އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރޭގައި ބޭއްވި މިޑްޓާމް އިންތިހާބުން ނާކާމިޔާބު ލިބިވަޑައިގަތީ އީރާނާ ދެކޮޅަށްކުރަމުންދާ ހަނގުރައިމައިގެ ސަބަބުންކަމަށްވިޔަސް އެއީ ކުރަން ޖެހޭ ހަނގުރާމައެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިހާބުގެ ބައެއް ވޯޓު އަދިވެސް ގުނަމުންދާއިރު މިހާރު ޔަގީންވެފައިވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްގެ ދެ ގެވެސް ކާމިޔާބުކޮށްފިކަމެވެ.
ޓްރަމްޕް (ފޮޓޯ) ވިދާޅުވީ ޖެހިއްޖެ ހާލަތެއްގައި އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފައްޓަވައިނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ކުރިމަގުގައި އީރާނުން ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އޮތް ހަމައެކަނި މަގެވެ.
ނައިބު ރައީސް ޖޭޑީ ވެންސްވަނީ މިޑްޓާމް އިންތިހާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ އިލްޒާމް އީރާނާ ދެކޮޅަށް އިސްރާއީލާ ގުޅިގެން އެމެރިކާއިން ފެށި ހަނގުރައިމައިގެ ބޮލުގައި އަޅުވައިފައެވެ.
ބުދަ ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ހަރަކާތެއްގެ ތެރެއިން ޓްރަމްޕާވަނީ ވެންސްގެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެއީ އިންތިހާބުގައި ޑިމޮކްރެޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވަނިކޮށެވެ.
ވެންސްވަނީ ސޯޝަލް މީޑިއާ މަންސަ އެކްސްގައި ދިގު މެސެޖެއް ލިޔުއްވައިފައެވެ.
"އަހަރެމެން ބަލިވި ސަބަބަކީ ހަނގުރާމަ. ރޭގައި ރައީސް އަމިއްލަފުޅަށްވެސް ވަނީ އެހެން ވިދާޅުވެފައި،" އެ މެސެޖްގައި ވެންސް ލިޔުއްވައިފައިވެއެވެ.
ނޫސްވެރިން ޓްރަމްޕާ ސުވާލުކުރީ ވެންސްގެ މި ވާހަކަތަކާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ އޭނާ ހަނގުރާމަ ފެށްޓެވީ އީރާނުން ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށްކަމަށެވެ.
ހަނގުރައިމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް އަސަރުކުރިކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަތެވެ. ނަމަވެސް އޭނާ ވިދާޅުވީ މައިގަނޑު މައްސަލައަކީ ތަކެތީގެ އަގު ބޮޑުވުން ކަމަށެވެ. އީރާން ހަނގުރާމަ ނޫންކަމަށެވެ.
ހަނގުރައިމައިގެ ސަބަބުން އީރާނުން ނިއުކްލިއަ ހަތިޔާރެއް ހޯދުން ހުއްޓުވުނުކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އަހަރެމެންވަނީ އެ މީހުން ނިއުކްލިއަ ހަތިޔާރެއް ހޯދިޔަނުދީ ހުއްޓުވައިފައި. އަދި އެ މީހުންނަށް ދުވަހަކުވެސް ނިއުކްލިއަ ހަތިޔާރެއް ނުލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްވަނީ ޑިމޮކްރެޓުންނާއެކު މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުންވެސް ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ކޮންގްރެސްގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި މަތިގެ، ސެނެޓުގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުމަށްފަހުވެސް އެ މީހުންނާއެކު އެކުވެރިކަމާއެކު އުޅެވޭނެކަމަށް ބެލެވޭކަމަށެވެ. އެއީ ޑިމޮކްރެޓުން ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީ މެންބަރުންނާ ރަހްމަތްތެރިކަމާއެކު މަސައްކަތްކުރަން ތިބިއްޔާއެވެ.



advertisment