އެތައް މިލިއަން ބަޔަކު މުހައްމަދު ސަލާހު، 34، ދަންނަނީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ތަރީގެ ގޮތުގައެވެ. ނަމަވެސް ތަށިތަކާއި ގޯލްތަކާއި މަޝްހޫރުކަމުގެ ކުރިން މިސްރުގެ ކެޕްޓަން ވަނީ އޭނާ ދެކެމުންދިޔަ ހުވަފެންތައް ފެނަށް ނުދާނޭ ގޮތް ހެދުމަށް އެތައް އަހަރެއްގެ ގުރުބާނީތަކެއް ވެފައެވެ.
ނަޖްރީޖު ވިލެޖުގައި ބޮޑުވަމުންދިޔައިރު ވެރިރަށް ގާހިރާގައި އޮންނަ ތަމްރީންތަކަށް ދިއުމަށް ކޮންމެ ހަފުތާއަކު އެތައް ގަޑިއިރު ވަންދެން ބަހުގައި ދަތުރުކުރިއެވެ. އެ ވަރުބަލިކަމުގައި އޭނާއަށް ސްކޫލަށް ދިއުމަށާއި އަރާމުކުރުމަށް ލިބުނު ވަގުތުކޮޅު ކުޑައެވެ. ކޮންމެ ހަފުތާއަކު ފަސް ދުވަހު ގާހިރާއަށް ގޮސް އެނބުރި ނަޖްރީޖު ވިލެޖަށް ދިއުމަށް ހަތަރު ބަސް ދަތުރުތަކުގައި ނުވަ ގަޑިއިރު ހޭދަކުރަން ސަލާހު ކުރި ހިތްވަރަކީ، އެހެންކަމުން، ކުޑަ ކަމެއް ނޫނެވެ.
އޭނާގެ އާއިލާއަށްވެސް މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައި ހުއްޓެވެ. ނަމަވެސް އޭނާގެ ހުވަފެން ހަގީގަތަށް ހަދައިދިނުމަށްޓަކައި އޭނާއަށް އެހީވުމުގައި ދެމިހުއްޓެވެ. ސަލާހުގެ ބަސް ދަތުރުތަކުގައި ގެންގުޅުނީ ކިރިޔާ އެ ދަތުރުތަކަށް ވާވަރުގެ ފައިސާއެވެ. އިތުރު ފައިސާ ދޭން ބައްޕަ ގާތުގައި ބުނުމަށްވުރެ ބައްޕައަށް ކުރާ އިހްތިރާމް މާ ބޮޑެވެ.
"އަހަރެންގެ އާއިލާއިން އަހަރެންނަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ގުރުބާންކުރި. އެ މީހުން ނެތްނަމަ، އަހަރެން މިއަދު މި ހުރި މަގާމަކު އަހަރެންނަށް ނުހުރެވުނީސް،" ސަލާހު ބުންޏެވެ.

ސަލާހުގެ އުމުރުން އަށް އަހަރުގައި ވެސް އިދިކޮޅު ކުޅުންތެރިންނާ ދިމާއަށް ސަލާހު ދުއްވައިގަންނަނީ އެއްވެސް ބިރުވެރިކަމެއް ނެތިކަން އޭނާގެ ކޯޗެއް ފާހަގަކުރިއެވެ.
"އޭނާ އިސްކޮޅުން ކުޑަ، އެކަމަކު އޭނާގެ ވާތު ފަޔާއި ޝޮޓުތައް ވަރަށް ވަރުގަދަ. އޭނާގެ ދުވެލި ހަލުއި އަދި އެހެން ކުދިންނަށް ނުކުރެވޭ ކަންތައްތައް އޭނާ ބޯޅައިން ކުރޭ،" ސަލާހުގެ ޅައިރުގެ ކޯޗެއް ބުންޏެވެ.
އުނދަގޫތަކާ ކުރިމަތިލުމުން ސަލާހަށް ލިބުނު ކާމިޔާބީތައް ބޮޑެވެ. މިސްރުގައި ޕްރޮފެޝަނަލް ކެރިއަރެއް ފަށައި ދެން އޭނާ ޔޫރަޕަށް ބަދަލުވިއެވެ.
ބަސަލް، ޗެލްސީ، ފިއޮރެންޓީނާ އަދި ރޯމާއަށްކުޅެ 2017 ގައި ލިވަޕޫލަށް ބަދަލުވިއެވެ.
އެންފީލްޑްގައި ހޭދަކުރި ނުވަ އަހަރުގައި އޭނާ އެ ކްލަބްގެ ލެޖެންޑަކަށްވިއެވެ. އެ ގޮތުން 442 މެޗުން 257 ގޯލު ޖެހިއެވެ. ދެ ޕްރިމިއަ ލީގު ޓައިޓަލް ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގާއި އެފް.އޭ ކަޕްގެ އިތުރުން، އިތުރު ބައިވަރު ޝަރަފުތައްވެސް ހޯދިއެވެ. އަދި އޭނާ ވެގެންދިޔައީ ޕްރިމިއަ ލީގުގެ ގޯލްޑަން ބޫޓާއި ޕްލޭމޭކަރާއި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އެއް ސީޒަނެއްގައި ހޯދި ހަމައެކަނި ކުޅުންތެރިޔާއަށް ވެފައެވެ. އެއީ 2024-25 ސީޒަނުންނެވެ.

ސަލާހު ވަނީ އޭނާގެ ފުޓުބޯޅައިގެ ކެރިއަރުގައި އާ ބާބެއް މިއަދު ފަށައިފައެވެ. ލިވަޕޫލު ދޫކޮށްލައި ފްރީ އެޖެންޓެއްގެ ގޮތުގައި ހުރެ ތުރުކިޔެގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވެފައެވެ. އެއީ ފޭނުން ހީނުކޮށް ހުއްޓައި ވީ ކަމެކެވެ. އިސްތަންބުލް އެއާޕޯޓަށްވެސް ފޭނުން އިއްޔެ ޖަމާވިއެވެ.
ތުރްކިޔެގެ ސުޕަ ލީގުގެ އެ ކްލަބްގެ ޗެއާމަން އެއާތޫއޫރުލް ދޯއާން ބުނީ ސަލާހު އެ ޓީމާ ގުޅުމުން ވަރުގަދަ މެސެޖެއް ދެވޭ ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ޓްރެބްޒޮންސްޕޯއަށް ޝައުގުވެރި ކުރެވޭކަން ހާމަވޭ،" އޭނާ ބުންޏެވެ.
ދެ އަހަރުގެ ކޮންޓްރެކްޓްގައި އެ ކްލަބުން ސަލާހަށް އަހަރަކު 17 މިލިއަން ޔޫރޯ (303.36 މިލިއަން ރުފިޔާ) ދޭނެއެވެ. މީގެ އިތުރުން އޭނާގެ ކުޅުމަށް ބޯނަސް ދީ، އޭނާގެ ނަމުގައި ވިއްކާ މުދަލުން ލިބޭ ފައިސާއިން 20 ޕަސެންޓް ވެސް ދޭނެއެވެ. މި ކޮންޓްރެކްޓްގެ ސަބަބުން ސަލާހު ވެގެންދިޔައީ ތުރްކިޔެގެ ފުޓުބޯޅައިގެ ތާރީހުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
މިސްރުގައި ހުއްޓުމެއް ނެތް ބަސް ދަތުރުތަކެއް ކޮށްފައި ސަލާހުވީ އެފްރިކާ ބައްރުގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ. އޭނާގެ ފުޓުބޯޅައިގެ ދަތުރުން ހާމަވީ ހުނަރުވެރިކަމުން ދޮރެއް ހުޅުވިދާނެކަމެވެ. ނަމަވެސް ހުވަފެން ހަގީގަތަކަށްވަނީ އަޒުމުގައި ހިފެހެއްޓުމުންކަމެވެ.

"އަހަރެން ޅަ އިރު ދަތުރުކުރުމަކުން އަހަރެންނަށް ވަރުބަލިކަމެއް ނުލިބޭ. ސަބަބަކީ އަހަރެން ކުރީ އަހަރެން ކުރަން ބޭނުންވި ކަމެއް. އަހަރެން މަސައްކަތްކުރީ އަހަރެންގެ ހުވަފެނެއް ކާމިޔާބުކުރަން. އަހަރެންނަށް ފެނުނީ އަހަރެންގެ ހާލަތެއް ނޫން، އެކަމަކު އަހަރެންނަށް ފެންނަމުންދިޔައީ އަހަރެންގެ އަމާޒު. މިހާރު އަހަރެން ބައެއް ދުވަސްދުވަހު އެ ކަންތައްތަކާ ވިސްނައިލަން. އެ ހުރިހާ ކަމެއް އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ. މިހާރުވެސް އެ ހުރިހާ ކަމެއް އަހަރެންގެ ހަނދާނަށް އައުމުން އަހަރެންގެ މޫނުމައްޗަށް ހިނިތުންވުން އާދޭ،" 2022 ގައި ސަލާހު ބުނެފައިވެއެވެ.



advertisment