Support Us

ކޮލަމް ކޯދު: ރަމަޟާން މަހާ ބެހޭ ގޮތުން ބައެއް މީސްމީހުން ބުނެފައިވާ ބަސްކޮޅެއް

ތިރީގައި މި ވަނީ ރަމަޟާން މަހާ ބެހޭ ގޮތުން ބައެއް މީސްމީހުން ބުނެފައިވާ ބަސްކޮޅެކެވެ.

  1. ތިމާގެ ހިތުގައި ވިންދުޖަހާހާ ހިނދަކު، ދުނިޔޭގައި ތިމާ ދިރިހުރުމުގެ މަގުސަދެއް އޮތްކަން ހަނދާންކުރާށެވެ! މީހުން ދިރުއްވައި ބޭތިއްބުމާއި މަރުއްވައި ގެންދިޔުމަކީ، މާތްﷲގެ އިރާދަފުޅު އެކަންކަން އެ ގޮތަށް ހަމަޖެހިފައި އޮތުމުންވާ ކަންކަމެވެ. ފަހަރެއްގައި ވެސް، އެކަންކަމީ އެއްވެސް، ބޭނުމެއް، މަގުސަދެއް ނެތި، ހަމަޖެހިފައި އޮންނަ ކަންކަމެއް ނޫނެވެ. ދުނިޔޭގައި އެ މީހެއްގެ ބޭނުން ނެތިއްޖެ ނަމަ، ނޫނީ ދުނިޔޭގައި އޭނާ ނެތުމަކީ އެކަމުން ކަންތައްތަކެއް ހާސިލުކުރެވި، އެންމެ ރަނގަޅު ގޮތް ކަމަށް ވެއްޖެ ނަމަ، އެ މީހަކު މަރުއްވައި، އެކަލާނގެ އެ މީހަކު ގެންދަވައެވެ. އެހެންވީމާ، ތިމާގެ ހިތުގައި ވިންދުޖަހައި ތިމާ ދިރިހުރިހުރުން އަންގައިދެނީ ދުނިޔޭގައި ތިމާ ހުރުމުގައި ތިމާއަށް ކުރެވިދާނޭ ކޮންމެ ވެސް ހެޔޮ ރަނގަޅު ކަންތައްތަކެއްވާ ކަމެވެ. ރޯދަ މަހަކީ، ތިމާގެ ނަފްސުގެ އެންމެ ފުންމިނަށް ފީނައި އެ ކަންކަަމީ ކޮބައިތޯ ބަލައި އެކަންކަން ކުރުމަށް މަގުފަހިވެގެންދާ މަހެކެވެ.
  2. އަހަރުމެން އުފަންވަނީ ރޫހާނީ ވަރަތަކަކާއި އެކުގައެވެ. ރޯދަ މަހަކީ އެ ރޫހާނީ ވަރަ ބޭނުންކޮށްގެން، ރޫހާނިޔައްޔަތު ދިރުވައި ހެޔޮކަމުގެ ޖައްވުގެ ތެރޭގައި އުދުހުން މެދުވެރިކޮށްދޭ މަހެކެވެ. އެހެންވެ، އެންމެން ވެސް، އެ ރޫހާނީ ވަރައިގެ އެހީގައި ހެޔޮ ކަމުގެ އާލަމުގައި އުދުހެން އާދަކުރަންވީއެވެ.
  3. ރޯދަ މަހަކީ އަހަރުމެންގެ ދީންވެރިކަން އަހަރުމެން އެއްބައި ކުރާ އެއްޗަކަށް ހަދަން މަސައްކަތް ކުރުމުގެ ރަނުގެ ފުރުސަތެއް ލިބޭ މަހެކެވެ. އެހެންވެ، ދީނުގެ ފަރުއީ ތަފާތުތަކުގެ މައްޗަށް އަހަރުމެންގެ ސަމާލުކަން ހުއްޓުނަ ނުދީ ދީނުގެ ޖައުހަރުގެ މައްޗަށް އަހަރުމެންގެ ސަމާލުކަން ހުއްޓުވައި އެކަމާ މެދު ވިސްނަންވީއެވެ. ދީނުގެ އަސާސީ އަމާޒަކީ إن الصلاة تنهى عن الفحشاء…. މި އާޔަތުގައި ބަޔާންކޮށް، ކޮންމެ ހުކުރު ދުވަހަކު މިކަން ހަނދާންކޮށްދޭ ފަދައިން، މުއުމިނާ ހެޔޮލަފާ މީހަކަށް ހަދާލުމެވެ. ޝިރުކުކުރުމާއި ޒިނޭކުރުމާއި މަސްތުވާތަކެތި ބޭުނުން ކުރުން ފަދަ، އެއްވެސް ދެބަސްވުމެއް ނެތް، ކަނޑައެޅިގެން ހަރާން ކުރެވިފައިވާ ކަންކަމާ ދުރުވެ، އެންމެނަށް ވެސް ހެޔޮ އެދި، އެންމެނަށް ވެސް ހެޔޮ ގޮތުގައި މުއާމަލާތް ކުރުމެވެ.
  4. ’ފިތުނަ’، މި ލަފްޒުގެ އަސްލު މާނައަކީ ކޮބައި ހެއްޔެވެ؟ މި ލަފްޒުގެ އަސްލު ގުޅެނީ އަރަބި ބަހުގެ فتن މި ލަފްޒާއެވެ. މާނައަކީ އެންދުމެވެ. ރަނާއި ރިހި އަލިފާނަށް ލައި އެންދުމެވެ. އޭގައި އެކުލެވޭ ކުނިބުނި ވަކިކޮށް ސާފުކުރުމަށެވެ. މި އަސްލު މާނައިން އެހެން މާނަތައް ނެގިފައި ވެއެވެ. ދަތި ދެރަގޮތް މެދުވެރިވެ، މީހާގެ އީމާންކަމާއި ހެޔޮލަފާކަން އިމްތިހާނު ކުރުމުގެ މާނައިގައެވެ. ނުރަނގަޅު ވާހަކަތައް ދައްކައި ދޭދޭ ގުޅުންތައް 'އަންދާލައި' ނެތިކޮށްލުމުގެ މާނައިގައެވެ.

ރޯދަ މަހަކީ މުއުމިނާ ވެސް 'ފިތުނައަކަށް’، އެބަހީ އިމްތިިހާނަކަށް ހުށަހެޅޭ މައްސަރެކެވެ. ކެތްތެރި ކަމުގެ އިމްތިހާނެވެ. ހެޔޮކަންތައް ކުރުމުގެ އިމްތިހާނެވެ. މި އިމްތިހާނުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރަނާއި ރިހި އަލިފާނަށް ލައި އެ އެއްޗެހި އިމްތިހާނުކޮށް ސާފުކުރެވޭ ފަދައިން، އިންސާނާގެ ރަނުގެ ޖައުހަރު، މާއްދީ ބައެއް ކަހަލަ ކަންކަމާ އޭނާ ދުރުކުރުވައި އޭނާގެ އެ ޖައުހަރު ސާފުކުރުމެވެ. އެހެންވެ، ރޯދަ މަހުގެ، 'ފިތުނަ’، އާދެ، އިމްތިހާނުގެ ބޭނުން ހިފައި ތިމާގެ ރަނުގެ ޖައުހަރު ސާފުކޮށް، ތިމާއީ މަތިވެރި އަޚުލާގެއްގެ ވެރި މީހަކަށްވޭތޯ މަސައްކަތްކުރާށެވެ!

  1. ރޯދަމަހަކީ ބޯ ވާރޭ ވެހޭ ފަދައިން އަޅުކަންކޮށް ދުއާކުރުމަށް އަހަރުމެންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަހަރުމެންގެ ރޫހު، މަޑުމޮޅިކަމުގެ ބިންގަނޑަށް އަޅައި އޮއްސާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އީމާން ކަމުގެ އެ ބިމުގައި އަހަރުމެން ސަޖިދަޖަހައި އަހަރުމެންގެ ބޯތައް އިންދުމުގެ ރަނުގެ ފުރުސަތެވެ. އެ ގޮތުގައި އަހަރުމެންގެ ހަށިގަނޑު އީމާންކަމުގެ ބިމުގައި ވަރުގަދައަށް ހަރުކޮށްލައި އަޅުކަމުގެ ފެނުން އެ ބިމަށް ފެންދީ އަހަރުމެންގެ ނަފްސުތައް ތާހިރުކުރުމުގެ ފުރުސަތެވެ.
  2. ރޯދަމަހަކީ އަހަރުމެންގެ ހިތްތައް، އެ ހިތްތަކުގެ އަޑީގައި ވަޅުލެވިފައި އޮންނަ ބޮޑުކަމާއި ބޮޑާކަމުން ނެތިކޮށްލައި އެކަންކަމުން ދުރުހެލިކުރުވައި، މާތްﷲގެ ހަޟުރަތުގައި އެ ހިތްތައް މަޑުމޮޅިކޮށް ޚުޝޫއަތްތެރިކުރުވަން ލިބޭ ފުރުސަތެކެވެ. އެ ފަދައިން އަހަރުމެންގެ ހިތްތައް މަޑުމޮޅިކުރެވިއްޖެ ނަމަ، އަހަރުމެންނަށް، މާތްﷲގެ މަތިވެރިކަން އިހުސާސުކުރެވޭ ގޮތް ވެއެވެ. މި އިހުސާސު ކުރެވުމުން، އަހަރުމެންނަށް ކުށްފާފަތަކާ ދުރަށް ދެވޭ ގޮތްވެ، އަދި އަހަރުމެންގެ ނާއުއްމީދީވުމުންނާ ވެސް ދުރަށް ދެވި، މާތްﷲގެ ފާފަފުއްސެވުމާއި ރަހުމަތްލެއްވުމާއި އެކަލާނގެ ލޯބީގެ މަތިން ހަނދާންވެ، އެކަންކަމުގެ މައްޗަށް އަހަރުމެންގެ ސަމާލުކަން ހުއްޓެއެވެ. އެހެންވުމުން، ދެން، އަހަރުމެންގެ ހިތުގައި ހެޔޮގޮތުގައި ރޫހާނިއްޔަތުގެ މަގުގައި ކުރިއަށް ދިޔުމުގެ އުއްމީދާއި ހިއްވަރު، އާރާއި ބާރު، އުފެދޭ ގޮތް ވެއެވެ. އެހެންވެ، ރޯދަމަހުގެ އަޅުކަމުގައި މަޝްޣޫލުވެގެން އުޅޭއިރު، ތިމާގެ ހިތުގެ ބޮޑުކަމާއި ބޮޑާކަމާ ދުރުވެ މާތްﷲގެ މަތިވެރިކަން ހިތަށް ގެނެވޭތޯ މަސައްކަތްކުރަން ޖެހެއެވެ. އެކަލާނގެ މަޣުފިރަތާއި ރަހުމަތާއި ލޯބީގެ ވާރޭ ލިބިގަތުމަށެވެ. އަދި، އެ ކަންކަން ލިބިގަނެ ތިމާގެ ހިތަށް އާރޯކަމާއި އާ ދިރުމެއް ގެނައުމަށްޓަކައެވެ.