާފުކޮށް ފެނެއެވެ.

ވަކިވެލުން

އަޅުގަނޑު މުދައްރިސެއްގެ ގޮތުގައި ކިޔަވައިދީ އުޅުނު އިރު މި ހާދިސާ ކިޔަވައިދިނުމުގައި މި ތަމްރީނު ދަރިވަރުން ލައްވައި ހައްދަމެވެ. ކުދިންގެ ކިބައިން ވަރަށް އާދަޔާ ޚިލާފު ތޫނުކަމަކާއި ތާރީޚު ކިޔަވާ ހިތްވުމެއް ދުށީމެވެ. އަދި އެ ކުދީންގެ ކުރިމަތީގައި އަޅުގަނޑުމެންގެ ޤައުމީ ބަޠަލުގެ އަގު އެތައް ދަރަޖައަކަށް އުފުލިގެން ދާ ކަމުގެ އިޙްސާސްކުރެވުނެވެ. އެކި ކުދީންގެ ތަހުލީލުތަކުގައި ލިޔެލައިފައި ހުންނަ ޅަ، ޅަ، ލޯބިލޯބި ފުން ޤައުމީ ޢިބާރާތްތަކުންނެވެ. އެ ކަމަށް އެ ކުދީން ދޭ ސަމާލުކަމުންނެވެ. އަދި އެއް ފަހަރަކު ޑިގްރީ ކިލާހެއްގެ ދަރިވަރަކު އަމިއްލަޔަށް ވޫލުން މި ހަކުލައިގެ ހަތޮފި ވިޔެގެން ވެސް ކިލާހަށް އައެވެ. އެ ދުވަހު އަމަލީ ތަމްރީނު ކިލާހުގައި ކުރިޔަށް ގެންދިޔައީ އެ ތޮފިތައް އެކި ގުރޫޕުތަކަށް ބަހާލައިގެން، އެ ކުދީންގެ ބޮލުގައި އެ ތޮފިތައް އަޅައިގެންނެވެ. ދުނިޔޭގައި ތާރީޚު ކިޔަވައިދޭ ގޮތަށް ބަލާ އިރު، ތާރީޚު ކިޔަވައި ދިނުމަކީ ހަމަ އެކަނި އެވޭލާ ވާހަކައެއް ކިޔައިދިނުމެއް ނޫނެވެ. އަދި ކިޔެއްތަ؟ އެއީ އެ ޙަޤީޤަތްތަކަށް ފުން މާނަތަކެއް ލައިދިނުމެވެ. އެއީ އެ ހާދިސާތަކާ ދަރިވަރުގެ މުޅި ޙަޔާތާ ދެމެދު ވިސްނުންތެރިކަމާއި ނަޒާހަތްތެރިކަމުގެ ހަރުދަނާ ފާލަމެއް އަބަދަށް ޓަކައި އަޅައިދިނުމެވެ.