Support Us

ގާސިމްގެ ތައުރީފު ރައީސް މުއިއްޒަށް: "އެއީ ފޮޓޯއަކާއި ހުސްގޮނޑިއެއް ބަހައްޓަވައިގެން ލިބުނު ނަތީޖާއެއް ނޫންކަން ކަށަވަރުވެއްޖެ"

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި އިއްޔެގެ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީން ކާމިޔާބުކުރީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ނުވަތަ ފޮޓޯއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީޖާއެއްގެ ސަބަބުން ނޫންކަން އެނގި ކަށަވަރުވެއްޖެ ކަމުގައި ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިހާތަނަށް ބުނަމުން އަންނަނީ ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބު އެ މަނިކުފާނު ކާމިޔާބުކުރެއްވީ އޭރު މާފުށީ ޖަލުގައި ހުންނެވި ޕީ.ޕީ.އެމްގެ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްވާ ހުސް ގޮނޑިއެއް ޖަލްސާތަކުގައި ބަހައްޓައި، އެ މަނިކުފާނުގެ ފޮޓޯފުޅު ހިމެނޭ ބެކްޑްރޮޕެއްގައި ކުރި ކެމްޕޭނުގެ ސަބަބުން އެކަނި ލިބުނު ތާއީދުގެ ސަބަބުން ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި 70 އަށް ވުރެ ގިނަ ގޮނޑި ރައީސް މުއިއްޒުގެ ޕީ.އެން.ސީ އާއި ކޯލީޝަނުން ހޯދައި، ގާނޫނު އަސާސީ ބަދަލުކުރެވޭ ވަރަށް މަޖިލިސްގެ ސުޕަރ މެޖޯރިޓީ އިއްޔެ ހޯދުމުން، ރޭ ވަރަށް ދަންވި ފަހުން ގާސިމް އެކްސްގައި ވަނީ ހުސް ގޮނޑީގެ ހަގީގީ ފަންވަރު ހާމަކުރައްވައި، ރައީސް މުއިއްޒަށާއި ޓީމަށް ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރައްވައިފައެވެ.

"މިއަދު 21 އޭޕްރީލް 2024 ގައި ބޭއްވި، ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި، ޕީ.އެން.ސީ އިން ހޯއްދެވި ސްޕަރ މެޖޯރިޓީއަކީ އެޕާޓީގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް ޑރ މުޙައްމަދު މުޢިއްޒަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެކެވެ. މި އުފާވެރި މުނާސަބަތުގައި ރައީސް ޑރ މުހައްމަދު މުޢިއްޒުއަށް ހިތުގެ އިޙްލާޞްތެރި ތަހްނިޔާ އާއި މުބާރަކްބާދީ އަރިސްކުރަމެވެ. އަދި ހަމަ މި ނޭވާގައި އެ ޕާޓީގެ ލީޑަރޝިޕާއި، ކާމިޔާބު ހޯއްދެވި އެންމެހާ ކެނޑިޑޭޓުންނަށް މަރުހަބާ އާއި ތަޙްނިޔާ އަރިސްކުރަމެވެ." އިއްޔެގެ އިންތިހާބުގައި މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ، 2023ގެ ރިޔާސީ އިންތިޚާބުވެސް އަދި މިއަދު އޮތް 2024ގެ މަޖިލީސް އިންތިޚާބުވެސް ކާމިޔާބުވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމެވެ. އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީޖާއެއް ނޫންކަން މިއަދު ރައީސް ޑރ މުޢިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގިކަށަވަރުވެފައެވެ. އެހެނީ މިފަދަ ބޮޑު ކާމިޔާބީ އެއް ހޯއްދެވި އިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް ނުވަތަ ވަކިބޭފުޅެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެނެއެވެ. ހަމަ މިއާއެކު، މިދެންނެވި ހުސްގޮނޑި ނިޞްބަތްވާ ފަރާތުން ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތުތަކާ، ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަކަން މިއަދުގެ ވޯޓުގެ ނަތީޖާ އިން ދިވެހީން އެވަނީ ދައްކުވައިދެއްވާފައެވެ."

ރައީސް ޔާމީނުގެ ސަރުކާރުގައި ރިޝްވަތުގެ މައްސަލައެއް ފެންމަތި ކުރައްވައި ގާސިމްގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި މި ހުކުމާ ވިދިގެން ވަރަށް ބޮޑު އާލާސްކަންފުޅެއް ކުރިމަތިވެވަޑައިގެން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ރައީސް ޔާމީންގެ ވެރިކަން 2018ގައި ނިމެންދެން ގާސިމް ހުންނެވީ ޖަރުމަންވިލާތުގައެވެ.

ގާސިމްގެ އެކްސްގައި އަދިވެސް ވިދާޅުވިއެވެ.

"މިއާއެކު މި ބޭފުޅުން މަޖިލީހުގެ އިންތިޚާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ވެފައި ނުވާކަމީވެސް ފެންނާން އޮތް ހަޤީޤަތެެކެވެ. އަޅުގަނޑު އެދިގެން ނޫންނަމަވެސް، މި އިންތިޚާބުގައި މާމިގިލީ ދާއިރާއަށް އަޅުގަނޑު ވާދަކުރުމުން، އެ ދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވާ، އަޅުގަނޑަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުޢިއްޒު އަށް ވަކީން ޚާއްޞަ ޝުކުރެއް އަރިސްކުރަމެވެ. ދިވެހި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ މުޢިއްޒަށް މިއަދު އެވަނީ ދިވެހިރައްޔިތުން އަރުވާފައެވެ. އެހެންކަމުން، އަޅުގަނޑުގެ ހެޔޮދުޢާއަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރާކާތް ލައްވާ، އެމަނިކުފާނަށް ފުރިހަމަ ސިއްޙަތަކާއި ދިގު ޢުމުރުފުޅެއް މިންވަރުކުރައްވާ، ހެޔޮވިސްނުންދެއްވަވާ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން މި ދިވެހި ވަޠަން ޖަރީވެގެން ދިއުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *