Support Us

ބަޑި ފިހާރައެއްގެ އެމްބެސެޑަރަކަށް ގެރިއެއް

ވިޔަފާރި ނުވަތަ އެހެން ވެސް ކަމެއް ޕްރޮމޯޓް ކުރުމަށް "މެސްކޮޓް" އާއި "އެމްބެސެޑަރުން"ގެ ގޮތުގައި ކޮންމެވެސް މަޝްހޫރު މީހަކު ކަނޑައެޅުމަކީ އާއްމު ކަމެކެވެ. ނަމަވެސް އެމެރިކާގެ މެއިން ސްޓޭޓްގެ ބަޑި ވިއްކާ ފިހާރައެއްގައި މި ރޯލު ކުޅެނީ ޅަ ގެރިއެކެވެ.

ކެއަރފީލްޑްގެ އޭ އެންޑް ޖީ ޝޫޓިން ނަމަކަށް ކިޔާ މި ފިހާރައިގައި "ޕެޓް"އެއްގެ ގޮތުގައި މި ގެރި ގެންގުޅެނީ ދިމާވި އިއްތިފާގަކުންނެވެ. އަދި މިހާރު މި ފިހާރައަށް ގިނަ ބަޔަކު ދަނީ "ކޭޑް"ގެ ނަން ދީފައިވާ މި ގެރި ބަލައިލާށެވެ. ސަބަބަކީ އާއްމު ގޮތެއްގައި ފިހާރަ ފަދަ ތަންތަނުގައި ޕެޓުންގެ ގޮތުގައި ގެންގުޅެނީ ކުއްތާ އާއި ބުޅާ ކަމަށް ވާތީ އާއި ގެރިއެއް ގެންގުޅުމަކީ އާ ކަމަކަށް ވާތީއެވެ.

ފިހާރައިގެ ވެރިޔާ އެޑަމް ހެންޑްސްބީ ބުނީ މި ގެރި ލިބުނީ އާދަޔާ ހިލާފު ގޮތަކަށް ކަމަށެވެ.

"މި ގެރީގެ މަންމަ މީތި ދޫކޮށްލާފައި ދިޔައީ. އަހަރެމެންނަށް ފެނުނީ ޖަންގައްޔެއްގެ ތެރޭގައި ޗަކަގަނޑެއްގައި ގަދަ ފިނީފައި ހީކަރުވާފައި މި ސޮރު އޮއްވާ،" އެޑަމް ކިޔައިދިނެވެ.

އެޑަމް ބުނީ އޭނާ އާއި އޭނާގެ އަންހެނުން މި ގެރި ގެއަށް ގެންދިޔައީ ކަމަށެވެ. އަދި ހޫނުކަން ދީގެންނާއި ބުއްފުޅި ދީގެން އަނބުރާ ރަނގަޅު ސިއްހަތަކަށް ގެނައީ ކަމަށެވެ.

ސިއްހަތު ރަނގަޅުވަމުން އައި އިރު ކޭޑްގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު "ޝަހުސިއްޔަތެއް" ކަމަށާއި މިހެންވެ ދެމަފިރިން ނިންމީ ކޭޑް އެ މީހުންގެ ފިހާރައަށް ގެންދަން ކަމަށް އެޑަމް ބުންޏެވެ. އެ ފިހާރައަށް ވަންނަ ބައެއް މީހުން ބުނަނީ ގެރިއެއް ހަމަލޮލުން ފެނުމަކީ އެ މީހުން އުޅޭ ހިސާބުގައި ފެންނަ ކަމެއް ނޫން ކަމަށާއި މިހެންވެ ކޭޑްގެ ވާހަކަ އަޑު އިވިގެން އޭތި ބަލައިލަން ފިހާރައަށް ދަނީ ކަމަށެވެ.

"ގެރިއެއް ގެންގުޅުމަކީ އަހަރެމެން ރޭވި ކަމެއް ނޫން. ނަމަވެސް މިހާރު ގެރިއެއް ލިބިފައިވާތީ ދެން ހަދާނީ ކިހިނެތް؟ ދެން މި ޖެހުނީ އަހަރެމެން މަސައްކަތް ކުރާ ތަނަށް ކުއްތާއެއް ފަދައިން ކޭޑް ގެންނަން،" އެޑަމް ބުންޏެވެ.

ކޭޑް މިހާރު ވެފައިވަނީ ފާޑެއްގެ މަޝްހޫރު "ސެލެބްރިޓީ"އަކަށެވެ.

"ވަރަށް ގިނަ މީހުންގެ ހިނިތުންވުން އަހަރެމެންނަށް ލިބޭ. އަދި ކުޑަކުދިން ވެސް ވަރަށް ގަޔާވޭ،" އެޑަމްގެ ފިހާރައިގައި މަސައްކަތް ކުރާ ޕޭޓަން އެޓްވުޑް ބުންޏެވެ.

އެޑަމް ބުނީ ކޭޑްގެ ގައިގައި ފިރުވާލުމުން އޭއްޗަށް އުފާވެރިކަމެއް ލިބޭހެން ހީވާ ކަމަށެވެ. އަދި ކަސްޓަމަރުންނާއެކު ފޮޓޯ ނަގަން ވެސް ގަޔާވާހެން ހީވާ ކަމަށެވެ.

ވީޑިއޯ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *