އިނގިރޭސިވިލާތަށް އުފަން، ދުނިޔޭގައި މަގުބޫލު ވާހަކަ ލިޔުންތެރިޔާ ޖެފްރީ އާޗާ މަރުވެއްޖެއެވެ.
އެ ގައުމުގެ ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވި އާޗާ (ފޮޓޯ) އުމުރުން 86 އަހަރުގައި ކުއްލި ގޮތަކަށް މަރުވީ އޭނާގެ ގޭގައި ހޯމަ ދުވަހުއެވެ. އެ ކަން އިއުލާންކުރީ އޭނާގެ ފޮތްތައް ޝާއިއުކުރާ ހާޕާކޮލިންސްއިންނެވެ.
"އާޗާ މަރުވީ ކުއްލިއަކަށް އަދި އަމާންކަމާއެކު،" އެ ތަނުން ބުންޏެވެ.
މަރުވި ވަކި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ. އާޗާ އެންމެ ފަހުން ލިޔުނު ވާހަކަ ފޮތް "އެޑަމް އެންޑް އީވް" ޕްރޮމޯޓްކުރި ހަފުލާތަކުގައި އޭނާވަނީ، 2013 ގައި ޑައެގްނޯސްކުރެވުނު ޕްރޮސްޓޭޓް ކެންސަރާ ދިގު މުއްދަތެއްގައި "ހަނގުރާމަކުރިކަމަށް" ބުނެފައެވެ.
މުޅި ދުނިޔޭގައި އާޗާގެ 300 މިލިއަނަށްވުރެ ގިނަ ވާހަކަ ފޮތް ވިކިފައިވެއެވެ. އޭގެ ތެރޭގައި "ޓްވެލް ރެޑް ހެރިންގްސް"، "ކޭން އެންޑް އޭބަލް"، "ނޮޓް އަ ޕެނީ މޯ، ނޮޓް އަ ޕެނީ ލެސް" އަދި "ދަ ކްލިފްޓަން ކްރޮނިކަލްސް" ފަދަ ވާހަކަ ފޮތްތައް ހިމެނެއެވެ.
ކޮންޒަވޭޓިވް ޕާޓީގެ ޗެއާމަންގެ ނައިބުކަން ކުރުމަށްފަހު އޭނާވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ހައުސް އޮފް ލޯޑްސްގެ މެންބަރުކަންކޮށްފައެވެ.
އާޗާގެ ހަޔާތުގައި ތަފާތު މައްސަލަތަކާ ކުރިމަތިވިއެވެ. މާލީ މައްސަލަތަކަކާ ގުޅިގެން މަޖިލިސް މެންބަރުކަމުން އިސްތިއުފާދިނެވެ. އަދި ދޮގުހެކި ދިނުމާއި އިންސާފަށް ހުރަސްއެޅުމުގެ ކުށް 2001 ގަައި އޭނާގެ މައްޗަށް ސާބިތުވެ، ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރިއެވެ.
"އަހަރެން މިއީ މޮޅު މީހެއްވެސް ނޫން އަދި ރަނގަޅު މީހެއްވެސް ނޫން،" އޭނާ އެއް ފަހަރަކު ބުނެފައިވެއެވެ.
އާޗާގެ ފޮތްތައް އާދަޔާހިލާފަށް ބޮޑަށް އިންޑިއާގައި މަގުބޫލުވިއެވެ. އެ ގައުމުވީ އޭނާގެ އެންމެ ބޮޑު މާކެޓަށެވެ. އެ ގޮތުން "ކޭން އެންޑް އޭބަލް" ވެގެންދިޔައީ އިންޑިއާގެ ގިނަ ކިޔުންތެރިންނަށް ބޮޑެތި މީހުންގެ ވާހަކަ ފޮތްތަކަށް ވަދެވުނު ދޮރާއްޓަކަށެވެ. އޭނާގެ ވާހަކަ ފޮތްތަކުގެ މަގުބޫލުކަން އިންޑިއާގައި ބޮޑުކަމުން، ބައެއް ވާހަކަ ފޮތްތައް އިނގިރޭސިވިލާތުގެ ކުރިން އިންޑިއާގައި ނެރެފައިވެއެވެ.



advertisment