...

Support Us

ރަށެއްގެ މަގުމަތީގައި ހުރި ފެންވަޅަކުން ދެ ކުއްޖަކު ބަނޑިޔަލަށް ފެންފުރަނީ..... --ފޮޓޯ: ހަސަން ނަޖުމީ

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރާއިރު…

ރަޙުމާންވަންތަ ރަޙީމްވަންތަ ކަރީމްވަންތަ މާތް ﷲ ތަބާރަކަ ވަތަޢާލާގެ ނިޢުމަތްތަކުގެ ތެރެއިން އެންމެބޮޑު ނިޢުމަތެއް ކަމުގައި ފެން ހިމެނެއެވެ. ދިރުން ވަނީ ފެނުންނެވެ. ދިރޭ ހުރިހާ އެއްޗެއް ހައްދަވާފައި ވަނީ ފެނުންނެވެ. އަދި ދުނިޔޭގެ ބޮޑުބައި ވަނީ ފެނުންނެވެ.

ފެނާ ނުލައި އިންސާނުންނާއި މަޚުލޫޤުންނަށް ދިރިނޫޅެވޭނެއެވެ. ފެން ނެތްތާކުވެސް އިންސާނުންނާއި މަޚުލޫޤުންނަށް ދިރިނޫޅެވޭނެއެވެ. ވީމާ، ފެނުން ހެއްދެވުނު އިންސާނުންނަށް އެންމެ ބޭނުންތެރި އެއްޗަކީވެސް ފެނެވެ.

ދިވެހިރާއްޖެއަކީ މާކަނޑުގެ ތެރޭގައި އުފެދިފައިވާ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ނާޒުކު ގައުމެކެވެ. ރާއްޖޭގެ ހިކިފަސް ސަރަހައްދު، ރާއްޖޭގެ ކަނޑުގެ ސަރަހައްދާ އަޅާބަލާއިރު އެންމެ އިންސައްތައެއްވެސް ނުހިމެނެއެވެ. ނުވަދިހަ ނުވަ އިންސައްތައަކީ ކަނޑެވެ. ވީމާ، ފެނުގެ ގޮތުން ރާއްޖެއަކީ ތިޔާގި ގައުމެކެވެ.

ރަށެއްގެ މަގުމަތީގައި ހުރި ފެންވަޅަކުން ދެ ކުއްޖަކު ބަނޑިޔަލަށް ފެންފުރަނީ….. –ފޮޓޯ: ހަސަން ނަޖުމީ

ތާރީޚީގޮތުން ބަލާއިރު ރާއްޖޭގެ ރަށްރަށުގައި ޒަމާނުއްސުރެ ފެންބޯން ކަނޑައެޅިފައިވާ ފެންމީރު ވަޅުތަކެއް ފާހަގަކުރެވިފައިވެއެވެ. ގިނަފަހަރަށް އެއީ މިސްކިތްތަކުގެ ވަޅުތަކެވެ. ނުވަަތަ މިސްކިތްތަކުގެ ސަރަހައްދުގައި ހުރި ވަޅުތަކެކެވެ. އަދި މިނޫން ތަންތަނުގައި މީރުފެންވަޅުވަޅު ހުއްޓެވެ.

އަދި ފެންބަލާދިއުުމުގެ އާދަކާދަ ހިމެނިފައި ވަނީ، 1980ގެ އަހަރުތަކާއި ހަމަޔަށް 1000 އަހަރު ދިވެހި އަންހެނުންގެ ސަގާފީ އާދަކާދައެއް ކަމުގައެވެ. އިހުޒަމާނުގައި ކޮންމެ ގޯއްޗެއްގައި ވަޅެއް ނުހުރެއެވެ. ވީމާ، ފެންވަރާވަޅު އިހުޒަމާނުގައި ބައެއްގޭގެ ނުވަތަ ގޯތިގޯތިން ހިއްސާކުރިއެވެ. އަދި ބައެއް ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮޑުވަޅުވެސް ހުރެއެވެ. ވެރިރަށް ފުރަމާލޭގައިވެސް ދަތުރުވެރީން ފެންވަރަން ޚާއްޞަ ވަޅުހުއްޓެވެ.

ރަށެއްގެ ޒުވާން ތިން ކުއްޖަކު ބަނޑިޔަލަށް ފެން ފުރައިގެން ގެއަށްދަނީ….. –ފޮޓޯ: ހަސަން ނަޖުމީ

މީގެ 200 އަހަރު ކުރިން 1800ގެ އަހަރުތަކުގައި އިނގިރޭސީން ރާއްޖޭގެ ޗާޓުކުރެހި ދުވަސްވަރު ކެޕްޓަން މޮރަސްބީ ވަނީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފެން ރަނގަޅު ރަށްރަށް ފާހަގަކުރައްވާފައެވެ.

މީގެ 110 އަހަރު ކުރިން 1911/ 1912ގެ ރާއްޖޭގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ހުރީ 13،781 ގެއެވެ. ވީމާ، ފެންވަޅުގެ އަދަދު ގާތްގަނޑަކަށް 13،000 ވަރެވެ. މިއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)އިގެ ރަސްކަމުގެ ދުވަސްވަރެވެ.

މާލޭގައި ބޮޑެތި ތާނގީތައް ބަހައްޓައި ރައްޔިތުންނަށް އެއިރުގެ ހާލަަތަށް އެެކަށޭނަ ބޯފެން ލިބުމުގެ އިންތިޒާމު ދައުލަތުގެ ފަރާތުން ހަމަޖެއްސެވީވެސް މި ރަސްކަމުގައެވެ.

ރަށެއްގެ އަތިރިމަތީގައި ހުރި ވަޅަކުން ދެ ކުއްޖަކު ފެންވަރަނީ….. –ފޮޓޯ: އެލިޒީ

ސަރުކާރުގެ ފަރާތުން ފެނާބެހޭ ޚާއްޞަ އިދާރާއެއް "މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ" މިނަމުގައި އުފެދުނީ 28 ފެބުރުވަރީ 1973ގައެވެ. ރައީސް އިބްރާހީމް ނާޞިރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައެވެ. އޮނަރަބްލް އަޙްމަދު ޒަކީގެ ބޮޑުވަޒީރު ކަމުގައެވެ. މިއީ މެދުނުކެނޑި ހިނގަމުންމިދާ ފެނުގެ ކަންކަމުގެ ސަރުކާރުގެ އިދާރީ ނިޒާމުގެ ފެށުމެވެ! މި އިދާރީ ނިޒާމަށް 51 އަހަރުވީއެވެ!

ވެރިރަށް މާލޭގައި ބޯފެނުގެ އިސްކުރުތަކެއް 1980ގެ އަހަރުތަކުގައި ސަރުކާރުން ގާއިމުކުރެއްވިއެވެ. އަދި ރަށްރަށުގެ ބައެއް ގޯތިތަކުގައި ވާރޭފެންތާނގީ މީސްމީހުން އަމިއްލަގޮތުން ބެހެއްޓުން 1980ގެ އަހަރުތަކުގައި އާންމުވާން ފެށިއެވެ.

ކުޑަކުއްޖަކު ގިފިލި ވަޅުން ފެންވަރާތަން ފެންނަ ކުރެހުމެއް….. –ކުރެހުން: އާޓްސްއޮފްސިރު

ޒަމާނުގެ ބަދަލުތަކުގެ ތެރެއިން، މާލޭގެ މީރު ފެންފަށަލަ 1980ގެ އަހަރުތަކަށް އައިރުވަނީ ތަޣައްޔަރުވެފައެވެ. ވީމާ، މާލޭގެ ފެނާއި ނަރުދަމާގެ ޚާއްޞަ މަޝްރޫއެއް 1980ގެ ތެރޭގައި ސަރުކާރުން ހިންގެވިއެވެ. މިމަޝްރޫޢުގެ ނިމުން ފާހަގަކުރެވުނީ 1 އޮގަސްޓު 1988ގައެވެ.

މިހާރުގެ ޤާނޫނުއަސާސީ (7 އޮގަސްޓު 2008)ގައި، ފެނާއި ނަރުދަމާގެ ޚިދުމަތް މިވަނީ ދައުލަތުގެ ފަރާތުން ދެއްވަންޖެހިވަޑައިގަންނަވާ އަސާސީ ޚިދުމަތްތަކެއް ކަމަށް ކަނޑައެޅި ބަޔާންވެގެންނެވެ. މިކަމަށްޓަކައި އެންމެބޮޑަށް މަސައްކަތް މި ސަރުކާރުތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ!!ދުޅަހެޔޮކަމާއި ރައްކާތެރި ވެށްޓެއް ކަށަވަރުވުމެެވެ. ފެނުގެ ހިތްފަސޭހަކަމެވެ. މީރުފެނުގެ ހިތްގައިމުކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.