ތައިލެންޑްގެ ދެކުނު ސަރަހައްދުގައި ސަރަހައްދީ ފުޓުބޯޅަ މެޗެއް ކުޅެމުންދަނިކޮށް ހޮނުއަޅައި ކުޅުންތެރިޔަކު މަރުވެއްޖެއެވެ.
އުމުރުން 24 އަހަރުގެ ތައިލެންޑްގެ ސޮފްވާނު އަވާއީ މަރުވި އަންގާރަ ދުވަހުގެ ހާދިސާގައި 12 މީހަކު ޒަހަމްވިއިރު އޭގެ ތެރޭގައި މެލޭޝިޔާގެ ފުޓުބޯޅަ ކުޅުންތެރިއަކުވެސް ހިމެނެއެވެ.
ސޮފްވާނު މަރުވީ ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.
"ކުއްލި ހާލަތުގެ ސިއްހީ ޓީމުން އޭނާ ސަލާމަތްކުރެވެން އޮތް ހުރިހާ ކަމެއް ކުރި ނަމަވެސް އެ ހާދިސާގައި އޭނާއަށް ލިބުނު ސީރިއަސް ޒަހަމްތަކުގެ ސަބަބުން އޭނާ މަރުވެއްޖެ،" ފުލުހުންގެ ވެރިޔާ ޓަން ސީރީކޫން ބުންޏެވެ.
ޒަހަމްވި މެލޭޝިއާ ކުޅުންތެރިއަކީ އުމުރުން 22 އަހަރުގެ މުހައްމަދު އަލީފު އަޒަހާނު ޒުލްކިފްލިއެވެ.
މެޗަކީ ނަރާޓިވާޓް ޕްރޮވިންސްގެ ސުންގައި ކޮލޮކް ޓައުންގެ ސަންޓިޕާޕް ސްޓޭޑިއަމްގައި އޮތް ކޮލޮކް އެފް.އޭ ކަޕްގެ ސެމީ ފައިނަލް މެޗެކެވެ.
ސޮފްވާނަކީ ދާދި ފަހުން އެފް.ސީ ޔަލާއަށް ސޮއިކުރި ކުޅުންތެރިއެކެވެ.
ހޮނުއެޅުމުން ވަގުތުން މެޗު ހުއްޓައިލިއެވެ.
ވީޑިއޯ ފުޓެޖުން ފެންނަނީ އަލި ރޮނގެއް ދަނޑަށް އެޅޭ މަންޒަރެވެ. ދެން ކުޅުންތެރިން ބިންމައްޗަށް ވެއްޓެއެވެ. އަދި ބެލުންތެރިން އެ ކުޅުންތެރިންނަށް އެހީވުމަށް ދުއްވައިގަނެއެވެ.
މި ހިތާމަވެރި ހާދިސާގެ ސަބަބުން "ހޮނުއެޅުމުގެ 30 މިނެޓުގެ ގަވައިދު" ފަދަ ފުޓުބޯޅަ މެޗު ތެރެއިން ހޮނުއަޅަން ފަށައިފިނަމަ އަމަލުކުރާނެ ރައްކާތެރިކަމުގެ ގަވައިދުތައް ހަރުކަށިކޮށް ތަންފީޒުކުރަން އަލުން ގޮވައިލަން ފަށައިފިއެވެ. "ހޮނުއެޅުމުގެ 30 މިނެޓުގެ ގަވައިދަ"ކީ ހޮނުއަޅަން ފަށައިފިނަމަ އެންމެ ފަހުން އެޅި ހޮނަށްފަހު 30 މިނެޓު ވަންދެން މެޗު މެދުކަނޑައިލައިފައި ބޭއްވުމެވެ.
ޔަލާއިން ވަނީ އެ ކްލަބްގެ ސޯޝަލް މީޑިއާގައި ސޮފްވާނުގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ. އަދި ބުނެފައިވަނީ އެ ކްލަބްގެ ޒުވާން ކުޅުންތެރިޔާ މި ހާދިސާގައި މަރުވުމުން ހިތާމަކުރާ ކަމަށެވެ.



advertisment