އެމެރިކާއާ ސުލްހައިގެ ވާހަކަތަކެއް ނުބާއްވާކަމަށް އީރާނުން ބުނެފިއެވެ.
އެމެރިކާއާ މަޝްވަރާތަކެއް ބާއްވަމުންދާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުން އީރާނުން އިއްޔެ ބުނީ ސުލްހައިގެ މަޝްވަރާތަކަށް އީރާނުން ހުށަހަޅައިފައިވައި ހަތް ޝަރުތު އެމެރިކާއިން ފުރިހަމަކުރަންދެން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި ބާއްވައިނެކަމަށެވެ. އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން ބުނީ ހުރުމުޒުގައިވާ މައިންތަކުގައި ޖެހި ތެޔޮ އުފުލާ ތިން ޓޭންކަރެއްގައި ރޯވިކަމަށެވެ.
އީރާނުގެ ސަލާމަތީ ވެރިޔާ މުހްސިން ރިޒާއީ (ފޮޓޯ) ބުނީ އީރާނުން އަދިވެސް އިންތިޒާރުކުރަމުންދަނީ އެމެރިކާއިން ސާފު ޖަވާބެއް ލިބުމަށްކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށްދާކަމަށް ފެތުރެމުންދާ ރިޕޯޓުތަކަކީ "ކަނޑައެޅިގެން ބޮޑު ދޮގެއް"ކަމަށް އޭނާ ބުންޏެވެ.
އީރާނުގެ ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އަޅައިފައިވައި ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނުގެ ބަނދަރުތަކަށް އަޅައިފައިވައި ހުރަސްތައް ނައްތައިލުމާއި ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހިމެނޭހެން މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމަތައް ހުއްޓައިލުން ހިމެނެއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ އެމެރިކާ އަދިވެސް އޮތީ ސުލްހައިގެ މަޝްވަރާތަކަށް ތައްޔާރަށްކަމަށާއި އިތުރު ބޮޑެތި އަސްކަރީ ހަރަކާތްތަކެއް އީރާނާ ދެކޮޅަށް ހިންގަންޖެހޭ ސަބަބެއް މިހާރު ފެނިވަޑައިނުގަންނަވާކަމަށެވެ.
"އީރާނާ ދެކޮޅަށް އަޅައިފައިވައި އިގްތިސާދީ ފިޔަވަޅުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ މި ވަގުތު ބޮޑެތި އަސްކަރީ ހަމަލާތަކެއް އީރާނަށް ދޭންޖެހޭ ސަބަބެއް ނެތް،" އޭނާ ވިދާޅުވިއެވެ.



advertisment