Support Us

ފެންބޮޑުވުމާއި ޑޭމެއް ފަޅައިގެން ގޮސް އިރުމަތީ އެފްރިކާގައި 178 މަރު

އެފްރިކާ ބައްރުގެ އިރުމަތީ އެފްރިކާ ސަރަހައްދުގެ ތިން ގައުމެއްގައި ޑޭމެއް ފަޅައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން 178 މީހުން މަރުވެއްޖެއެވެ.

ކެންޔާގައި 40 މީހުން މަރުވީ ޑޭމް ފަޅައިގެން ދިއުމުންނެވެ. ޑޭމަކީ ވާރޭ ފެނާއި ކޯރުތަކުގެ ފެން ވަކި ސަރަހައްދެއްގައި ހިފެހެއްޓުމަށް ފާރެއްހެން ރާނާ ކޮންކްރީޓް ކޮއްޓެކެވެ.

މި އަދަދަށް މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ މާއި މަހިއު ސަރަހައްދުންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން މިއަދު ބުނީ މަރުވެފައިވާ 42 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި 17 ކުޑަކުދިން ހިމެނޭ ކަމަށެވެ.

"ޑޭމް ފަޅައިގެން ދިޔައީ ކީޖުބީ ސަރަހައްދު ކައިރިން. އިތުރަށް ސަލާމަތް ކުރަން ޖެހޭ މީހުން އަދިވެސް މި ދަނީ ހޯދަމުން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކެންޔާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ޑޭމް މިހާރު ވަނީ އެއްކޮށްހެން ފުރިފައި ކަމަށާއި ފެން ބަންޑުން ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ސިއްހީ މަރުކަޒަކަށް މިއަދު ގެންދިޔަ ކަމަށް ކެންޔާގެ ރެޑް ކްރޮސް ޖަމާއަތުން ބުންޏެވެ.

ހަލަބޮލިވެފައިވާ މި ސަރަހައްދުގައި ވަރަށް ދަތިއުނދަގޫ ގޮތެއްގައި ކެންޔާގެ ކަމާ ބެހޭ އިދާރާތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކެންޔާ ހިމެނޭ އިރުމަތީ އެފްރިކާއަށް މިހާ ބޮޑަށް ވާރޭ ވެހެން ދިމާވީ ވޭތުވެދިޔަ ހަފުތާތަކުގައި މޫސުމީ ހޫނުކަމެއް ކަމަށްވާ "އެލް ނީނޯ"ގެ އަސަރު އިރުމަތީ އެފްރިކާގެ ވިއްސާރަ މޫސުމާ ދިމާވުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކެންޔާގައި 76 މީހުން މަރުވެފައިވާ ކަމަށް ބެލެވުނު އިރު 131،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ނެތިގެން ގޮސްފައިވެއެވެ. ފެންބޮޑު ވުމުގެ ސަބަބުން ކެންޔާގެ ހުރިހާ ސަރަހައްދެއްގައި މަގުތަކާއި ބްރިޖްތައް ވަނީ ހަލާކު ވެފައެވެ.

ވެރިރަށް ނައިރޮބީގައި އޮންނަ ބައިނަލް އަގުވާމީ ވައިގެ ބަނދަރާ ގުޅިފައިވާ މަގެއް ވެސް ވަނީ ފެންބޮޑު ވެފައެވެ. ނަމަވެސް ކެންޔާގެ އެއާޕޯޓްތަކާ ބެހޭ އިދާރާއިން ބުނީ އެއްވެސް ބުރޫއެއް އެރުމެއް ނެތި އެއާޕޯޓްގެ ހުރިހާ ކަމެއް ރަނގަޅަށް ދާ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ މިއަދު ފަށަން އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން އެއް ހަފުތާއަށް ލަސް ކޮށްލައިފައެވެ.

"ފެންބޮޑުވުމުގެ އަސަރު ސްކޫލްތަކަށް ވަނީ ވަރަށް ބޮޑަށް ކޮށްފައި. ދަރިވަރުންނާއި މުދައްރިސުންގެ ފުރާނަ ރައްކާތެރި ކުރުން އެންމެ މުހިންމީ. އެހެންކަމުން ހުރިހާ ސްކޫލެއްގެ ކަންތައްތައް ހަމައަކަށް އަޅުވަން އެންމެ ފުރަތަމަ އިސްކަން މި ދިނީ،" ތައުލީމާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި މަހު ކުރީކޮޅު މެޓް ޑިޕާޓްމަންޓުން ވަނީ އަންނަ މަހާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައެވެ.

ކެންޔާގެ އިތުރުން އިރުމަތީ އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ ޓެންޒެނިޔާގައި ވަނީ 58 މީހުން މަރުވެފައެވެ. އަދި އެތައް ހާސް ބައެއްގެ ގެދޮރު ސުންނާފަތިވެފައެވެ.

އިރުމަތީ އެފްރިކާ ސަރަހައްދުގައި ހިމެނޭ ބުރުންޑީގައި 100،000 މީހުންގެ ގެދޮރު ނެތިގެން ގޮސްފައިވެއެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު، ކުރިން ރެކޯޑު ނުކުރެވޭހާ ބޮޑަށް ފެންބޮޑުވިއެވެ. ސައިންސްވެރިން ވިދާޅުވަނީ މިއީ މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *