އިންޓަނެޓުގެ ބޮޑު ބައެއް ހިންގުމުގައި ބޭނުންކުރާ ސޮފްޓްވެއާތަކުގައި ހުރި ނުރައްކާތެރި ސަލާމަތީ ނިކަމެތި ކަންކަން މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)އިން ދަނީ ހާމަކުރަމުންނެވެ. މިހެންވެ، މާހިރުން އިންޒާރު ދޭ ގޮތުގައި ދުނިޔެއަށް ސައިބާ ހަމަލާތަކުގެ ބޮޑު ރާޅަކާ ކުރިމަތިލާންޖެހުން އެކަށީގެންވެއެވެ. އެއީ، ސަލާމަތީ ނިކަމެތި ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ހެކަރުން ހަމަލާ ދޭން ފަށައިފައިނެތީއެވެ. އަދި މި ފަދަ ނުރައްކާތަކާ ކުރިމަތިލުމުގެ ވަސީލަތްތައް ގިނަ ޖަމިއްޔާ އަދި ކުންފުނިތަކުގައި ނެތީމައެވެ.
ދާދިފަހުން ދެނެގަނެވުނު "ޕީއެޗްޕީ2ޝެލް" ނަމަކަށް ކިޔާ މައްސަލައަކުން މި ނުރައްކާތެރިކަންވަނީ ހާމަވެގެންގޮސްފައެވެ. ސައިބާ ސަލާމަތީ މާހިރުން އޭ.އައި ބޭނުންކޮށްގެންވަނީ ޕީއެޗްޕީގައި ހުރި ނުރައްކާތެރި ސަލާމަތީ މައްސަލަތަކެއް ހޯދައިފައެވެ. މި ޕްރޮގްރާމިން ބަހަކީ ދުނިޔޭގެ ވެބްސައިޓްތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހިންގުމުގައި ބޭނުންކުރާ ބަހެކެވެ. މި މައްސަލަތައް ނުފެނި ވަންހަނާވެފައިވާތާ ދަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
ސަރުކާރުތަކާއި ކުންފުނިތަކުންވަނީ އަވަސްއަވަހަށް އެ ތަންތަނުގެ ނިޒާމުތައް އަދާހަމަކުރުމަށް އަވަސްވެގަނެފައެވެ. އަދި ކުއްލި މަރާމާތުތައްކުރުމުގެ ތެރޭގައި ބައެއް ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންވިއެވެ.
އެމްއައިޓީގެ ފިއުޗާޓެކްގެ ރިސާޗް ސައިންސްވެރިއެއްކަމަށްވާ ޕީޓާ ސްލެޓަރީ ބުނި ގޮތުގައި މި ހޯދުމަކީ މިއަށްވުރެ ބޮޑު މައްސަލައެއްގެ ނިޝާނަކަށްވެދާނެއެވެ.
"އޭ.އައިގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން އެތައް ބަޔަކު ބުނަމުންދިޔައީ މިއީ އޭ.އައިގެ ނޭދެވޭ އަސަރު އަހަރެމެންނަށް ފެންނަން ފަށައިނެ އެންމެ ފުރަތަމަ ދާއިރާތަކުގެ ތެރެއިން ދާއިރާއެކޭ،" އޭނާ ބުންޏެވެ.
މި މައްސަލަ އުފެދެނީ އޯޕަން-ސޯސް ސޮފްޓްވެއާއަށް ދުނިޔެ ބަރޯސާވާ ބަރޯސާވުމުންނެވެ. މި ފަދަ ގިނަ ސޮފްޓްވެއާތައް ބަލަހައްޓަނީ ދަރުމަވެރިންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނެވެ. ގޫގުލް، މެޓަ، އޯޕަންއޭއައި އަދި އެންތުރޯޕިކް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުންވެސް މިއަށް ބަރޯސާވެއެވެ.
"އަމިއްލަ ސޮފްޓްވެއާ ވިއްކައި ފަރާތްތައް ހިމެނޭ ގޮތަށް، މިއަދުގެ ދުނިޔެއިން ޑިޖިޓަލް އިންފްރާސްޓްރަކްޗަރަށް ބަރޯސާވަނީ އޯޕަން ސޯސް ސޮފްޓްވެއާއަށް،" އޯޕަންޔޫކޭގެ ޗީފް އެގްޒެކެޓިވް އަމަންޑާ ބްރޮކް ބުންޏެވެ.
މި ޖަމިއްޔާތައް ހިންގަނީ ގިނައިން ކުޑަ ބަޖެޓަކުންނެވެ. ސޮފްޓްވެއާ އުފައްދާ ފަރާތްތަކަށް ސަލާމަތީ މައްސަލަތައް ރަނގަޅުކުރެވޭވަރަށްވުރެ މާ ހަލުވިކަމާއެކު އޭ.އައި ވަސީލަތްތަކުން މި ފަދަ މައްސަލަތައް ހޯދައެވެ.
ގޫގުލްއިން ދާދިފަހުންވަނީ ކްރޯމް ބްރައުޒާ އަދާހަމައަކުން 1،000 އަށްވުރެ ގިނަ ސަލާމަތީ މައްސަލަ ނުވަތަ ބަގް ހޯދައިފައެވެ. މިއީ އޭގެ ކުރީގެ 24 އަދާހަމައިން ފެނުނު ޖުމުލަ އަދަދަށްވުރެ ގިނަ އަދަދެކެވެ. މޮޒިއްލާއިންވެސް މި ދިޔަ އެޕްރިލްގައިވަނީ 400 އަށްވުރެ ގިނަ ސަލާމަތީ ނިކަމެތިކަން ހޯދައިފައެވެ. އޭގެ ކުރިން މަހެއްގެ މައްޗަށް އެންމެ ގިނައިން ފެނިފައިވާ ރެކޯޑަކީ 76 އެވެ.
"އާންމުކޮށް ފެންނަ ވަރަށްވުރެ 10 ގުނަ ގިނައިން މައްސަލަތައް އެބަ ފެނޭ. އެއީ އެ މައްސަލަތައް ހޯދުމަށް އަހަރެމެން އޭ.އައި ބޭނުންކުރާތީ،" އެޕާޗީ ސޮފްޓްވެއާ ފައުންޑޭޝަންގައި ހިލޭސާބަހަށް މަސައްކަތްކުރާ ސަލާމަތީ ޓީމުގެ މެންބަރެއްކަމަށްވާ ޔާރެކް ޕޯޓިއުކް ބުންޏެވެ.
"އޭ.އައިއިން މައްސަލަތައް ހޯދަން އެހީތެރިވެދޭ، އެކަމަކު އެ ކަންކަން ކަށަވަރުކޮށް، އަލުން މުރާޖައާކުރަން ޖެހޭ،" އޭނާ އިތުރަށް ބުންޏެވެ.
މީގެ ނަތީޖާ ކޮމްޕިއުޓަރުތަކާއި ވެބްސައިޓްތަކަށްވުރެ މާ ދުރަށް ފޯރަފައިނެއެވެ. ލޮގް4ޝެލް ނަމަކަށް ކިޔާ، 2021 ގައި ދެނެގަނެވުނު ސަލާމަތީ ބޮޑު މައްސަލައެއްގެ ސަބަބުން އެތައް މިލިއަން އާލާތްތައް ނުރައްކަލަށް ހުޅުވިގެންދިޔައެވެ. މީގެ ތެރޭގައި ކާރާއި މައިކްރޯވޭވް އަދި އިންޓަނެޓާ ގުޅިފައިވާ އާލާތްތައް ހިމެނެއެވެ.
ސްލެޓަރީ އިންޒާރު ދިން ގޮތުގައި ހަމަލާތައް ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.
"އަހަރެމެންނަށް މިހާރު ފެންނަން މި ފެށީ ސަލާމަތީ މައްސަލަތައް އަވަހަށް ހޯދި، ވަގުތުން ހައްލުކުރެވޭ ތަނާއި އަދި އެކި ތަފާތު ނިޒާމުތަކަށް ހަމަލާތައް ދެވޭ ތަން،" އޭނާ ބުންޏެވެ.
މާހިރުން ބުނަނީ ޓެކްނޮލޮޖީ ކުންފުނިތަކުން އިތުރު މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ. އެ މީހުން އިންޒާރު ދޭ ގޮތުގައި މައްސަލަތައް ރަނގަޅުކުރުމުގެ މަސްއޫލިއްޔަތު އޮތް މީހުންނަށް ފިޔަވަޅު އެޅޭ ވަރަށްވުރެ އަވަހަށް އޭ.އައިއަށް ސަލާމަތީ ނިކަމެތިކަން ހާމަކުރެވިދާނެއެވެ. އަދި މި ކަމުގެ ސަބަބުން ހެކަރުންނަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވިގެންދާނެއެވެ.



advertisment