Support Us

ގަހުގައި ބައްދާލުމުގެ ދުނިޔޭގެ ރެކޯޑު ގާނާ މީހަކަށް

ގަސްގަހުގައި ބައްދާލުމަކީ މިހާރު ތިމާއަކީ ތިމާވެށި ދެކެ ލޯބިވާ މީހެއްކަން ދައްކާލުމަށް ރަމްޒީ ގޮތުން އާއްމު ގޮތެއްގައި ކުރާ ކަމަކެވެ. މިހެންވެ ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓާ ވޯލްޑް ގިނެސް ރެކޯޑްސްއިން ވަނީ މި އަމަލު ކަމަށްވާ "ޓްރީ ހަގިން"ގެ ރެކޯޑެއް ވެސް ތައާރަފުކޮށްފައެވެ.

މިހާތަނަށް މި ރެކޯޑް އޮތީ އެއް ގަޑިއިރުގެ ތެރޭގައި 700 ގަހުގައި ބައްދާލި މީހަކަށް ލިބިފައެވެ. ނަމަވެސް އިއްޔެ އެކްސްގައި ގިނެސްއިން ކުރި ޓްވީޓެއްގައި ބުނީ މިދިޔަ ރޯދަ މަހު އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ގާނާގެ އުމުރުން 29 މީހަކު މި ރެކޯޑު މުގުރާލައިފި ކަމަށެވެ. އެ ގޮތުން އަބޫބަކްރު ތޯހިރު ވަނީ އެއް ގަޑިއިރުގެ ތެރޭގައި 1،123 ގަހުގައި ބައްދާލާފައި ކަމަށް ގިނެސްއިން އެކްސްގައި ބުންޏެވެ.

އަބޫބަކްރަކީ އެމެރިކާގެ އަލެބޭމާ ސްޓޭޓްގައި ޖަންގަލިތަކާ ބެހޭ މާއްދާއިން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ މީހެކެވެ. އޭނާ ރެކޯޑު މުގުރާލީ އަލެބޭމާގެ ސިޓީއެއް ކަމަށްވާ ޓަސްކެގީގެ ޖަންގަލީގައި ހުރި ގަސްތަކުގައި ބައްދާލައިގެންނެވެ.

އަބޫބަކްރު ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއަށް ޝައުގުވެރިވީ ގާނާގެ ޓެޕާ ކިޔާ ދަނޑުވެރި ވިލެޖެއްގައި ބޮޑުވަމުން އައި އިރުއެވެ. މިހާރު އޭނާއަކީ އަލެބޭމާގެ އޯބާން ޔުނިވާސިޓީގައި މާސްޓާސް ޑިގްރީއަށް ތައުލީމު ހާސިލު ކުރަމުން އަންނަ މީހެކެވެ.

ރެކޯޑް މުގުރާލުމަށްޓަކައި ގިނެސްއިން ކަނޑައެޅީ އެއް ގަހެއްގައި ދެ ފަހަރަކު ނުބެއްދޭ ގޮތަށެވެ. އަދި ކޮންމެ ގަހެއްގައި ވެސް، ގަހަށް ގެއްލުން ނުލިބޭނެހެން، ދެ އަތުން ގަހުގައި ބައްދާލަން ޖެހޭ ކަމަށް ރެކޯޑު މުގުރުމުގެ ޝަރުތެއް ކަމަށް ކަނޑައަޅާފައިވެއެވެ.

އަބޫބަކުރު ބުނީ ރޯދައަށް ހުރުމުން ރެކޯޑް މުގުރާލުމުގައި އެއްގޮތަކުން ގޮންޖެހުމަކަށްވި ކަމަށެވެ. ސަބަބަކީ އެހާ ގިނަ ގަސްތަކުގައި ބައްދާލަން ޖެހުމުން ވަރުބަލިވުމުން ކަމަށެވެ. ނަމަވެސް އަނެއްކޮޅު ރޯދަމަހާ ދިމާވުމުން ރެކޯޑު މުގުރާލަން ފަސޭހައަކަށްވި ކަމަށް ވެސް އެނާ ބުންޏެވެ.

"ސަބަބަކީ ފެން ބޯން ނުޖެހި އަވަސްއަވަހަށް ފަހަރަކު ގަހެއްގައި ބައްދާލަމުން ދެވޭތީ،" އަބޫބަކްރު ބުންޏެވެ.

ރެކޯޑު މުގުރާލުމުގައި އޭނާއަށް ޖެހުނީ މިނެޓަކު 19 ގަހުގައި ބައްދާލާށެވެ.

ގިނެސްއިން މި ރެކޯޑު ތައާރަފު ކޮށްފައިވަނީ ގަސްގަހާގެއްސާއި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ރަމްޒު ކޮށްދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *