މިހާރު ނުވަ އަހަރުވެފައިވާ ކެލް ކްލިފޯޑް އެންމެ ތުއްތު އިރުއްސުރެ ފެށިގެން ޕެޓެއްގެ ގޮތުގައި ބޭނުން ވަނީ ބޯވައެކެވެ; ސަބަބުތައް ބައިވަރެވެ.
އެމެރިކާގެ އޮކްލަހޯމާ ސްޓޭޓުގެ ދަނޑުވެރި ސަރަހައްދެއް ކަމަށްވާ އެޑްމަންޑަށް އުފަން ކެލްގެ މައިންބަފައިންނަށް މި ކަން އެހާ ސީރިއަސް ކަމަކަށް ކުރިން ނުހަދައެވެ. އަދި މިހެންވެ ކުޑައިރުއްސުރެ ކެލްއަށް ހޯދައިދީފައިވަނީ ކުޅޭކުޅޭ "ޓޯއި" ބޯވައެކެވެ. ނަމަވެސް އުމުރުން ދުވަސްވީ ވަރަކަށް ކެލް ބޭނުންވަނީ އަސްލު ބޯވައެއް ކަމަށް އޭނާގެ މައިންބަފައިންނަށް ވިސްނެން ފެށިއެވެ.
ކެލްގެ ބައްޕަ، އުމުރުން 36 އަހަރުގެ ދަތުގެ ޑޮކްޓަރެއް ކަމަށްވާ ކެމެރުން ކްލިފޯޑު މިހެންވެ ބަލަމުންދިޔައީ އަސްލު ބޯވައެއް ލިބޭނީ ކިހިނެތްތޯއެވެ. ބޯވައެއް ގެންގުޅުމަށް ދިރާސާ ކުރަން ކެމެރުން ދިޔައީ އެ އަވަށުގައި ހުރި ދިރޭ މަސް ވިއްކާ ފިހާރައަކަށެވެ. އަދި އެ ތަނުން އިރުޝާދު ދިން ގޮތާ އެއްގޮތަށް "ޓެރެންސް" ނަމަކަށް ކިޔާ ބޯވައެއް އޭނާގެ ގޭގައި ލޮނުފެން އެޅި ޓޭންކެއްގައި ގެންގުޅެން ފެށިއެވެ.
"ޓެރެންސް"އަކީ ޕެސިފިކް ކަނޑު އައްސޭރީގައި އޮންނަ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިޔާ ކައިރީގައި އުޅޭ ބޯވައިގެ ބާވަތެކެވެ. ބޯވައިގެ ބޮލުގެ ދެ ފަރާތުގައި ލަފެއް ކަހަލަ ކުލައެއް ހުންނާތީ މި ވައްތަރުގެ ބޯވައަށް "ބައިމެކް" ކިޔައެވެ.
"އަހަރެމެންގެ ދަރިން ޝައުގުވެރިވާ ކަންތައްތައް ކުރުމަށް އަހަރެމެން ހިތްވަރު ދެން. މިހާ ކުޑަ ކުއްޖަކު އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވަންދެން މަސައްކަތް ކުރުމަކީ ޖާދުލެއް ކަހަލަ ކަމެއް. ގުދުރަތީ މާހައުލާއި ކަނޑުގެ ދިރުންތަކާމެދު ކެލް އެންމެ ކުޑަ އިރުއްސުރެ ގަޔާވޭ،" ކެމެރުން ބުންޏެވެ.
ކެލްގެ ބޯވަ ގެންގުޅުމުގެ ހަޔާތް އާއްމުންނަށް ދައްކާލަން ކެމެރުން ދެން ކުރި ކަމަކީ ޓިކްޓޮކް އެޕްގައި އެކައުންޓެއް ހުޅުވީއެވެ. އަދި އިސާހިތަކު ކެލް އާއި އޭނާގެ ބޯވައާ ދެމެދު އޮންނަ ގުޅުމަށް އެތައް ހާސް ބައެއްގެ ޝައުގުވެރިކަން ލިބުނެވެ.
ޓެރެންސް ގެއަށް ގެނައިތާ މަދު ހަފުތާތަކެއްގެ ތެރޭގައި ކެލްގެ އާއިލާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބޭ ކަހަލަ ކަމެއް ކުރިމަތިވިއެވެ. ވީ ގޮތަކީ ކެމެރުން ހީކުރީ ޓެރެންސްއަކީ ފިރިހެން ބޯވައެއް ކަމަށެވެ. ނަމަވެސް ޓެރެންސް 50 ވަރަކަށް ބިސް އެޅިއެވެ. މިހެންވެ ޓެރެންސަކީ އަންހެން ބޯވައެއްކަން އެ އާއިލާއަށް އެނގުމެވެ.
ކެލްގެ މައިންބަފައިން ހީކުރީ މި ބިސްތަކަކީ ގަރުބަގަތްފައި ނުވާ ބިސްތަކެއް ކަމަށެވެ. ނަމަވެސް އޭގެ އެތައް ހަފުތާއެއް ފަހުން ފެނުނީ ކުދިކުދި ބޯވަތަކެއް ޓޭންކްގެ ތެރޭގައި އުޅޭ ތަނެވެ.
ތުއްތު ބޯވަތަކަށް ދިން ނަންތަކުގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީންގެ ނަން ބަދަލުކޮށްލައިގެން ނަން ދީފައިވެއެވެ. އޭގެ ތެރޭގައި ފިރިހެން ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ ވަނަމަށް ނިސްބަތްކޮށް "ސްވިމް ޝޭޑީ" އަކީ ވެސް މި ތަނުން ތުއްތު ބޯވައަކަށް ދިން ނަމެކެވެ. މީގެ އިތުރުން ލަވަކިޔުމުގައި މަޝްހޫރު ދެމަފިރިން ކަމަށްވާ ޖޭ-ޒީ އާއި ބިޔޮންސޭގެ ނަމަށް ނިސްބަތްކޮށް "ޖޭ-ސީ" އާއި "ސި-ޔޮންސޭ"ގެ ނަން ވެސް ތުއްތު ދެ ބޯވައަކަށް ދިނެވެ.
ކެލްއަށް ހަގީގީ ބޯވައެއް ގެންގުޅެވިދާނެ ކަމަށް މަސް ވިއްކާ ފިހާރައިން ބުނި ހަބަރު ކެލްއަށް އެންމެ ފުރަތަމަ ދިނީ ކާމޭޒު ދޮށުގައި ރޭގަނޑުގެ ނާސްތާ ކަމުންނެވެ. މި ހަބަރު ލިބިފައި ކެލްއަށް ރޮވުނެވެ.
ދެން ކެމެރުން އާއި ކެލް ފެށީ ދިރޭ ބޯވައެއް ގެންގުޅުމަށް ބޭނުންވާނެ އާލާތްތަކާ ބެހޭ މައުލޫމާތު ހޯދުމެވެ. އެ ގޮތުން ލޮނުފެން އެޅި ބިއްލޫރި މަސް ޓޭންކަކާއި އޭގައި ހުންނަ ލޮނުފެން ބަދަލުކޮށް ސާފު ކުރާނެ ފިލްޓަރަކާއި ކަނޑުގައި ދިރިއުޅޭ ބޯވައަކަށް ބޭނުންވާނެ ކާބޯތަކެތި ހޯދުމުގެ މަސައްކަތް ފެށިއެވެ.
ކެލްގެ ހަގަށް ހުންނަ ކެމެރުން އާއި އޭނާގެ އަންހެނުން ކަރީގެ ފިރިހެން ދަރިފުޅު ލައިލް ވެސް ދިރޭ ބޯވައެއް ގެންނަން ކުރި މަސައްކަތުގައި އޭނާ އަށް އެނގޭ ގޮތަށް އެހީވިއެވެ.
އަންހެން ބޯވައަކީ ބިސް އަޅާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވާ އެއްޗެކެވެ. ނަމަވެސް ބިސް އެޅިތާ މިވީ ހަތަރު މަސް ދުވަހުގެ ފަހުން ވެސް ޓެރެންސްގެ ހާލު ރަނގަޅު ކަމަށް ކެމެރުން ބުންޏެވެ.
ކެމެރުން ބުނީ އޭނާގެ އާއިލާއަށް މި ތަޖުރިބާގެ ސަބަބުން ވަރަށް ގިނަ އެއްޗެހިތަކެއް އެނގިއްޖެ ކަމަށެވެ.
"ބޯވައެއް ގެންގުޅުމަށްޓަކައި ކުރަން ޖެހޭ ހަރަދާއި އަދި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އަހަރެމެންގެ ހަޔާތަށް ވަނީ ގިނަ ފިލާވަޅުތަކެއް ލިބިފައި. އަބަދުވެސް ކޮންމެވެސް ވޭލްވެއް ނޫނީ ސީލްއެއް މުޅިއަކުން ބަންދު ނުވެ ހުރެދާނެ. އަދި ގޭގައި އަޅާފައި ހުންނަ ކާޕެޓް ވެސް އެއީ ލޮނުފެނާ ނުގުޅޭ އެއްޗެއްކަން އެނގިގެންދާނެ،" ކެމެރުން ބުންޏެވެ.
އޭނާ ބުނީ "މިފަދަ ތަޖުރިބާއަކުން އާ ކަންތައްތަކެއް ދަސްވާނެ" ކަމަށާއި "އާދަޔާ ހިލާފު މީހުންނާ ދިމާވާނެ" ކަމަށާއި "ދިރޭ މަހުލޫގުންނަކީ އަޖައިބެއް ފަދަ ތަކެތި ކަން އެނގިގެންދާނެ" ކަމަށެވެ.
"އެކަމަކު އެންމެ ބޮޑަށް އެނގިގެންދާނީ ޓެރެންސް ކަހަލަ އެހާ ކުޑަކުޑަ ނޫން ބޯވައެއް ދެކެ ލޯބި ވުމުގެ އިހުސާސް،" ކެމެރުން ބުންޏެވެ.