Support Us

ފްރާންސްގެ ގައުމީ ކުތުބުހާނާގައި ވިހަ ހުރި ފޮތްތަކެއް

ފްރާންސްގެ ގައުމީ ކުތުބުހާނާގައި ހުރި ފޮތްތަކުގެ ތެރެއިން 19 ވަނަ ގަރުނުގެ ހަތަރު ފޮތެއްގެ ކަވަރުގައި ވިހަ ހުރިކަން ފާހަގަކުރެވިގެން އެ ފޮތްތައް ނަގައިފިއެވެ.

އިނގިރޭސި ވިލާތުގައި ބައިންޑް ކޮށްފައިވާ މި ހަތަރު ފޮތުގެ ބަނޑޭރިގަނޑުގައި ފެހި ކުލަ ޖައްސަން ލާފައި ވަނީ ވަރަށް ވިހަ ގަދަ މާއްދާއެއް ކަމަށާއި ނަމަވެސް އަތްލުމަކުން ވިހައިގެ އަސަރު މާބޮޑަކަށް ފޯރާނެހެން ހީނުވާ ކަމަށް ލައިބްރަރީން ބުންޏެވެ. އެކަމަކު އެންމެންގެ ރައްކަލަށްޓަކައި ވިހައިގެ އިތުރު ދިރާސާ ކުރަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

"މި ހަތަރު ފޮތް މިހާރު ވަނީ 'ކަރަންޓީނު' ކޮށްފައި. ލެބޯޓްރީއަކުން މިހާރު ތަހުލީލު ކުރަމުން އަންނަނީ މިއިން ކޮންމެ ފޮތެއްގެ ބަނޑޭރިގަނޑުގައި ލާފައިވަނީ ކިހާ ވިހައެއްތޯ،" ލައިބްރަރީން ބުންޏެވެ.

މި ފޮތްތަކުގެ ކަވަރުގައި ކުލަ ޖައްސަން ވިހަ އެކުލެވޭ މާއްދާއެއް ލާފައިވާކަން ފުރަތަމަ ހޯދައިގަތީ އެމެރިކާގެ ރިސާޗް ކުރާ ބައެކެވެ. އެ މީހުން މި ވިހައަށް ދީފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ "ޕެރިސް ގްރީން"، "އެމެރަލްޑް ގްރީން"، އަދި "ޝީލީ ގްރީން"އެވެ.

މިހާރު "ޕޮއިޒަން ބުކް ޕްރޮޖެކްޓް" ނުވަތަ "ވިހަ ލާފައި ހުރި ފޮތްތަކުގެ މަޝްރޫއު"ގެ ނަން ދީފައިވާ މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޑެލަވެއާގެ ޔުނިވާސިޓީން ފެށި ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ ދަށުން ފްރާންސްގެ ގައުމީ ކުތުބުހާނާގައިވާ އެތައް ސަތޭކަ ފޮތެއް ވަނީ ދިރާސާ ކޮށްފައެވެ. ވިހަ އެކުލެވޭ ބަނޑޭރިގަނޑު ހިމެނޭ ހަތަރު ފޮތް ފެނުނީ ކުތުބުހާނާގައި ހުރި 16 މިލިއަނަށްވުރެ ގިނަ ފޮތްތަކުގެ ތެރެއިން އެތައް ސަތޭކަ ފޮތް ދިރާސާ ކޮށްގެންނެވެ.

މި ހަތަރު ފޮތުގެ ތެރޭގައި ހިމެނެނީ:

  • އެޑްވަޑް ހޭސް 1855 ވަނަ އަހަރު ލިޔުނު "ދަ ބެލެޑްސް އޮފް އަޔަލޭންޑް" ގެ ދެ ފޮތް
  • ހެންރީ ސްޓޭންލީ 1856 ގައި ލިޔުނު ރޫމީންގެ ޅެން ފޮތެއް
  • ދަނޑުވެރިކަމާ ބެހޭ އިދާރާއިން 1862 އާއި 1863 އާ ދެމެދު ނެރުނު ފޮތެއް

ކުތުބުހާނާއިން ބުނީ މި މަޝްރޫއުގައި ނުބަލާ ހުރި އިތުރު ފޮތްތައް ވެސް ދިރާސާ ކުރާނެ ކަމަށެވެ. އެއީ ފެހި ކުލައިގެ ހުރިހާ ފޮތަކީ ވިހަ އެކުލެވޭ މާއްދާއިން ބަނޑޭރިގަނޑު ނުހަދާ ފޮތްތައް ޔަގީން ކުރުމަށެވެ.

އދ.ގެ ސިއްހަތާ ބެހޭ ޖަމިއްޔާ ކަމަށްވާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ.)އިން ބުނީ މަސްނޫއީ ވިހަ މާއްދާތައް، ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން އިންސާނާގެ ހަށިގަނޑަށް ވަދެއްޖެ ނަމަ ހަމުގައި ރޭޝް އުފެދި އަދި ހަމުގެ ކެންސަރު ޖެހުން ވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް ވިހައެއްގައި ބީހުމުން ވާނީ ކިހިނެތް ކަމާމެދު ޑަބްލިޔު.އެޗް.އޯ.އިން ވަކި އެއްޗެކޭ ނުބުނެއެވެ.

ކުތުބުހާނާއިން ބުނީ ބަނޑޭރިގަނޑުގައި ހުރި ވިހައިގެ ނުރައްކާ ކުތުބުހާނާގެ މުވައްޒަފުންނާއި ފޮތް ވިއްކާ ފަރާތްތަކާއި ފޮތް އެއްކުރާ ފަރާތްތަކާއި ދިރާސާ ކުރާ ފަރާތްތަކަށް އެބަހުރި ކަމަށެވެ. މިހެންވެ ވިހަ އެކުލެވޭ ހުރިހާ ފޮތެއްގައި އަތްލަން ވާނީ އަދި ގުދަން ކުރަން ވާނީ ވަރަށް ރައްކާތެރިކަމާއެކު ފަރުވާތެރި ގޮތަކަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *