Support Us

ކޮލިންސް ޑިކްޝަނަރީގެ މި އަހަރުގެ އެންމެ ފާހަގަކުރެވޭ ބަހަކަށް "މޮގިން"

ކޮލިންސް ޑިކްޝަނަރީން މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ބަސް ("ވޯޑް އޮފް ދި އިޔާ")ގެ ގޮތުގައި "މޮގިން" (mogging) ހޮވައިފިއެވެ.

އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ ސްކޮޓްލެންޑަށް ނިސްބަތްވާ އެ ޑިކްޝަނަރީން ހޮވި މި ބަހަކީ ކުރިން "ސްލޭންގް" ނުވަތަ ބާޒާރުމަތީ ބަހެކެވެ.

"މޮގިން"ގެ މާނައަކީ އެހެން މީހަކަށްވުރެ ތިމާ މީހާގެ ސިފަ ރީތިކަމަށް ދެއްކުން ނުވަތަ އެހެން މީހެއްގެ މައްޗަށް ކަމެއްގައި ކުރިހޯދުމެވެ.

ޑިކްޝަނަރީގެ މާހިރުން މި ބަސް ހޮވިކަން އިއުލާންކުރީ މި ދިޔަ އަންގާރަ ދުވަހުއެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި މީހަކު އެހެން މީހެއްގެ މައްޗަށް ކުރިހޯދުމުން، ޒުވާނުން އާންމުކޮށް މި ބަސް ބޭނުންކުރަނީ ސަމާސާ އަދި "އައިރޮނިކް" (ހީކުރި ގޮތާ ހިލާފަށް ކަމެއްވުން) ގޮތަށެވެ.

މި އަހަރު "މޮގިން" ބޭނުންކުރި މިންވަރުވަނީ 210 ޕަސެންޓުން އިތުރުވެފައެވެ. އަދި މި ބަސްވަނީ އާންމު ބަހުރުވައިގެ ބަޔަކަށްވެސްވެފައެވެ.

ކޮލިންސްގެ މެނޭޖިން ޑިރެކްޓަރު އެލެކްސް ބީކްރޮފްޓް ބުނީ "މޮގިން" ހޮވުމުން ދައްކުވައިދެނީ ކޮންމެ ޖީލަކުންވެސް ބަހަށް ނުފޫޒު ފޯރުވާ މިންވަރުކަމަށެވެ.

"މިއީ ޖެން ޒީ އަދި ޖެން އަލްފާއިން ބަހެއް ނަގައި، އެ ބަސް މަޖާ ސްލޭންގް ބަހަކަށް ބަދަލުކޮށް، ބަސް އެ މީހުންގެ އަމިއްލަ އެއްޗަކަށް ހަދައި، އަދި އަހަރެމެން އެންމެންގެ މައްޗަށް 'މޮގް’ކޮށްފިކަން ދައްކުވައިދޭ ވަރަށް ރަނގަޅު މިސާލެއް،" އޭނާ ބުންޏެވެ.

ކޮލިންސްއިން "މޮގިން"ގެ އަސްލު ގުޅުވަނީ "އަލްފާ މޭލް އޮފް ދަ ގްރޫޕް"ގެ ކުރު ނަންކަމަށްވާ އޭ.އެމް.އޯ.ޖީ ("AMOG")އާއެވެ. އޭ.އެމް.އޯ.ޖީއަކީ އާންމު ސަގާފަތާއި އިންޓަނެޓްގެ ސަބްކަލްޗާތައް (މައި މުޖުތަމައުގެ ތެރޭގައި ހިމެނޭ ކުދި ސަގާފަތްތައް) ތެރޭގައި އެކުވެރިންގެ ގްރޫޕެއްގެ ތެރޭގައި ބާރުވެރި، އިސް، އަދި އިޖުތިމާއީ ނުވަތަ ޖިސްމާނީ ގޮތުން މައި ދައުރެއް އަދާކުރާ މީހެއްގެ ގޮތުގައި ފެންނަ ފިރިހެނުން ސިފަކުރުމަށް ބޭނުންކުރާ ބަހެކެވެ.

މި ބަސް އާންމުވެގެން ދިޔައީ ބޮޑީބިލްޑިންއާއި މެނޯސްފިއާ ޖަމާއަތްތައް ހިމެނޭހެން ފިރިހެނުންގެ ނުފޫޒު ގަދަ އޮންލައިން މައިދާންތަކުގައެވެ. އެ ތަންތަނުގައިކުރާ އަޅައިކިޔުންތައް އާންމުކޮށް ގުޅިފައިވަނީ ހަށިގަނޑުގެ ރީތިކަމާއި އަދި ފިރިހެނުންގެ ބާރުވެރިކަމާއެވެ. އެއިރުކުރި އަޅައިކިޔުންތަކައި އަޅައިބަލައިއިރު، މިއަދު މި ބަސް ފުޅާ ދާއިރާއެއްގައި ބޭނުންކުރާއިރު މިއަށްވުރެ ފުޅާ މާނަތަކެއް އެކުލެވިގެންވެއެވެ.

މެނޯސްފިއާ (manosphere)އަކީ ފިރިހެނުންގެ މަސްލަހަތުތަކަށާއި ހައްގުތަކަށާއި އަދި ފިރިހެންވަންތަކަމަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ފޯރަމްތަކާއި ބްލޮގްތަކާއި އަދި ސޯޝަލް މީޑިއާ ޖަމާއަތްތައް އެކުލެވޭ ވަކި މަރުކަޒަކަށް ބެދިފައިނުވާ ވިއުގަތަކެކެވެ. އަދި މިއީ އާންމުކޮށް އަންހެނުންގެ މައްޗަށް ފިރިހެނުން ގެންގުޅޭ ބާރާ ދެކޮޅު ފެމިނިޒަމް ހަރަކާތާއި އަދި އަންހެނުންނަށް ނަފްރަތުކުރުމުގެ ވަރުގަދަ ހިޔާލުތަކުން ސިފަވެގެންދާ ނެޓްވޯކެކެވެ.

މި ބަސް އުފައްދައިފައިވަނީ "ބްލޮގޯސްފިއާ" (blogosphere) މި ބަހުގެ ބައްޓަމުގެ މައްޗަށް ބިނާކޮށެވެ. އޭގެ ބައެއް ބައިތަކުން ދުޅަހެޔޮކަމާއި ޑޭޓިންއާއި އަދި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ އާންމު އިރުޝާދުތައް ފޯރުކޮށްދޭކަމަށް ދައުވާކުރި ނަމަވެސް މުޅި މެނޯސްފިއާގެ ފުޅާ ވެށިން އާންމުކޮށް އަމާޒުކުރަނީ އެކަހެރިވެފައިވާ ޒުވާން ފިރިހެނުންނަށް ހައްދުފަހަނައެޅި ފިކުރުތައް އުނގަންނައިދީ، އެ ފަދަ ފިކުރުތަކަށް އެ މީހުން އަހުލުވެރިކުރުވުމަށެވެ.

ކޮލިންސްގެ މާހިރުން ބަލަހައްޓަނީ 27 ބިލިއަން ބަސް ހިމެނޭ ޑޭޓާބޭސެކެވެ. މި ޑޭޓާބޭސަށް މައުލޫމާތު އެއްކުރަނީ ސޯޝަލް މީޑިއާ ހިމެނޭހެން ތަފާތު ވަސީލަތްތަކުންނެވެ. އެ މީހުން މި ޑޭޓާބޭސް ބޭނުންކުރަނީ އިނގިރޭސި ބަހަށް އަންނަ އާ ބަސްތަކާއި ބަދަލުތައް ދެނެގަތުމަށެވެ.

"މޮގިން" އެންމެ ކުރިއަށް ހޮވި މި އަހަރުގެ ފާހަގަކުރެވޭ ބަސްތަކުގެ ލިސްޓުގައި އަލަށް ފާހަގަކުރި އެހެން ބަސްތަކުގެ ތެރޭގައި "ފަޔާވޭވްސް" (firewaves) ހިމެނެއެވެ. މި ބަހުން ސިފަކޮށްދެނީ ކުރު މުއްދަތެއްގެ ތެރޭގައި ސިލްސިލާ ގޮތަކަށް ޖަންގަލިތަކުގައި ރޯވާ އަލިފާން ސިޓީތަކަށް ފެތުރުމެވެ. އަނެއް ބަހަކީ "ޕީ(ޑޫމް)" (P(doom))އެވެ. މިއިން އިޝާރާތްކުރަނީ މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ ސަބަބުން އިންސާނީ ހަލޯރަތް ސުންނާފަތިވެގެން ހިނގައިދާނެކަމަށް ލަފާކުރެވޭ ނިސްބަތަށެވެ.

މި އަހަރުގެ ލިސްޓުގައި "ކާސްޕްރެޑިން" (carspreading)ވެސް ހިމެނެއެވެ. މިއިން ސިފަކޮށްދެނީ ކާރު އުފައްދާ ކުންފުނިތަކުން ދިގު، ފުޅާ އަދި ބަރު އުޅަނދުތައް އުފައްދާ މިންވަރު އިތުރުވަމުންދާ ގޮތެވެ.

އަނެއް އާ ބަހަކީ "ފްރައިސީ" (fricy)އެވެ. މިއިން ސިފަކޮށްދެނީ މޭވާގެ ރަހައާއި ކުޅި ރަހަ މަސްހުނިކޮށްގެން ތައްޔާރުކުރާ މަގުބޫލު ކާނާއާއި ބުއިންތަކެވެ.

މި ލިސްޓުގައި "ގޯސްޓް ޖޮބްސް" (ghost jobs)ވެސް ހިމެނެއެވެ. މިއީ އެކަކުވެސް ވަޒީފާއަށް ނެގުމުގެ ނިޔަތެއް ނެތި ވަޒީފާ ދޭ ފަރާތްތަކުން ޝާއިއުކުރާ ވަޒީފާގެ އިސްތިހާރުތަކެވެ.

"ފްރެންޑްސްލޮޕް" (friendslop)އަކީވެސް އަލަށް ހިމެނި ބަހެކެވެ. މިއިން ސިފަކޮށްދެނީ އަމިއްލައަށް ކުޑަ ހަރަދަކުން ތައްޔާރުކޮށް، ރައްޓެހިންގެ މެދުގައި ކުޅޭ ބާވަތުގެ ވީޑިއޯ ގޭމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *