ޔޫރަޕުގެ ސުޕަމާކެޓުތަކުގެ ފިނިކުރާ ނިޒާމުތަކަށް އަމާޒުކޮށް ދިން ސައިބާ ހަމަލާތަކަކާ ގުޅިގެން އިންޓަނެޓާ ގުޅައިފައިވައި އާލާތްތަކުން ކުރިމަތިވާ ނުރައްކާތަކާމެދު އާ ކަންބޮޑުވުންތަކެއްވަނީ އުފެދިފައެވެ.
މަހަކަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ހެކަރުންވަނީ ދެ ފަހަރެއްގެ މަތިން ސުޕަމާކެޓުތަކުގެ ފިނިކުރާ ނިޒާމުތަކުގެ ކޮންޓްރޯލް އަތުލައިފައެވެ. މި ހަމަލާތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގައި، އެތައް މިލިއަން ޔޫރޯގެ އަގު ހުރި ކާބޯތަކެތިވަނީ ހަލާކުވެފައެވެ.
މި ދިޔަ މަހު 11 އަދި 12 ގައި ހަމަލާ ދިން މީހުންވަނީ ފްރާންސްގެ ގާތްގަނޑަކަށް 700 ފިހާރައެއްގެ ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ޖައްސައިފައެވެ. އަދި މި މަހު ދޭއްގައި ދިންކަމަށް ޝައްކުކުރެވޭ ދެވަނަ ހަމަލާގެ ރާޅުގައި ޔޫރަޕުގެ މަދުވެގެން ނުވަ ގައުމެއްގެ ސުޕަމާކެޓުތަކަށާއި ކާބޯތަކެތީގެ ވިޔަފާރިތަކަށްވަނީ އަސަރުކޮށްފައެވެ.
ފްރާންސުން ފުރަތަމަ ހަމަލާގެ އިލްޒާމް އަޅުވައިފައިވަނީ އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރާ ގުޅުން ހުރި ސައިބާ ޔުނިޓެއްކަމަށްވާ ޝާހިދު ކާވެހުގެ ބޮލުގައެވެ. ފްރާންސުންވަނީ މި ހާދިސާއަކީ އެ ގައުމުގައި ހިންގި ފުރަތަމަ ބޮޑު ސައިބާ ފަނާކުރުމުގެ ހަމަލާގެ ގޮތުގައި ސިފަކޮށްފައެވެ. ދެވަނަ ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދިވެސް ނޭނގެއެވެ.
މި ހަމަލާތަކުންވަނީ އިންޓަނެޓާ ގުޅައިފައިވައި، އާއްމު ގޮތެއްގައި ބޭނުންކުރާ އާލާތްތަކަށް ހުރި ނުރައްކާތައް ހާމަވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ހެކަރުން ސުޕަމާކެޓުތަކުގެ ނިޒާމުތައް ހޯދައިފައިވަނީ އިންޓަނެޓާ ގުޅައިފައިވައި އާލާތްތައް ހޯދުމަށް ބޭނުންކުރާ ސާޗް އިންޖީނެއްކަމަށްވާ ޝޯޑަން މެދުވެރިކޮށެވެ. އެ މީހުން ނަގައިފައިވަނީ ދެރަ ޕާސްވޯޑްތަކާއި މުސްކުޅި ސޮފްޓްވެއާ އަދި އެކަށީގެންވާ ރައްކާތެރިކަން ނެތް ނިޒާމުތަކުގެ ނާޖާއިޒު ފައިދާއެވެ.
މި ފަދަ ނާޒުކު ކަންކަމުގެ އަސަރު ގޭގޭގައި ބޭނުންކުރާ ވަސީލަތްތަކަށްވެސްކުރެއެވެ. އޭގެ ތެރޭގައި ސްމާޓް ޓީވީ، ރޮބޮޓް ވެކިއުމް އަދި ގޭގޭގެ ރޫޓަރުތައް ހިމެނެއެވެ. އެއް ހާދިސާއެއްގައި ޕްރޮގްރާމަރަކުވަނީ ގާތްގަނޑަކަށް 7,000 ރޮބޮޓް ވެކިއުމްގެ ކޮންޓްރޯލް އަތުލައިފައެވެ. އޭނާވަނީ އެ ތަކެތީގެ ކެމެރާއާއި މައިކްރޯފޯން އަދި މީހުންގެ ގޭގޭގެ ޑިޖިޓަލް ފްލޯ ޕްލޭންތަކަށް ވަދެފައެވެ.
މިއަށްވުރެ ނުރައްކާތެރި ކަމަކީ ސައިބާ ހަމަލާތަކުގެ ސަބަބުން ކަރަންޓާއި ފެނުގެ ހިދުމަތާއި ހޮސްޕިޓަލްތަކާއި ބޭންކުތައް ފަދަ އަސާސީ ހިދުމަތްތަކަށް ނުރައްކާވުމެވެ.
މި ދިޔަ ޖުލައިގައި ހެކަރުންވަނީ އެމެރިކާގެ މިނެސޯޓާ ސްޓޭޓުގެ 30 އަށްވުރެ ގިނަ އާންމު ފެނުގެ ނިޒާމަށް އަމާޒުކޮށް ހަމަލާދީފައެވެ. އެ މަހު އީރާނާ ގުޅުންހުރި ހަމަލާއެއްގެ ސަބަބުން އިނގިރޭސި ވިލާތުގެ ކުޑަ އިންޖީނުގެއެއްގެ ހިދުމަތް ހަތަރު ދުވަހަށް މެދުކެނޑުނެވެ.
ސައިބާ ހަމަލާތައް ދަނީ އިތުރަށް އާންމުވަމުންނެވެ. ޔޫރަޕްގެ މިނިވަން ރިސާޗް މައުލޫމާތު އެއްކުރާ، ޔޫރަޕިއަން ރިޕޮޒިޓަރީ އޮފް ސައިބާ އިންސިޑެންޓްސްއިން ރެކޯޑުކޮށްފައިވާ ގޮތުގައި 2000 ގެ ޖެނުއަރީއާއި މި މަހާ ދޭތެރޭ ސިޔާސީ މަގްސަދުތަކުގައި 4,932 ބޮޑު ސައިބާ ހަމަލާވަނީ ދީފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހަމަލާ ދީފައިވަނީ 2022 ގެ ފަހުންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އަސާސީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުން މި ނުރައްކާތައް ކުޑަކުރެވިދާނެއެވެ. ވަރުގަދަ ޕާސްވޯޑް ބޭނުންކުރުމާއި ރައްކާތެރިކަމުގެ އަޕްޑޭޓްތައް އިންސްޓޯލްކުރުމާއި ބޭނުންނުކުރާ ފީޗަރުތައް އޮފްކޮށްފައި ބެހެއްޓުން މުހިންމެވެ.
އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލެންޑްގެ ޔުނިވާސިޓީ އޮފް ބްރިސްޓޮލްގެ ސައިބާސެކިއުރިޓީ ޕްރޮފެސަރު އަވައިސް ރަޝީދު އިންޒާރު ދިން ގޮތުގައި ޑިޖިޓަލް ނިޒާމުތަކަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑުމުގެ ނުރައްކާވަނީ ބޮޑުވެފައެވެ.
"ނަމަވެސް ދުނިޔޭގެ ނިޒާމުތައް ހިނގަނީ ސައިބާސެކިއުރިޓީ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރާތީ،" އޭނާ އަލްޖަޒީރާއަށް ބުންޏެވެ.
ސައިބާ ހަމަލާއެއްގެ ސަބަބުން އަސާސީ ހިދުމަތްތަކަށް ހުރަސްއެޅިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ތިން ދުވަހަށް ވާވަރަށް ފެނާއި ކާބޯތަކެއްޗާއި ބޭހާއި ނަގުދު ފައިސާ އަދި ޓޯޗު ގޭގޭގައި ބެހެއްޓުމަށް އިނގިރޭސި ވިލާތުންވަނީ އެ ގައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.



advertisment