Support Us

ދިވެހި ސަރުކާރުގެ އެންމެ ބާރުގަދަ ވެރިޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ، ގެއްލުނުތާ 80 އަހަރު

އެއީ އޭރު ދިވެހި ސަރުކާރުގެ އެންމެ ބާރުގަދަ ވެރިޔާ ނުވަތަ ޗީފް މިނިސްޓަރެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ.

ޙަސަން ފަރީދު ދީދީ، 26 މާރިޗު 1944ގައި، ޢިނގިރޭސިވިލާތުގެ ރޯޔަލް ނޭވީ ބޯޓެއް ކަމަށްވާ އެޗް.އެމް.އެސް މާލޮއިގައި ކޮޅުމަޑުލުން ސިލޯނަށް ދަތުރުކުރައްވަން ފެށްޓެވިއެވެ. އަދި ޖެހިގެން އައި ދުވަހު، 27 މާރިޗުގައި ޖަރުމަނުވިލާތުގެ ސަބްމެރީނަކުން ދިން ޓޯރުޕިިޑޯ ހަމަލާގައި، އެޗް.އެމް.އެސް މާލޮއި ކަނޑަށް ފެތި އޭގައި ތިބި އެންމެން މަރުވީއެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީއާވެސް އެކުގައެވެ.

މީހުން އުޅޭ ރަށްތަކުގެ ތެރެއިން، އަލްއަމީރު ޙަަސަން ފަރީދު ދީދީ އެންމެ ފަހުން ވަޑައިގަތީ ތ. ހިރިލަންދުއަށެވެ. އެއީ މީގެ 80 އަހަރު ކުރިން 26 މާރިޗު 1944ގައެވެ. އެ ދަތުރުފުޅުގައި ހިރިލަންދޫ ރައްޔިތުންނާ (ކުދިބޮޑު އެންމެންނާ) ބައްދަލުކުރެއްވިއެވެ. ކާބޯތަކެތީގެ ކަންކަން ހުރިނެތް ގޮތާއި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި އޮޅުންފިލުއްވެވިއެވެ. އަދި ވަގުތުން ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވައި، ކާބޯތަކެތިވެސް ދެއްވިއެވެ.

ދެން ހިރިލަންދޫ ބައްތެއްޔެއްގައި ދަތުރުކުރެއްވީ ކޮޅުމަޑުލު "ވަންބަދި" ނަމަކަށް ކިޔާ ފަޅުރަށަކަށެވެ. ވަންބައްޖަށް ލައްގާފައި އޮތް ބޮމެއް 26 މާރިޗު 1944ގައި ގޮއްވާލިއެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ރާއްޖޭގެ ވެރިކަމުގެ އެންމެހައި ބާރުތައް ލިބިވަޑައިގަތީ ދުނިޔޭގެ ބޮޑުހަނގުރާމަ ފެށުމާއެކު 1939ގައެވެ. މިގޮތުން 1939 އިން 1944 އަށް، ކުރެއްވި ވެރިކަމުގައި 31 ޖަނަވަރީ 1940 އިން 23 އޭޕުރީލު 1942އަށް ވެރިކަންކުރެއްވީ ގާނޫނުއަސާސީއެއް ނެތިއެވެ. އެއީ 1932 އިން ފެށިގެން ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ 90 އަހަރުގެ ތެރޭގައި ގާނޫނުއަސާސީއެއް ނެތް ފުރަތަމަ ފަހަރެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ރާއްޖޭގެ ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތުމުން ސުލްޠާން ޙަސަން ނޫރުއްދީން ރަދުންނާއި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ފަރީދު ދީދީ ހަމަޖެހިގެންދިޔައީ ޝަރަފުވެރި ދެ މަޤާމެއްގެ ގޮތުގައެވެ. މިގޮތުގައި ތިއްބެވުމަށްފަހު (ބޮޑުހަނގުރާމައިގެތެރޭ) 7 އޭޕުރީލު 1943ގައި ރަދުންނާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވިއެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީ (1939އިން 1944އަށް) ރާއްޖޭގެ ވެރިކަން ކުރެއްވީ ރަަސްކަލެއް ނުވަތަ ބޮޑުވަޒީރެއްގެ ގޮތަކުންނެއް ނޫނެވެ.

ވަޒީރުއްދާޚިލިއްޔާ

(Minister of Interior Affairs)

ވަޒީރުލް ޚާރިޖިއްޔާ

(Minister of External Affairs)

ވަޒީރުލްއަމަންޢާންމު

(Minister of Defense)

ވަޒީރުލްމާލިއްޔާ

(Minister of Finance)

މި ހައިސިއްޔަތުތަކުންނެވެ.

ބޭރުގެ ބައެއް ލިޔުންތަކުގައި ހުރީ ދިވެހިރާއްޖޭގެ ޗީފް މިނިސްޓަރ ކަމަށެވެ.

(Maldivian Chief Minister)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *