Support Us

ސެނެގޯލްގެ ބޯޓެއް އަޑިއަށް ގޮސް 50 މަރު

އެފްރިކާ ބައްރުގެ 97 ޕަސެންޓް މުސްލިމުން އުޅޭ ގައުމެއް ކަމަށްވާ ސެނެގޯލްގެ ބޯޓެއް އަޑިއަށް ގޮސް މަދުވެގެން 50 މީހުން މަރުވެއްޖެ ކަމަށް ބެލެވެން ފަށައިފިއެވެ.

އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުން ދިޔަ ބޯޓު ކެނެރީ ޖަޒީރާ ކައިރިން އަޑިއަށް ދިޔައިރު ބޯޓުގައި 60 މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯޓު ދަތުރަށް ނައްޓާލާފައިވަނީ މީގެ ނުވަ ދުވަސް ކުރިންނެވެ.

ހުޅަނގު އެފްރިކާއިން ޔޫރަޕަށް ދަތުރު ކުރަމުން ދަނިކޮށް ބޯޓު ދިޔަ ވާން ފެށީ ކެނެރީ ޖަޒީރާގެ އެލް ހިއެރޯ ރަށާ 60 މޭލު ކަރިންނެވެ.

އަޑިއަށް ދިޔަ ބޯޓުން އިއްޔެ ނުވަ މީހުން ސަލާމަތް ކުރެވުނެވެ. އެއީ އެ ހިސާބުން ދަތުރު ކުރި އާގުބޯޓަކުން ސްޕެއިންގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުން ސްޕެއިންގެ ޖަޒީރާ ރަށެއް ކަމަށްވާ ޓެނެރީފުން ލާންޗަކާއި ހެލިކޮޕްޓަރެއް ފޮނުވުމުންނެވެ.

"ދެބައިކުޅައެއްބައި އަޑިއަށް ގޮސް އޮތް ބޯޓުން ސަލާމަތް ކުރެވުނު ނުވަ މީހުން ވަނީ އެލް ހިއެރޯ ވައިގެ ބަނދަރަށް ގެންގޮސް ސިއްހީ އެހީތެރިންނަށް ދައްކާފައި،" ސްޕެއިންގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޮނުވި ލާންޗްގައި ތިބި މީހުންނަށް އިތުރު އެއްވެސް މީހަކު އެ ހިސާބުން ފެންނަން ނެތުމުން އަނބުރާ ޓެނެރީފަށް އައީ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓު ނައްޓާލީ ސެނެގޯލްގެ ސިޓީއެއް ކަމަށްވާ އެމްބާއިންނެވެ. ހަމަ މި ބަނދަރުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނައްޓާލި ބޯޓެއް ސެނެގޯލްގެ އައްސޭރިފަށުގައި އަޑިއަށް ދިއުމުން 140 މީހުން މަރުވެފައިވެއެވެ. އެ ފަހަރު ދަތުރު ފެށިތާ މަދު ގަޑިއިރެއްގެ ތެރޭގައި ބޯޓުގައި އަލިފާން ރޯވެ، ސެނެގޯލްގެ ހުޅަނގު އުތުރު އައްސޭރީގައި އޮންނަ ސެއިންޓް ލުއިސް އާ ކަރިން ބޯޓު އަޑިއަށް ދިޔައީއެވެ. ބޯޓުން 59 މީހުން ސަލާމަތް ކުރީ އެ ހިސާބުގައި އުޅުނު މަސްވެރި އުޅަނދުތަކާއި ސެނެގޯލް އަދި ސްޕެއިންގެ ކަނޑުގެ ސިފައިންނެވެ. މި އަދަދަށް މީހުން ސަލާމަތް ކުރެވުނަސް މަރުވި 20 މީހުންގެ ހަށިގަނޑު ވެސް ފެނިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ހިޖުރަ ކުރާ މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަނުން ބުނީ ހަޔާތުގައި ގޮތް ހުސްވެފައިވާ ޒުވާނުންގެ ނާޖާއިޒު ފައިދާ ނަގަން އިންސާނުން ޓްރެފިކް ކުރުމާއި ސްމަގްލް ކުރުމުގެ މަސައްކަތުގައި އުޅޭ ވިއުގަތައް ނައްތާލަން ޖެހޭ ކަމަށެވެ.

"އިންސާނުން ގަނެ ވިއްކާ ވިއުގަތަކުގެ ވިޔަފާރިތައް ނައްތާލަން ރަނގަޅު ގާނޫނީ ފިޔަވަޅުތަކެއް އަޅަން ޖެހޭ. އެއީ ހިޖުރަ ކުރާ މީހުންގެ ފުރާނަ ރައްކާތެރި ކުރުމަށްވެސްމެ،" އެ ޖަމާއަތުން ބުންޏެވެ.

އެފްރިކާގައި ހަނގުރާމަ އާއި ފަގީރުކަން ފަދަ ކަންތައްތަކުން ސަލާމަތްވުމަށް ކޮންމެ އަހަރަކު އެތައް ބަޔަކު ސްޕެއިންއަށް ހިޖުރަ ކުރެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ގެއްލެނީ އެޓްލާންޓިކް ކަނޑަށެވެ.

ހިޖުރަ ކުރާ މީހުންގެ ހައްގުތަކަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ވޯކިން ބޯޑާސްއިން ބުނީ އެފްރިކާއިން ޔޫރަޕަށް ދާން މިދިޔަ އަހަރު މަސައްކަތް ކުރި މީހުންގެ ތެރެއިން 6،618 މީހުން މަރުވި ކަމަށެވެ. އޭގެ ތެރޭގައި 384 ކުޑަކުދިން ހިމެނެއެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދުވާލަކު 18 މީހުން މަރުވެފައިވެއެވެ.

ސްޕެއިންގެ ދާހިލީ ވުޒާރާއިން ބުނީ މި އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހާ މި މަހުގެ 15 ވަނަ ދުވަހާ ދޭތެރޭގައި ބޯޓުތަކުގައި އެފްރިކާއިން 16،621 މީހުން ސްޕެއިނަށް ހިޖުރަ ކުރި ކަމަށެވެ. މިއީ މިދިޔަ އަހަރަށްވުރެ 11،681 މީހުން އިތުރު އަދަދެކެވެ.

ކަނޑުގެ މަގުން ސްޕެއިންއަށް މި އަހަރު ދަތުރު ކުރި މީހުންގެ ތެރެއިން 14،030 މީހުން ފޯރީ މުސްތަގިއްލު ވެރިކަމެއް ކުރާ ސްޕެއިންގެ ކެނެރީ ޖަޒީރާއަށެވެ.

އެޓްލާންޓިކް ކަނޑުގައި އާދައިގެ ކުދި ބޯޓުތައް ދަތުރު ކުރުމުގެ ބިރުވެރިކަން މީގެ ދެ ހަފުތާ ކުރިން ވެސް ވަނީ ހާމަވެފައެވެ. އެ ގޮތުން ދެކުނު އެމެރިކާ ބައްރުގެ ބްރެޒިލްގެ އައްސޭރި ފަށުގައި އޮޔާ ދިޔަ ބޯޓެއް ބެލިއިރު މަރުވެ ކުނިވެފައިވާ ނުވަ މީހުންގެ ހަށިގަނޑު އޮތެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނުނީ އެފްރިކާގެ ގައުމުތައް ކަމަށްވާ މޯރިޓޭނިއާ އާއި މާލީގެ މީހުން ކަމަށެވެ. މި ފަދަ ހާދިސާތައް ފަހުގެ ތާރީހެއްގައި ތަޖުރިބާ ކުރި ގައުމުތަކުގެ ތެރޭގައި ޓޮބާގޯ އާއި ޓާކްސް އެންޑް ކައިކަސް ހިމެނެއެވެ.

ސެނެގޯލްގެ އިއްޔެގެ މި ހިތާމަވެރި ހާދިސާ މި ދިމާވީ ހިޖުރަ ކުރުމާއި ހިމާޔަތް ދިނުމާ ބެހޭ ގޮތުން ޔޫރަޕްގެ އިއްތިހާދުގެ ދާހިލީ ވަޒީރުން ދެ ދުވަހުގެ ބައްދަލުވުމަކަށް ބެލްޖިއަމްގައި ތައްޔާރު ވި ވަގުތުގައެވެ. މި ޖަލްސާ އަކީ ހިޖުރަ ކުރުމާއި ހިމާޔަތް ދިނުމާ ގުޅޭ ގޮތުން އެކަށައަޅާފައިވާ މުއާހަދާ ތަންފީޒު ކުރާނެ ގޮތާމެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ދިގުދެމިގެން ގޮސްފައިވާ މި މުއާހަދާއަކީ ޔޫރަޕަށް 2015 އަހަރު ކުރިމަތިވި ހިޖުރަ ކުރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެކަށައެޅި މުއާހަދާއެކެވެ. މި މުއާހަދާ ހެދީ ސޫރިޔާއިން އެ އަހަރު ޔޫރަޕަށް 1.3 މިލިއަން މީހުން ހިޖުރަ ކުރުމުންނެވެ.

މި މުއާހަދާއާ ދެކޮޅަށް 160 އަށްވުރެ ގިނަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އަޑުއުފުލައިފައެވެ. އޭގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް އަދި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ ހިމެނެއެވެ. އެ ޖަމާއަތްތަކުން ބުނަނީ މި މުއާހަދާ ތަންފީޒުކޮށްފި ނަމަ ނަތީޖާއަކަށް ވާނީ އެތައް ބައެއްގެ ކެކުޅުންތައް އިތުރަށް ގޯސްވެ، އެ މީހުންނަށް ލިބޭ ސަލާމަތްތެރިކަން އިތުރަށް ކުޑަވެ އަދި އެ މީހުންގެ ހައްގުތައް އިތުރަށް ނިގުޅައިގަނެވުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *