Support Us

އަބުދުﷲ ބުން ޖަދުޢާންގެ ވާހަކަ

އަބުދުﷲ ބުން ޖަދުޢާނަކީ އަބޫބަކުރުއްސިއްދީޤުގެ ބައްޕާފުޅާ ދެބައިންގެ ދެދަރި މީހެކެވެ. ދީލަތިކަމުގެ ލާމަސީލު މިސާލެކެވެ. ހަޔާތުގެ ފުރަތަމަކޮޅުގައި ތަފާތު ގިނަ ކުށްތަކަށް އަރައިގަނެ، މީސްތަކުންގެ ނަފްރަތާއި ރުޅިވެރިކަން އިންތިހާއަށް ލިބިފައިވާ މީހެކެވެ. ޚުދު އަމިއްލަ އާއިލާއާއި އެކުވެރިންނާއި ޤަބީލާގެ މީހުންނާއި އަމިއްލަ ބައްޕަވެސް އޭނާ ދެކެ އިންތިހާއަށް ނަފްރަތު ކުރެއެވެ. މީސްތަކުން އޭނާއާ މެދު ދެކެމުން އައީ "ބަޅެއްގެ ނިގޫ ސަންފާ އޮނަކަށް ލިޔަސް ތެދު ނުވާނޭ" ބުނާ ފަދައިން ދުވަހަކުވެސް އިސްލާހުނުވާނެ މީހެއްގެ ގޮތުގައެވެ. އެހާވެސް ހައްދުން ނައްޓައިފައި ހުރި މީހެކެވެ. ދިރިއުޅެމުން އައީ އިންތިހާ ދަރަޖައިގެ ނިކަމެތިކަމަކާއި ބަނޑުހައިހޫނުކަމުގެ ތެރޭގައެވެ.

ކޮންމެއަކަސް ލިބިފައިވާ މާޔޫސްކަމާއި ނިކަމެތިކަމުގެ ސަބަބުން، އެއް ދުވަހަކު އަމިއްލައަށް މަރުވެދާނަމޭ ހިތައި މީނާ މައްކާގެ ވާދީތަކުގެ ތެރޭގައި ވަކި މިސްރާބެއް ނެތި އާވާރާވެފައިވާ މީހެއް ފަދައިން ހިނގަމުން ދިޔައެވެ. މިހެން ހިނގަމުން، ހޫރެމުން، އެއްލެމުން ދަނިކޮށް ފަރުބަދަތަކުގެ ތެރޭގައި ހުރި ކުޑަ ހޮހަޅައެއް އަނގަމައްޗާ ހަމަޔަށް މީނާއަށް ދެވުނެވެ. އެހިނދު އޭނާގެ ހޭވެރިކަންވީ ހަމަލާ ދިނުމަށް ތައްޔާރުވެގެން އޮތް ބޮޑު ސިންގާ ހަރުފައެއް އެ ހޮހަޅައިގެ އަނގަމަތިން ފެނުމުންނެވެ.

އެކަމާ ގަންނާކުރެއްވި ބިރުން ސިއްސައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. ނަމަވެސް ހަރުފައިގެ އެއްވެސް ހިލަމެއް ނުވުމުން އަނެއްކާވެސް ތެދުވެ ކުރިޔަށް ޖެހިލިއެވެ. މިފަހަރުވެސް ސިއްސައިގެން ގޮސްފައި ފަހަތަށް ޖެހިލެވުނެވެ. ފަހެ މިގޮތަށް މިކަން ދެތިން ފަހަރަކު ތަކުރާރުވުމަށްފަހު އިބްން ޖަދުއާނަށް ރޭކާލީ އެއީ ހަގީގީ ހަރުފައެއް ނޫންކަމެވެ. އަދި އެއީ ހަރުފައެއްގެ ސިފައިގައި ރަނުން ހަދާފައިވާ ބުދެއްކަމެވެ. އޭގެ ދެ ލޮލުގައި ހުރީ އަގުހުރި ދެ ޖަވާހިރުކަމެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަވަސްއަވަހަށް އޭގެ ދެލޯ އުފުރާލައިގެން ނެގިއެވެ. އަދި ހޮހަޅައިގެ ތެރެއަށް ރަނގަޅަށް ވަދެ ބެލިއެވެ. އެތެރެއަށް ވަދެ ތަނުގެ ތެރޭގައި ލިޔެފައިވާ ލިޔުންތަކަށް ނަޒަރު ހިންގައި ބެލުމުން، އިބުން ޖަދުއާނަށް އެނގުނީ އެއީ ޖުރްހޫމް ވަންހައިގެ ރަސްރަސްކަލުންގެ ގަބުރުސްތާނުކަމެވެ. ކޮންމެ ގަބުރެއްގެ ބޮލާ ދިމާލުގައި ރަނުން ހަދާފައިވާ މަހާނަގަލެއް ހުއްޓެވެ. އަދި އެ ގަލުގައި ކޮންމެ ރަސްކަލެއްގެ ތާރީޚާ ބެހޭގޮތުން ކުރު ތާރަފެއް ލިޔެފައި ހުރި އިރު ގަބުރުތަކުގެ ވަށައިގެން ރަނާއި ރިއްސާއި އަގުބޮޑު ޖަވާހިރު ފަދަ އެތައް ސާމާނެއް ހުއްޓެވެ.

ޢަބްދުالله ބިން ޖަދުއާން އޭގެ ތެރެއިން ބައެއް ތަކެތި ނަގައި، ހޮހަޅައިގެ ބޭރުގައި އަލުން އެތަން ހޯދޭނެ ފަދަ ނިޝާނެއް ޖަހައި، އެނބުރި އޭނާގެ އަހުލުންގެ ގާތަށް ދިޔައެވެ. އަދި އަލަށް ލިބުނު މުއްސަނދިކަމާ މެދު ދީލަތިވެ، އާއިލާއާއި ރައްޓެހިންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވިއެވެ. ޚާއްސަކޮށް މީހުން އެއް ތަނަކަށް ޖަމާކޮށް ކާބޯތަކެތި ދިނުމުގައި ދީލަތި ބޭފުޅަކަށް ވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މީސްތަކުންގެ ތެރޭގައި އޭނާގެ މަޤުބޫލުކަން އައީ އިތުރުވަމުންނެވެ. ހިތްތައް ފަތަޙަކޮށް މުޖުތަމަޢުގައި ބަލައިގަންނަ މީހަކަށްވެ އެންމެ ފަހުން ޤުރައިޝުންގެ ލީޑަރަކަށް ވެސް ވެވަޑައިގަތެވެ. ފައިސާ ހުސްވާ ކޮންމެ ފަހަރަކު ހޮހަޅައަށް ގޮސް އިތުރު އެއްްޗެހި ނަގައެވެ. އަދި އޭނާގެ ދީލަތިކަން މައްކާގެ އިން ފަހަނައަޅައި ބޭރަށް ފުޅާވެގެން ދިޔައެވެ. އެގޮތުން އެއްފަހަރަކު ޝާމްގެ ރައްޔިތުންނަށް ތަދުމަޑުކަމުގެ ދުވަސްވަރެއް ލައިގަތެވެ. އެ ފަހަރު ޢަބްދުالله ބިން ޖަދުއާން ޝާމުކަރައިގެ ރައްޔިތުންނަށް މުދާ ބަރުކޮށްފައިވާ 2،000 ޖަމަލު ފޮނުއްވިއެވެ. ކޮންމެ ޖަމަލެއްގައި ހަނޑުލާއި ތެލާއި އެހެނިހެން ތަކެތި ހުއްޓެވެ. މީގެ އިތުރުން ކޮންމެ ރެއަކުވެސް ކަޢުބާގެ ފުރާޅުމައްޗަށް އަރައި މީހަކު ގޮވާލައެވެ. "އިބުނު ޖަދުއާނުގެ ކާތަކެތި ދޮލަނގުދޮށަށް އަންނާށެވެ."

ނަމަވެސް މި ހުރިހާ ކަމެއް މިހެން ހުރި އިރުވެސް، ޞަޙީޙް މުސްލިމްގައި އޭނާއާ ބެހޭގޮތުން ރިވާވެގެންވެއެވެ. އެއް ދުވަހަކު ޢާއިޝަތުގެފާނު މާތް ނަބިއްޔާއާ ސުވާލުކުރެއްވިއެވެ. "ޔާ ރަސޫލުﷲ އެވެ. ހަމަކަށަވަރުން އިބްނު ޖަދުއާނަކީ މީސްތަކުންނަށް ކާންބޯންދީ، އިންތިހާ ދަރަޖައިގެ މެހެމާންދާރީ އަދާކުރި މީހެކެވެ. އެއިން އެއްވެސް ކަމަކުން ޤިޔާމަތް ދުވަހު އޭނާއަށް ފައިދާއެއް ކުރާނެތޯއެވެ؟" ރަސޫލުﷲގެފާނު ހަދީސްކުރެއްވިއެވެ. "ނޫނެކެވެ. ހަމަ ކަށަވަރުން އޭނާ ދުވަހަކުވެސް (ﷲ އަަށް އިމާންވެ ހުރެ) ނުބުނެއެވެ. "އަޅުގެ ވެރިރަސްކަލާކޯއެވެ. ހިސާބު ބައްލަވާ ދުވަހު މިއަޅާގެ ފާފަފުއްސަވައި ދެއްވާނދޭއެވެ."

އިބުރަތް: މިވާހަކައިން އަަޅުގަނޑުމެންނަށް ލިބޭ ޢިބުރަކީ ﷲ އަށް އީމާންނުވެ ހުރެ ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިޔަސް އާޚިރަތް ދުވަހު އެކަމުން އެއްވެސް މަންފާއެއް ނުކުރާނެކަމެވެ. الله أعلم

މަސްދަރު: މަޢުލޫމާތު ނަގާފައިވަނީ އަބްދުލް މާލިކު މުޖާހިދު ލިޔުއްވާފައިވާ ޖެމްސް އެންޑް ޖެވެލް ފޮތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *