Support Us

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއަ ޒެލެންސްކީ (ކ) އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން

ޔޫކްރޭން ހަނގުރާމައިން ދުނިޔޭގެ ކާބޯތަކެއްޗަށް ކުރަމުންދާ ނޭދެވޭ އަސަރު

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ ދުނިޔޭގެ ކާބޯތަކެތީގެ އަގަށެވެ. ރަޝިޔާއިން ޔޫކްރޭން އެއްކޮށް ހިފުމަށް މީގެ ހަތަރު އަހަރު ކުރިން ފެށި ހަނގުރައިމައިގެ ސަބަބުން، ގޮވާމުގެ ބާވަތްތައް ބޭރުކުރުމަށް ބުރޫއަރައި، ކާބޯތަކެތީގެ އަގުތައް މިހާރުވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

ދުނިޔެއަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ބޭރުކުރާ ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހިނގާތާ ގިނަ ދުވަސްވެފައިވާއިރު، ފާއިތުވި އަހަރުގެ ތެރޭގައި އެ ގައުމުތަކުގެ އެކްސްޕޯޓްވަނީ އިތުރަށް ދަށަށް ގޮސްފައެވެ. ކަޅު ކަނޑު ސަރަހައްދުގައި ދެމިގެންގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން އެ ދެ ގައުމުގެ އިގްތިސާދީ ކުރިއެރުން ދަށްވެ، އެންމެ ބޮޑަށް އެހީއަށް ބޭނުންޖެހިފައިވާ ގައުމުތަކަށްވަނީ ނުރައްކާ ކުރިމަތިވެފައެވެ.

ޔޫކްރޭންގެ ޕެނިންސިއުލާއެއްކަމަށްވާ ކްރައިމިއާއަށް ރަޝިޔާއިން ވެރިވެގަތީ މީގެ 12 އަހަރު ކުރިންނެވެ. އަދި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުން ދަނީ މުޅި ޔޫކްރޭން އެކީގައި ހިފުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ކަމުގައި މިހާރު ދެ ގައުމުވެސް އޮތީ "ޑެޑްލޮކް"ވެފައެވެ. މާނައަކީ ހަނގުރައިމައިގައި އެއްވެސް ގައުމަކަށް ކުރިއެރުމެއް ނުލިބެއެވެ.

ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ކަޅު ކަނޑު މަގުން ގޮވާން އުފުލުމަށް ބުރޫއަރައި، ދެ ގައުމުގެ އިގްތިސާދު ދަށަށް ގޮސް، ނިކަމެތި ގައުމުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅެމުންދާތީ، މި އަހަރު ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ނުވަ ޕަސެންޓަށްވުރެ މައްޗަށް އުފުލިގެންދާނެކަމަށް ބެލެވޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރަޝިޔާއަކީ ދުނިޔެއަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް ބޭރުކުރާ ގައުމެވެ. އަދި ޔޫކްރޭނަކީ ފަސްވަނައަށް އެންމެ ގިނައިން ގޮވާން ބޭރުކުރާ ގައުމެވެ. މި ދެ ގައުމުން ދުނިޔޭގެ ޖުމްލަ ތިންބައިކުޅަ އެއްބައި ގޮދަން ބޭރުކުރެއެވެ. ބަނދަރުތަކަށާއި އުޅަނދުތަކަށް ރަޝިޔާއިން ދޭ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، މި ދިޔަ އޮގަސްޓް މަހުގެ ފުރަތަމަ ދެ ހަފުތާގައި ޔޫކްރޭނުން ގޮވާން ބޭރުކުރި މިންވަރު ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރުބައިކުޅަ ތިންބައި ނުވަތަ 75 ޕަސެންޓް ދަށަށް ދިޔައެވެ. ޔޫކްރޭނުން ބުނީ މި ކަމުގެ ސަބަބުން އެކްސްޕޯޓް އާމްދަނީން 40 ބިލިއަން ޑޮލަރު (618.2 ބިލިއަން ރުފިޔާ) ގެއްލުން އެކަށީގެންވާކަމަށެވެ.

"ޔޫކްރޭންގެ އެކްސްޕޯޓް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވަނީ (ރަޝިޔާއިން މިސައިލުންނާއި ޑްރޯނުން ހަމަލާދޭތީ) އޮޑެސާ ސަހަރުގެ ބަނދަރު ސަރަހައްދު ބަންދުކުރުމުން. އަދި ދުނިޔޭގެ ގޮދަނުގެ ވިޔަފާރިވަނީ ގާތްގަނޑަކަށް ހަތް ޕަސެންޓް ދަށަށް ގޮސްފައި،" ބައިނަލްއަގުވާމީ ފެންވަރުގައި އިގުތިސާދީ އިރުޝާދު ފޯރުކޮށްދޭ އޮކްސްފޯޑް އިކޮނޮމިކްސް ކުންފުނީގެ އެސިސްޓެންޓް އިންޑަސްޓްރީ އިކޮނޮމިސްޓް ޕަބްލޯ މޭޔާ ބުންޏެވެ.

ޔޫކްރޭންގެ ގޮވާން ދަނޑެއް

އދ.ގެ ކާބޯތަކެތީގެ ޕްރޮގްރާމް، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެފް.ޕީ)އިންވަނީ މި ކަމުގެ އަސަރު ފަގީރު ގައުމުތަކަށް ފޯރައިފައިނެކަމުގެ އިންޒާރުދީފައެވެ. އެ ޖަމިއްޔާގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ކާނާގެ ކަނާދު އަންދާޒާތައްކުރުމާ ބެހޭ ޑިރެކްޓަރު ޖީން-މާޓިން ބައުއާ ކުރިން ބުނެފައިވަނީ ކަޅު ކަނޑުގެ ބަނދަރުތައް ބަންދުކުރުމުން ކާބޯތަކެތީގެ އަގުތައް ފާއިތުވި ދަހަރުގެ ތެރޭގައި ނުއުފުލޭ މިންވަރަށް އުފުލިގެންދިޔަކަމަށެވެ. އަދި އަލުން ހަމަލާތައް ދޭން ފެށުމުން ދަތުރުފަތުރާއި އިންޝުއަރެންސްގެ ހަރަދުތައް ބޮޑުވަމުންދާކަމަށެވެ.

ރަޝިޔާގެ ގޮވާން ދަނޑެއް

ރަޝިޔާއިން ބުނަނީ ޔޫކްރޭންގެ ހަމަލާތަކުގެ ސަބަބުން އެ ގައުމުންވެސް ގޮވާން ބޭރުކުރުމަށް ހުރަސްއެޅިފައިވާކަމަށެވެ. ރަޝިޔާގައި ގޮވާން އުފައްދައި އެކްސްޕޯޓްކުރާ ފަރާތްތަކުގެ ޔޫނިއަނުން މި ދިޔަ ޖުލައިގައި ބުނީ ރަޝިޔާގެ އުޅަނދުތަކަށާއި ބަނދަރުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ދުނިޔެއަށް ތަކެތި ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެކަމަށެވެ. އެ ޔޫނިއަނުން ބުނީ ހިކި މުދާ އުފުލާ އާގުބޯޓުފަހަރާއި ބަނދަރުތަކުގެ އިންފްރާސްޓްރަކްޗަރަށް ޔޫކްރޭނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތްތެރިކަމަށް ނުރައްކާވެފައިވާކަމަށެވެ.

ޔޫކްރޭންގެ ބަނދަރެއް

ކަނޑު މަގުން ދަތުރުފަތުރުކުރުމުގައި ކުޅޭ މުހިންމު ދައުރު ރޭލާއި އެއްގަމު މަގުތަކާއި ކޯރުތަކަށް ނުކުޅެވޭނެއެވެ. އޮކްސްފޯޑް އިކޮނޮމިކްސްއިން އަންދާޒާކުރާ ގޮތުގައި އެ "ބަދަލު މަގުތަކަށް" އުފުލޭނީ އެންމެ 17 މިލިއަން ޓަނުގެ ގޮވާމެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އަދި އިނގިރޭސި ވިލާތުގެ ތިންކް ޓޭންކްތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ތިންކް ޓޭންކް، ރޯޔަލް ޔުނައިޓަޑް ސާވިސަސް އިންސްޓިޓިއުޓް (އާރް.ޔޫ.އެސް.އައި)ގެ އިސް ދިރާސާވެރިޔާ ނާތިއާ ސެސްކުރިއާ ބުނީ ކަޅު ކަނޑުގެ މަގު ދާއިމީކޮށް އަލުން ހުޅުވައިލުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށާއި އެންމެ އެކަށީގެންވާ ނަތީޖާއަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮތް، ވަގުތީ އެއްބަސްވުމެއް ގާއިމުކުރުންކަމަށެވެ.

ރަޝިޔާގެ ބަނދަރެއް

އެހެންކަމުން، ޔޫކްރޭން ހަނގުރައިމައިގެ ކާރިސާއަކީ ހަމައެކަނި ގޮވާން ސްޓޮކް މަދުވުމުގެ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައިގެ ބޮޑު ބަޔަކީ ލިބެން ހުރި ގޮވާން ރައްކާތެރިކަމާއެކު ބައިނަލްއަގުވާމީ ބާޒާރުތަކަށް ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *