Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ކުރީގެ ރައީސުންނާއި މެމްބަރުންގެ ބިޔަ ބޮޑު އިނާޔަތްތައް ކަނޑާލުން!  

ނިމިގެންދާ 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ 70% އަށް ވުރެ ގިނަ މެމްބަރުން ވަނީ އިތުރު ދައުރަކަށް ނުހޮވި، މެމްބަރު ކަމުގެ ގޮނޑި ގެއްލިފައެވެ. އެ ހިސާބުން އެ މެމްބަރުންނަށް ދައުލަތުން ދެމުން އައި ބިޔަ ބޮޑު މުސާރައާއި އިނާޔަތްތައް ނިމުނީކީ ނޫނެވެ.

މިސާލެއްގެ ގޮތުން ބައްލަވާށެވެ. އުމުރުން 40 ވަރަކަށް އަހަރުގެ މެމްބަރެކެވެ. ގޮނޑި ގެއްލުނީ އެއް ދައުރަށްފަހުއެވެ. އެއް ދައުރަށް ފަހު މެމްބަރުކަން ގެއްލޭ ފަރާތްތަކަށް، މުސާރައިގެ 30% އުމުރު ދުވަހަށް ލިބެއެވެ. އެއީ މަހަކު 24،000ރ. އެވެ. އަހަރަކު ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ އެވެ. އެފަދަ ފަރާތެއް އުމުރުން 80 އަހަރު ވަންދެން ދުނިޔޭގައި ހުރެއްޖެ ނަމަ، އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ދައުލަތުންދޭ ޕެންޝަންގެ ޖުމްލަ، 11 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެއެވެ. މީގެ އިތުރުން ކުރީގެ މެމްބަރުންނަށް، މަޖުލީހުގައި ދެމިތިބޭ މެމްބަރުންނާ އެއްވަރަކަށް ހެލްތު އިންޝުއަރެންސް ލިބެއެވެ. އެއީ ވެސް ދައުލަތުން ހިނގާ ބޮޑު ހަރަދެކެވެ. އޭގެ އިތުރުން ކުރީގެ މެމްބަރުންނަށް އުމުރު ދުވަހަށް އޮފިޝަލް ޕާސްޕޯޓު ވެސް ލިބެއެވެ.

އިތުރު އެހެން މިސާލަކަށް ބަލައިލާނަމެވެ. މިސާލަކަށް އެއްކަލަ، އުމުރުން 40 އަހަރުގައި މެމްބަރުކަން ގެއްލުނު ފަރާތަކީ ދެ ދައުރު ހަމަކޮށްފައި މެމްބަރު ކަމުން ވަކިވާ ފަރާތެއް ނަމަ، މުސާރައިގެ 45%، ޕެންޝަނުގެ ގޮތުގައި، ކޮންމެ މަހަކު ލިބެއެވެ. އެއީ މަހަކު 36،000ރ. އެވެ. އަހަރަކު ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ އެވެ. އަދި އުމުރުން 80 ވަރަކަށް އަހަރު ވަންދެން އެ މެމްބަރު ދުނިޔޭގައި ހުރެއްޖެ ނަމަ، އުމުރުގެ ބާކީ އޮތް ދުވަސް ތަކަށް، ދައުލަތުން، ޕެންޝަނުގެ ގޮތުގައި 17 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ލިބެއެވެ. މީގެ އިތުރުން އާދަޔާ ޚިލާފް ބޮޑު ހެލްތު އިންޝުއަރެންސް އަކާއި، އުމުރު ދުވަހަށް އޮފިޝަލް ޕާސްޕޯޓް ލިބެއެވެ.

އާއްމު ދިވެހި ރައްޔިތަކު، މަހަކު 10 ހާސް ރުފިޔާގެ މުސާރާގައި މަސައްކަތް ކޮށްފި ނަމަ، މި އަދަދުގެ އާމްދަނީއެއް ލިބޭނީ މެދުނުކެނޑި 150 އަހަރު މަސައްކަތް ކޮށްގެންނެވެ. މަޖުލިސް މެމްބަރަކު އޭނާ މަޤާމްގައި ހުންނަ އިރު މަހަކު ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާގެ މުސާރަ ލިބެއެވެ. ބިޔަ ބޮޑު ހެލްތު އިންޝުއަރެންސެއް ލިބެއެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބެއެވެ. އެއާޕޯޓުގެ ވީ.އައި.ޕީގެ ހިދުމަތް ހިލޭ ލިބެއެވެ. އަހަރު ދެކޮޅު ސިޔާސީ ޕާޓީ ބަދަލުކޮށް، މިލިއަނުން ރިޝްވަތު ނަގައެވެ. ސަރުކާރު ތެރެއިން އެތައް ބާރެއްގެ ބޭނުންކޮށް، ނާޖާއިޒު ފައިދާތައް ނުހައްގުން ނަގައެވެ. އެގޮތުގައި ފަހެއް ނުވަތަ ދިހަ އަހަރު އުދުހުމަށް ފަހު، ރައްޔިތުންނަށް ދޯކާދިނުމުން ގޮނޑި ގެއްލުނަސް އެ މެމްބަރަށް އޯކޭ އެވެ. އޭނާގެ ދެ ދައުރު ހަމަވާއިރު ހުންނަނީ މިލިއަނަރަކަށް ވެފައެވެ. އެ ހިސާބުން އަނެއްކާވެސް ދައުލަތުން ކުރީގެ މެމްބަރުންނަށް އެތައް މިލިއަން ރުފިޔާއެއްގެ ޕެންޝަން ދޭންޖެހެއެވެ. ހެލްތު އިންޝުއަރެންސް ދޭންޖެހެއެވެ. މިއީ މެމްބަރުން އަމިއްލަ އަށް ހަދައިގެން ތިބި ޤާނޫނުން އެމީހުންނަށް ލިއްބައިދޭ ބޭއިންސާފު އިނާޔަތްތަކެވެ.

އޭޕްރިލް 21ގެ ވޯޓުގައި 20 ވަނަ މަޖުލިސްގެ ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ޝުޖާއު ވަނީ، އިންތިހާބުގެ ކެމްޕެއިންތެރޭގައި ވެސް، އަދި ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ވެސް، ކުރީގެ މެމްބަރުންނާއި، ކުރީގެ ފަނޑިޔާރުންނާއި، އަދި ކުރީގެ ރައީސުންގެ އާދަޔާ ހިލާފު ބޮޑު ޕެންޝަން ކަނޑާލަން ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޢޭޕްރިލް 24 ގައި ޝުޖާއު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުރީގެ ރައީސުންނާއި ކުރީގެ ފަނޑިޔާރުންނާއި މަޖުލީހުގެ ކުރީގެ މެމްބަރުނަށް ލިބޭ އާދަޔާ ހިލާފު ބޮޑު އިނާޔަތައް އުނިކުރަން، ނުވަތަ ކަނޑާލަން، އެމަނިކުފާނުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ.

ރައީސް ކަމާއި، ފަނޑިޔާރު ކަމާއި މަޖުލިސް މެމްބަރުކަން ކުރައްވާފައިވާ ފަރާތްކަށް ލިބޭ ބޮޑެތި އިނާޔަތްތައް ކަނޑާލަން ސޯޝަލް މީޑިއާގައި، އާއްމު ރައްޔިތުން ވަރަށް ބޮޑަށް ވަކާލާތުކޮށް، ޝުއޫރު ފާޅުކުރަމުންދާއިރު އަލަށް މަޖުލީހަށް ހޮވުނު މެމްބަރުންނާއި، ސުޕަމެޖޯރިޓީ ލިބުނު ޕާޓީ، ޕީ.އެން.ސީ، އާއި، ހުދު ރައީސުލް ޖުމްހޫރިއްޔާ ވެސް މިފަދަ ބޭއިންސާފު ބޮޑު އިނާޔަތްތައް އުނިކުރަން ތާއީދު ކުރައްވައި، ރައްޔިތުންގެ ޝުއޫރު ތަކަށް އިހްތިރާމް ކުރެއްވުމަކީ ސަރުކާރަށާއި އާ މެމްބަރުންނަށް ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމެކެވެ.

ކުރީގެ މެމްބަރުންގެ ބޮޑު އިނާޔަތްތައް ކަނޑާލުމުގެ އިތުރުން، ހައްދެއް ނެތި އިތުރުވަމުންދާ، މަޖުލިސް ގޮނޑީގެ އަދަދު ވެސް އެއްވަރެއްގައި ހިފަހެއްޓުމުގެ ގޮތުން، ޤާނުނޫ ބަދަލުކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިހާރު ޤާނޫނުގައި އޮތް ގޮތުން ކޮންމެ 5،000 ރައްޔިތަކަށް މަޖުލިސް މެމްބަރަކު ހުންނަން ޖެހެއެވެ. ނަމަވެސް އެ އަދަދު 8،000 ނުވަތަ 10،000 އަށް ބޮޑު ކޮށްފިނަމަ މިހާރު މަޖުލީހުގައި ތިބި 94 މެމްބަރުންގެ އަދަދު 60 ވަރަކަށް މެމްބަރުންނަށް މަދުވެެގެން ދާނެއެވެ. އަދި، މިހާރު ދާއިރާތައް ކަނޑައަޅާފައިވާ ގޮތް ބަދަލުކޮށް، ކޮންމެ ރަށަކަށް ނިސްބަތްވާ މެމްބަރުން، އެ ރަށެއްގެ ޖުމްލަ ރައްޔިތުންގެ ވޯޓަކުން ހޮވުމަކީ ވެސް ރައްޔިތުންގެ ގިނަ ބަޔަކު ދެކެން ބޭނުންވާ ބަދަލެކެވެ.

ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ބަލާއިރު، ދިރި އުޅުއްވުމުގެ ހަރަދާއި، ކުރީގެ ރައިސުންގެ އޮފީސް ހިންގެވުމުގެ ހަރަދާއި، ބޭސް ފަރުވާގެ ހަރަދާއި، އެހެނިހެން މާލީ އިނާޔަތްކުގެ ހަރަދާ އެކު، އެވްރެޖްކޮށް، ކުރީގެ ކޮންމެ ރައީސަކަށް އަހަރަކު ހަތަރު މިލިއަން ރުފިޔާ ލިބި ވަޑައިގަންނަވައެވެ.

ރައީސް މައުމޫނަށް، ރައީސްކަން ކުރެއްވި އިރު މުސާރަ އަށް ލިބިވަޑައިގަންނަވަނީ ޖުމްލަ 100،000ރ. އެވެ. ނަމަވެސް ރައީސް ކަމުގެ ފަސް ދައުރަށްފަހު ގޭގައި ހުންނަވާއިރު ލިބިވަޑައިގަންނަވާ އަދަދުތައް ތިރީގައި މިވަނީއެވެ.

  • މާލީ އިނާޔަތް މަހަކު: 75،000ރ.
  • ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު: 50،000ރ.
  • އޮފީސް ހިންގުމުގެ ހަރަދަށް މަހަކު: 175،000ރ.
  • ބޭސް ފަރުވާއަށް އަހަރަކު: 700،000ރ.

ރައީސް މައުމޫން ފިޔަވައި އަނެއް ހަތަރު ރައީސުން ވެސް؛ ރައީސް މުހައްމަދު ނަޝީދު، ރައީސް ޑރ. މުހައްމަދު ވަހީދު، ރައީސް އަބްދުﷲ ޔާމީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދިރިއުޅުއްވާ ތަނުގެ ހަރަދާއި އޮފީސް ހިންގުމުގެ ހަރަދާއި ބޭސް ފަރުވާއަށް ލިބިވަޑައިގަންނަވަނީ ހަމަ އެއްވަރަކަށެވެ. ހަމައެކަނި ތަފަތާކީ އެއް ދައުރުގައި ރައީސްކަން ކުރެއްވުމުން އެ ބޭފުޅުންގެ މާލީ އިނާޔަތަށް ލިބިވަޑައިގަންނަވަނީ މަހަކު 50،000ރ. ކަމެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތް ފައިސާގެ ތެރޭގައި އޮފީސް ހިންގުމުގެ ހަރަދަށް މަހަކު 175،000ރ. ދެއެވެ. އެކަމަކު އެއިން އޮފީހަކުން ކުރާ ކަމެއް އެކަކަށް ވެސް ނުފެނެއެވެ. އެއިން އޮފީހެއް ހުންނަ ތަނެއްވެސް މީހަކަށް ނޭނގެއެވެ.

ކުރީގެ ރައީސުން، ގައުމުގެ ވަލިއްޔުލްއަމްރުގެ މަގާމު އަދާކުރެއްވުމަށްފަހު ލިބިވަޑައިގެންނެވި ޝަރަފާއި އިއްޒަތުގައި ދައުލަތުން އިނާޔަތްތައް ނަންގަވައިގެން ގޭގައި ތިއްބަވަނީކީ ނޫނެވެ. އެންމެ އާދައިގެ ސިޔާސީ ރަންޑިންނޭ އެއްގޮތަށް ޕޯޑިއަމްތަކުގައި، ހެއްދެވި ނެހެއްދެވިއަށް ގޮވަމުން، ފިތުނަ ފަސާދަ އުފައްދަވަމުން މާލެ އާއި އަތޮޅުތެރޭގައި ވަޑައިގަންނަވަނީއެވެ. ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގައެވެ. ސަހަލު ހަމަ އެންމެ ބޭފުޅެއް ވެސް ނެތެވެ. އަނެއްކާ ކުރީގެ ހުރިހައި ރައީސުންގެ ތެރެއިން ރައީސް ވަހީދު ފިޔަވައި ކޮންމެ ބޭފުޅެއްގެވެސް ސިޔާސީ ޕާޓީއެއް އޮވެއެވެ. ތިން ހާސް މެމްބަރުން ހަމަނުވިޔަސްމެއެވެ.

މިސާލަކަށް ރައީސް ނަޝީދަށް ރައީސްކަމުގެ މަޤާމުން 2012ގައި އިސްތިއުފާ ދެއްވިއިރު އުމުރުފުޅުން 45 އަހަރެވެ. ނަޝީދު އުމުރުފުޅުން 85 ވަރަކަށް އަހަރާ ހަމައަށް ދުނިޔޭގައި ހުންނަވައިފި ނަމަ، ކުރީގެ ރައީސުންގެ އިނާޔަތުގެ ގޮތުގައި، ވެރިކަމުން ދުރުވެވަޑައިގަތް ހިސާބުން ފެށިގެން އަވަހާރަ ވަންދެން ދައުލަތުން، ޖުމްލަ 160 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މަހަކު ދިހަ ހާސް ރުފިޔާގެ އާމްދަނީ ލިބޭ އާއްމު ދިވެހި ރައްޔިތަކު މިވަރުގެ އާމްދަނީއެއް ހޯދުމަށް މެދުނުކެނޑި 1،333 އަހަރު (ތޭރަ ޤަރުނު ދުވަހު) މަސައްކަތް ކުރަން ޖެހޭނެއެވެ. މިއިީ ވަރަށް ބޭއިންސާފު ގޮތެއް ކަމަށް ގިނަ ރައްޔިތުން މިހާރު ޤަބޫލު ކުރެއެވެ.

ކުރީގެ މަޖުލިސް މެމްބަރުންނާއި، ކުރީގެ ފަނޑިޔާރުންނަށް ވެސް ލިބެންޖެހޭނީ ސިވިލް ސާވިސްގެ އެހެން މުއައްޒަފުންނަށް ލިބޭ ފަދަ ޕެންޝަނެކެވެ. ކުރީގެ ރައީސުންނަށް ސިފައިންގެ ސެކިއުރިޓީއާ އެކު މަހަކު، ގިނަވެގެން 50 ހާސް ވަރަކަށް ރުފިޔާގެ ޕެންޝަނެއް ފުދެއެވެ. މި ތިން ދާއިރާއިން ހިދުމަތް ކުރައްވައި ރިޓަޔާ ކުރައްވާ ފަރާތްތަކަށް އެއަށް ވުރެ އިތުރަށް އިނާޔަތްތައް ދިނުމަކީ ދިވެހި އާއްމު ރައްޔިތުންގެ މޫނުމަތީގައި އަޅައިލެވޭ ވަރުގަދަ ތަފާއްޔެކެވެ. ބޮޑު ބޭއިންސާފެކެވެ.

ކުރިންވެސް ފާހަގަކުރި ފަދައިން، އާއްމު ދިވެހި ރައްޔިތަކު، މަހަކު 10 ހާސް ރުފިޔާގެ މުސާރައިގައި މަސައްކަތްކޮށްފި ނަމަ، މަޖުލީހުގެ ކުރީގެ މެމްބަރެއްގެ ޕެންޝަނުގެ އާމްދަނީއާ އެއްވަރުގެ އާމްދަނީއެއް ލިބޭނީ މެދުނުކެނޑި 150 އަހަރު (ދޮޅު ޤަރުނު ދުވަހު) މަސައްކަތް ކޮށްގެންނެވެ. ހަމަ އެހެންމެ، ކުރިންވެސް ފާހަގަކުރި ފަދައިން، ކުރީގެ ރައީސެއްގެ ޕެންޝަނުގެ އާމްދަނީއާ އެއްވަރުގެ އާމްދަނީ އެއް ހޯދާނަމަ، މަހަކު 10 ހާސް ރުފިޔާގެ އާމްދަނީ ލިބޭ އާއްމު ދިވެހި ރައްޔިތަކު މެދުނުކެނޑި 1،333 އަހަރު (ތޭރަ ޤަރުނު ދުވަހު) މަސައްކަތް ކުރަން ޖެހޭނެއެވެ. މިއީ އިންސާފެއް ނޫނެވެ. ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުއާ ގުޅިވަޑައިގެން، ސުޕަރ މެޖޯރިޓީގެ ހުރިހާ މެމްބަރުންނާއި، ހުދު ރައީސުލް ޖުމްހޫރިއްޔާގެ ތާއީދާ އެކު މި ބަދަލު އަވަސް ގޮތެއްގައި ގާނޫނުތަކަށް ގެނައުމަކީ ދިވެހި ރައްޔިތުންގެ ތާއީދާއި އިތުބާރު، އިތުރަށް ހޯދުމަށްޓަކައި ޕީ.އެން.ސީ އާއި، މަޖުލިސް މެމްމަބަރުންނާއި، ސަރުކާރުން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިހްލާސްތެރިކަމާއި ނަޒާހާތްތެރިކަން ސާބިތު ކޮށްދިނުމަށްޓަކައި އަވަސް ގޮތެއްގައި ކުރަންޖެހިފައިވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. މެމްބަރުންނަށް ދޭ އިނާޔަތާއި ޕާސްޕޯރޓް ބާތިލުކޮށް 20 4 ދައުރު ފުރިހަމަ ކޮށްފިނަމަ ޕެންޝަނެއް އޮތުން ރަނގަޅު. ރައީސްކަމުގެ ދައުރުގެ 5އަހަރު ފުރިހަމަ ކުރާފަރާތަކަށް އިނާޔަތް އޮންނަންކެޖެހޭ. އޮފީސް ހިންގުމުގެ ހަރަދު ކަނޑާލަމް ފެންނަނީ. އޭގެ ބަދަލުގައި އޮފީސް ސްޕޭސް އެއް ދެވިދާނެ. ފަނޑިޔާރުންގެ ވެސް އިނާޔަތް ކުޑަކޮށް 20 އަހަރުގެ ޙިދުމަތްށްފަހު ރިޓަޔަ ކުރެވޭގޮތަށް ބަދަލުކުރަންވީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *