Support Us

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިންގިލީގެ ނިޝާނާއި ފޮޓޯ ނަގަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަސަައްކަތުގެ ދަށުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމަށް ހަމަޖައްސާފައިވާ ކަމަށާއި އަންނަ މަހު އެ މަސައްކަތް އަމަލީ ގޮތުން ރަށްރަށުގައި ފަށާނެ ކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވަޒީރުންނާ ސުވާލުކުރުމަށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގެ ތިން ވަނަ ފޯރަމްގައި ރޭ ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ނިސްބަތުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އެއީ ކިހާ އަދަދެއް ކަމެއް އަދި ކޮން ބައެއްތޯ މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ އެފަދަ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިސަރުކާރުން ފަށައިފައިވާ ކަމަށެވެ.

"މިހާރުން ފެށިގެން އެއް އަަހަރު ދުވަހުގެ ތެރޭގައި.. މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ހާއްސަކޮށް އަންސްކިލްޑް ލޭބަރ މިކިޔާ ކެޓަގަރީގައި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގައިފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވާކްޕާމިޓް ރިކޯޑްތަކާ އެމީހުންނާ ދިމާކުރަނީ،" މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބައެއް ބިދޭސީންނަކީ ކަމާ ބެހޭ ފަރާތްތަކުގައި ވެސް ރިކޯޑް ނެތް މީހުން ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގެ ދަށުން މި މީހުން ވެސް މި ރިކޯޑްތަކުގެ ތެރެއަށް ނަގާނެ ކަމަށާއި އެއަށްފަހު އެމީހުން ތިބި ހާލަތު ދެނެގަތުމުގެ މަަސައްކަތް ކުރެވޭނެ ކަމަށެވެ.

"މި މީހުން މިރިކޯޑް ތެރެއަށް ނަގާފައި މިވަގުތު ގަވާއިދާ ހިލާފުވެފައި ހުރީ ކާކުތީ އޭނާ ހުރީ ކޮންތާކުތޯ ކާކުގެ ބެލުމުގެ ދަށުގައިތޯ ނުވަތަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫން ގޮތަަކަށްތޯ އޭނަ އިނީ ބެލިގެންދާނެ" ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިމީހުންގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ އައިޑެންޓިފިކޭޝަނެއް ވެސް ނެތް މީހުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކިޔާ "އޭލިއަން ކެޓަގަރީ" ނުވަތަ އެއްވެސް ކަހަލަ ރަސްމީ އައިޑެންޓިޓީއެއް ނެތް މީހުން، އެއީ އޭނަގެ ޕާސްޕޯޓެއް ވެސް އައިޑީކުރެވޭނެ އެއްވެސް ޑޮކިއުމަންޓެއް އޭނަގެ އަތުގައި ނެތް މީހުން، އެހެންވެ މިފަދަ މީހަކު އައިސް ތިމަންނަ މިއީ މިވެނި މީހަކު އައިސް ތިމަންނަ މިއީ މިވެނި މީހެކޭ ބުނުމުން އަޅުގަނޑުމެންނަށް މިއިނގެނީ އެއީ އޭނަކަން، އެކަމަކު އޭތި ވެރިފައި ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

އެހެންކަމުން މި މީހުން ވެސް ހިމަނައިގެން ހުރިހާ އެންމެން ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ މޭ މަހުގެ ދެ ވަނަ ދުވަހުު މި މަސައްކަތުގެ އަމަލީ މަސައްކަތް ކ. އަތޮޅު ހިންމަފުށީގައި ފެށުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ފަހަރާ އެމަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

"އެ މަސައްކަތް ފެށިގެންދާނެ ދާއިރު ކޮންމެ ރަށެއްގެ ވެސް ކައުންސިލާއި ފުލުހުންނާއި ގުޅިގެން އެރަށެއްގައި ތިބި ބިދޭސީން ގަވާއިދާާއި އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް ތިބި ހުރިހާ އެެންމެންގެ ފިންގާ ޕްރިންޓާއި ފޮޓޯ ނަގައި ސިސްޓަމާ ދިމާކުރުވާ މީ ކޮން ބައެއްތޯ ބަލާނަން،" މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުން ކުރާނެ މަސައްކަަތަކީ ގަވާއިދާ ހިލާފުވެފައި ތިބި މީހުން އަނބުރާ ގަވާއިދުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރުން ކަމަށެވެ.

ރާއްޖޭގައި ހެދިފައި އޮތް ގަވާއިދަށް ވަރަށް ފަސޭހައިން ބިދޭސީންނަށް ހިލާފުވެވޭނެ ކަމަށާއި ބިދޭސީއެއް ގެންނަ މީހާ އެމީހާއަށް މުސާރަ ނުދީގެން އެހެން މީހެއްގެ ކައިރިއަށް މުސާރަ ދޭ ގޮތަށްދާ ހިސާބުން އުސޫލެއްގެ ގޮތުން އެމީހަކު އެއޮތީ ގަވާއިދާ ހިލާފްވެފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އެ ދެމީހުން ވެސް އެބަ ބޭނުންވޭ މި ޓްރާންސްސެކްޝަން ހިންގަން. އޭނާ އެކަަކުގެ ފަރާތުން އަނެކަކުގެ ފަރާތަށް ބަދަލުކުރުން. އެކަމު ގާނޫނީ ގޮތުން އެކަން ކުރެވެން މިހާރު އޮތީ ވަރަށް އުނގަދޫކޮށް، ބައެއް ހާލަތްތަކުގައި އޭނާ ބޭރަށް ވެސް ފޮނުވަންޖެހޭ، އަލުން ފޮނުވާ އަލުން އަނބުރާ ގެންނަން ވެސް ޖެހޭ، އެހެންވެ އަޅުގަނޑުމެންގެ ވިސްނުމަކީ މި ޕްރޮސެސް ވަރަށް ފަސޭހަކޮށް ދިނުން،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

ތިން ވަނަ ފޭސްއަކީ އެއްވެސް ވަރަކަށް އައިޑީ ނުކުރެވޭ ނުވަތަ ވަރަށް ބޮޑަށް ގާނޫނާއި ހިލާފުވެ ފިލައިގެން އުޅޭ އަދި އެއްވެސް ވަރަކަށް ރަސްމީ މަސައްކަތެއް ނުކުރާ، އެމީހެއްގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ޓެކްސެއް ނުދައްކާ ފައިސާއާ އެއްޗެހި ގަވާއިދާ ހިލާފަށް ބޭރު ކުރާ މީހުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެފަދަ ފަރާތްތައް ހޯދައި އެފަރާތްތަކަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުކޮށްފިނަމަ އެމީހަކު ރާއްޖެއިން ޑީޕޯޓްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ހަތަރު ވަނަ ކެޓަގަރީއަކީ އެއްވެސް ގޮތަކަށް އެމީހަކީ ކާކުކަން ނޭނގޭ މީހުން ކަމަށާއި އެފަދަ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު، އެމީހެއްގެ ގައުމެއްގެ އެމްބަސީ މެދުވެރިކޮށް ވީއެންމެ އަވަަހަށް އަނބުރާ އެމީހެއްގެ ގައުމަށް ފޮނުވާލުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ރޭވިފައިވާއިރު ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އަންސްކިލްޑް ލޭބަރުންގެ ޑިމާންޑް މިހާރަށްވުރެ ވެސް ބޮޑުވެގެންދާނެ ކަަަމަށާއި ރާއްޖޭގެ އެތެރޭގައި އެވަރުގެ އަންސްކިލްޑް ލޭބަރގެ ސަޕްލައިއެއް ނެތް ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންވެ އިތުރަށް މީހުން އަންނާނެ ކަމަށާއި އެމީހުން އަންނައިރު ފުލީ އައިޓީ ޑިޕެންޑެޑް ސިސްޓަމެއްގެ ތެރެއިން އެމީހުން ގެނައުމާއި އެމީހުން އެކައުންޓް ކުރުމާއި އެމީހުން ބެލެހެއްޓޭނެ އެމީހުން ކުރިއަށް އޮތް ތަނުގައި ގާނޫނުގެ ތެރެއިން ދެމެހެއްޓުމުގެ ކުރިއަށް އެބަ ގެންދާ ކަަމަށާއި އެ ސިސްޓަމް ވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގާއިމްކުރައްވާނެ ކަމަށް ވެސް މިނިސްޓަރ އިހުސާނު ވިދާޅުވި އެވެ.

އެ ސިސްޓަމަށް ކުންފުނިތަކަށާާއި ހެލްތް ކެއާ ފެސިލިޓީޒްތަކަށާއި ފުލުސް އޮފީހާއި ރަށްރަށުގެ ކައުންސިލްތަކަށް އެކްސެސް ދެއްވާނެ ކަމަށެވެ.

"ހުރިހާ ދިމާލަކުން އެއްކޮށް މަސައްކަތްކޮށްގެން މި މައްސަލައަށް ޖުމްލަ ހައްލެއް ގެނެވޭނީ." މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ސަރުކާރުން ކުރިއަށް ގެންދާ މި ޕްރޮސެސް ތިން އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުން ކަމަށެެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *