ހިފައިފައިވައި ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހަލީލު ސަހަރު 10 ދުވަސްވަންދެން ހިސާރުކޮށްފައި އޮތް އޮތުން ދޫކޮށްލުމުން ފަލަސްތީން ރަށްވެހިން އެނބުރި އެ ސިޓީއަށް ގޮސްފިއެވެ.
ހަލީލުގައި ދިރިއުޅޭ ގާތްގަނޑަކަށް 3،300 ފަލަސްތީނު ރައްޔިތުންނަށްވަނީ ހަފުތާއަކަށްވުރެ ދިގު މުއްދަތަކަށް އެ މީހުންގެ ގެދޮރު ދޫކޮށްދާން މަޖުބޫރުކޮށްފައެވެ.
އެ މީހުންނަށް މިހާރުވަނީ ސާފުކުރުމުގެ އުނދަގޫ މަސައްކަތްތަކާ ކުރިމަތިލާންޖެހިފައެވެ. އިސްރާއީލުގެ ސިފައިންވަނީ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ދީ އަދި އަވަށްތައް ސުންނާފަތިކޮށްލައިފައެވެ.
އިސްރާއީލު ސިފައިން 10 ދުވަހުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގީ އައިން ދައިރު ބަހާ އަދި އަލް-ޖަލްދާ އަވަށުގައެވެ. މި އޮޕަރޭޝަން ފެށީ މި ދިޔަ މަހު 23 ގައި ހަލީލުގައި އިސްރާއީލުގެ ދެ ސިފައިންގެ ގަޔަށް ބަޑިޖަހައި މަރައިލުމާ ގުޅިގެންނެވެ. މި ހާދިސާގައި ތުހުމަތުކުރެވޭ ފަލަސްތީނުގެ ދެ މީހަކުވަނީ ޝަހީދުކޮށްލައިފައެވެ.
ފަލަސްތީނުގެ ސަތޭކައިން ގުނާލެވޭ އަދަދެއްގެ އާއިލާތަކަށް އެ މީހުންގެ ގެދޮރު ދޫކޮށްދާން ޖެހުނެވެ. އެ މީހުންނަށް ގެންދެވުނީ މަދު މުދާކޮޅެކެވެ. އަދި އިސްރާއީލު ސިފައިންވަނީ އެ މީހުން އަނބުރާ އައުންވެސް ހުއްޓުވައިފައެވެ.
ހޯމަ ދުވަހުގެ ހެނދުނު ހަލީލުގެ ގަވަރުނަރު ހާލިދު ދޫދީން އިއުލާނުކުރީ އިސްރާއީލު ސިފައިން ފޭބުމުން ރައްޔިތުންނަށް އަނބުރާ އާދެވޭނެކަމަށެވެ. ނަމަވެސް އާއިލާތަކަށް ފެނުނީ ފުޅާ ދާއިރާއެއްގައި ސަރަހައްދުތައް ހަލާކުކޮށްލައިފައިވަނިކޮށެވެ. ބައެއް ގެތައްވަނީ ސުންނާފަތިކޮށްލައިފައެވެ. އެހެން ގެތަކަށްވަނީ ގެއްލުންދީފައެވެ.

ފަހްދު އަހްމަރު އާއި އޭނާގެ އާއިލާ، އިސްރާއީލު ސިފައިން ހައްލަތު އަލް-މަގާރިބާގައި ހުރި އެ މީހުންގެ ގެއިން ނެރެލުމުން، ތަފާތު ހަތަރު އަވަށެއްގައި އެނބުރެން ޖެހުނެވެ.
"އަހަރެމެން ގެދޮރުން ބޭރުކޮށްލި. ހިނގި ކަންތައް ބަހުން ސިފައެއް ނުކުރެވޭނެ. މިއީ އެއްވެސް އިންޒާރަކާ ނުލައި އަދި އެއްވެސް ހައްގަކާ ނުލައި ކުއްލިއަކަށް އަހަރެމެންގެ މައްޗަށް ހުށަހެޅުނު ކަމެއް،" އަހްމަރު އަލްޖަޒީރާއަށް ބުންޏެވެ.
އޭނާ ބުނީ އޭނާގެ އަވަށުގެ ބައެއް ގެތައްވަނީ ސުންނާފަތިކޮށްފައިކަމަށެވެ. އަދި އިސްރާއީލު ސިފައިންވަނީ ދޮރުތައް ގޮއްވައިލައި، ގޭގޭގެ ސާމާނުތައް ހަލާކުކޮށްފައިކަމަށެވެ.
އެހެން ރަށްވެއްސެއްކަމަށްވާ ސާމިރު މުޖާހިދު ބުނީ އިސްރާއީލު ސިފައިން އަލް-ޖަލްދާ ކައިރީގައި ހުރި އޭނާގެ ގެއަށް ރެއިޑްޖެހިކަމަށެވެ. ދަރިން ގޮވައިގެން ނިކުތުމަށް އެ މީހުން އޭނާއަށް ދިނީ އެންމެ 10 މިނެޓުގެ ވަގުތުކޮޅެއްކަމަށާއި އޭނާގެ އާއިލާއަށް 18 ދުވަސް ވަންދެން ބޭރުގައި ތިބެން މަޖުބޫރުކުރުވިކަމަށް އޭނާ ބުންޏެވެ.
އާއިލާގެ އަންނައުނު ބަންދުކުރުމަށް އިތުރު ވަގުތަށް މުޖާހިދު އެދުނެވެ. ނަމަވެސް އިސްރާއީލުގެ ސިފައިންގެ މީހަކު އޭނާއަށް އިންޒާރު ދިނީ 10 މިނެޓު ތެރޭގައި ގެ ދޫކޮށްފައި ނުގޮސްފިނަމަ އޭނާގެ ދެ ފައި ބިންދައިލައިނެކަމަށެވެ.
ރައްޔިތުންނާއި އަމިއްލަ ޖަމާއަތްތަކުން މިހާރު ދަނީ ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް މަސައްކަތްކުރަމުންނެވެ. ސަޕޯޓް އެންޑް ރިލީފް ކޮމިޓީންވަނީ ގެދޮރަށާއި ސަރުކާރު އިމާރާތްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމަށް ޓީމެއް އެކުލަވައިލައިފައެވެ.
ހަލީލުގެ މުނިސިޕަލް ކައުންސިލް މެންބަރު މުއައްމަރު އަލް-އަވީވީ ބުނީ ބައެއް ސަރަހައްދުތަކުން އަދިވެސް ކަރަންޓު ކެނޑުމާއި ގަވާއިދުން ފެން ނުލިބުމުގެ މައްސަލަތައް ކުރިމަތިވަމުންދާކަމަށެވެ.
އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަނުގައި 15 އިމާރާތަކާއި މަރުކަޒުތައްވަނީ ސުންނާފަތިކޮށްފައެވެ. މީގެ ތެރޭގައި ތިން ގެއެއް ހިމެނެއެވެ. އޭގެ ތެރެއިން ދެ ގެއަކީ އިސްރާއީލުގެ ދެ ސިފައިން މަރައިލުމުގައި ތުހުމަތުކުރެވޭ ފަލަސްތީނުގެ ދެ މީހުންގެ ގެއެވެ.
މަދުވެގެން 327 ފިހާރައެއްވަނީ ބަންދުކުރަން މަޖުބޫރުކޮށްފައެވެ. އަދި 10 ދުވަހުގެ އޮޕަރޭޝަންގެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 80،000 ދަރިވަރުންނަށް ސްކޫލަށް ނުދެވުނެވެ.
ހަލީލުގެ މުނިސިޕަލިޓީން އަންދާޒާކުރި ގޮތުގައި ހިސާރުގެ މުއްދަތުގައި ދުވާލަކު 12 މިލިއަން ޝެކެލް (3.8 މިލިއަން ޑޮލަރު ނުވަތަ 58.75 މިލިއަން ރުފިޔާ)އަށްވުރެ ގިނަ އަދަދެއްގެ މަގުން އިގުތިސާދަށް ގެއްލުންވިއެވެ.
ހަލީލުގެ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުން ހަ މިލިއަން ޝެކެލް (1.9 މިލިއަން ޑޮލަރު ނުވަތަ 29 މިލިއަން ރުފިޔާ)އަށްވުރެ އިތުރުވިއެވެ. އަދި ސިއްހީ ދާއިރާއާއި ތިމާވެށީގެ ދާއިރާއަށްވެސް 500،000 ޝެކެލް (158،146 ޑޮލަރު ނުވަތަ 2.44 މިލިއަން ރުފިޔާ)ގެ ގެއްލުންވަނީ ލިބިފައެވެ.
"މި ހިތާމަ ވަރަށް ބޮޑު. ބައެއް ރައްޔިތުން އެނބުރި އައި ނަމަވެސް އެ މީހުންގެ ގެއްލުންވެފައިވާ ގެތަކުގައި ދިރިއުޅެވޭކަށް ނެތް،" އަލް-އަވީވީ އަލްޖަޒީރާއަށް ބުންޏެވެ.
އޭނާ ބުނީ އިސްރާއީލު ސިފައިންވަނީ ބޮންގޮއްވައިގެންނާއި ގަސްދުގައި ސުންނާފަތިކޮށްގެން ގެދޮރަށް ގެއްލުންދީފައިކަމަށެވެ. އަދި އެ މީހުންވަނީ ފަރުނީޗަރާއި ނިދާކޮޓަރިތަކާއި އަދި ފާހާނާތައްވެސް ހަލާކުކޮށްފައިކަމަށެވެ.



advertisment