މެދުތެރޭ އޭޝިޔާގައި 74 ޕަސެންޓް މުސްލިމުން އުޅޭ ގައުމެއް ކަމަށްވާ ކަޒަކްސްތާނުގެ ކުރީގެ އިގުތިސާދާ ބެހޭ ވަޒީރު ކުއަންޑީކް ބިޝިމްބަޔޯފް އޭނާގެ އަނބިމީހާ ސަލްތަނަތު ނުކެނޯވާ (ފޮޓޯގައި) މަރާލި ކަމުގެ ޝަރީއަތް ލައިވް ސްޓްރީމް ކުރަން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އުމުރުން 31 އަހަރުގެ ސުލްތަނަތު މަރާލީ ރެސްޓޯރެންޓެއްގެ ވީ.އައި.ޕީ. ލޯންޖްގައެވެ. އެއީ ގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަލްމަތީގައެވެ.
ކުއަންޑީކްގެ އާއިލާއިން ހިންގާ މި ރެސްޓޯރަންޓްގެ ސީ.ސީ.ޓީ.ވީ. ކެމެރާތަކުން ފެނުނު މަންޒަރުތަކުން ދައްކަނީ ކުއަންޑީކް ވަރަށް އަނިޔާވެރި ގޮތަކަށް ސަލްތަނަތުގެ ގައިގައި ތަޅާ މަންޒަރެވެ. ދެން ފެންނަނީ ކެމެރާ ނުހުންނަ ކޮޓަރިއަކަށް ސަލްތަނަތު ބިންމަތީގައި ދަމާފައި ގެންދާ މަންޒަރެވެ.
މުޅި ތަނަށް ފެތުރިފައިވާ ލޭގެ ކޯރުގައި ސަލްތަނަތު މަރަށް ހުށަހެޅިފައިވަނިކޮށް ކުއަންޑީކް ކަހީނަކަށް ގުޅައެވެ. ކަހީނު ބުނަނީ ސަލްތަނަތުގެ ހާލު ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް ސަލްތަނަތު ހޮސްޕިޓަލަށް ގެންދަންވެގެން އޭގެ 12 ގަޑިއިރު ފަހުން އެމްބިއުލެންސް އައިއިރު ވެސް އޭނާ އޮތީ މަރުވެފައެވެ.
އުމުރުން 44 އަހަރުގެ ކުއަންޑީކް ކޯޓުގައި އެއްބަސްވެފައިވަނީ ސަލްތަނަތު މަރުވީ އޭނާގެ އަތުން ކަމަށެވެ. ނަމަވެސް އެއީ "އާދަޔާ ހިލާފު އަނިޔާއެއް" ކޮށްގެން ނޫން ކަމަށެވެ. ކުއަންޑީކް އާ ދެކޮޅަށް ކޯޓުން ދައުވާ ކުރީ ސަލްތަނަތު މަރުވީ ކުއަންޑީކް "އާދަޔާ ހިލާފު އަނިޔާއެއް" ކޮށްގެން ކަމަށެވެ.
ނާމާން ރިއަލިޓީ ޝޯއެއް ކަހަލަ މި ޝަރީއަތް މިހާރު ރަޝިޔާ އާއި އެހެން ގައުމުތަކުގެ މީހުން ވެސް އަންނަނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ބަލަމުންނެވެ. އަދި މިއާއެކު ގެވެށި އަނިޔާ އާއި ސަގާފީ ގޮތުން މުޖުތަމައުގައި އަންހެނުންގެ ދައުރާ ބެހޭ ގޮތުން މިހާރު ވަނީ ބަހުސްތައް އުފެދިފައެވެ.
އދ.އިން ބުނީ ކަޒަކްސްތާނުގައި ކޮންމެ އަހަރަކު 400 އެއްހާ އަންހެނުން ގެވެށި އަނިޔާގައި މަރުވާ ކަމަށެވެ. މި އަދަދު މިއަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ސަބަބަކީ ބައެއް މައްސަލަތައް ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ރިޕޯޓް ނުކުރާތީ ކަމަށް އދ.އިން ބުންޏެވެ.
ކަޒަކްސްތާނުގެ މި މައްސަލަ ފެންމަތިވީ އޮސްޓްރޭލިޔާ ބައްރުގައި މި އަހަރު ކޮންމެ ހަތަރު ދުވަހަކުން އަންހެނަކު މަރާލައިކަން ހާމަވެފައި ވަނިކޮށެވެ.