...

Support Us

ބައިނަލްއަޤްވާމީ ފުޓްބޯޅައާއި ވޯލްޑްކަޕް

ދުނިޔޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ފުޓްބޯޅަ މެޗަކީ 1872 ވަނަ އަހަރު ގްލާސްގޯގައި ސްކޮޓްލޭންޑާއި އިނގިރޭސިވިލާތާ ކުޅުނު މެޗެކެވެ. ދުނިޔޭގައި ގިނަ ޤައުމުތަކަކުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތަކީ އިނގިރޭސިވިލާތުގައި 1884 ވަނަ އަހަރު ބޭއްވި ބްރިޓިޝް ހޯމް ޗެމްޕިއަންޝިޕެވެ. ފުޓްބޯޅައިގެ މަގުބޫލުކަން 20 ވަނަ ގަރުނުގެ ކުރީކޮޅު ދުނިޔޭގައި އިތުރުވަމުން ދިޔުމުގެ ނަތީޖާއަކީ 1900 އާއި 1904 ވަނަ އަހަރުގެ ހޫނު މޫސުމުގެ އޮލިމްޕިކްސްގައި ފުޓްބޯޅަ ކުޅޭގޮތަށް ހަމަޖެހުމެވެ. އެކަމަކު އެއީ މެޑެލި ނުލިބޭގޮތަށް ދައްކާލުމަށް ކުޅުނު ކުޅިވަރެއްގެ ގޮތުންނެވެ. އޮލިމްޕިކް ކޮމެޓީން ރަސްމީ ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ބަލައިގަތީ 1906 ވަނަ އަހަރު ބޭއްވި އިންޓަކެލެޓެޑް ގޭމްސްގައެވެ.

ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯޅަ އެސޯސިއޭޝަން (ފީފާ) އުފެދުނީ 1904 ވަނަ އަހަރުއެވެ. ފީފާއިން 1906 ވަނަ އަހަރު ސްވިޒަލޭންޑްގައި އޮލިމްޕިކްސްގެ ފްރޭމްވޯކުގައި ނުހިމެނޭ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް އިންތިޒާމުކުރަން މަސައްކަތް ކުރިއެވެ. ފީފާގެ ތާރީޚުގައި މިއީ ނާކާމިޔާބު މުބާރާތެކެވެ. އެހެން ނަމަވެސް އޮލިމްޕިކްސްގައި ކާމިޔާބު ފުޓްބޯޅަ މުބާރާތްތަކެއް ކުރިއަށް ގެންދިޔައެވެ.

އޮލިމްޕިކް ފުޓްބޯޅަ މުބާރާތްތަކުގެ ކާމިޔާބީތަކާއެކު ފީފާއިން އަނެއްކާވެސް އޮލިމްޕިކްސްގެ ބޭރުގައި އަމިއްލަ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރިއެވެ. މިގޮތުން 28 މެއި 1928 ގައި އެމްސްޓަރޑަމްގައި ބޭއްވި ފީފާ ކޮންގްރެސްއިން ދުނިޔޭގެ ޗެމްޕިއަންޝިޕެއް ބާއްވަން ނިންމިއެވެ. ފީފާއިން ފުރަތަމަ ވޯލްޑް ކަޕް އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވުމަށް ނިންމީ އެ އަހަރަކީ އެ ޤައުމުގެ މިނިވަންކަމަށް 100 އަހަރު ފުރުން ފާހަގަކުރި އަހަރަށް ވެގެންނެވެ.

މި މުބާރާތް އުރުގުއޭގައި ބޭއްވުމުން އެޓްލާންޓިކް ކަނޑު ހުރަސްކޮށް ދިގު އަދި ޚަރަދު ބޮޑު ދަތުރެއް ކޮށްފައި މުބާރާތުގައި ބައިވެރިވުމަށް ޔޫރަޕުގެ ޤައުމުތަކަށް ވަރަށް ބޮޑަށް ދަތިވިއެވެ. ހޮވާލެވުނު ގައުމުތަކުގެ ޤައުމީ ޖަމިއްޔާތަކަށް ޓީމެއް ފޮނުވުމަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 13 ޤައުމަކުން ބައިވެރިވިއެވެ. އެއީ ދެކުނު އެމެރިކާއިން ހަތް ޤައުމާއި ޔޫރަޕުން ހަތަރު ޤައުމާއި އުތުރު އެމެރިކާއިން ދެ ޤައުމެވެ.

ވޯލްޑް ކަޕްގައި އެންމެ ފުރަތަމަ ދެ މެޗު އެއްފަހަރާ ކުޅުނީ 13 ޖުލައި 1930 ގައެވެ. އެއީ ފްރާންސާއި މެކްސިކޯއާއި އެމެރިކާއާއި ބެލްޖިއަމް ބަދަލުކުރި މެޗެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ފްރާންސްގެ ލޫސިއަން ލޯރެންޓެވެ. ފައިނަލުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ޤައުމަށް އުރުގުއޭ ވީ މޮންޓެވިޑެއޯގައި 93،000 މީހުންގެ ކުރިމަތީގައި އާޖެންޓީނާ 4-2 އިން ބަލިކޮށްގެންނެވެ.

ފުރަތަމަ ވޯލްޑްކަޕްގައި އާޖެންޓީނާ 4-2 އިން ބަލިކޮށް އުރުގުއޭ ތަށި ހޯދީ 30 ޖުލައި 1930ގައި

ވޯލްޑް ކަޕްގެ ކުރީކޮޅު މުބާރާތްތަކުގައި ކުރިމަތިވި މައްސަލަތަކަކީ ދުނިޔޭގެ އެއްބައްރުން އަނެއް ބަރަށް ކުރަންޖެހޭ ދަތުރުފަތުރުގެ ދަތިތަކާއި، ހަނގުރާމަތަކެވެ. ބްރެޒިލް އާއި ކިއުބާ ފިޔަވައި އުތުރު އެމެރިކާގެ ހުރިހާ ޤައުމަކުން 1938 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވަނީ ބޮއިކޮޓްކޮށްފަ އެވެ. ޖަރުމަނާއި ބްރެޒިލުން 1942 އަދި 1946 ވަނަ އަހަރު ބާއްވަން އުޅުނު މުބާރާތްތައް ދެވަނަ ބޮޑު ހަނގުރާމައާއި އޭގެ ފަހުން ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ.

ފީފާއިން 1920 ވަނަ އަހަރު ވަކިވެފައިވާ އިނގިރޭސީން ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ބައިވެރިވީ ބްރެޒިލްގައި 1950 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. އިނގިރޭސީން ފީފާއާ އަލުން ގުޅުނީ ފީފާގެ ދައުވަތަކަށް 1946 ވަނަ އަހަރުއެވެ. އަދި 1934 އާއި 1978 އާ ދެމެދުގައި ބޭއްވި ވޯލްޑްކަޕްގެ ކޮންމެ މުބާރާތެއްގައި 16 ޓީމު ވާދަކުރިއެވެ. ނަމަވެސް 1938 ވަނަ އަހަރު ކޮލިފައިވުމަށްފަހު އޮސްޓްރިއާ ޖަރުމަނާއެކުވެ، 15 ޓީމަށް ބަދަލުވިއެވެ. އަދި 1950 ވަނަ އަހަރު އިންޑިއާ، ސްކޮޓްލޭންޑް އަދި ތުރުކީ މުބާރާތުން ވަކިވުމުން އެ މުބާރާތުގައި ކުޅުނީ 13 ޓީމެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 1982 ވަނަ އަހަރު 24 ޓީމަކަށް ފުޅާކޮށް، އަދި އޭގެ ފަހުން 1998 ވަނަ އަހަރު 32 ޓީމަށް ފުޅާކުރިއެވެ. މި ނިންމުމުގެ ސަބަބުން އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާގެ އިތުރު ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. އަދި 10 ޖެނުއަރީ 2017 ގައި ފީފާއިން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ފައިނަލިސްޓް ޓީމު ހިމެނޭނެކަން ހާމަކޮށްފައެވެ. މި އަހަރު ގަތަރުގައި މި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ 22 ވަނަ ވޯލްޑް ކަޕެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *