އީރާނާ ދެކޮޅަށްކުރާ ހަނގުރާމަ، އަސްކަރީ ނަޒަރަކުން ބަލާއިރު އަމަލީ ގޮތުން ނިމިއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް (ފޮޓޯ) މިހެން ވިދާޅުވީ ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީއާ އިއްޔެ ބޭއްވެވި މަޝްވަރާތަކަށްފަހުއެވެ.
ޓްރަމްޕް ވިދާޅުވީ އީރާންގެ އަސްކަރިއްޔާ ބަލިކޮށްލެވިއްޖެކަމަށާއި ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އަސްކަރީ ހަރަކާތްތައް އަލުން ފެށުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށްކަމަށެވެ. އަދި އެމެރިކާއިން އީރާންގެ ބަނދަރުތަކަށް އަޅައިފައިވައި ހުރަސްތައް ދަމަހައްޓައިނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އޮފިޝަލުންވަނީ ޓްރަމްޕްގެ ވާހަކަ ބަލައިނުގަންނަކަމަށް ބުނެފައެވެ.
"ތިޔަކުރާ ކަންތައް ހުއްޓައިލައި. ނުކުރާ މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް ދޮގު ހަބަރު އުފެއްދުން ހުއްޓައިލައި،" އީރާންގެ އުއްތަމަ ގައުމީ ސަލާމަތީ ކައުންސިލް، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ބުންޏެވެ.
އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިޔާން ވިދާޅުވީ އީރާން އޮތީ މަޝްވަރާތަކަށް ހުޅުވައިލައިފައިކަމަށާއި ނަމަވެސް އެއްވެސް ފިއްތުމެއް ބަލައިނުގަންނާނެކަމަށެވެ.
"ބާރާއި ހަނގާކުރުމުގެ ކުރިމަތީގައި އަހަރެމެން އަމާނެއް ނުދޭނަން،" އޭނާ ވިދާޅުވިއެވެ.
އީރާނުންވަނީ، އިތުރު މަޝްވަރާތަކަށް އެއްބަސްވުމުގެ ކުރިން، އެ ގައުމުގެ ބަނދަރުތަކަށް އަޅައިފައިވައި ހުރަސްތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމަށާއި އަދި ސަރަހައްދީ ހަނގުރާމަވެރި ހަރަކާތްތައް ނިމުމަކަށް ގެނައުމަށާއި އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ ފެބްރުއަރީގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނުމަށް ޑިމާންޑްކޮށްފައެވެ.



advertisment