ޕީޕީއެމް/ޕީއެންސީގެ މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އިބްރާހިމް ޒަމީލް (ޒަމްޕެ) އަކީ 1990 ގެ އަަހަރު ތަަކުގައި ރާއްޖޭގައި އުފެދިގެން އައި އެންމެ މަގުބޫލު މިއުޒިކް ބޭންޑް ކަމުގައިވާ ފްރީޒް ބޭންޑުގެ ލީޑަރު އަދި ޑްރަމަރުގެ ގޮތުގައި ގިނަ ބަޔަކު ދަންނަ, ފަރިތަ މޫނެކެވެ. ޒަމްޕެ މިހާރު މިވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ނިސްބަތްވާ ދާއިރާ ކަމުގައިވާ މައްޗަންގޮޅި މެދު ދާއިރާއިން ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފަ އެވެ.
މިއުޒިކީ ދާއިރާއިން 2005 ދުރަށް ޖެހިވަޑައިގެން ޒަމްޕެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީޕީއެމް އުފެދުނު ހިސާބުންނެވެެ. އޭގެ ފަހުން ޒަމްޕެ ގެންދެވީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު ޕީޕީއެމްއަށް ވެރިކަން ގެއްލި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ އެކު ޕީޕީއެމް/ޕީޢެންސީ ރޫޅެމުންދިޔަ ވަގުތު އެޕާޓީ ނަގާ ކޮޅަށް ޖެހުމަށް އޭރު އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ޒަމްޕެ ހިމެނިވަޑައިގެންނަވަ އެވެ.
މިހާރު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ސެނެޓް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ޒަމްޕެ ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ގިނަ ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ޕީޕީއެމުން އޭރު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ވެސް އިސް ދައުރެއް ޒަމްޕެ ވަނީ އަދާކުރައްވައިފަ އެވެ.
ޒަމްޕެ ވިދާޅުވި ގޮތުގައި މަޖިލީހަށް ނިކުންނެވުމުގެ ވިސްނުމަކީ ޕީޕީއެމާ އޭނާ ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެން އައިސްފައިވާ ވިސްނުމެކެވެ.

"ޕީޕީއެމް 2018 ގައި ވެރިކަމުން ބަލިވެ ބަލިކަށިވަމުން ދިޔައިރު އެތައް ބަޔަކު ޕާޓީ ދޫކޮށްދިޔައީ. ދެން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަލިކަށިވަމުން ދިޔަ މަންޒަރު ބަަލަން ހުންނަން ބޭނުންނުވާތީ ޕާޓީގެ އިސް ސަފަށް އަޅުގަނޑު ވެސް ނިކުތީ،" ޒަމްޕެ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން ކުރީގެ ރައީސް ޔާމީން ޖަލަށްލުމާ ގުޅިގެން އެ ޕާޓީން ކުރިއަށް ގެންދިޔަ އެކިއެކި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެތައް ފަހަރެއްގެ މަތިން ޒަމްޕެއަށް ވަނީ ޖަލަށް ދާން ޖެހިވަޑައިގެންނެވި އެވެ.
ޒަަމްޕެ ވިދާޅުވާ ގޮތުގައި ޕީޕީއެމް/ޕީއެންސީއަށް މިހާރު އޮތް ވެރިކަން ލިބުނީ އޭނާއާއި އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއިންނެވެ.
ޒަމްޕެ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކޮށް ކާމިޔާބުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދާއިރާގެ ރައްޔިތުންނަށްޓަކައި މާގިނަ ވައުދުތަކެއް ނުވި ނަމަވެސް އެ ދާއިރާގައި ދާއިރާގެ ރައްޔިތުންގެ އޮފީހެއް އޭނާ ގާއިމްކޮށްދެއްވާނެ އެވެ. އަދި އެ އޮފީހަކީ ސަރުކާރާއި ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށް ހުޅުވިގެންދާނެ ދޮރެއްގެ ގޮތުގައި އޭނާ ދެކެވަޑައިގެންނަވަ އެވެ.

"ސަރުކާރާއި ރައްޔިތުންނާ އެކު އޮތް ގުުޅުން ބަދަހިކޮށްދޭނަން. ސަރުކާރުގެ ތެރެއިން ރައްޔިތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ދާއިރާގެ އޮފީހުން ހިލޭ ކޮށްދޭނެ. އަޅުގަނޑު މަޖިލީހުގައި އިނދެގެން އަޅުގަނޑުގެ ފޯނަށް ނުގުޅިގެން އަޅުގަނޑާ ބައްދަލުނުވެގެން އުޅޭކަށް ނުޖެހޭނެ. އަޅުގަނޑު އެބަ ފެނޭ ދާއިރާގެ ބައެއް ރައްޔިތުން ދަރިފުޅަށް ސްކޫލަށް ގެންދަން ސަތޭކަ ރުފިޔާގެ ކުލަ ޕްރިންޓް ނަގައިނުދެވިގެން އުޅޭ މަންޒަރު. އެބައި އިރާދަކުރެއްވިއްޔާ މުޅިން ހިލޭ ދާއިރާގެ އޮފީހުން ކޮށްދޭނަން،" ޒަމްޕެ ވިދާޅުވި އެވެ.
ޒަމްޕެގެ އަމާޒަކީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް، ހޮވިއްޖެ ނަމަ ދާއިރާގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތްކުރުމެވެ. އެގޮތުން އެ ކުދިންގެ ހާއްސަ ދަފްތަރެއް ހަދައި ފަރުވާގެ ފުރުސަތުތައް ހޯދައިދިނުމެވެ. މަގުސަދަކީ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެފަދަ ކުދިން އެ ދާއިރާގައި ނުތިބުން ކަމަށް ޒަމްޕެ ވިދާޅުވި އެވެ.
ޒަމްޕެ ވިދާޅުވަނީ "އޭރުވެސް މިހާރު ވެސް ދެން ވެސް ޕީޕީއެމް/ޕީއެންސީއާއި ދިވެހި ރާއްޔިތުންނާ އެކު" ހުންނަވާނެ ކަމުގައެވެ. އަދި އޭނާގެ ދާއިރާގެ ރައްޔިތުންނަށާއި ޕާޓީއަށްޓަކައި ކޮށްދީފައިވާ މަސައްކަތުގެ އަގުވަޒަންކޮށް، ގޮތް ނިންމާނީ ދާއިރާގެ ރައްޔިތުން ކަމުގައި އޭނާ ދެކެވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ހުސްވަމުންދާ މަޖިލީހުގެ ދައުރުގައި ކާމިޔާބު ކުރައްވާފައިވާ ގޮނޑިއެކެވެ.