މަސައްކަތަށް ފަރުވާތެރި، ވަރުބަލިވެފައިވާ ޖަޕާނުގައި، "ވާދަވެރި ނިދުންތެރިން"ގެ ގޮތުގައި އަމިއްލަ ނަފުސު ސިފަކުރާ ބަޔަކު، ގޮދަޑި އުފައްދާ ކުންފުންޏަކުން އިންތިޒާމުކުރި ނިދުމުގެ މުބާރާތެއްގައި، އެންމެ އަވަހަށާއި އެންމެ ފުންކޮށް ނިދައި، އޮށޯވެ އަރާމުކޮށްލުމަށް ވާދަކޮށްފިއެވެ.
"މެޓް ރޭސް" ނުވަތަ "ގޮދަޑި މުބާރާތު"ގެ ނަން ދީފައިވާ، ވެރިރަށް ޓޯކިޔޯގައި ބޭއްވި މި މުބާރާތުގައި، ނިދި ޓްރެކްކުރާ ވަސީލަތްތައް ހަރުކޮށްފައިވާ ދިހައަކަށްވުރެ ގިނަ ބައިވެރިން، ދެ މިލިއަން ޔެން (14,000 ޑޮލަރު ނުވަތަ 216،370ރ.) އަށްވުރެ ބޮޑު ފައިސާގެ އެއްވަނަ އިނާމަށް ވާދަކުރުމުގެ ގޮތުން، އިއްޔެ އަރާމު ގޮދަޑިތަކުގައި އޮށޯވެ 90 މިނެޓު ނުވަތަ ދޮޅު ގަޑިއިރާ ހަމައަށް ނިދައިފައިވެއެވެ.
"ޖަޕާނަކީ ނިދި މަދުވުމުގެ މައްސަލަ ތަހައްމަލުކުރާ ގައުމެއްގެ ގޮތުގައި ގިނައިން ސިފަކުރެވޭ ގައުމެއް. އަދި މި ތަނުގެ މީހުންނަކީ ވަރަށް މަސައްކަތަށް ފަރުވާތެރި ބައެއް،" މުބާރާތް އިންތިޒާމުކުރި ގޮދަޑި އުފައްދާ ކުންފުނި، ކޯލާ ސްލީޕް ޖަޕާންގެ ކްރިއޭޓިވް ޑިރެކްޓަރު ރީއިޗިރޯ ނަކާމާ ބުންޏެވެ.
ފަނޑު އަލިކަމެއް ހުރި ކޮޓަރިއެއްގެ ތެރޭގައި ބައިވެރިން ނިދާފައިވަނީ އެ މީހުންގެ ބޮލުގައި މޮނިޓަރުތައް ހަރުކޮށްގެންނެވެ. އަދި ބައެއް މީހުން އެނދުގައި ކުޅޭކުޅޭ އެއްޗެހީގައި ބައްދައިގެންވެސް އޮތެވެ.
"މި ފަދަ ހަރަކާތަކަށް މި ކަން ބަދަލުކުރުމުން، މީހުން އެކުގައި ނިދައި، ނިދުމަށް ހުރި ޝައުގުވެރިކަން އިތުރުކުރެވޭނެކަމަށް އަހަރެން ގަބޫލުކުރަން،" ނަކާމާ ބުންޏެވެ.
އިގުތިސާދާއި ވިޔަފާރި ކުރިއަރުވަން 1961 ގައި ގާއިމުކުރި ބައިނަލްއަގުވާމީ ޖަމިއްޔާ، އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޫޕަރޭޝަން އެންޑް ޑެވެލޮޕްމެންޓް (އޯ.އީ.ސީ.ޑީ)ގެ 2021 ގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ޖަޕާނު މީހުން ދުވާލަކު ނިދަނީ ނިސްބަތުން ހަތް ގަޑިއިރާއި 24 މިނެޓުވަންދެނެވެ. މިއީ އެ ޖަމާއަތުގެ ގައުމުތަކުގެ ތެރެއިން އެންމެ މަދު މިންވަރެވެ. މީގެ ސަބަބުތަކުގެ ތެރޭގައި މަސައްކަތުގައި އަދި ދަތުރުފަތުރުގައި ގިނަ ވަގުތު ހޭދަވުމާއި، ރޭގަނޑުގެ ހަރަކާތްތައް ގިނަ އިގްތިސާދެއް އޮތުން ހިމެނޭކަމަށް މާހިރުން ފާހަގަކުރެއެވެ.
"މި ކަން ނިމުނީ އެސްފިޔަޖަހައިލައިހައި އަވަހަށް. އަދި ކުޑަކޮށް އިތުރަށް ނިދާލެވުނުނަމައޭ ހިތަށްއެރި،" މުބާރާތުގައި ބައިވެރިވި އުމުރުން 32 އަހަރުގެ ޗިސާޓޯ ހޮންޑާ އޭ.އެފް.ޕީއަށް ބުންޏެވެ.
"މިއީ ވަރަށް އުފާވެރި މުބާރާތެއް،" އޭނާ އިތުރަށް ބުންޏެވެ.
މުބާރާތުގެ އެއްވަނަ ހޮވާފައިވަނީ އެ މީހަކު އެންމެ އަވަހަށް އަދި އެންމެ އަރާމުކޮށް ނިދި މިންވަރަށް ބަލައިގެންނެވެ.
"އަހަރެން ބޭނުންވަނީ އެކަނިހަށްޓަށް ދިރިއުޅެން. އެހެންވެ މި ފައިސާ ބޭނުންކުރާނީ އެހެން ތަނަކަށް ބަދަލުވުމުގެ ހަރަދުތަކަށް،" މުބާރާތުން އެއްވަނަ ހޯދި، ހަމައެކަނި ވަނަން ހާމަކުރި ސުއިމީ ބުންޏެވެ.
"އަދި ޝެހެޒާދެއްގެ އެނދު ކަހަލަ އެނދެއްވެސް ބޭނުން. އެހެންވެ އެ އެނދު ގަންނަން ހިތަށްއަރާ،" އޭނާ އިތުރަށް ބުންޏެވެ.



advertisment