އޮސްޓްރޭލިޔާ ބައްރުގައި ހަރުފަ ވިހަ ލައިގެން ފަރުވާއަށް ހޮސްޕިޓަލަށް ދާ މީހުން ވިހަ ލީ ހަރުފަ ހޮސްޕިޓަލަށް ނުގެންދަން އަންގައިފިއެވެ.
ކުއީންސްލޭންޑް ސްޓޭޓްގެ ބަންޑަބާގް ހޮސްޕިޓަލްގެ އެމަޖެންސީ ފަރުވާއާ ހަވާލުވެވަޑައިގެން ހުންނަވާ ޑޮކްޓަރު އެޑަމް މައިކަލް ވިދާޅުވީ މި މަހު ކުރީކޮޅު ވަރަށް ވިހަ ގަދަ ބާވަތެއްގެ ހަރުފައެއް ކަމަށްވާ "އީސްޓަން ބްރައުން ސްނޭކް"އެއް، ވިހަ ލީ މީހާ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި ގެނައީ ފަސޭހައިން ނުކުމެވޭނެ ކޮންޓޭނަރަކަށް ލައިގެން ކަމަށެވެ.
"ހޮސްޕިޓަލްގެ މުވައްޒަފުންނަށް އިހްސާސް ކުރެވުނީ ބޮޑު ބިރުވެރިކަމެއް. މީގެ ސީރިއަސް ނަތީޖާއަކަށް ވާނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ލަސްތަކެއް ވުން،" އޮސްޓްރޭލިޔާގެ ދައުލަތުގެ މީޑިއާ އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް ޑރ. އެޑަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލިމީހުން ބަލައި، އަވަހަށް ފަރުވާ ފޯރުކޮށްދިނުމަކީ ކޮންމެ ހޮސްޕިޓަލެއްގެ ވެސް ވާޖިބު ކަމަށެވެ.
ނިއުކާސަލް ޔުނިވާސިޓީގައި ވިހަ ދިރާސާ ކުރައްވާ ޑޮކްޓަރެއް ކަމަށްވާ ޖެފް އިސްބައިސްޓާ ވިދާޅުވީ ހަރުފަ ވިހަ ލުމުން ފަރުވާ ހޯދަން ހޮސްޕިޓަލަށް އަންނަ މީހުން އެ މީހުންނާއެކު އެ ހަރުފަތައް ހޮސްޕިޓަލަށް ގެނައުމުގެ ރިޕޯޓްތައް އެތައް ފަހަރަކު ލިބިފައިވާ ކަމަށެވެ.
"ވަރަށް ނުރައްކާތެރި ކަމެއް އެއީ. ސަބަބަކީ ހޮސްޕިޓަލްގެ މުވައްޒަފުންނަކަށް ނޭނގޭނެ އެއީ ކޮން ބާވަތެއްގެ ހަރުފައެއް ކަމެއް. އީ.އާރް. (އެމަޖެންސީ ރޫމް) ގެ ތެރެއަށް އޭތި ދޫވެއްޖެ ނަމަ، ބޮޑު ނުރައްކަލަކަށް ވެގެންދާނެ،" ޑރ. ޖެފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ހަރުފައިގެ ބާވަތްތައް ނޭނގުނަސް ހަރުފަ ވިހައަށް ފަރުވާ ދިނުމަށް ވާނީ ތަމްރީން ކޮށްފައި ކަމަށެވެ. އެ ގޮތުން ވިހަ ލީ މީހުންގެ ޓެސްޓްތައް ހަދައި، ކޮން ބާވަތެއްގެ ފަރުވާއެއްތޯ ދޭނީ މިއީ ތަމްރީން ކޮށްފައިވާ ކަންތައްތައް ކަމަށެވެ.
"ހަދަން ޖެހޭ ލޭގެ ޓެސްޓްތައް ދެނެގަތުމާއި ހަރުފަ ލީ ވިހަ ހޯދައިގަނެވޭނެ އާލާތްތައް ހޮސްޕިޓަލުތަކުގައި ހުންނާނެ،" ޑރ. ޖެފް ވިދާޅުވިއެވެ.
ހަރުފަ ހިފަން ވަޒީފާއެއްގެ ގޮތުގައި ތަމްރީން ހޯދާފައިވާ ޖޯނަސް މާފީ ބުނީ ހަރުފަ ވިހަ ލީ މީހުން ބަންޑަބާގް ހޮސްޕިޓަލަށް ހަރުފަތައް ގެންނާތީ އެ ހަރުފަތައް ހިފުމަށް އެ ހޮސްޕިޓަލުން ކިތައްމެ ފަހަރަކު އޭނާއަށް ގުޅާ ކަމަށެވެ.
"ހަރުފަ ހޮސްޕިޓަލަށް ގެންދިއުމުން އެ ތާނގެ އެހެން ހުރިހާ މީހުން ނުރައްކަލަށް ހުށަހެޅޭނެ. ހަރުފައަކީ އެތައް ބަޔަކު ބިރުގަންނަ އެއްޗެއް. އަހަރެމެން އެއްވެސް މީހަކު ހަރުފައެއް ހޮސްޕިޓަލު ތެރެއިން ފެންނާކަށް ބޭނުމެއް ނުވާނެ،" ޖޯނަސް ބުންޏެވެ.
ބަންޑަބާގް ހޮސްޕިޓަލާއި ކުއީންސްލޭންޑްގެ ބައެއް އެހެން ސިއްހީ ފަރުވާ ދޭ މަރުކަޒުތައް ހިންގާ ވައިޑް ބޭ ހޮސްޕިޓަލް އެންޑް ހެލްތު ސާވިސްއިން ވަނީ ހަރުފަ ވިހަ ލުމުން ކަންތައް ކުރާނެ ގޮތް ސޯޝަލް މީޑިއާގައި ކިޔައިދީފައެވެ. އެ ގޮތުން ހަރުފަ ދައިގަތް ތަން ނުދޮވުމަށާއި ބެންޑޭޖް ނުކުރަން އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން ޓޯނިކަޓް ނުއޮޅުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ. ޓޯނިކަޓަކީ ކަނޑައިގެން ދާ އަތުގެ ނުވަތަ ފައިގެ ތަނަކުން ލޭ މަނާ ކުރުމަށް އޮޅާލާ ބޭންޑެކެވެ.
ހަރުފަ ދައިގަތް ތަން ތޫނު އެއްޗަކުން ކަފައިގެން ނުހުޅުވުމަށާއި ވިހަ ލީ ތަނުގައި އަނގަ ޖަހައިގެން ވިހަ ދަމައިގެން އެ ވިހަ ބޭރު ކުރުމަށް މަސައްކަތް ނުކުރުމަށް ވެސް އެދިފައިވެއެވެ.
"ވިހަ ލީ ހަރުފަ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމަށް ނުގެނައުމަށް ވެސް އެދެން،" ބަންޑަބާގް ހޮސްޕިޓަލް ހިންގާ ފަރާތުން ސޯޝަލް މީޑިއާއަށް ލީ ލިޔުމެއްގައި ބުނެފައިވެއެވެ.