Support Us

ކޮލަމް: އަލި

ކޮލަމް އަލި: އަދުގެ ހިތްދަތި ހަގީގަތް

"އަޅައިލާނޭ ބައެއް ނެތް، އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ހިޔާވަހިތަކަށް ދަރިވަރުން ގޮވައިގެން ޒިޔާރަތްކުރުމުގެ މައިދާނީ ދަތުރެއް ހިންދުކަރައިގެ ސަހަރެއްގެ މަދަރުސާއަކުން އިންތިޒާމުކުރިއެވެ. މި ކުރި ޒިޔާރަތުގައި ދިޔަ އަންހެން ދަރިވަރަކަށް އެ ތަނުން އޭނާގެ މާމަ ފެނުނެވެ. އެކަމަކު، މީގެ ދުވަސްތަކެއް ކުރީން، މަންމައާއި ބައްޕަގެ ފުށުން އޭނާއަށް އެނގިފައި އޮތީ އޭނާގެ މާމަ ދިޔައީ މާމަގެ ތިމާގެ މީހުންނާ ބައްދަލުކުރަން ކަމެވެ. ހިތަށް ކުރި އަސަރުން މާމަގެ ގައިގައި ބާރަށް ބައްދައިލިއެވެ. ވީ ގޮތުގެ ހަގީގަތް އިހުސާސްވުމުން އޭނާ ފެންކަޅިވިއެވެ. ދެމައިން އެތައް އިރެއް ވާންދެން ރުއިމާއި ގިސްލުމުގައި ތިއްބެވެ."

މިއީ އަދުގެ މުޖުތަމައެވެ. އަހަރެމެންގެ އަތްތަކުން ބައްޓަން ކުރާ މުޖުތަމައެވެ. އަހަރެމެންގެ މައިންބަފައިން އަހަރެމެން ބަލައި ބޮޑުކުރި ހާލަތާއި އަދުގެ ހާލަތު ވަރަށް ތަފާތެވެ. އެ މީހުންގެ މުޅި ދިރިއުޅުން ބިނާ ކުރީ އަހަރެމެން ބަލައި ބޮޑުކޮށް އަހަރެމެން ތަރުބިއްޔަތުކޮށް ރަނގަޅު މީހުންނަށް ހެދޭތޯއެވެ. އެކަމަކު، އަހަރެމެން ފޯރާފަށަށް އަރައި އުޅެވޭ ވަރުވުމުން އަހަރެމެންގެ ހިޔާވަހިކަމުން އެ މީހުން ނެރެ އެއްލައިލަނީއެވެ. އަހަރެމެންގެ ގެއަކުން އެ މީހުންނަކަށް ޖާގައެއް ނޯވެއެވެ. އެ ފަދަ ޖާގައެއް ހުސްކުރުން އަހަރެމެންނަށް ވަނީ ވެސް ބުރައަކަށެވެ. އުނދަގޫ ކަމަކަށެވެ. ހަޑި ވެސް ކަމަކަށެވެ.

މިއީ ދަރީންގެ ކުރިމަތީ އަދުގެ ޒުވާން މައިންފައިން ކުޅޭ ހަގީގީ ތަމްސީލެވެ. އެހެނަސް މިއީ ހިތްދަތި ހަގީގަތެކެވެ. މި ހަގީގަތާ އަދުގެ މައިންބަފައިން މާދަމާ ކުރިމަތިލާނެއެވެ. އެއީ މި މަންޒަރު ވަރަށް ރިއްޗަށް ބަލަން ދަރީން އެބަ ތިއްބެވެ. އެހެނީ ދަރީން މާދަމާ އިހުސާސްކުރާނީ އެ ކުދިންނަށް މިއަދު ދިން އެއްޗެއްގެ ރާހަތެވެ. އެ ކުދިން މާދަމާ ތަމްސީލްކުރާނީ އެ ކުދިންނަށް މިއަދު ކިޔައިދޭ ވާހަކައެވެ.

މި ހާލަތު ބަދަލުކުރަން އެދެންޏާ އަދުގެ މައިންބަފައިން ވާންވީ އެ މީހުންގެ މައިންނާއި ބަފައިންނާއި މާމައިންނާއި ކާފައިންނާއި މާފައިންނާއި މުންނައިންނާއި މުތެއްތާއިންނާ އޯގާތެރިވެ އަޅައިލާ ބަޔަކަށެވެ. އެއް ހިޔާވެއްސެއްގައި އެއް ސުފުރާއެއްގައި އެއް ތަށްޓަކުން ކާން ދަންނަ ބަޔަކަށެވެ. އަދުގެ ދަރީންނަށް ދަސްކޮށްދޭންވީ ފިލާވަޅަކީ މިއީއެވެ. ސުލްހަމަސަލަސްކަމަށް ލޯބިކުރާ، އުފާވެރި، އޯގާވެރި، ކުލުނުހުރި، އަޅައިންލުންތެރި، ހިތްހަމަޖެހޭ މުޖުތަމައެއް ބިނާވާނީ އޭރުންނެވެ.