އަބްދުﷲ ބުން މުބާރަކުގެ ބައްޕާފުޅު އަލްމުބާރަކު އަކީ بنو حنظلة ޤަބީލާގެ ވިޔަފާރިވެރިއަކު ގެންގުޅުއްވި އަޅެކެވެ. ނަމަވެސް އެކަލޭގެފާނަކީ ވަރަށް ޞާލިޙު އަދި ގިނަ ވަގުތު މީސްތަކުންނާ އެކަހެރިވެ، الله އަށް އަޅުކަންކުރުމުގައި ވަގުތު ހޭދަކުރެއްވި، ހެޔޮލަފާ ބޭކަލެކެވެ. ޞާލިޙް އަޅުވެރިއެކެވެ.
شـذرات الـذهـب އާއި وفـيـات الأعـيـان ފަދަ ތާރީޚީ ފަތްފުށްތަކުގައި އަލްމުބާރަކު އާ ބެހޭގޮތުން ވަރަށް ޝައުޤުވެރި ވާހަކައެއް ގެންނަވާފައިވެއެވެ. އެގޮތުން އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ އިސްވެ ދެންނެވި بنو حنظلة ގަބީލާގެ ވިޔަވާރިވެރިޔާގެ ދަނޑުބިންތައް ބެލހެއްޓުމާއި ގަސްއިންދުމުގެ މަސައްކަތްޕުޅެވެ. ފަހެ އެކަލޭގެފާނު މި މަސައްކަތުގައި އެތައް ދުވަހެއް ވީފަހުން، އެއް ދުވަހު އެކަލޭގެފާނުގެ ސާހިބުމީހާ ދަނޑަށް ވަޑައިގަތެވެ. އަދި ފޮނި އަންނާރެއް ބިނދެގެން ގެނެސްދިނުމަށް މުބާރަކުގެ އަރިހުން އެދުނެވެ. އެ ހިނދު އެކަލާގެފާނު ދަނޑުތެރެއަށް ވަދެފައި އެނބުރި އައިސް ސާހިބުމީހާއަށް އަންނާރެއް ދިނެވެ. ނަމަވެސް ސާހިބު މީހާ އެ އަންނާރުގެ ރަހަ ބަލާފައި ބުންޏެވެ. "މިއީ ހުތް އަންނާރެކެވެ. ފޮނި އަންނާރެއް ގެނެސްދޭށެވެ." ދެންފަހެ އަނެއްކާވެސް މުބާރަކު ދަނޑުތެރެއަށް ވަދެފައި އެނބުރި އައިސް ސާހިބު މީހާއަށް އަންނާރެއް ދިނެވެ. އެފަހަރުވެސް އޭގެ ރަހަ ބަލާފައި ސާހިބު މީހާ ބުންޏެވެ. "މިވެސް ހުތް އަންނާރެކެވެ. އަހަރެން ތިބާ ގާތުގައި އެދުނީ ފޮނި އަންނާރެއް ގެނެސްދޭށެވެ. އެނބުރި ގޮސް ފޮނި އަންނާރެއް ހިފައިގެން އަންނާށެވެ."
ކޮންމެއަކަސް މިކަން މިގޮތަށް ތިން ވަނަ ފަހަރު ތަކުރާރުވުމުން ސާހިބުމީހާ ހިސާބަކަށް ކޯފާވެފައި ބުންޏެވެ. "ބަލަގަ މިހާ ދުވަހު މިކަމުގެ ތެރޭގައި އުޅުނުއިރުވެސް ފޮނި އަންނާރާއި ހުތް އަންނާރު ވަކިކުރަން ތިބާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟"
އެ ހިނދު މުބާރަކު ދެންނެވިއެވެ. "އާދޭހެވެ. އަޅުގަނޑަކަށް ފޮނި އެއްޗެއް، ހުތް އެއްޗެއް ވަކިކުރާކަށް ނޭނގެއެވެ." ސާހިބު މީހާ ދެންނެވިއެވެ. "ތިޔައީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟" މުބާރަކް ދެންނެވިއެވެ. "އެހެނީ އަހަރެން ދުވަހަކުވެސް މީގެން އަންނާރެއްގެ ނުކަމެވެ. ރަހަ ވެސް ނުބަލަމެވެ. އެހެންކަމުން އަހުރެންނަށް ފޮނި އެއްޗެއް ހުތް އެއްޗެއް ވަކިކުރަން އެނގޭނީ ކިހިނެއް ހެއްޔެވެ؟"
އެ ހިނދު ސާހިބު މީހާ ހިސާބަކަށް ޚައިރާންވެފައި އެއްސެވިއެވެ. "ތިބާ އޭގެން ނުކަނީ ކީތްވެހެއްޔެވެ؟" މުބާރަކު ދެންނެވިއެވެ. "ކަލޭގެފާނު ދުވަހަކުވެސް އަޅުގަނޑަށް އޭގެން ކެއުމުގެ އިޛްނަ ދެއްވާފައި ނުވެއެވެ."
ކޮންމެއަކަސް މި ހުރިހާ އަހަރުތަކެއް ވީއިރުވެސް އޭގެން މޭވާއެއްގެ ރަހަވެސް މުބާރަކު ބަލާފައި ނުވުމާ އެކު، އެކަލޭގެފާނުގެ ފަރާތްޕުޅުން ފެނުނު ތަޤުވެރިކަމާއި، ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ ބިރުވެތިވާ މިންވަރާއި ކިޔަމަންތެރިކަން އަދާކުރާ މިންވަރު ފެނިފައި ސާހިބުމީހާ އޭނާގެ ދަރިކަނބަލުންނާ ކައިވެނިކުރުމަށް މުބާރަކަށް ހުށަހެޅިއެވެ. އެހިނދު ދެންނެވިއެވެ. "ޖާހިލިއްޔަ ޒަމާނުގައި މީހުން ކައިވެނިކުރަނީ ނަސްލަށްޓަކައެވެ. ޔަހޫދީން ކައިވެނިކުރީ މުއްސަނދިކަމަށްޓަކައެވެ. އަދި ނަޞާރާއިން ކައިވެނިކުރީ ރީތިކަމަށްޓަކައެވެ. ނަމަވެސް މި އުންމަތުގެ މީހުން ކައިވެނި ކުރައްވަނީ ދީންވެރިކަމަށްޓަކައެވެ."
ފަހެ މުބާރަކުގެ މި ޖަވާބާ މެދު ސާހިބު މީހާ އިތުރަށް ގަޔާވިއެވެ. އަދި މިވާހަކަ ގޮސް އޭނާ އަންހެނުން ގާތު ވިދާޅުވިއެވެ. އެހިނދު އެކަނބުލޭގެ ދެންނެވިއެވެ. "އަހުރެމެންގެ ދަރިފުޅު ކައިވެނި ކުރަން ތިޔަށްވުރެ އެކަށީގެންވާ ދެވަނަ މީހަކު އަހުރެން ނުދެކެމެވެ."
އެއަށްފަހު އަލް މުބާރަކު ސާހިބު މީހާގެ ދަރިކަނބަލުންނާ ކައިވެނި ކުރެއްވިއެވެ. އަދި އެ ކައިވެންޏަށް އަބުދުﷲ ބުން މުބާރަކު ލިބިވަޑައިގަތެވެ.
މަސްދަރު: ދަ ގާރޑެން އޮފް ހަދީޘް ސްކޮލާސް/ شاہ عبد العزیز دھلوی