Support Us

ޢިލްމީ ނަޒަރަކުން އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަށް ކަޅިއެއް- 2

ބުރާޤަކީ ކޮން އެއްޗެއް؟

ކީރިތި ރަސޫލާ ﷺ އިސްރާ ދަތުރުފުޅު ކުރެއްވީ ބުރާޤު ނަމަކަށް ކިޔާ ސަވާރީއެއްގެ މަތީގައެވެ. އެއީ މަތިންދާބޯޓެއްނޫނެވެ. އެއީ ޖައްވީ އުޅަނދެއް ވެސް ނޫނެވެ. އެސްޓްރޮނޯޓުން ގޮތަށް ކީރިތި ރަސޫލާ ﷺ މި ދަތުރުފުޅު ކުރެއްވުމަށް ޓަކައި ތަމްރީނުތަކެއް ވެސް ނަހައްދަވައެވެ.

އިސްރާއާއި މިޢުރާޖު ދަތުރުފުޅު ނިންމަވައިލައްވައިފާ ކީރިތި ރަސޫލާ ﷺ މައްކާއަށް ހަމަ އެ ރޭ އެނބުރި ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުތަކުގެ ވާހަކަތައް މީސްތަކުންނަށް ވިދާޅުވެ ދެއްވިއެވެ. ކީރިތި ރަސޫލާ ﷺ ވިދާޅުވިގޮތުގައި އެކަލޭގެފާނު އިސްރާ ދަތުރުފުޅު ކުރެއްވީ ބުރާޤު ނަމަކަށް ކިޔާ ސަވާރީއެއްގައި ޖިބްރީލުގެފާނާ އެކުގައެވެ. އަރަބިބަސްފޮތް ބުނާގޮތުގައި ބުރާޤަކީ ބަޣަލަކަށްވުރެ ކުޑަ ޙިމާރަކަށްވުރެ ބޮޑު ސޫތްޕެކެވެ. ޙަދީޘް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި براق އައިސްފައިވަނީ بريق މި ލަފުޒުންނެވެ. އެއީ ވިދުވަރެވެ. އެއީ ހުދުކުލައިގެ ސޫތްޕެކެވެ. މި ސޫތްޕަށް ބުރާޤު ކިޔުނީ އޭގެ އޮފުގަދަކަމާއި ސާފުކަމާއި އޮފުދާރުކަމުންނެވެ. އެހެންކަމުން އެއީ ކީރިތި ރަސޫލާ ﷺ މައްކާއިން ޤުދުސަށް ގެންދިޔަ ވިދުވަރެވެ. އޭތި ދަތުރުކުރާނީ އަލީގެ ދުވެލީގައެވެ. މުޢުޖިޒާތަކީ ކީރިތި ރަސޫލާ ﷺ އަށް އެއްވެސް ގެއްލުމެއް ތުރާލެއް ނެތި ދަތުރުފުޅު ކުރެއްވޭނެ ގޮތް ﷲ މިންވަރުކުރެއްވުމެވެ.މި ބާރު ދުވެލީގައި ދަތުރުފުޅުކުރެއްވުމަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ދެއްވުމެވެ.

އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ކުރިން ހިނގައިފައިވާ މިފަދަ ޙާދިސާތައް އެބަ ހުއްޓެވެ. ކީރިތި ޤުރްއާނުން އެނގޭ ޙާދިސާތަކެކެވެ. އެހެންކަމުން އެއީ ތާރީޚުގައި ހިނގައިފައިވާ ކަންތައްތަކެއް ކަން ކަށަވަރެވެ. އެއީ ޚިޔާލީ ވާހަކަތަކެއް ނޫނެވެ. އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތާ އިންކާރުކުރާ މީހުން އެ ވާހަކަތައް ޤަބޫލުކުރާތަން ފެނެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ހާދިސާއަކީ ބަލްޤީސް ރަނިންގެ ތަޚްތު ސުލައިމާނުގެފާނު ގެންނެވި ހާދިސާއެވެ. ޔަމަނުގެ ސަބައު ރަސްކަމުގެ ތަޚްތުގައި އިންނެވި ބަލްޤީސްގެ ތަޚްތު (އަރަބި ކަރައިން) މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަޙައްދުގައި ޝާމުކަރައިގައި ހުންނެވި ސުލައިމާނުގެފާނު ގެންނެވި ޙާދިސާއެވެ. ސުލައިމާނުގެފާނު އެކަމަނާއަށް އީމާންކަމަށް ގޮވައިލައްވާ ފަތްކޮޅެއް ފޮނުއްވުމުން އެކަމަނާ އެކަމާމެދު މަޝްވަރާކުރެއްވުމަށްފަހު ސުލައިމާނުގެފާނާ ބައްދަލުކުރެއްވުމަށް ޓަކައި ޝާމުކަރައަށް ވަޑައިގަތުމަށް ނުކުމެވަޑައިގަތުމުން އެކަމަނާއަށް ޓަކައި ވަރަށް ރީތި ވަރަށް ވިލާސަ ގަނޑުވަރެއް އޮމާން ބިއްލޫރިން ބިނާކުރެއްވިއެވެ. އެކަމަނާއަށް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުން ހެއްކެއް ދައްކަވަން ވެގެން އެކަމަނާގެ ތަޚްތު ގެންނެވުމަށް ސުލައިމާނުގެފާނު ގަސްތު ކުރެއްވިއެވެ. އެކަލޭގެފާނުގެ ދަރުބާރުގައި އިންސީންނާއި ޖިންނިންގެ ތެރޭގައި މި ކަންކުރެވޭވަރުގެ ޤާބިލުކަން ހުރި މީހަކު ހޯއްދެވުމަށް ޓަކައި ސުލައިމާނުގެފާނު އެ ކަން ކޮށްދޭނީ ކާކުތޯ އެއްސެވިއެވެ.

މި ވާހަކަ ބަޔާންކޮށްދެއްވާ މާތް ﷲ ވަޙީކުރެއްވިއެވެ. ((قَالَ يَا أَيُّهَا الْمَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ ‎﴿٣٨﴾‏ قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ ‎﴿٣٩﴾‏ قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ – سورة النمل: 38- 40 – އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ބޮޑުންނޭވެ! އެއުރެން ބޯލަނބައި ކިޔަމަންވެ، إسلام ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ تخت ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟ ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް أمانة ތެރިއަކީމެވެ. (ބާވައިލެއްވި) ފޮތުން علم ލިބިފައިވާމީހާ ދެންނެވިއެވެ. ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ تخت ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ.))

މާތްﷲ އެމީހާއަށް ޢިލްމާއި ބާރުދެއްވި މީހާ "ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމޭ" ދެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެކަލޭގެފާނުގެ އަރިހުގައި އެ ތަޚުތު ބެހެއްޓިފައިހުއްޓައެވެ. ޔަމަނުގައި ހުރި އެއްޗެއް ޝާމުކަރައަށް އޭނާ މި ގެނެސްދިން ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. މި ބޮޑު މުޢުޖިޒާތާމެދު އެކަކަށް ވެސް އެއްވެސް އެއްޗެއް އަދިއަދަށްދާންދެން ވެސް އެނގިފައެއް ނުވެއެވެ. ސުލައިމާނުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުންނަކީ ﷲގެ މާތް ދެ ރަސޫލުންނެވެ. އެ ދެބަފައިކަލުންނަށް ގިނަގުނަ ނިޢުމަތްތަކާއި މުޢުޖިޒާތްތައް ދެއްވިއެވެ. މާތްﷲ ސުލައިމާނުގެފާނުގެ ޚިދްމަތުގައި ކައުނު ލެއްވިއެވެ. ދޫނިސޫފާސޫފީގެ ބަސްތައް އުނގަންނާދެއްވިއެވެ.މާތްﷲ އެކަލޭގެފާނަށް ވައި ކިޔަމަންކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ޚިދްމަތުގައި ޖިންނިތައް ލެއްވިއެވެ. ރަސޫލުކަމާއެކު މުއްސަނދި ރަސްކަމެއް ދެއްވިއެވެ. ދާވޫދުގެފާނަށާއި ސުލައިމާނުގެފާނަށް މާތް ﷲ ދެއްވި އާދަފޫއަޅުވަނިވި ބައެއް ކަންތައް ބަޔާންކޮށްދެއްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ ‎﴿١٠﴾‏ أَنِ اعْمَلْ سَابِغَاتٍ وَقَدِّرْ فِي السَّرْدِ ۖ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ بَصِيرٌ ‎﴿١١﴾‏ وَلِسُلَيْمَانَ الرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُ عَيْنَ الْقِطْرِ ۖ وَمِنَ الْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِيرِ ‎﴿١٢﴾‏ يَعْمَلُونَ لَهُ مَا يَشَاءُ مِن مَّحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَّاسِيَاتٍ ۚ اعْمَلُوا آلَ دَاوُودَ شُكْرًا- سورة سبأ– 10- 13 – އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއޭވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ. (ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން صالح عمل ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި سليمان ގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯ ވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ أمرފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ أمر ފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުންކުރައްވައިގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، اللَّه، سليمان ގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.) އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ!))

މިއިން އެނގެނީ މާތް ﷲ އިރާދަކުރައްވައިފިނަމަ މި ބިމުގައި ކިތަންމެ ދުރު ހިސާބަކަށް ވެސް ދެތިން ސިކުންތުގެ ތެރޭގައި މީހަކަށް ދެވިދާނެ ކަމެވެ. ވީމާ އިސްރާ ދަތުރުފުޅު ދެތިން ސިކުންތުގެ ތެރޭގައި ރަސޫލުﷲގެފާނަށް ނުކުރެއްވެންވީ ކީއްވެގެން ހެއްޔެވެ؟

މިޢުރާޖަކީ އުޑުގެ ދަތުރުފުޅެވެ. މަލަކޫތީ ޢާލަމަށް ކުރެއްވި ދަތުރުފުޅެވެ. އިންސާނާއަށް މި ފެންނަ ކައުނުގެ ތަންތަންކޮޅަކީ މާ ބޮޑު ސިންގާ ކައުނެއްގެ ތަންކޮޅެކެވެ. މި ކައުނުގައި ހިމެނެނީ ހަމަ އެކަނި ފުރަތަމަ އުޑެއްނޫނެވެ.އެ ތަނުގެ ޙަޤީޤަތެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. މާތްﷲ އަންގަވައިދެއްވި މީހަކަށް މެނުވި ނުވެސް އެނގޭނެތެވެ. މާތް ﷲ އަންގަވައިފައިވާ ގޮތުގައި ހަތް އުޑު ވެއެވެ.

މި ކައުނުގެ މަތިވެރި ޚާލިޤު އެއްކައުވަންތަ ﷲ އަށް ނިސްބަތްކުރާއިރު އެއްވެސް މީހަކަށް އެކަލާނގެ ވޮޑިގެންވުމަށް ތަނެއް ވަގުތެއް ކަނޑައެއް ނޭޅޭނެއެވެ. އެއްވެސް ޒަމާނެއް އެއްވެސް ތަނެއް ވުމުގެ ކުރިން އެކަލާނގެ ވޮޑިގެން ވެތެވެ. އެކަލާނގެއީ ފުރިހަމަ ބާރާއި އާރުގެ ވެރިރަސްކަލާނގެއެވެ.

މީސްތަކުންގެ ޢުރްފުގައި އެމީހުންގެ ބޮލުގެ މަތީގައިވާ ތަނަކީ އުޑެވެ.އެހެނަސް ޒަމާނީ ސައެންސް ބުނާގޮތުގައި އެއީ އިރުގެ ނޫއަލި ޖައްވުގެ ތެރެއަށް (ހަވާގައި) ބުރަބުރައިގެންގޮސް ފެތުރުމުގެ ސަބަބުން ލޮލަށް ފެންނަ ޡާހިރާއެކެވެ. ނުވަތަ މަންޒަރެކެވެ.

ސައެންސް ބުނާގޮތުގައި ބިމަކީ ސޫރުދަ ނިޒާމު (ސޯލަރ ސިސްޓަމް) ގައި ހިމެނޭ ގުރަހަތަކުގެ (ޕްލެނެޓްތަކުގެ) ތެރެއިން ގުރަހައެކެވެ. މި ގުރަހައިގެ ފަށަލައިގެ ބޯމިނަކީ އެންމެ 1000 ކީލޯމީޓަރެވެ.

ކީރިތި ރަސޫލާ ގެ އިސްރާއާއި މިޢުރާޖު ދަތުރުފުޅުގެ މުއްދަތާ ބެހޭގޮތުން އެނގޭ އެއްޗެއް އެނގިފައިވަނީ ރަސޫލާ އުއްމު ހާނީ (އަބޫ ޠާލިބުގެފާނުގެ ދަރިކަނބަލެއް) އަށް ވިދާޅުވެދެއްވި ވާހަކަތަކުންނެވެ. އަދި އެކަމާ ބެހޭ ގޮތުން ޤުރައިޝުންނާ ދެއްކެވި ވާހަކަފުޅުތަކުންނެވެ. މި ރިވާޔަތްތައް ބުނާގޮތުގައި ރަސޫލުﷲގެފާނު އެކަލޭގެފާނުންގެ ޞަޙާބީންނާއެކު ޢިޝާނަމާދު ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު އެބޭކަލުންނާއެކު ފަތިސްނަމާދު ވެސް ކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ އިސްރާއާއި މިޢުރާޖު ދަތުރުފުޅު ކުރެއްވުމަށްފަހު މައްކާއަށް ގެކޮޅަށް އެނބުރި ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ދާންމަތިކޮޅު އަދި ހިހޫނުވެއެވެ.

މިޢުރާޖަކީ ބިމުގެ ސަތަޙައިން ހަވާގެ އުސް ފަށަލަތަކަށް އެރުމެވެ. ނުވަތަ އެއީ މައްޗަށް އެރުމުގެ އާލަތެވެ.ބިމާއި އެހެނިހެން ގުރަހަތަކާއި ތަރިތައް ފަހަނަޅައި މައްޗަށް އަރައިގެން ދިޔުމެވެ. މިޢުރާޖާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ބާވައިލައްވައިފައިވާ އާޔަތްތަކުގައި ސާފު ޞަރީޙު ބަހުން "މިޢުރާޖު" ގެ ލަފުޒު އައިސްފައެއް ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَالنَّجْمِ إِذَا هَوَى (1) مَا ضَلَّ صَاحِبُكُمْ وَمَا غَوَى (2) وَمَا يَنْطِقُ عَنِ الْهَوَى (3) إِنْ هُوَ إِلَّا وَحْيٌ يُوحَى (4) عَلَّمَهُ شَدِيدُ الْقُوَى (5) ذُو مِرَّةٍ فَاسْتَوَى (6) وَهُوَ بِالْأُفُقِ الْأَعْلَى (7) ثُمَّ دَنَا فَتَدَلَّى (8) فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَى (9) فَأَوْحَى إِلَى عَبْدِهِ مَا أَوْحَى (10) مَا كَذَبَ الْفُؤَادُ مَا رَأَى (11) أَفَتُمَارُونَهُ عَلَى مَا يَرَى (12) وَلَقَدْ رَآهُ نَزْلَةً أُخْرَى (13) عِنْدَ سِدْرَةِ الْمُنْتَهَى (14) عِنْدَهَا جَنَّةُ الْمَأْوَى (15) إِذْ يَغْشَى السِّدْرَةَ مَا يَغْشَى (16) مَا زَاغَ الْبَصَرُ وَمَا طَغَى (17) لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى – سورة النجم 1 – 18 – އޮއްސިގެންދާ ހިނދު، ތަރި ގަންދެއްވައި وحى ކުރައްވަމެވެ. (1) ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) حق ގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقاد އެއް ނުކުރައްވައެވެ. (2) އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. (3) އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ. (4) ބާރުގަދަ ملائكة އަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ. (5) (އެ ملائكة އަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكة އާ އެކަލޭގެފާނުގެ أصل صورة ގައި قائم ވެވަޑައިގެން ހުންނެވިއެވެ. (6) (އެހިނދު) އެ ملائكة އާ ވަނީ، އެންމެމަތީ އުދަރެހުގައެވެ. (7) ދެން އެ ملائكة އާ (رسول އާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ. (8) އެ އަރިސްވުންވީ، ދެ قوس ގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ. (9) ދެން (اللَّه) އެކަލާނގެ އަޅާއަށް وحى ކުރެއްވި އެއްޗެއް وحى ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحى ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.) (10) އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ. (11) އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ (12) ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ. (13) سدرة المنتهى ގެ ކައިރިންނެވެ. (14) އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ.) (15) سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. (16) އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. (17) ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.))

މިޢުރާޖުގެ ވާހަކަތައް ފަށްޓަވައިފައި މިވަނީ އުޑުގައި މާތްﷲ ލައްވަވާފައިވާ ޖިސްމުތަކުގެ ތެރެއިން ޖިސްމަކުންނެވެ. ތަރިއަކުންނެވެ. އެއީ މާތް ﷲ އުޑުގައި ލައްވަވައިފައިވާ މުޢުޖިޒާތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރޭގައި ހިމެނޭ ހެތްކެކެވެ.ﷲ ތަޢާލާ ތަރިގަންދެއްވާ ބަސް ވަޙީކުރައްވައިފައި ވެއެވެ. އޮއްސޭ ތަރިއާއި ފަޅަފަޅައިގެންދާ ތަރިއާއި އަނދައި ހުލިވެގެންދާ ތަރިތައް ގެންދެއްވައިފައި ވެއެވެ. މާތްﷲ އެއްޗެއް ގަންދެއްވުމުން އޭތީގެ މުހިއްމުކަން އެނގެއެވެ. މާތްﷲ އިންސާނާއަށް މި އަންގަވަނީ މި އެއްޗަކާމެދު ވިސްނުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *