...

Support Us

ޢިލްމީ ނަޒަރަކުން އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަށް ކަޅިއެއް- 1

މަޝްހޫރު ޢާލިމު އެނިޝްޓައިން 1905 ވަނައަހަރު ދުނިޔެއަށް ހާމަކުރެއްވި ނިސްބިއްޔަތު ނަޒަރިއްޔާ (ރިލޭޓިވިޓީ ތިޔަރީ)ގެ އެންމެ ފާހަގަކުރެވޭ އެއްކަމަކީ ތަނާއި ޒަމާނާ (ނުވަތަ ވަގުތު) ދެމެދުގައިވާ ގުޅުމެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ތަނާ ނުލައި ވަގުތުގެ ވާހަކައެއް ނުދެއްކޭނެއެވެ. އަދި ވަގުތާނުލައި ތަނުގެ ވާހަކައެއް ވެސް ނުދެއްކޭނެއެވެ. ޙަރަކާތް ކުރާ ކޮންމެ އެއްޗަކާއެކު ވަގުތު އޮންނާނެއެވެ. އެއްޗެއް ބާރަށް ޙަރަކާތްކުރި ވަރަކަށް އޭގެ ވަށައިގެންވާ އެއްޗެއްސަށް ނިސްބަތްކުރާއިރު އޭގެ ވަގުތު ކުޑަވެގެންދާނެއެވެ.

ވަގުތު ކުޑަވެގެންދާ ޡާހިރާއަކީ (ފިނޯމިނާއަކީ) މިއަދު ޠަބީޢިއްޔާތުގެ (ފިޒިކްސްގެ) ލެބޯޓަރީތަކުގައި ސާބިތުކުރެވިފައިވާ ޢިލްމީ ޙަޤީޤަތެކެވެ. ޒައްރާގެ ހަށިގަނޑުތެރޭގައި ހުންނަ ކުދިކުދި ބައިތައް (atomic particles) އަލީގެ ދުވެއްޔާ ކައިރި ދުވެއްޔެއްގައި ޙަރަކާތްކުރާނަމަ އޭއްޗެއްސަށް ބަލާމީހާގެ ނަޒަރުގައި އޭއްޗެހީގެ ޢުމުރު ދިގުވެގެންދެއެވެ. މިސާލަކަށް ބަލާނަމަ ޕަޔޮން (pion) އަލީގެ ދުވެއްޔާ 99% ބާރުމިނެއްގައި ޙަރަކާތްތެރިވާނަމަ އޭގެ ދެބައިކުޅަ އެއްބައި ޢުމުރު ބިމުގައި ހުންނަ ލެބޯޓަރީ ގަޑިއަށް ނިސްބަތްކުރާއިރު ހަތް ގުނައަށް އިތުރުވެގެން ދެއެވެ.

އެނިޝްޓައިންގެ ނަޒަރިއްޔަތަށް ބަލައިގެން ރޮކެޓެއް އަލީގެ ދުވެއްޔާ ކައިރި ދުވެއްޔެއްގައި ދަތުރުކުރާކަމަށް ޚިޔާލަށް ގެނެސްފިނަމަ (ބިމުގެ ގަޑިން) 50 ހާސް އަހަރުގެ ދިގު ދަތުރެއް (ރޮކެޓްގެ ފަޅުވެރިންގެ ގަޑިއަށް ބަލައިފިނަމަ) އެއް ދުވަހުގެ ތެރޭގައި ކަޑައްތުކުރާނެއެވެ.

ތިބާ މި ދުވެލީގައި ދަތުރުކޮށްފައި ކައުނުގެ ކަންކޮޅުތަކަށް ޒިޔާރަތްކުރުމަށްފަހު ބިމަށް އެނބުރި އަންނައިރު ތިބާއާ ބައްދަލުވާނީ މުޅިން އައު ޖީލުތަކެކެވެ. ތިބާއާއެކު މި ދަތުރުގައި ބައިވެރިނުވާ ބިމުގެ އަހްލުވެރިންގެ ގަޑިއަށް ބަލާއިރު ބިމަށް އޮންނާނީ އެތައްހާސް އެތައް މިލިއަން އަހަރުތަކެއް މާޒީވެގޮސްފައެވެ.

މި ވާހަކަތަކުގެ ޚުލާޞާއަކީ: ދުވެލި އިތުރުވި ވަރަކަށް ވަގުތު ކުރުވަމުންދާނެއެވެ. ދުވެލި ބާރުވަމުން ދާނީ ބާރުގަދަކަން އިތުރުވަމުންދިޔަ ވަރަކަށެވެ. މާއްދީން ޤަބޫލުކުރާ ގޮތުގައި ދުވެއްޔާއި ވަގުތާއި ބާރަކީ ގުޅިލާމެހިފައިވާ ކަންތައްތަކެކެވެ. އިންސާނާއަށްވުރެ ބާރުގަދަ މަޚްލޫޤެއް ވާނަމަ (އިންސާނީ ޖިންސަށް ނިސްބަތްނުވާ މަޚްލޫޤެއް ޖިންނިއެއް ނުވަތަ މަލާއިކަތެއް) އޭތި ޙަރަކާތްތެރިވާނީ އިންސާނާއަށް ނިސްބަތްވާ ޤާނޫނުތަކާ ޚިލާފު ގޮތަކަށެވެ. އެ މަޚްލޫޤު، ދުރުމިންތައް ކަޑައްތު ކުރާނީ އިންސާނާއަށް ޚިޔާލު ނުކުރެވޭ ފަދަ ގޮތަކަށެވެ.

ނިސްބިއްޔަތު ނަޒަރިއްޔަތު ބުނާގޮތުގައި އަލީގެ ދުވެއްޔަށްވުރެ ބާރަށް ދަތުރުކުރާ ކާއިނަކުވާނަމަ މި ކާއިނު ދުރުމިންތައް ހުރަސްކުރާނީ މާ ބާރަށެވެ. މި ވަގުތަށް އެނގޭ ގޮތުގައި ހަވާގައި (ފަޒާގައި) އަލި ދަތުރުކުރާ ދުވެއްޔަށްވުރެ ބާރު ދުވެއްޔެއް އެނގިފައެއް ނުވެއެވެ. ޒަމާނީ ސައެންސް މިކަމާ ދެކޮޅެއް ނަހަދައެވެ. މިއަދުގެ ހޯދުންތައް ބުނާގޮތުގައި ބީޓާ އެތިކޮޅުތައް (B–particles) ދަތުރުކުރާއިރު ވަނީ އަލީގެ ދުވެލީގެ ފަށަލަ ފަހަނަޅައިގޮސްފައެވެ.

ފެށުމުގައި މި ވާހަކަކޮޅު މި ގެނައީ ކީރިތި ރަސޫލާ ﷺގެ ޙިއްސީ މުޢުޖިޒާތްތަކުގެ ތެރެއިން މުޢުޖިޒާތެއް ކަމުގައިވާ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތް ދިރާސާކުރާއިރު މި މުޢުޖިޒާތާ ދެކޮޅުހަދާ ޣައިރު މުސްލިމުންނަށް ވިސްނައިދިނުމަށް ޓަކައެވެ. މި މުޢުޖިޒާތުގެ ތެދުކަން ބަޔާންކޮށްދޭކަށެއް ނޫނެވެ. މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މި މުޢުޖިޒާތާ މެއެދު އެއްވެސް ޝައްކެއް ކޮށްގެން ނުވާނެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ރަސޫލާ ﷺ އަށް އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ދެއްވީ އެކަލޭގެފާނު އިސްލާންދީނަށް ޓަކައި އުފުއްލެވި ބުރަތަކަށް އިނާމެއް ދެއްވުމަށެވެ. އެކަލޭގެފާނުގެ ލޮބުވެތި ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނާއި އެކަލޭގެފާނުގެ ހަންހާރަވެތި އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމުން ލިބިވަޑައިގަތް ހިތާމައަށް ތަސައްލީއެއް ދެއްވުމަށެވެ. އެ ކަމުގައި އިންސާނުންނަށް ގޮންޖެއްސެވުމެއްނެތެވެ. އިންސާނުންނަށް އެކަމެއް ނުދައްކަވަތެވެ. އެކަމުގެ ޚަބަރު ދެއްވީ ﷲއާއި ރަސޫލާ އެވެ. މި މުޢުޖިޒާތުގެ ދެ ބައިގައި ވެސް ހިމެނެނީ ޣައިބުގެ ކަންތައްތަކެކެވެ. މި މުޢުޖިޒާތާމެދު ދިރާސާކޮށް ވާހަކަދައްކަނީ އެއީ އާދައިގެ އިންސާނަކަށް އެކަށީގެންވާ ކަމެއް ނޫންކަން ބަޔާންކުރުމަށް ޓަކައެވެ. އެއްވެސް ޢިލްމީ މިންގަނޑަކުން ތަރާދަށްލައި ކިރާއިރު އެއީ ވެދާނެ ކަމެއް ނޫނެވެ. މި ޒަމާނުގެ ސައެންސީ ނަޒަރިއްޔާތުތަކާއި ހައިޕޮތީސިސްގެ ދަށުން ވެސް މިއީ ވެދާނެ ކަމެއް ނޫނެވެ. އެހެންވެއްޖެނަމަ އެ ކަމުން މުޢުޖިޒާތުގެ ސިފަ ނެތިގެންދާނެތެވެ.

ކީރިތި ރަސޫލާ ﷺގެ ޙިއްސީ މުޢުޖިޒާތްތަކަކީ ވަގުތީ ކަންތައްތަކެކެވެ. އެ ކަމެއް ހިނގައިދިޔުމުން އެ ކަމެއް ނިމުނީއެވެ. އެކަލޭގެފާނުގެ އެންމެ ބޮޑު މުޢުޖިޒާތަކީ ކީރިތި ޤުރްއާނެވެ. ޒަމާންތައް ފަސްދީ ދިޔަދިޔަހެން މި މާތް ފޮތުގެ މުޢުޖިޒާތްތައް ދަނީ ފާޅުވަމުންނެވެ. ކޮންމެ ޖީލަކަށް ވެސް އިސްވެދިޔަ ޖީލަށް ފެނިފައިނުވާ އިޢުޖާޒެއް މި ފޮތުން ފެނެއެވެ.

ކީރިތި ރަސޫލާ ﷺގެ ޒަމާނުގައި އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވި ދުވަހު އިރުކޭތައެއް ހިފިއެވެ. އެހިނދު މީސްތަކުން މިއީ އިބްރާހީމުގެފާނު އަވަހާރަވުމުން ހިނގި ކަމެއް ކަމަށް ބުނޫއެވެ. ފަހެ ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަކަމުގެ ތެރޭގައި ހިމެނޭ ދަލީލުތަކެކެވެ. މީހަކު މަރުވެގެން ނުވަތަ އުފަންވެގެން އެ ދޭތީގައި ކޭތަ ނުހިފާނެތެވެ.))

އިސްރާއާއި މިޢުރާޖުގައި ހިމެނޭ މުޢުޖިޒާތްތަކުގެ ތެރޭގައި ކީރިތި ރަސޫލާ ﷺގެ އިސްރާ ދަތުރުފުޅުގެ އާދަޔާޚިލާފު ބާރު ހަލި ދުވެލިވެއެވެ. އެއީ އެކަލޭގެފާނުގެ ބިމުގެ ދަތުރުފުޅެވެ. މައްކާގެ އަލްމަސްޖިދުލްޙަރާމުން ފަލަސްޠީނުގެ ބައިތުލް މަޤްދިސްގައި ހުންނަ އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެވެ. އެކަލޭގެފާނު މި ދަތުރުފުޅުކުރެއްވި ދުވެއްޔާއި ދަތުރުފުޅު ކުރެއްވި ގޮތާ ބެހޭގޮތުން އެއްވެސް އިންސާނަކަށް އަދި އެއްވެސް މަޚްލޫޤަކަށް އެއްޗެއް ބުނާކަށް ނޭނގޭނެތެވެ. އަދި އެކަން ދެނެއެއް ވެސް ނުގެނެވޭނެތެވެ.

އިސްރާއާއި މިޢުރާޖުގެ ދެވަނަ ބަޔަކީ މަތިވެރިވެގެންވާ އުޑުތަކުގެ ދަތުރުފުޅެވެ. އެއީ މިޢުރާޖެވެ. މި ދަތުރުފުޅުގައި ކީރިތި ރަސޫލާ ﷺ ހަވާގެ ހުރިހާ ފަށަލަތަކެއް ކައުނުގެ ހުރިހާ ކަންކޮޅުތަކެއް ފަހަނަޅައި ވަޑައިގަތެވެ. އެކަލޭގެފާނު މި ދަތުރުފުޅުގައި ވަޑައިގެންނެވި ތަނަކީ އެއްވެސް މަޚްލޫޤަކަށް އެނގިގެންވާ ތަނެއް ނޫނެވެ. އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ޤުރްއާނުގައި އައިސްފައިވާ މިންވަރެވެ.

ބިމުގެ ދަތުރުފުޅު އިސްރާއާ ބެހޭގޮތުން މާތްﷲ ވަޙީކުރެއްވިއެވެ. ((سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ- سورة الإسراء 1- އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.))

  • سُبْحَانَ މިބަސްފުޅުން އެނގެނީ ހުރިހާ ބަސްތަކަކާއި ޢަމަލުތަކަކާއި ސިފަތަކެއްގައި އެކަލާނގެއީ އުނިކަމެއް ހުތުރުކަމެއް ނެތް ހުސް ޠާހިރުވަންތަ ރަސްކަލާނގެކަމެވެ.
  • الَّذِي أَسْرَى ގެ މާނައަކީ ރަސޫލާއަށް މާތްކޮށް ހިއްތެވުމުގެ ގޮތުން ރޭގަނޑުގެ ބައެއްގައި ދަތުރުފުޅެއްގައި ގެންދެވި ރަސްކަލާނގެއެވެ.
  • بِعَبْدِهِ ގެ މާނައަކީ މާތްﷲ މަތިވެރި މުހިއްމަތަކަށްޓަކައި ހެއްދެވި އިންސާނާއެވެ. މި މުހިއްމަތަކީ މުޅި އިންސާނިއްޔަތަށް ތެދު މަގު ބަޔާންކޮށް ދެއްވުމެވެ. މާތް ﷲ އެކަލާނގެ ޙަބީބުއޭ ނުވަތަ އެކަލާނގެ މިތުރާއޭ ވަޙީ ނުކުރައްވާ އަޅާއޭ ވަޙިކުރެއްވީ ކީއްވެގެން ހެއްޔެވެ؟ މިއިން އެނގެނީ ކީރިތި ރަސޫލާ ﷺ ވަނީ މާތްﷲއަށް އަޅުވެތިވުމާއި އަޅުވެރިވުމުގައި އެންމެ ފުރިހަމަ ދަރަޖައަށް ވާޞިލުވެވަޑައިގަތްފައެވެ. އެހެންކަމުން އެކަލޭގެފާނަކީ "އެންމެ ފުރިހަމައަޅާ" އެވެ. "އެންމެ ފުރިހަމަ އިންސާނާ" އެވެ. އިސްލާމްދީނުގެ އެންމެ ފުރަތަމަ މަޠުލަބަކީ ﷲއަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމެވެ. ﷲއަށް އަޅުވެތިވުމެވެ.
  • لَيْلًا ގެ މާނައަކީ ރޭގަނޑުގެ ބައެކެވެ. އިސްރާ ދަތުރުފުޅުގައި ހޭދަކުރައްވައިފައިވަނީ ރޭގަނޑުގެ ވަގުތުކޮޅެކެވެ. މުޅި ރޭގަނޑެއްނޫނެވެ. ކީރިތި ރަސޫލާ ﷺ މި ދެ ދަތުރުފުޅު ކުރައްވައިފައި ވަނީ ރޭގަނޑުގައެވެ. އެއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ ޙަޟްރަތާ މީސްތަކުން ކުއްތަންވުމަށް އެންމެ ލޯބިވެވޮޑިގަންނަވާ ވަގުތު ކަމުގައިވާތީއެވެ. އެއީ ގިނަ ބަޔަކު ނިދީގެ މަސްތީގައި ތިބޭ ވަގުތު ކަމުގައިވާތީއެވެ. ކީރިތި ރަސޫލާ ﷺ ނަމާދުފުޅު ކުރައްވަން އެންމެ އިސްކަންދެއްވާ ވަގުތަކީ ރޭގަނޑެވެ. އެއީ ދަމުނަމާދުގެ ވަގުތެވެ.
  • مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى– އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށޭ އޮތް ބަސްފުޅުގެ މާނައަކީ ރަސޫލާގެ ބިމުގެ ދަތުރުފުޅަކީ ދެ މިސްކިތެއްގެ ދެމެދުގައި ކުރެއްވި ދަތުފުޅެކެވެ. އެއީ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ ތިން މިސްކިތުގެ ތެރެއިން ދެ މަސްކިތެވެ. އޭރު އަދި ތިންވަނަ މިސްކިތް (ނަބަވީ މިސްކިތް) ވުޖޫދަކަށް ނާދެއެވެ. އަޤްޞާ މިސްކިތް ހުންނަ ފަލަސްޠީނު ބިމަކީ އިބްރާހީމުގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ރަސޫލުންނާއި ނަބީން އުޅުއްވި ބިމެވެ. އަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. މި މިސްކިތުގައި ކުރެވޭ ނަމާދުގެ ސަވާބު އެހެން މިސްކިތެއްގައި ކުރެވޭ ފަސް ސަތޭކަ ނަމާދުގެ ސަވާބުހާ އިތުރުވެގެން ވެއެވެ. އަލްމަސްޖިދުލް ޙަރާމުގައި ކުރެވޭ ނަމާދުގެ ސަވާބު އެހެން މިސްކިތެއްގައި ކުރެވޭ އެއްލައްކަ ނަމާދާ އެއްވަރުވެގެން ވެއެވެ.
  • بَارَكْنَا حَوْلَهُ- އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. ދުންޔަވީ ބަރަކާތްތަކާއި މާނަވީ ބަރަކާތްތަކެވެ.
  • لِنُرِيَهُ مِنْ آيَاتِنَا- (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހުރިހާ ހެކިތަކެއްނޫނެވެ.

އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަކީ އެކަލޭގެފާނުގެ ހަށިކޮޅާއި ފުރާނަފުޅު އެ ކަމުގައި ޝާމިލުވި ކަމެއް

އިސްރާއާއި މިޢުރާޖަކީ ކީރިތި ރަސޫލާ ﷺ އަށް ހުވަފެންފުޅުގައި ހިނގި ކަމެއް ކަމަށް މީހަކު ފަހަރެއްގައި ބުނެފާނެތެވެ. އެކަމުގައި އެކަލޭގެފާނުގެ ހަށިކޮޅުގެ ބައިވެރިވުމެއް ނެތެވެ. ޢިލްމުވެރިން ރައްދުދެއްވައި ވިދާޅުވަނީ ކީރިތި ރަސޫލާ ﷺގެ ބިންމަތީގެ ދަތުރުފުޅާއި (އިސްރާ ދަތުރުފުޅު) މަލަކޫތީ އުޑުތަކުގެ ދަތުރުފުޅަކީ ހަށިކޮޅާއި ފުރާނަފުޅުން ހަމަހެއިފުޅުގައި ހުންނަވާ ކުރައްވައިފައިވާ ދެ ދަތުރުފުޅެވެ. އިސްރާ ދަތުރުފުޅާ ބެހޭގޮތުން މާތްﷲގެ ވަޙީބަސްފުޅަކީ ((بروح عبده އެކަލާނގެ އަޅާގެ ފުރާނައެއް)) ނޫނެވެ. އެހެނަސް އެކަލާނގެ ބަސްފުޅަކީ ((بعبده އެކަލާނގެ އަޅާ)) އެވެ. އަޅެކޭ ކިޔާނީ ހަށިގަނޑާއި ފުރާނަ ހުރި ނަމައެވެ.

މި ސޫރަތް ފަށްޓަވައިފައި ވަނީ "سبحان" މި ލަފުޒުންނެވެ. އެހެންކަމުން އެކަލާނގެ އެހެން އެއްވެސް އެއްޗަކާ ވައްތަރުވުމުން ހުސްދުރުވެގެން ވެއެވެ. އެކަލާނގެއަށް ވާގިވެރިވެރިވާ އެއްވެސް ފަރާތަކަށް ބޭނުންވެ ވޮޑިގެންނުވަތެވެ. އެކަލާނގެ ހުރިހާ ކަމަކަށް ކުޅަދުންވަންތައެވެ. އެންމެހައި  ނުކުޅެދުންތެރި ކަމަކުން ހުސްޠާހިރުވެގެން ވެއެވެ. މި ލަފުޒުން މި ސޫރަތް ފެށްޓެވުމުން އެނގެނީ އަޑުއަހާ މީހާ ވަރަށް މުހިއްމު ކަމަކަށް ތައްޔާރުވާންޖެހޭކަމެވެ. އަޖައިބުވަނިވި ބޮޑުކަމެއްގެ ވާހަކަ އޭނާއަށް އިވެމުންދާނެތީއެވެ. އިންސާނާގެ މިންގަނޑުން ވަޒަންކޮށް ކިރާނަމައެވެ. އެހެނަސް ކައުނުގެ އިލާހަށް ނިސްބަތްކުރާއިރު، ކައުނުގެ ޚާލިޤާއި ކައުނު ހިންގަވާ އިލާހާ ނިސްބަތްކުރާއިރު، ކައުނުގެ އެންމެހައި ޤާނޫނުތަކާއި މިންގަނޑުތައް ކަނޑައަޅުއްވާ ރަސްކަލާނގެއަށް ނިސްބަތްކުރާއިރު، އެއީ ލުއިފަސޭހަ ކަމެކެވެ. އެކަލާނގެއަށް މިއިން ކޮންމެ ޤާނޫނެއް ފޫއަޅުއްވައިލެއްވުމުގެ ޤާބިލުކަމާއި ކުޅަދުންވަންތަކަން ލިބިވޮޑިގެންވެއެވެ. އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ކުރެއްވުމުގެ އާރާއިބާރު ލިބިވޮޑިގެން ވެއެވެ.

ޢާލިމުން ވިދާޅުވާގޮތުގައި އެ ދުވަސްވަރުގެ ޙާލަތަށް ބަލާއިރު ﷲ އިސްރާއާއި މިޢުރާޖު ދަތުރުފުޅު ކީރިތި ރަސޫލާ ﷺ އަށް ދެއްވީ ވަރަށް މުހިއްމު މަޤްޞަދަކަށް ޓަކައެވެ. އެއީ ﷲއަށާއި ރަސޫލާއަށް އީމާންވެގެން ތިބި މުއުމިނުން އިމްތިޙާނު ކުރެއްވުމަށް ޓަކައެވެ. އެމީހުންގެ އީމާންކަމުގެ މިންވަރު ބެއްލެވުމަށް ޓަކައެވެ. މި ޙަދިސާގެ އަހަރެއްހާ ދުވަސް ފަހުން ކީރިތި ރަސޫލާ ﷺ އިސްލާމީ ފުރަތަމަ މުޖްތަމަޢު ޤާއިމުކުރެއްވުމަށް ޓަކައި މަދީނާއަށް ހިޖްރަކުރައްވާނެތީއެވެ.

މާއްދީން (އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް) ކަންކަން މިނާނީ އެމީހުން ދަންނަ ދިގުމިންތަކާއި ފުޅައުމިންތަކާއި އުސްމިންތަކުންނެވެ. އެމީހުންގެ މި މިންތަކާ އެއްފަސްނުވެއްޖެނަމަ އެމީހުން އެކަމަކާ ދެކޮޅުހަދާނެއެވެ. މިހެންވެ މާއްދީން އިސްރާއާއި މިޢުރާޖާ ދެކޮޅު ހެދިއެވެ. އެ މުޢުޖިޒާތް އެމީހުންގެ ޤާނޫނުތަކަށް ބޯނުލަނބާތީއެވެ.

(ނުނިމޭ)

  • ނޯޓް: މިއީ އަޒްހަރު ޔުނިވަރސިޓީގެ ސައެންސް ކޮލެޖްގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ. ކާރިމުއްސައްޔިދު ޣުނައިމު އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތާ ބެހޭގޮތުން ލިޔުއްވައިފައިވާ މަޒްމޫނަކުން މަޢުލޫމާތު ނަގައިގެން ލިޔުނު ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.