Support Us

ހޮނުއެޅުމުގެ ސަބަބުން ގޯލްފް ކުޅެން ހުރި ކުއްޖަކު މަރުވެއްޖެ

ތައިލެންޑުގައި ބޭއްވި ޖޫނިއާ ގޯލްފް މުބާރާތެއްގެ ތެރޭގައި ހޮނު އެޅުމުގެ ސަބަބުން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

އޭޔަވަރިން ޕްރަދުބްޔަތު ނުވަތަ އާއްމު ނަމުން އޭޔާ (ފޮޓޯ) ނަމަކަށް ކިޔާ ގޯލްފް ކުޅުންތެރިޔާ ހޮނުއެޅި ވަގުތު ކުޅެން ހުރީ ވެރިރަށް ބެންކޮކްގެ އިރުމަތީގައި އޮންނަ ޗަޗޮއެންގްސާއޯ ޕްރޮވިންސްގެ ގޯލްފް ކޯހެއްގައެވެ.

މި ހާދިސާ ހިނގައިފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެ ކޯހުގެ 11 ވަނަ ހޯލް ކައިރީގައެވެ. މި ހާދިސާގައި އުމުރުން 31 އަހަރުގެ އަންހެން ކެޑީއަކަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

ތައިލެންޑްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާމަތްކުރާ މީހުންނަށް އޭޔާ ފެނުނުއިރު އޭނާ އޮތީ ހޭނެތިފައެވެ. އަދި އެއިރު އޭނާގެ ފުރާނައިގެ އެއްވެސް ނިޝާނެއް ނެތެވެ.

އެހީތެރިން ސީ.ޕީ.އާރު ދީގެން އޭނާގެ ހިތުގެ ވިންދު އަލުން ގެނައުމަށްފަހު ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދިޔައެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް ބުއްދަސޯތޯން ހޮސްޕިޓަލަށް އޭނާ ބަދަލުކުރިއެވެ.

އޭޔާގެ މަންމަ ނަޗާ ޕްރަދުބްޔަތު ބުނި ގޮތުގައި ހޮނު އެޅި ފަހުން ގާތްގަނޑަކަށް ގަޑިއިރެއްހާއިރުވަންދެން އޭޔާގެ ހިތް ހުއްޓިފައި އޮތެވެ.

ޑޮކްޓަރުން މުޅި ރޭގަނޑު އޭނާ ސަލާމަތްކުރަން މަސައްކަތްކޮށް، ބޭސްފަރުވާ ދިން ނަމަވެސް، އޭނާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.

ނަޗާ ހޯމަ ދުވަހު ފޭސްބުކް މެދުވެރިކޮށް އޭޔާ މަރުވިކަން އިއުލާންކުރަމުން އަސަރުގަދަ ޝުއޫރުތަކެއް ފާޅުކުރިއެވެ.

"އެއްވެސް މައިންބަފައިންނަކީ އަމިއްލަ އިހްތިޔާރުގައި ދަރިއަކު ދޫކޮށްލާނޭ ބައެއް ނޫން. ނަމަވެސް ދަރިފުޅު މި ދުނިޔޭގައި ބެހެއްޓުމަކީ އޭނާއަށް ލިބޭ އިތުރު ވޭނަކަށްވާނަމަ، އޭނާ އަމާންކަމާއެކު ދިޔުމަށް އަހަރެމެން ފުރުސަތު ދޭން ޖެހޭ. ދަރިފުޅު ވަރަށް ހިތްވަރާއެކު ހަނގުރާމަކޮށްފި. އޭޔާ، ދަރިފުޅަށް ހިތްހަމަޖެހުމާއި އަމާންކަން މިންވަރުކުރައްވާށި،" ނަޗާ ފޭސްބުކްގައި ލިޔެފައިވެއެވެ.

އޭޔާގެ ބައްޕަ މަސައްކަތްކުރަމުން ދިޔައީ އަވަށްޓެރި މިޔަންމާގައެވެ. ނަމަވެސް މި ހާދިސާ ހިނގުމާ ގުޅިގެން އޭނާވަނީ އެނބުރި ތައިލެންޑަށް ގޮސްފައެވެ.

ހޮނުއަޅަމުން ދިޔަ ވަގުތެއްގައި މުބާރާތް ކުރިއަށްގެންދަން އިންތިޒާމުކުރި ފަރާތްތަކުން ހުއްދަ ދިން ސަބަބާމެދު އާއިލާއިންވަނީ ސުވާލު އުފައްދައިފައެވެ.

ނަޗާ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެ ދުވަހުގެ މެންދުރުފަހު 3:00 ހާއިރު ހޮނު އެޅީ ގޯލްފް ކޯސް ކައިރީގައި ހުރި ބައެއް ގަސްތަކާ ދިމާއަށްކަމަށެވެ.

ވާރޭ ވެހެން ފެށުމާއެކު ގުގުރުމާއި ވިދުން އިތުރުވެގެން ދިޔައެވެ.

ނަޗާ ތުހުމަތުކުރި ގޮތުގައި މޫސުން ގޯސްވުމުންވެސް މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ވަގުތުން ކުޅިވަރު މެދުކަނޑައެއްނުލައެވެ. އަދި ގޯލްފް ކުޅެން ތިބި ކުދިން ދަނޑުން ފޭބުމަށްވެސް އަންގައިފައެއްނުވެއެވެ.

އޭނާ ކިޔައިދިން ގޮތުގައި މުބާރާތް މެދުކަނޑައިލީ ވަރަށް ބާރަށް ގުގުރައި، ހޮނު އެޅި ފަހުންނެވެ. އޭގެ ފަހުން ކުޅުންތެރިން ބަލައި ގޯލްފް ކާރުތައް ފޮނުވިއެވެ.

ނަޗާ ބުނި ގޮތުގައި އެނބުރި އައި ކުޅުންތެރިންގެ ތެރެއިން ފުރަތަމަ އޭނާގެ ދަރިފުޅެއް ނުފެނުނެވެ. އޭނާއަށް ފަހުން އެނގުނީ އޭޔާގެ ގަޔަށް ހޮނު އަޅައިގެން ފުރަތަމަ އެހީ ދެމުންދާކަމެވެ.

އޭޔާގެ މާމަ، އުމުރުން 67 އަހަރުގެ އަފޯން ޕްރަދުބްޔަތުވެސްވަނީ އިންތިޒާމުކުރާ ފަރާތްތަކުގެ ނިންމުމާމެދު ސުވާލު އުފައްދައިފައެވެ. އޭނާ ބުނި ގޮތުގައި ހޮނު އެޅި ވަގުތު އޭޔާ ހުރީ 11 ވަނަ ބޯޅަ ވަޅު ކައިރީގައި ކުޑަ ގްރޫޕަކާއެކު ކުޅޭށެވެ.

ގޯލްފް ކޯސްތަކުގައި ސަލާމަތީ ފިޔަވަޅުތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ނަޗާވަނީ ގޮވައިލައިފައެވެ. އަދި ގުގުރުމާއެކު ވާރޭ ވެހޭ ފަދަ މޫސުންތަކުގައި ކުޅުން ހުއްޓާލުމާ ގުޅޭ ސާފު އުސޫލުތަކެއް ކަނޑައެޅުމަށާއި ކުއްލި ހާލަތްތަކުގައި ބޭނުންވާނެ ސިއްހީ އެހީތެރިކަން އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އޭނާ އެދުނެވެ.

އޭޔާއަކީ ތައިލެންޑުގެ ސްޓޫޑަންޓް ގޯލްފް ޔޫނިއަންގެ މެންބަރެކެވެ. އަދި އޭނާއަކީ ގޯލްފްގެ ދާއިރާއިން ކުރިއަރަމުން އައި އުއްމީދީ ކުޅުންތެރިއެކެވެ.

މިދިޔަ މާޗްގައި ބޭއްވި ޖޫނިއާ އޭޝިއަން ޓުއާ 2026 ގެ ފުރަތަމަ މުބާރާތުގައި ގާލްސް ކްލާސް ބީ ކެޓަގަރީން އޭނާވަނީ ކާމިޔާބީ ހޯދައިފައެވެ.

މީގެ އިތުރުން އޭނާވަނީ ޕްރޮވިންސް ފެންވަރުގެ ގޯލްފް މުބާރާތްތަކުގައިވެސް ބައިވެރިވެފައެވެ. އަޕޯން ބުނި ގޮތުގައި ޗޮން ބުރީގެ ޕްރޮވިންޝަލް ގޯލްފް ޓީމުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭޔާ ހިމެނުމަށް އޮފިޝަލުން ދިޔައީ ވިސްނަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *