Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އުޅެންވާނީ ހަމައެއްގެ މަތީގައެވެ.

ކުޑަވެސް ޝައްކެއް ނެތެވެ. އިންސާނާގެ ހަގީގީ ޙަޔާތް އޮތީ މަރުވުމަށް ފަހުގައެވެ. އެއީ، އިސްލާމީ ޢަޤީދާގެ މަތީގައި ސާބިތުވެ ހުރި ފުރިހަމަ އީމާނުގެ އަހުލުވެރިއަކަށް ދެބަހެއް ވެވޭނޭ ކަމެއް ނޫނެވެ.

ކީރިތިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ، ޚަލްޤު ކުރައްވާފައިވާ ތަނަވަސް ބިޔަ ކައުނުގެ ތެރޭގައި ލެއްވިހައި ތަކެއްޗެއްވެސް ހިނގައި ހުންނަނީ ނުވަތަ ދައުރުވަނީވެސް އިމެއް ތެރޭގައެވެ. ނުވަތަ ހަމައެއްގެ މަތީގައެވެ. ނުވަތަ ފަލަކެއްގައެވެ. އެކަން ކީރިތި ޤުރުއާނުގެ އަންބިޔާ ސޫރަތުގެ 33 ވަނަ އާޔަތުގައްޔާއި، ޔާސީން ސޫރަތުގެ 40 ވަނަ އާޔަތުގެ މާނަޔަށް ބަލައިލުމުން އެއްވެސް އޮޅުމެއް ނެތި ދޭހަވެއެވެ. އެއީ، އެކަލާނގެ ބަޔާން ކުރައްވާފައިވާ ގޮތުގެ މަތީންނެވެ. އެ ތަކެއްޗަކީ، އޭގެ ޒާތުގައި އެއަށް ޢަޤްލީ އިޙުސާސެއް ލިބިގެންނުވާ ތަކެތި ކަމުގައި ވީހިނދުވެސް މެއެވެ. އެކަމަކުވެސް އެތަކެތި އެ ހިނގަނީ ނުވަތަ ދައުރުވަނީ ވަކި އިމެއްގައެވެ. ޙުދޫދެއް ގައެވެ. މަގެއްގައެވެ. ނުވަތަ ފަލަކެއްގައެވެ. އެއިން އެނގެނީ ކޮންމެ އެއްޗެއްވެސް އިމެއްގައި ނުވަތަ ޙުދޫދެއްގައި ހިނގުމަކީ، ފިޠްރަތުގެ ޠަބީޢީ ނިޒާމު ކަމެވެ.

އެހެން އެކަން ހުރިކަމުގައި ވިޔަސް، އިވުމާއި ފެނުމާއި ބުއްދި ދެއްވާފައިވާ އަހުރެމެން އިންސާނުންނަށް ދެއްވާފައިވާ އިޚްތިޔާރުގެ އިނާޔަތުގެ ނިޢުމަތުގެ ސަބަބުން އުޅެވެމުންދަނީ، ބުނެވިދިޔަ ފިޠްރީ އާދައިގެ އިމުން ބޭރުގައެވެ. ހިތުހުރިހައި ގޮތަކަށެވެ. ހަމައެއް ލަމައެއް ޚުލުޤެއް ނުދަންނަ ފަދައިންނެވެ. އެއީ، އިންސާނުން ދިރިއުޅޭން ލެއްވި ކައުނީ ފިޠުރަތާވެސް މުޅީން ޚިލާފުވެގަތުމެކެވެ. އެއީ، އިންސާނާގެ ގިންތީންވެސް ބޭރުވުން ކަމުގައި މެނުވީ ނުވެއެވެ. އެއީ، އެންމެ މަތިވެރި ގޮތުގައި ޚަލްޤު ކުރެއްވި އިންސާނުން އެންމެ ދަށު ދަރަޖައަށްވެސް ވެއްޓޭ ސަބަބެވެ.

އިންސާނުންގެ ދެ ޙަޔާތުން ފުރަތަމަ ޙަޔާތަކީ، ދުނިޔެވީ ޙަޔާތެވެ. އެހެން އެކަން އޮތްއިރު ދުނިޔޭގައި ދާއިމަށް ދެމިހުންނާނޭ ފިކުރުން ފިކުރުކޮށް ދާއިމަށް ދެމިހުރުމަށްޓަކައި ގެދޮރާއި މުދާ ހޯދާ ބިދައިން ދިރިއުޅުން އާރާސްތު ކުރުމަށްޓަކައި މުދާ އެއްކޮށް ޖަމާކުރުމުގައި އަވަދިނެތި އުޅުމަކީ، ނުވަތަ މުދާ ހޯދައި ޖަމާކުރެވޭ ގޮތުގެ ހަމަލަމަވެސް ބަލައިނުލައި މުދާ ހޯދައި ޖަމާކުރުމައިގެން އަވަދިނެތިވެގަނެވުމަކީ، ގޯޅިއެޅިގެން ދިއުމުގެ ފެށުމުގެ ތެރެއަށް އަހުރެމެނަށް ވަދެވި ލާމެހެންފެށޭ ސަބަބެވެ. އަހުރެމެން ޤަރާރުވެ ދެމިތިބެވޭނޭ ދާއިމީ ގޮވައްޗަކީ، އުޚުރަވީ ޙަޔާތް ކަމުގައި ވާކަން އެނގޭ ހިނދުގައިވެސް މެއެވެ.

އަހުރެމެން އިންސާނުން އެންމެ ފުރަތަމަޔަށް ދުނިޔެވީ ޙަޔާތެއްގައި ލެއްވޭ ސަބަބު ބަޔާން ކުރައްވައި އެ މޭރުމުން ކީރިތިވަންތަ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ، އަންގަވާފައިވާ ގޮތުގެ މައްޗަށް ނަޒަރު ހިންގައިލައިފިނަމަ ދުނިޔެވީ ޙަޔާތުގެ ހަގީގީ ބޭނުމަކަށް ހަދާންޖެހޭނީ ކޮންކަމެއްކަން ވަންހަނާއެއް ނުވާނެއެވެ.

މުލްކު ސޫރަތުގެ ދެ ވަނަ އާޔަތުގައި އަންގަވައިފައިވާ މަތިވެރި ބަސްފުޅަށް ހަމައެކަނި އެނަޒަރުން  ވިސްނައި ފިކުރު ހިންގައިލަމާހެއްޔެވެ؟ އެ އާޔަތުން ކިތަންމެހައިވެސް ރަނގަޅަށް އެކަން ދޭހަވާނެއެވެ. މަރުވުމާއި ދިރިހުރުން އެކަލާނގެ ލައްވާފައިވަނީ އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުކަން ވަޒަންކުރެއްވުމަށްޓަކައިކަން ވަންހަނާއެއް ނުވާނެއެެވެ.

އެހެންވީއިރު، އަހުރެމެން އިންސާނުން ދުނިޔެ ދޫކޮށް ނިމިގެން ދާންޖެހޭ ދިއުމަކީވެސް، އެ ޤާނޫނުން ހަމަ އެކަކުވިޔަސް، އިސްތިސްނާވާނޭ ޤާނޫނެއް ނޫންކަން ގަބޫލު ކުރެވޭނެއެވެ. އެއީ، ރެޔާއިދުވާލުގެ ކޮންމެ ވަގުތަކުވެސް ކޮންމެ ހިނދުކޮޅަކުވެސް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުންނާއި އަހުރެމެން ދިރިއުޅޭ ވެށިންވެސް ފެނި ތަޖްރިބާވަމުންދާ ހަގީގަތެކެވެ.

ވީމާ، ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަކީ، އަމިއްލަ ނަފުސު ތޯހިރުކޮށް ރިވެތި ޚުލުޤުން ޖަރީކުރެވި އުޚުރަވީ ޙަޔާތް ލިބިގަތުމަށްޓަކައި ދުނިޔޭގެ ޙަޔާތް ވޭތުކުރާ ބައެއްކަމުގައި ވެގަތުމުގެ އިމުގައި ދިރިއުޅޭ ބައެއްކަމުގައި ވެގެން، އަހުރެމެން ދިރިއުޅޭ ތަނުގެ މީސްތަކުންނަށް އެކަމުގައި ނަމޫނާ ބަޔަކަށް ވެވޭތޯ ހިންމަތްކޮށް ނަފުސު ހާނައިލެވޭތޯ ގަދައަޅަމާ ހެއްޔެވެ؟ ނުބައިމަގުން ހިނގާ އަޅަކަށް ހުރީ ނަރަކައެވެ. ހެޔޮ މަގުން ހިނގާ އަޅަކަށް ހުރީ ސުވަރުގެއެވެ. އެކަން އަހުރެމެންނީ މުސްލިމުންނަށް ވީތީ، ދަންނަމު ނޫންހެއްޔެވެ؟ އެ މޭރުމުން ކީރިތި ޤުރުއާނުގެ އިންފިޠާރު ސޫރަތުގެ 13 ވަނަ އާޔަތައި 14 ވަނަ އާޔަތުގައި އޮތް ބަސްފުޅުގެ މާނައިން އަހަރުމެނަށް ފަހުމުވެގެން ނުވޭހެއްޔެވެ؟

ލޮބުވެތި މުސްލިމުންނޭވެ! އަމިއްލަ ނަފުސަށް ނަސޭހަތް ދޭށެވެ! އަމިއްލަ ނަފުސު އިޞްލާޙު ކުރާށެވެ! އެއަށް ވުރެން އަގުހުރި މަސައްކަތެއް ދުނިޔެވީ ޙަޔާތެއްގައެއް ނުކުރެވޭނެތެވެ!