Support Us

ހުރުމުޒު ކަނޑުއޮޅީގައި އޮންނަ އީރާންގެ ގަޝްމު ޖަޒީރާ

އީރާނުގެ ގަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާވެސް ހަމަލާތަކެއް

އީރާނުގެ ގަޝްމު ޖަޒީރާއަށް އެމެރިކާއިން އަލުން ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އިއްޔެ ހަމަލާ ދިނީ ހުރުމުޒު ކަނޑުއޮޅީގައި އޮންނަ ގަޝްމު ޖަޒީރާގެ ވައިގެ ދިފާއީ ނިޒާމަކަށެވެ. މި ދިޔަ ހޯމަ ދުވަހުވެސް އެމެރިކާއިންވަނީ ގަޝްމަށް ހަމަލާ ދީފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އިއްޔެ ހަމަލާތައް ދިންކަން ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ އެ ހަމަލާތައް ސިފަކުރެއްވީ "ކުޑަ" ހަމަލާތަކެއްގެ ގޮތުގައެވެ.

"އެ މީހުންވަނީ ވައިގެ ދިފާއީ ކުޑަ އާލާތެއް ބިނާކޮށްފައި އަދި އަހަރެމެންވަނީ ގާތްގަނޑަކަށް 15 މިނެޓު ނުވަތަ ފަސް މިނެޓެއްހާއިރު ތެރޭގައި އެއަށް ހަމަލާދީ ނައްތައިލައިފައި،" އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ގަޝްމު ޖަޒީރާގެ އައްސޭރިފަށުގައި އޮންނަ ސޫޒާ ސިޓީ ކައިރީގައި ދެ ގޮވުމެއް ހިނގިއެވެ. އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައި.އާރު.އައި.ބީން ރިޕޯޓުކުރި ގޮތުގައި އީރާނުގެ ވައިގެ ދިފާއީ ބާރުތަކުންވަނީ ގަޝްމުގެ މަތިން އުދުހުނު އެމެރިކާގެ MQ-9 ޑްރޯނެއް އިންޓަސެޕްޓްކޮށްފައެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ބަލަހައްޓާ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ މަސްރަހު މިހާރު އޮތީ "އާދައިގެ ވަރަކަށް މަޑުމައިތިރިވެފައި"ކަމަށެވެ.

ސެންޓްކޮމުން ރޭގައި އިއުލާންކުރީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)އާ ހަމައަށް އިނާމެއް އަދި އެހެން ގައުމަކަށް ބަދަލުވުމުގެ ފުރުސަތު ހުށަހަޅައިކަމަށެވެ. އެ ފަދަ މައުލޫމާތުގެ ތެރޭގައި އީރާންގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ތަންތަނާއި އާލާތްތަކާއި އަދި މުވައްޒަފުންނާއި އަދި ހަރަކާތްތައް ހިމެނެއެވެ.

އިއްޔެގެ ހަމަލާތައް ދީފައިވަނީ މަޝްރަހު ހަމައަކަށް އަޅުވައި ހަނގުރާމަ ނިންމުމަށްޓަކައި ޑިޕްލޮމެޓިކް މަސައްކަތްތައް އަލުން ފަށައިފައިވައި ދަނޑިވަޅެއްގައެވެ.

"މަޝްވަރާތައް ނާކާމިޔާބުވެއްޖެކަމަށް ބުނެ ފަތުރާ ވާހަކަތަކުން ފައިދާވާނީ ހަމައެކަނި ހަނގުރާމަ ދިގުދަންމައި، ސަރަހައްދުގެ ހަމަޖެހުން ނަގައިލަން އުޅޭ ފަރާތްތަކަށް،" ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ބުންޏެވެ.

ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ ވިދާޅުވީ މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި މެދުވެރިއެއްގެ ގޮތުންކުރާ މަސައްކަތްތައް ހަރަކާތްތެރިކަމާއެކު ކުރިއަށްދާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *