Support Us

އޭ.އައި ހިންގާ މަރުކަޒުތައް ހަދަން ފިންލެންޑުގެ ޖަންގަލިތަކެއް ނައްތައިލުމުން ގޫގުލް ހޫނުފެނަށް

މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ހިންގާ މަރުކަޒުތަކެއް ނުވަތަ ޑޭޓާ ސެންޓަރުތަކެއް ހަދަން ފިންލެންޑުގެ އެތައް ހެކްޓަރުގެ ޖަންގަލިތަކެއް ނައްތައިލުމުން ގޫގުލްއަށް ބޮޑެތި ފާޑުކިއުންތަކެއް ކުރިމަތިވެއްޖެއެވެ.

ފިންލެންޑުގައި އަޅަން އުޅޭ މަރުކަޒުތަކުން އެ ކުންފުނީގެ ފުޅާވަމުންދާ ކްލައުޑް ކޮމްޕިއުޓިންއާއި އޭ.އައިގެ އޮޕަރޭޝަންތަކަށް އެހީތެރިވެދޭނެއެވެ.

އެ ކުންފުނިން ދެ ސަރަހައްދަކުން ގާތްގަނޑަކަށް 530 ހެކްޓަރުގެ ޖަންގަލި ކޮށައިލިއެވެ. އެއީ މުހޮސް މުނިސިޕަލިޓީގައި އޮންނަ ސަރަހައްދަކާއި ކަޖާނީ ޓައުންގައި އޮންނަ ސަރަހައްދެކެވެ. މުޅިއެކު އެއްކޮށްލުމުން މި ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5.3 އަކަ ކިލޯމީޓަރު (ދެ އަކަ މޭލު)އެވެ.

ތިމާވެށްޓަށް މަސައްކަތްކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް 400،000 ގަސްވަނީ ކަނޑައިލައިފައެވެ.

ޖަންގަލިތައް ކޮށައިލުމުގެ ސަބަބުން ދުނިޔޭގައި އޭ.އައި ކުރިއަރަމުންދާ ދިއުމުގެ ތިމާވެށީގެ އަގާމެދު ކަންބޮޑުވުންތައްވަނީ އުފެދިފައެވެ. ޑޭޓާ ސެންޓަރުތަކަށް ގިނަ އަދަދެއްގެ ކަރަންޓާއި ފެން ބޭނުންވެއެވެ. އަދި އިމާރާތްތަކަށާއި އެހެނިހެން އިންފްރާސްޓްރަކްޗަރަށް ބޮޑެތި ބިންތައްވެސް ބޭނުންވެއެވެ.

ދެ ސަރަހައްދުގައިވެސްކުރަމުންދިޔަ މަސައްކަތްތައް ހުއްޓައިލަން ފިންލެންޑުގެ ތިމާވެށްޓާ ބެހޭ ރަސްމީ އިދާރާތަކުން މި ދިޔަ މަހުވަނީ  ގޫގުލްއަށް އަންގައިފައެވެ. އެ އިދާރާތަކުން ބުނީ އެ ކުންފުނިން ތައްޔާރީ މަސައްކަތްތައް ފެށީ ތިމާވެށްޓަށްކުރާނެ އަސަރުތަކުގެ ތަހުލީލު ނުވަތަ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓްސް (އީ.އައި.އޭ) ފުރިހަމަނުކޮށްކަމަށެވެ. އަދި ތިމާވެށްޓަށް ގެއްލުންދިނުމުގެ ކުށުގެ ތުހުމަތުގައި ފިންލެންޑުގެ ފުލުހުންވަނީ ޖިނާއީ ތަހުގީގެއްވެސް ފަށައިފައެވެ.

ގޫގުލްގެ ފިންލެންޑު ގޮފީގެ ޑިރެކްޓަރު އަންޓީ ޔާރްވިނެންވަނީ މި ހާލަތާ ގުޅިގެން މާފަށް އެދިފައެވެ.

"އަހަރެމެން މި ފަދަ ހާލަތެއްގައިވާތީ ވަރަށް ބޮޑަށް ދެރަވޭ. އެ ކަމަށްޓަކައި އަހަރެން މާފަށް އެދެން ބޭނުން،" އޭނާ ބުންޏެވެ.

ޔާރްވިނެން ބުނީ ގޫގުލްއިން އަމަލުކޮށްފައިވަނީ ފިންލެންޑުގެ ގާނޫނު އެ ކުންފުންޏަށް ފަހުމްވީ ގޮތުގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި އެ ކުންފުނިން ރަސްމީ އިދާރާތަކާއި މާހިރުންނާއެކު މަސައްކަތްކޮށްފައިވާކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، ހިނގައިދިޔަ ކަންތައްތަކުގެ ޒިންމާ އޭނާ އުފުލިއެވެ.

ތިމާވެށްޓަށް މަސައްކަތްކުރާ މީހުންވަނީ ގަސްތައް ކަނޑައިލި ކަނޑައިލުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ފިންލެންޑް އެސޯސިއޭޝަން ފޯ ނޭޗާ ކޮންޒަވޭޝަންގެ އިކޮލޮޖިސްޓެއްކަމަށްވާ މާރީ އަންނާލާވަނީ ލިބުނު ގެއްލުމުގެ ބޮޑުމިން ސިފަކޮށްދީފައެވެ.

"މީގެ ނިމުމެއް ނެތް. މިއީ ނުނިމޭނެ ކަމެއް،" ގަސްތައް ކަނޑައިފައިވައި ސަރަހައްދުގެ މަތިން ނަގައިފައިވައި ފުޓޭޖްތައް ބަލަމުން އޭނާ ބުންޏެވެ.

ފިންލެންޑުގެ ރަސްމީ އިދާރާތަކުންވަނީ މުހޮސް ސަރަހައްދުގެ ފެން ހިންދުމާއި ފެން ބެލެހެއްޓުމުގެ ނިޒާމާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގޫގުލްއަށް ތިމާވެށްޓަށްކުރާ އަސަރުތައް އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެތޯ އެ އިދާރާތަކުންވަނީ ސުވާލު އުފައްދައިފައެވެ.

ގޫގުލްއިން ބުނީ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށެވެ. އަދި މުހޮސްގެ 130 ހެކްޓަރުގެ ސަރަހައްދެއްގައި ގަސް އިންދުމުގެ ޕްލޭންތައްވެސް އެ ކުންފުނިންވަނީ އިއުލާންކޮށްފައެވެ.

ފުލުހުންގެ ތަހުގީގު އަންނަ އަހަރަށް ދެމިގެންދާނެކަމަށް ބެލެވެއެވެ. ގޫގުލްއިން ޖިނާއީ ކުށެއް ކޮށްފައިވޭތޯ ރަސްމީ އިދާރާތަކުން އަދި ކަނޑައެއްނައިޅައެވެ.

މި މައްސަލައިން ހާމަވެގެންދަނީ ދުނިޔޭގައި އޭ.އައި ކުރިއަރަމުންދާ ދިއުމުގެ ފަހަތުގައިވައި ތިމާވެށީގެ ބޮޑު ގޮންޖެހުމެވެ. ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ ބޮޑެތި ޑޭޓާ ސެންޓަރުތައް ހެދުމަށް ވާދަކުރަމުންނެވެ. ނަމަވެސް އޭ.އައިއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރު ގާއިމުކުރަން ތިމާވެށްޓަށް ބޮޑު އަގެއް ދައްކަންޖެހުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *