Support Us

ކޮލަމް ކަލާވެހި: މީގެ 19 އަހަރު ކުރީން އަޅުގަނޑު ދެއްކި ވާހަކަޔަކާ ބެހޭ…

މިތާނގައި އަޅުގަނޑު ފުރަތަމަ މި ނަކަލު ކޮށްލަނީ މީގެ 19 އަހަރު ކުރީން "ޖަމާޢަތުގެ ޚަބަރު" މި މަޖައްލާޔަށް އަޅުގަނޑު ހިތުލޯބިން ދަރުމަޔަށް ދިނީމައި، އެ މަޖައްލާގެ ފެބުރުއަރީ 2005މ. ގެ ޢަދަދުގައި "އާންޓީގެ އުފަންދުވަހާއި، މަޢުލޫމާތު ފޯމާއި، މިކަހަލަ ދެތިން ވާހަކަ" މި ސުރުޚީގެ ދަށުން ޝާއިޢުކުރެވުނު މަޒުމޫނެވެ. މަޒުމޫނު ގެ ނަކަލަށް ފަހު، މި މަޒުމޫނުގެ ފަހު ޕެރެގުރާފުގައި ދެން އޮންނާނީ މިހައިރު އެ މަޒުމޫނާ ބެހޭގޮތުން އަޅުގަނޑު ދަންނަވަން އޮތް ދެތިން ވާހަކަޔަކާއި ދެތިން ސުވާލެކެވެ.

….

އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކު ކުރާން ބޭނުންވި ކަމެކެވެ. ކަމުގެ ބާވަތުން ރަނގަޅު، ނިޔަތް އޮތްގޮތުން ހެޔޮ، ނަތީޖާވެސް މޮޅުކަމަށް ލަފާކުރެވޭ ކަމެކެވެ. ކަމަކީ ތޯއެވެ! ކުޑަކުޑަ އަންހެން ދަރިފުޅަށް ކިޔަވައިދެއްވުމުގައި ޚާއްޞަ ގޮތެއް ގެންގުޅުއްވާ "އާންޓީ"ގެ އުފަންދުވަސް ހޯދައި، ޒަމާނީ ހުވަނދުފުޅިޔެއް ވެދުމަށް އެރުވުމެވެ. ކަމަކީ އޭގެ ޒާތުގައި ކޮށްލަން ފަސޭހަ ކަމެކޭ ބުނެލަން ފަސޭހަވިޔަސް، ކަމަށް ޢަމަލީ ސިފަ ގެނައުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އާންޓީގެ އުފަންދުވަހަކީ ޢާންމުކޮށް ޝާއިޢުކޮށްފައި އޮންނަ އެއްޗެއް ނޫނެވެ. އެހެނެއް ކަމަކު، ސީދާ އާންޓީއަށް ފޯނުކޮށްފައި އުފަންދުވަހަކީ ކޮބައިތޯ އެހުމަކީ އައިބު ކަމަކަށްވެސް ވެއްޖެއެވެ. އައިބު ކަމަކަށް ވިޔަސް، ފޯނުކުރެވޭނީވެސް މޯބައިލް ފޯނުގެ ނަންބަރުވެސް ލިބިގެންތާއޭ، ދިރާގަށް ފޯނުކޮށްގެން ނަންބަރު ލިބޭނީ ވެސް އާންޓީ ގެންގުޅުއްވަނީ ޕުރިޕެއިޑް ނަންބަރެއް ނޫން ނަމަ ތާއޭ ބުނެލެވިއްޖެއެވެ. އެހެން ނޫނަސް، އެ ތަނުންވެސް އެހީއެއް ލިބޭނީވެސް އާންޓީ އުޅުއްވާ ތަނެއްގެ އެޑްރެސް ވެސް އެނގިގެންތާއޭ ބުނެލަން މަޖުބޫރު ވެއްޖެއެވެ.

ބޭނުން މި ވީ މަޢުލޫމާތެވެ. ހޯދޭނޭ ފަސޭހަ ގޮތެއް ހަމަ ނެތެވެ…. ނޫން! ނޫން! އެބައޮތެވެ. ދަރިފުޅު ކިޔަވަން ދާ ޕުރައިވެޓް ސްކޫލްގެ އޮފީހުގައި މެންދުރުފަހުން އިންނަ ދެނަންބަރު ކާތިބާޔަކީ ގާތް ކުއްޖެކެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާގެ އަންހެނުންގެ ރައްޓެއްސަކު އެއް ޒަމާނެއްގައި ކޮޓަރިޔެއް ކުއްޔަށް ހިފައިގެން ހުރި ގެއެއްގެ ވެރި މީހާގެ ދޮންދަރިޔެކެވެ. އޭނާޔާ ގުޅައިލަނިކޮށް އަލި މަގެއް ފެނިދާނެ ކަންނޭނގެއެވެ.

"އައްސަލާމް ޢަލައިކުމް! ރަޙުމާތޯ؟" އަޅުގަނޑުގެ ރަޙުމަތްތެރިޔާ ގުޅައިލީ ދެންމެ މިދެންނެވި ކާތިބާޔާއެވެ. "އަޅުގަނޑު މި ގުޅައިލީ…"

މިކޮޅުން ރަޙުމާޔަށް ދިން މަޢުލޫމާތުގެ ތެރޭގައި، އަޅުގަނޑުގެ ރަޙުމަތްތެރިޔާގެ އަންހެނުންގެ ރައްޓެއްސެއް ކަމަށް އެ ބުނާ މީހާގެ ނަމާއި، އެ މީހަކާ ރަޙުމާޔާ ދެމެދު އޮތްކަމަށް ފެންނަ ގާތްކަމެއްގެ ވާހަކަޔާއި، މި ގުޅަނީ އެ މީހަކު ބުނެގެން ކަމާއި، އާންޓީގެ މަޢުލޫމާތަށް ބޭނުންވާ ވާހަކަ ހިމެނުނެވެ. މި މަޢުލޫމާތުގެ އަލީގައި ރަޙުމާ ދިން ޖަވާބު އެޔަށް ވުރެ މާ ފުރިހަމައެވެ. އާންޓީގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އުފަން ދުވަހާއި، އުފަން ރަށާއި، ވަގުތީ އެޑުރެހާއި، ދާއިމީ އެޑުރެހާއި، ގުޅޭނޭ ފޯނު ނަންބަރުތަކާއި، ސްކޫލަށް ހާޒިރުވާ ގަޑިތަކާއި، މިހުރިހައި މަޢުލޫމާތެއް ވަގުތުން ކިޔާލަދިނެވެ. އޭނާ އެ މަޢުލޫމާތު ދިނީ ސްކޫލް އޮފީހުގައި އޮންނަ ފައިލަކުން ބަލައިގެން ކަމާއި، އެ ފައިލުގައި އޮތް ފޯމަކީ އާންޓީގެ ސޮޔާއެކު އޮތް ޞައްޙަ ލިޔުމެކޭވެސް ބުންޏެވެ.

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ކުރާން ބޭނުންވި ކަންތައް ކުރިއެވެ. ކަން ވީވެސް ރަނގަޅު ކަމަކަށެވެ. ނިޔަތް އޮތް ގޮތަށް ނިމިގެން ދިޔަ، ހެޔޮ ކަމަކަށެވެ. ކަމުގެ ނަތީޖާވެސް މޮޅެވެ. ޢިއްޒަތްތެރި ބެލެނިވެރިޔެއްގެ ފަރާތުން ލިބިވަޑައިގަތް، ޒަމާނީ ފެޝަނަށްވެސް ފެތޭ "ސަޕްރައިޒް" ހަދިޔާޔާ އެކު، ލޮބުވެތި ދަރިވަރުގެ ލޯބިލޯބި އަޑުން މާ ހެނދުނާ އެކީ "ހެޕީ ބާތުޑޭ" ގެ އަޑު ފޯނުން އެއްސެވީ ކޮޅުގެކޮޅަށް އުފާކުރައްވަމުންނެވެ. ތަޢުލީމީ ދާއިރާޔަކީ ޚިދުމަތްތެރިޔަކަށް ފާގަތި، މަސައްކަތްތެރިޔަކަށް ހަންހާރަވެތި ދާއިރާޔެއްކަން ޤަބޫލުކުރައްވަމުން މެއެވެ.

މިދެންނެވި އުފާވެރި ޙާދިޘާ ހިނގައި ދިޔަތާ ދެތިންހަތަރު ހަފުތާ ވެއްޖެއެވެ. މިއަދު އަޅުގަނޑުގެ ރަޙުމަތްތެރިޔާގެ އަތަށް އެ ލިބުނީ އޭނާގެ ދޮށީ ދަރިފުޅު ކިޔަވަން ދާ ތަނުން ފޮނުއްވި ފޯމެކެވެ. މިއަދުން މިއަދަށް ފުރައިފައި ސްކޫލަށް އަނބުރައި ދައްކަންޖެހޭ ފޯމެކެވެ. ފޯމުގައި ހުރި ހުސް ތަންތަނުގެ ތެރޭގައި ކުއްޖާގެ ބެލެނިވެރިޔާގެ ފުރިހަމަ ނަމާއި، ވަގުތީ އަދި ދާއިމީ އެޑްރެހާއި، އުފަން އަތޮޅާއި، ރަށާއި، އުފަން ތާރީޚާއި، ގެޔާއި، މޯބައިލް އާއި މަސައްކަތްކުރާ ތަނުގެ ފޯނުނަންބަރުތަކާއި، އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކާއި، މަހެއްގެ މައްޗަށް ދަރިވަރާ ބެހޭ ކަންތައްތައް ކުރާން ޚަރަދުކުރާ ވަރާއި، އެއީ ލިބޭ ޖުމުލަ އާމްދަނީގެ ކިތައްބައިކުޅަ އެއްބައިތޯއާއި، ބެލެނިވެރިޔާގެ އަނބިދަރީންގެ ޢަދަދާއި، އެ މީސްމީހުންގެ އުފަން ތާރީޚު ޖަހަން ހުރި ތަންތަން ހިމެނެއެވެ.

އަޅުގަނޑުގެ ރަޙުމަތްތެރިޔާގެ މެޔަށް ފެންއެއްޗެއް އަޅައިލިހެން ހީވެގެން، ހަމަ ދާދީ ދެންމެޔަކު އޭނާ އެ ގުޅީ އަޅުގަނޑާއެވެ. މިހުރިހައި މަޢުލާމެއް ހަމަ ދޭންވީތޯވެސް އެހިއެވެ. ފޯމު ފުރިހަމަޔަށް ފުރައިގެން އަވަހަށް އަނބުރާ ގެންދަން އެއިރުވެސް ދަރިފުޅު ބާރުއަޅަނީއެވެ. ވޮލީ ޓީމުގައްޔާއި ތިމާވެށި ދަތުރުގައި ބައިވެރިވެވޭނީ ފޯމު އަނބުރާ ގެންދާ ކުދީންނަށޭ ބުނި އަޑު ފޯނުންވެސް އިވުނެވެ. ކުރާނޭ ކަމެއް ނެތޭ، ވިސްނާނޭ ވަގުތެއް ނެތޭ، ދަރިފުޅުގެ އުފަލޭ، ރަނގަޅު ވާނޭ، ފޯމު ފުރާލާށޭ އަޅުގަނޑު ބުނީމެވެ.

އަޅުގަނޑުގެ ރަޙުމަތްތެރިޔާ އަޅުގަނޑަށް ޝުކުރު އަދާކޮށްފައި ފޯނު އެ ބޭއްވީ، މިއަދަކީ އަޅުގަނޑުގެ އުފަންދުވަސް ކަން ވެސް ހަނދާން ނައްތައިލާފައެވެ. އުފަންދުވަހުގެ ތަހުނިޔާވެސް ނުކިޔައެވެ. އެހެން އެ ވީ ވެފައިހުރި ހާހުން ކަން ޔަޤީނެވެ. އޭނާ އަދި ގުޅާނެއެވެ!

އެ ގުޅަނީއެވެ. އަޅުގަނޑުގެ ވަރަށް ގާތް މީހުންނަށް ނޫނީ ނުދޭ ޚާއްޞަ މޯބައިލް ފޯނަށެވެ. އަޅުގަނޑު އުފަލާ އެކު ފޯނަށް ބަލައިލީމެވެ. ދެން ވާންޖެހުނީ ޙައިރާނެވެ. ފޯނުކުރަނީ އަޅުގަނޑު މާ ފަރިތަ ނަންބަރަކުން ނޫނެވެ. އެކަމަކު އެ ނަންބަރަކީ ކޮންމެވެސް ގޮތަކުން އަޅުގަނޑު ދަންނަ ނަންބަރެކެވެ. އެހެންކަމުން އަޅުގަނޑު އެ ފޯނަށް ޖަވާބުދިނީމެވެ.

"އައްސަލާން ޢަލައިކުމް! ކޮން ބޭފުޅަކު ކޮން ކަމަކު ތޯ؟

"ވަޢަލައިކުމުއް ސަލާމް! މިއީ— ކުންފުނީގެ މާކެޓިން މެނޭޖަރު ޝުހާދު. އުފަންދުވަހުގެ އެންމެހައި ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން. އަދި މި އަންނަ އަހަރުވެސް މި ފުރުޞަތަށް އުންމީދުކުރަން. އެނގިވަޑައިގަންނަވާތޯ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުންނަވަން އެންމެ ބޮޑަށް ބޭނުންފުޅު ވާނޭ އެކަތި؟ އެއީ އަޅުގަނޑުމެން ވިއްކާ—"

އެ ނަންބަރަކީ ކޮންމެވެސް ގޮތަކުން ދަންނަ ނަންބަރަކަށް ވީ ކީއްވެކަން އެނގިއްޖެއެވެ. ޓީވީ އާއި މަގުމަތީ ފިލާތަކުން ފެންނާތީއެވެ. އެކަމަކު އެމީހުންނަށް އަޅުގަނޑުގެ އުފަންދުވަހާއި ޚާއްޞަ ފޯނުނަންބަރުގެ މަޢުލޫމާތު ލިބުނީ ކިހިނެއް ބާވައެވެ؟ އަޅުގަނޑުގެ ހަގު ދަރިފުޅު ކިޔަވަންދާ ތަނުގައި އިންނަ ދެނަންބަރު ކާތިބާގެ ގާތުން ބާވައެވެ؟ ދޮށީ ދަރިފުޅަށްޓަކައި ފުރާން ޖެހުނު ފޯމު ލީކުވެގެން ބާވައެވެ؟ ކޮންމެވެސް ތަނެއްގައި އޮތް ލިޔުމަކުން ބާވައެވެ؟ މި ގޮތަށް އެއްކުރެވި، އެކި ބޭނުމަށް އެކި ތަނުގައި ރައްކާކުރެވިފައި ހުންނަ މަޢުލޫމާތު ދާއިރާއިން ބޭރުވުން ހުއްޓޭނޭ ޤާނޫނީ އެއްވެސް ހުރަހެއް އެބަ އޮތްބާވައެވެ؟ އަޅުގަނޑަށް ދެންމެ ފޯނުކުރި ކުންފުނީގެ ފަރާތުން އެ ކުރާނީ ޢާންމު އުނދަގުލެއް ބާވައެވެ؟ އެހެން ނޫނީ… މި ކަހަލަ އެތަކެއް ސުވާލެއް މިހައިރުވެސް އަޅުގަނޑުގެ ކުރިމަތީގައި ފައިހަމަކޮށް ހިނގަމުން އެބަހަރަގެން ދެއެވެ.

އާދެ! 2005މ. ވަނަ އަހަރުގެ މަޒުމޫނުން ފެނިވަޑައިގަންނަވާން އެ އޮތީ އެ ދުވަސްވަރު އަޅުގަނޑު ބޭނުންކޮށް އުޅުނު "ސްޓައިލް" އާއި ބަސްމަގެވެ. ޝާއިޢު ކުރެވިގެން އެންމެންގެ ކުރިމައްޗަށް ނިކުތީ އެ ޒަމާނުގެ އެ ފެންވަރުންނެވެ. ކުޅަދާނާ ކާތިބެއް ނުވަތަ ކާތިބާޔެއްގެ ރީތި އަތުލިޔުމުން، އޯފްސެޓް ޗާޕުންނެވެ. ދެން އެހެރީ އެ ޒަމާނާ، މި ޒަމާނާ، ޒަމާނުގެ ސަބަބުން ލިޔުންތެރީންނާއި، ލިޔުންތެރިކަމަށާއި، ލިޔުންތެރި ކަމުގެ އަށިތަކަށް އަންނާނޭ އަދި އަންނާން ޖެހޭ ތަފާތުތަކާއި ބަދަލުތަކަށް ބެލޭނޭ އެއް ގޮތް، އެހެންނޫންތޯއެވެ؟

ދެން މަޒުމޫނުގެ "ސްޓައިލް" އާއި ބަސްމަގުގެ ވާހަކަ އެ ހިސާބަށް ބާއްވައިފައި، އަޅުގަނޑުގެ ހިތުގައި އެއިރުވެސް އުފެދިގެން ގަލަމު ތުނޑާ ހަމަޔަށް އައި ސުވާލުތަކަށް މިހައިރު އެކަށީގެންވާ ބީދަޔަކުން ޖަވާބު ލިބިއްޖެ ބާވައޭ އަޅުގަނޑު ހިތަށްއަރައެވެ. އެ އިރުގެ އެ ސުވާލުތަކުގައި މިހައިރުގެ ރަހަޔެއް ކުޑައިކޮށް ހިއްޕައިލައިފައި، އެކަމަކު އެ ދުވަހުގެ އެ ސުވާލުތަކުގެ އަޞްލު ރޫޙަށް މާކަބޮޑު ބަދަލެއް ނުގެނެސް، މިތާނގައި ދަންނަވައިލާނަމެވެ.

މިހައިރުގެ މޮޅު "ޓެލެމާކެޓިން" ފަންނާނުންނަށާއި، އިންތިޚާބެއް ކުރިމަތިވާއިރު އެކި ދިމަދިމައިގައި އެ ހުޅުވޭ ކެންޕޭނު އޮފީސްތަކަށް އަޅުގަނޑުމެންގެ ފުރިހަމަ ނަންތަކާއި، އުޅޭ އެޑްރެސް ތަކާއި، އުފަން ތާރީޚާއި، އަނބިދަރީންގެ އެންމެހައި މަޢުލޫމާތަކާއި، ގެންގުޅޭ ޚާއްޞަ ފޯނުނަންބަރުތަކުގެ މަޢުލޫމާތު ލިބެނީ ކިހިނެއް ބާވައެވެ؟ ކޮންމެވެސް ތަނެއްގައި އިންނަ ޅަފުރައިގެ ކާތިބާއެއްގެ ގާތު ސިއްރުސިއްރުން ބުނެލައިގެން އެ މަގުން ބާވައެވެ؟ ނުވަތަ ކޮންމެވެސް ޚިދުމަތެއް ކޮންމެހެން ބޭނުންވެގެން ރަސްމީ ތަންތަނަށް ހަމަ ކޮންމެހެން ލާންޖެހިގެން ލައިފައި ހުންނަ ފޯމުތައް ނުސިޔާނު މަގަކުން ލީކުވެގެން ބާވައެވެ؟ ނުވަތަ ކޮންމެވެސް ތަނެއްގައި ރައްކާކުރެވިފައި ހުންނަ މުހިންމު ލިޔުންތަކަކަށް ވަކިބަޔަކަށް "އެކްސެސް" ދެވިގެން ބާވައެވެ؟ އެހެން ކަމަށް ވަންޏާ، ރަސްމީ އެކި ފަރާތްތަކުން އެއްކޮށް، އެކި ބޭނުމަށް އެކި ތަނުގައި ރައްކާކޮށްފައި އެ ހުންނަ މަޢުލޫމާތު، އެ ފަރާތްތަކުގެ ރައްކާތެރިކަމުގެ ދާއިރާއިން ބޭރުވުން ހުއްޓޭނޭ ޤާނޫނީ އެއްވެސް ހުރަހެއް މިއަދު އެބަ އޮތްބާވައެވެ؟ އަދި ބައެއް ފަހަރު ރޭގަނޑާއި ފަތިހުގެ ނުގަޑިތަކުގައި، އަންނަ ފޯނަށް ޖަވާބުދޭ ފަރާތްތަކުގެ އެދުމެއް ނުވަތަ ރުހުމެއް ނެތި، އެ އަންނަ ފޯނުކޯލް ތަކަކީ ޢާންމު އުނދަގުލުގެ ބާބުގައި ހިމެނޭ ފަދަ ކޯލް ތަކަކަށްވެސް ނުވެ ހިނގައިދާނޭ ބާވައެވެ؟