ނޭޕާލް-ޗައިނާ ބޯޑަރަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގައި ގެއްލުނު 5،285 މީހުން ހޯދުން ނޭޕާލުން ރަސްމީކޮށް ހުއްޓައިލައިފިއެވެ.
މަދުވެގެން 1،455 މީހުން މަރުވި ކާރިސާއަށް 40 ދުވަސްވީ ފަހުން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އަމަލީ އޮޕަރޭޝަންތައް ނިންމައިލައިފިކަމަށް ނޭޕާލުން ބުންޏެވެ.
މި ދިޔަ އޮގަސްޓް 26 ގައި ކުރިމަތިވި ކުއްލި ފެންބޮޑުވުމުގައި ބޮޓޭ ކޯޝީ ކޯރުގެ އައްސޭރީގައިވާ އާބާދީތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ގެދޮރާއި މަގުތަކާއި ބްރިޖްތަކުގެ އިތުރުން ފެނުން ކަރަންޓު އުފައްދާ 12 މަޝްރޫއު ސުންނާފަތިވިއެވެ.
ރަސްމީ އިދާރާތަކުން ބުނީ 13,795 މީހުން ސަލާމަތްކުރެވުނުއިރު މަރުވެފައިވާ މީހުންގެ ތެރެއިން ދެނެގަނެވުނީ އެންމެ 112 މީހުންކަމަށެވެ. އެ ހަށިގަނޑުތައްވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ.
"އަހަރެމެން މި ބަދަލުވީ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަރުހަލާއިން މީހުން ހޯދުމާއި އާންމު ހާލަތަށް އެ މީހުން ގެނައުމުގެ މަރުހަލާއަށް،" ނޭޕާލްގައި ކުއްލި ހާލަތްތަކުގެ އޮޕަޝޭންތައް ހިންގާ ގައުމީ މަރުކަޒު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ވެރިޔާ ފަނީންދުރަ ޕައުޑެލް ބުންޏެވެ.
ނޭޕާލުން އަންދާޒާކުރާ ގޮތުގައި ގެއްލުން ލިބުނު ތަންތަން އަލުން އާރާސްތުކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު (77.05 ބިލިއަން ރުފިޔާ) ހަރަދުވާނެއެވެ.



advertisment