Support Us

ޒައިދު ބުނު ޘާބިތުގެ ވާހަކަ

"ޙައްސާނު ބުނު ޘާބިތާއި އޭނާގެ ދަރިފުޅު ނެތިއްޖެނަމަ ޅެމާއި ކާފިޔާއަށް މޮޅުމީހަކު ހޯދާނީ ކޮންތާކުން ހެއްޔެވެ؟

އަދި މަތިވެރި މާނަތަކާއި ފަށުއި ބަސްމަގަށް ޒައިދު ބުނު ޘާބިތު ނެތިއްޖެނަމަ އެފަދަ މީހަކު ހޯދާނީ ކޮންތާކުން ހެއްޔެވެ؟"

(ކީރިތި ރަސޫލާގެ ޝާޢިރު ޙައްސާނު ބުނު ޘާބިތު ޅެންބަހުން)

***

ދުވަސްވަރަކީ ހިޖްރީ ސަނަތުން ދެވަނަ އަހަރެވެ. ކީރިތި ރަސޫލާ ﷺގެ ރަށް ކަމުގައިވާ މަދީނާ މުނައްވަރާ ބަދުރު ހަނގުރާމައަށް ފިސާރި ފޯރިއާއެކު ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. މީސްތަކުން ހޭލަމޭލަވެގެން އުޅޭއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. ކީރިތި ރަސޫލާ ﷺ ހުންނެވީ އެކަލޭގެފާނުގެ ވެރިކަމުގައި ޖިހާދުގެ މައިދާނާ ދިމާއަށް ހެލިގަންނަން އޮތް ލަޝްކަރުގެ އެންމެ ފަހުގެ ހާލަތު ބެއްލެވުމަށެވެ. މި ލަޝްކަރަކީ، ބިމުގައި ﷲ ގެ ކަލިމަފުޅު ސާބިތުކޮށް މަތިވެރިކުރުމަށްޓަކައި ދީނުގެ ދުޝްމިނުންނާ ހަނގުރާމަ ކުރުމަށް ޖިހާދުގެ މައިދާނާ ދިމާއަށް ދަތުރުކުރުމަށް ތައްޔާރުވެފައިވާ ފަހުލަވާނުންގެ ލަޝްކަރެވެ.

މި ދަނޑިވަޅުގައި އުމުރުން އަދި 13 އަހަރު ނުފުރޭ ޅަޒުވާން ކުއްޖަކު ސަފުތަކާ ދިމާއަށް އަތުވެއްޖެއެވެ. އުމުރުގެ ޅަކަމާއެކު ވެސް ތޫނުފިލިކަމާއި ވިސްނުން ތޫނުކަން އެކުއްޖާގެ ކިބައިން ފާޅުވޭވެ ހުއްޓެވެ. ފޯއްދުން ހެޔޮ، ހިތްވަރުގަދަ ކުއްޖެކެވެ. މި ކުއްޖާގެ އަތުގައި އޭނާގެ އިސްކޮޅާ އެއްވަރުގެ ކަނޑިއެއް އޮތެވެ. މި ސިފަތަކުގެވެރި ޅަޒުވާނާ، ކީރިތި ރަސޫލާ ﷺގެ އަރިހަށް އައިސް ދަންނަވައިފިއެވެ.

"އަޅުގަނޑު ކަލޭގެފާނަށްޓަކައި ޤުރުބާނެވެ. ކަލޭގެފާނުގެ އަރިހުގައި މުސްލިމުންގެ ދިދައިގެ ދަށުގައި ޖިހާދު ކުރުމުގެ ހުއްދަ ދެއްވާފާނަންތޯއެވެ؟"

ކީރިތި ރަސޫލާ ﷺ މި ޅަޒުވާނާއާ ދިމާއަށް ބައްލަވާލެއްވިއެވެ. އަދި އޯގާވެރިކަމާ ލޯތްބާއެކު އޭނާގެ ކޮނޑުގައި ފިރުމާލެއްވިއެވެ. އެ ކުއްޖާއަކީ މާ ހަގު ކުއްޖެއް ކަމަށް ވިދާޅުވެ ފޮނުވާލެއްވިއެވެ. އެހިނދު ޅަޒުވާނާ އޭނާގެ ކަނޑި ދަމަމުން ދެރަވެގެން ހުރެ ހިނގައްޖެއެވެ. ކީރިތި ރަސޫލާ ﷺ ކުރައްވާ އެންމެ ފުރަތަމަ ހަނގުރާމައިގައި ބައިވެރިވުމުގެ ނަސީބުން މަހުރޫމު ވީތީއެވެ. އެކުއްޖާއާ އެކީގައި އައިސްހުރި އޭނާގެ މަންމަ ނައްވާރު ބިންތު މާލިކް ވެސް ހިތާމައާއެކު އެނބުރި ދިޔައީއެވެ. މަންމަ އުންމީދުކޮށްގެން ހުރީ ކީރިތި ރަސޫލާ ﷺގެ އަރިހުގައި ދަރިފުޅު ދުޝްމިނުންނާ ހަނގުރާމަ އަށް ދާ މަންޒަރު ދުށުމަށެވެ. އޭނާގެ ބައްޕަ ނެތް ދުނިޔެއެއްގައި ބައްޕައަށް ލިބެން އުންމީދުކުރި މަގާމު ދަރިފުޅަށް ލިބުމުގެ އުންމީދުގައެވެ.

އަންޞާރުންގެ ޅަޒުވާނާއަށް ހަނގުރާމައިގެ މައިދާނުން ކީރިތި ރަސޫލާ ﷺ އާ އަރިސްވުމުގެ ފުރުސަތު ނުލިބުމުން ދެން ގަސްތުކުރީ އެހެން މައިދާނަކުން ކުރި ހޯދައިގެން އެކަލޭގެފާނުގެ އަރިސްކަން ހޯދުމަށެވެ. މިފަހަރު ޅަޒުވާނާ ޚިޔާރުކުރި ދާއިރާއަކީ ވަކި އުމުރަކަށް އޮތް ދާއިރާއެއް ނޫނެވެ. އެއީ އިލްމު ހޯދުމާއި ކިޔަވައި މޮޅުވުމުގެ ދާއިރާއެވެ.

ޅަޒުވާނާ މި ޚިޔާލު އޭނާގެ މަންމައަށް ހުށަހަޅައިފިއެވެ. މަންމަ މިކަމާ މެދު ނުހަނު އުފާވެ ހިތްހަމަޖެހިގެން ދަރިފުޅުގެ އުންމީދު ހަގީގަތަކަށް ހަދައިދެވޭތޯ ހީވާގިކަމާއެކު ކަމަރު ބަނދެލައިފިއެވެ. ނައްވާރު އެކަމަނާގެ ގަބީލާގެ މީހުންނަށް، ދަރިފުޅު ބޭނުންވެގެން އުޅޭ ގޮތުގެ ވާހަކަ ކިޔައިދިނެވެ. ދަރިފުޅު އެދޭ ގޮތް ވެސް ހާމަކުރިއެވެ. ދެން އެބައިމީހުން ކީރިތި ރަސޫލާ ﷺގެ އަރިހަށް އައިސް ދަންނަވައިފޫއެވެ.

"އޭ ﷲ ގެ ނަބިއްޔާއެވެ! މިހުރީ އަޅުގަނޑުމެންގެ ކުއްޖެއް ކަމުގައިވާ ޒައިދު ބުނު ޘާބިތެވެ. އޭނާ ﷲގެ ކަލާމްފުޅުން ސަތާރަ ސޫރަތް ހިތުދަހެވެ. އަދި ކަލޭގެފާނުގެ މައްޗަށް ބާވާލެއްވި ގޮތަށް ހެޔޮކޮށް ތިލާވަތަށް ކިޔަވަން ވެސް ދަނެއެވެ. އޭގެ އިތުރަށް އޭނާއަކީ ލިޔެކިޔުމަށް މޮޅު ތޫނުފިލި ކުއްޖެކެވެ. އޭނާގެ އެދުމަކީ ކަލޭގެފާނުގެ އަރިހުގައި އުޅުމެވެ. އަދި ކަލޭގެފާނުގެ އަރިހުން ތަކެތި އުނގެނުމެވެ."

ޅަޒުވާނާ ހިތުދަސްކޮށްފައިވާ ތަނުން ބައެއް ކީރިތި ރަސޫލާ ﷺ އަޑު އެއްސެވިއެވެ. ހަމަ ރަނގަޅަށް ވެސް އެކުއްޖާގެ ކިބައިން ފާޅުވީ ޤުރްއާން ކިޔެވުމަށް މޮޅުކަމާއި ބަސްމޮށުންތެރިކަމެވެ. އުޑުގައި ވިދާ ތަރިތަކުގެ ބެބުޅުން ފާޅުވާ ފަދައިން ކީރިތި ޤުރްއާނުގެ ކަލިމަތައް މި ކުއްޖާގެ އަޑުމަޚުރަޖުން ފާޅުވިއެވެ. އެންމެ އަޖާބުކުރުވަނިވި ކަމަކީ މި ޅަޒުވާނާ ކިޔަވަމުން ދާވަރަކަށް އެކިޔަވާ ތަކެތީގެ ފުން އަސަރު އޭނާއަށް ކުރަމުންދާ ކަމެވެ. އަދި ވަޤްފުތަކަށް ހުއްޓުމާއި މައްދުތަކަށް ދެމުމުން ސާބިތުވަނީ މި ޅަޒުވާނާ ކިޔަވަނީ ކިޔަވާ އެއްޗެއް މޭރުންކުރަމުން ކަމެވެ. އޭނާގެ ކިބައިން ފެނުނީ ގަބީލާގެ މީހުން ސިފަކުރި ވަރަށް ވުރެ ވެސް އޭނާ މާކުޅަދާނަކަމެވެ. މިކަމާމެދު ކީރިތި ރަސޫލާ ﷺ ނުހަނު އުފާ ކުރެއްވިއެވެ. އަދި އޭނާއާ ދިމާއަށް އެނބުރިވަޑައިގެން ހަދީސް ކުރެއްވިއެވެ.

"އޭ ޒައިދެވެ! ތިމަންކަލޭގެފާނަށް ޓަކައި ޔަހޫދީންގެ ބަސް އުނގެނޭށެވެ. ތިމަންކަލޭގެފާނު އެމީހުންގެ އަމާނާތްތެރިކަމާ މެދު އިތުބާރު ނުކުރައްވާތީއެވެ." ޒައިދު ދެންނެވިއެވެ. "ލައްބައިކައެވެ. އޭ ﷲ ގެ ރަސޫލާއެވެ."

ޒުވާން ޒައިދު ޝައުޤުވެރިކަމާ އެކު ބަސް ދަސްކުރައްވަން ފަށްޓަވައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޢިބްރީ ބަސް މޮޅަށް ދަސްކުރައްވައިފިއެވެ. އޭގެ ފަހުން ކީރިތި ރަސޫލާ ﷺ ޔަހޫދީންނަށް ލިޔުއްވާ ލިޔުންތައް ލިޔުއްވަނީ ޒައިދެވެ. އަދި ޔަހޫދީން ރަސޫލާ އަށް ފޮނުވާ ލިޔުމާއި ސިޓީ ވެސް ކީރިތި ރަސޫލާ ﷺ އަށް ކިޔައިދެއްވަނީ ޒައިދެވެ. އޭގެ ފަހުން ކީރިތި ރަސޫލާ ﷺ ސުރުޔާނީ ބަސް ދަސްކުރެއްވުމަށް އެންގެވުމުން އެ ބަސް ވެސް ޒައިދު ދަސްކުރެއްވިއެވެ. މިގޮތުން ޒުވާން ޒައިދަކީ ކީރިތި ރަސޫލާ ﷺގެ ތަރުޖަމާނެވެ. ކީރިތި ރަސޫލާ ﷺ ޒައިދުގެ މޮޅުކަމާއި އަމާނާތްތެރިކަމާއި ފަހުމުކުރައްވައި ދޭހަކުރެއްވުމުގެ ކުޅަދާނަކަން ދެކިވަޑައިގެން ޒައިދުގެފާނަށް ވަހީ ލިޔުއްވާ ކާތިބެއްގެ ދަރަޖަ ދެއްވައިފިއެވެ.

(ترجمةއެއް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *