Support Us

ކޮލަމް ކޯދު: މަނިކުބެއާ ޖުހާގެ ހާސަރެއް

މަނިކުބޭ: އޭ ބަލަ ޖުހާއެވެ. މިހާރު ޚަބަރެއް ނުވާތާ ހާދަ ދުވަސް ވެއްޖެއެވެ. ހާލުއަހުވާލު ކިހިނެއް ހެއްޔެވެ؟

ޖުހާ: ހާލުއަހުވާލު ހަމަ ރަނގަޅެވެ. މަނިކުބޭ ކިހިނެއް ހެއްޔެވެ؟

މަނިކުބޭ: މަވެސް ހަމަ އެކަހަލަ ގޮތެކެވެ. ގޯހެއް ނޫނެވެ. ދެން، އުމުރުގެ ދުވަސްތައް ފާއިތުވަމުންދާ އިރު، ކަންކަން ހުންނާނެތާއެވެ. އެހެންވިޔަސް، ޖުމްލަ ގޮތެއްގައި ބުނެވޭނީ ރަނގަޅު ކަމަށެވެ.

ޖުހާ: އާނއެކެވެ. ތިޔައީ ހަމަ ރަނގަޅު ވާހަކައެކެވެ. ކަންކަން ހުންނާނެއެވެ. ގައިގެ ތަނެއްގައި ނުރިއްސާ، އަމިއްލައަށް ކަންކަން ކޮށްލައިގެން އުޅެވޭ ވަރު ވެއްޖިއްޔާ ބުނަން ޖެހޭނީ ކަންކަން ހަމަ ރަނގޭއެވެ.

މަނިކުބޭ: ކޮބާ މިހާރުގެ ރަނގަޅު ޚަބަރެއް ނެތް ހެއްޔެވެ؟

ޖުހާ: ވަކި ޚަބަރެއް ނެތެވެ. މިހާރު އޮތީ ޒީރޯއިން ހީރޯއަށް މީސްމީހުން ފުރޮޅިގެންދާ ޚަބަރު ނޫން ހެއްޔެވެ؟

މަނިކުބޭ: އެއީ އަނެއްކާ ކޮން ކަމެއް ހެއްޔެވެ؟

ޖުހާ: މިހާރު ޚަބަރުތަކަށް ބަލައިލީމާ ފެންނަނީ ކަންކަން އެ ފުށް މި ފުށަށް ޖެހިފައިވާ ތަނެވެ. ނުބައި ހެވަށްވެ، ނުރަނގަޅު ރަނގަޅަށް ބަދަލުވެފައި އޮންނަ ތަނެވެ. ވައްކަމާއި ފޭރުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމުން ވެސް ފާހަގަ ވަނީ އެފަދަ ކަންކަން ކުރާ މީހާގެ ހުނަރެވެ.

މަނިކުބޭ: ތި ކިޔަން އުޅޭ އެއްޗެއް ސާފުވާ ގޮތަށް ނިކަން ކިޔައިދީ ބަލާށެވެ!

ޖުހާ: އެންމެ ރަނގަޅެވެ. އެ ވާހަކަ ބާއްވާށެވެ. އެކަން ސާފުކޮށްދިނުމުގެ ގޮތުން ދެ މިސާލެއް ލިޔެލާނަމެވެ. ކިޔައިދޭނަމަވެ. ވަރަށް ވެސް ހުނަރުވެރި ދެމީހެއްގެ ވާހަކައެކެވެ. އޭގެ ތެރެއިން އެކަކަށް ކިޔަނީ ރިޗާޑް ކުލޫކްލެންސީއެވެ. އޭނައަކީ މާފިޔާގެ 'ހިޓްމޭން' އެކެވެ. އާދެ، އެމެރިކާގެ މާފިޔާގެ ބައެއް ޖަމާއަތްތަކަށް މަސައްކަތްކުރި މީހެކެވެ. އޭނަގެ މަސައްކަތަކީ މީހުން މެރުމެވެ. އޭނަގެ އަމިއްލަ ދުލުން ބުނާ ގޮތުން ނަމަ ތިންސަތޭކައެއްހާ މީހުން އޭނަ އަތުން މަރުވިއެވެ. އެކިއެކި ގޮތް ގޮތަށެވެ. ބަޑިޖަހައިގެންނެވެ. އަމިއްލަ ދެއަތް ބޭނުންކޮށްގެންނެވެ. ވިހަ އިންޖެކްޝަން ޖަހައިގެން ނޫނީ ވިހަ ދީގެންނެވެ. މީހުން މެރުމުގެ މަސައްކަތުގައި، 1986ގައި އޭނަ އަތުލައިގަނެވެންދެން ދެމިހުއްޓެވެ. ދެން، އެއަށް ފަހު، ޝަރީއަތް ކުރެވި، އުމުރަށް ޖަލަށް ލެވި، ޖަލުގައި އޭނަ މަރުވީ 2006ވަނަ އަހަރުއެވެ.

އޭނަގެ ބިރުކުޑަކަމާއި ކެރުމުގެ ވާހަކަ ބަޔާންކޮށްދިނުމުގެ ގޮތުން އެއް ވާހަކަ ބުނަން ހެއްޔެވެ؟ މާފިޔާގެ ޖަމާއަތަކުން އޭނައަށް މީހުން މަރަން ކެރިދާނެތޯ ޓެސްޓުކުރުމުގެ ގޮތުން، އެއްދުވަހަކު މާފިޔާގެ ޖަމާއަތުގެ ބަޔަކާއެކު ކާރު ބުރެއް ޖަހާލަން ނުކުތެވެ. އެ ބުރު ޖަހަމުން ދިޔައިރު މަގުމަތީ ދުވާރުމަތިން ހިނގާފައި ދިޔަ މީހަކު ފެނުނެވެ. ދެން، ކާރު މަޑުކޮށްލާފައި، މާފިޔާގެ ޖަމާއަތުގެ އިސް މީހަކު ރިޗަޑް ކުލްކްލެންސީ ގާތު ބުނީ ހިނގާފައި ދިޔަ މީހާ މަރާލުމަށެވެ. އެއްވެސް ޖެހިލުމެއް ނެތި، ރޯމާ ދުވާލު، އެ މީހާއަށް ހަމަލާދީ ރިޗަޑް ކްލޫކްލެންސީ އެ މީހާ ގަޔަށް ބަޑިޖައި މަރާލިއެވެ.

ދެވަނަ މީހަކީ ވެސް މީހުން މެރުމުގައި ހައްދަފަހަނައަޅައި ދިޔަ މީހެކެވެ. އޭނަގެ ނަމަކީ ޓެޑް ބަންޑީއެވެ. އެމެރިކާގެ އެންމެ ނުލަފާ ޝިއްރީރުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. މީނަގެ ޝިކާރައަކަށް ސާޅީހަކަށް އަންހެނުން ވިއެވެ. އެ މީހުންގެ އިއްފަތް ފޭރިގަނެ އެމީހުން މަރާލިއެވެ. އަދި، އެ މީހުންގެ ގަބުރުތައް ވަލުތެރޭގައި ބަހައްޓައި އެ ގަބުރުތަކާ ވެސް ގުޅުން ހިންގިއެވެ. މިވަރުން ނުފުދިިގެން ބައެއް ގަބުރުތަކުގެ ބޯ ވަކިކޮށް އޭނަގެ އުޅޭ އެޕާޓުމެންޓަށް ގެނެސް، އޭނަގެ އަލަމާރިއަށް ލައި ފޮރުވައިގެން ގެންގުޅުނެވެ.

ޝައްކެއް ނެތް ގޮތުގައި ރިޗަރޑް ކްލޫކްލެންސީއާއި ޓެޑް ބަންޑީއަކީ ހުނަރު ހުރި ދެމީހުންނެވެ. ވަކިން ޚާއްސަ ގޮތެއްގައި، ޓެޑް ބަންޑީގެ މައްޗަށް މަރުގެ ހުކުމް އިއްވި ޖަޖު، ޓެޑް ބަންޑީގެ ތޫނުފިލި ވިސްނުމާއި އޭނަގެ ކިބައިގައި ހުރި ގާނޫނީ ހުނަރު ފާހަގަކޮށް، ހަޔާތުގައި ބަންޑީ ރަނގަޅު މަގެއް ޚިޔާރު ކުރި ނަމަ، އޭނައާ އެކުގައި ގާނޫނީ ގޮތުން މަސައްކަތް ކުރަން ފަސް ނުޖެހޭނެކަން ވެސް ފާހަގަކުރިއެވެ.

މަނިކުބޭ ގާތު އަދި ވެސް އަހަރެން ބުނަން ބޭނުން ވަނީ މި ދެ ބޮޑު ގާތިލުންނަކީ ވެސް ވަރަށް ވެސް ހުނަރުވެރި، ކެރޭ ބައެއްކަމެވެ. ތޫނު ފިލި ވިސްނުމެއްގެ ވެރި ބައެއް ކަމެވެ. ނަމަވެސް، އެ މީހުންގެ ހުނަރު އެ މީހުން ބޭނުންކުރީ ހެޔޮ ގޮތުގައެއް ނޫނެވެ. އެހެންވީމައި، ޚުދް އެމީހުންނަށް ވެސް އެ ހުނަރުގެ ހަގީގީ އަގު ވަޒަން ނުކުރެވުނެވެ. އެ މީހުން އެ ހުނަރު ބޭނުން ކުރީ ނުރަނގަޅު ކަންކަން ކުރުމުގައެވެ. މީހުން މެރުމާއި މީހުން އިއްފަތް ފޭރުމުގައެވެ. އެހެންވެ، އެމީހުންގެ ކިބައިގައި ކެރުމާއި ބިރުކުޑަކަމާއި ވިސްނުންތޫންކަމާއި މިހުރިހާ ސިފައެއް ހުރި ކަމުގައި ވިޔަސް، އެކަކު ވެސް އެކަންކަން ފާހަގަކޮށް އެ މީހުންނަށް ތައުރީފުގެ ބަސް އިއްވައި، އަދި، އެ މީހުން ހިންގި ޖަރީމާތަކުގެ ނުބައިކަން ކުޑަކުރާކަށެއް ނޫޅެއެވެ.

މަނިކުބޭ: ތިިކަން ސާފުވެއްޖެއެވެ. ދެން، ތިހުރިހާ ހާސަރެއް ތި ދެމީ ކީއްވެ ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ޖުހާ ބުނަން ބޭނުން އެހެން ވާހަކައެއް އޮންނާނެއެވެ. ދެން، އަޅެ އެ ވާހަކަ ބުނެ ބަލާށެވެ!!

ޖުހާ: އާނއެކެވެ. އެހެން ވާހަކައެއް އެބަ އޮތެވެ. މީހަކު މީހެއްގެ ލޯންޗެއް ވަގަށް ނަގައިގެން، އެ ލޯންޗު އަމިއްލައަށް ދުއްވާފައި އެއް އަތޮޅުން ފުރައިގެން އެކަނި މާއެކަނި އައުމުން، އެންމެނަށް ހެން ވެސް ފާހަގަވީ އޭނަގެ ލޯންޗު ދުއްވުމުގެ ހުނަރެވެ. އޭނަ ހިންގި ބޮޑު ޖަރީމާގެ ވާހަކަ ހަނދާނެއް ނެތެވެ. އަދި، އެއްބަޔަކު ބުނަނީ އެއީ ޖަރީމާއެއް ކަމަށް ވިޔަސް، އޭނަ ކުރީ ބޮޑު ވައްކަމެއް ކަމަށް ވިޔަސް، އެކަން ފާހަގަނުކޮށް އޭނަގެ ހުނަރު ފާހަގަކުރުމަށެވެ. އޭނަގެ ކިބައިގައި ހުރި ކެރުމާއި، ކަނޑު ދަތުރުފަތުރު ކުރުމުގެ މަގު އެނގުމާއި އޭނަގެ ހިތުގައި އެހެން މީހެއްގެ މައްޗަށް އޮތް އިޝްގީ ލޯތްބެއްގެ ކަންތައް ފާހަގަކުރުމަށެވެ. މިއީ މިކަން އޮންނަން ޖެހޭ ގޮތް ކަމަށް ވަންޏާ، މަތީގައި ނަންގަނެވުނު ބޮޑު ދެ މުޖުރިމުންނަކީ ވެސް ހުނަރުވެރި ބައެއް ކަމަށް ފާހަގަކޮށް އެ މީހުން ހިންގި ޖަރީމާތައް މަތިން ހަނދާން ނައްތާލަންވީތާއެވެ!

މިހެން ބުނުމުން މީހަކު ބުނެފާނެއެވެ. މީހުން މެރުމާއި ވައްކަމަކީ ދެ ކަމެކެވެ! އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ މީހުން މެރުން ގޯސްވެފައި ވައްކަން އެންމެ ރަނގަޅުވީ ހެއްޔެވެ؟ މިލިޔަން މިލިޔަން ރުފިޔާގެ ލޯންޗެއް ވަގަށް ނަގައިގެން އެއަށް ގެއްލުންވާ ގޮތަށް ކަންތައް ކުރުމުން، އެއީ ކުޑަ ޖަރީމާއެއް ހެއްޔެވެ؟ އޭނައަށް ކަނޑުގައި ލޯންޗު ދުއްވަން އެނގުމުން، ޖަރީމާއެއް ޖަރީމާއަކަށް ނުވާންވީ ހެއްޔެވެ؟ އެހެން ކަމަށް ވެއްޖިއްޔާ ނުރަނގަޅު ރަނގަޅަށްވީ ނޫން ހެއްޔެވެ؟ ނުބައި ހެވަށް ވީ ނޫން ހެއްޔެވެ؟ އުއްމަތްތަކުގެ ހަލާކު އަންނަނީ މިފަދަ ގޮތަކަށް އަގުތައް ބަދަލުވެ، ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި އޮޅޭ ގޮތްވުމުން ނޫން ހެއްޔެވެ؟

މަނިކުބޭ: ބުނަން ޖެހޭނީ ތީ ވެސް ހަމަ ރަނގަޅު ވާހަކައެކެވެ. ދެން، އެހެން ވެއްޖިއްޔާ ކަންތައް ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟

ޖުހާ: އެ ލޯންޗު ވަގަށް ނަގައިގެން ކަންތައް ކުރި ގޮތުން އެނގެނީ އެކަން ކުރީކީ ތަސައްރުފު ނުފުދޭ ތުއްތު ކުއްޖެއް ނޫންކަމެވެ. ހަމަ ބުއްދި ހުރި، ރަނގަޅާއި ނުރަނގަޅު ވަކިކުރަން ރަނގަޅަށް ދަންނަ މީހެއް ކަމެވެ. އެހެންވީމާ، ކުޑަކުދިންނާއި ބޮޑެތި މީހުން ވަކިކުރާ މިންގަނޑު ރަނގަޅު ކޮށްފައި، ތަސައްރުފު ފުދިގެން، ބުއްދި ސަލާމަތުން ހުރެގެން ޖަރީމާތައް ހިންގާ މީހުންގެ މައްޗަށް ޝަރިއަތްކޮށް، ގާނޫނީ ފިޔަވަޅު އަޅައި އެމީހުން ހިންގި ޖަރީމާގެ ފުރިހަމަ ގާނޫނީ އަދަބުދޭންވީއެވެ. އަދި، އޭނަ އެހެން މީހުންނަށް ދިިން ގެއްލުމުގެ ބަދަލު އެ ބަދަލު ހައްގުވާ ފަރާތަށް ހޯދައިދޭންވީއެވެ. ކުރަންވީ ކަމަކީ މިއީއެވެ. މިއީ އޭނަގެ ހުނަރުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ!!

މަނިކުބޭ: ސާފުވެއްޖެއެވެ!