Support Us

ރޯދައިގެ ހަދިޔާ- 1: ކީރިތި ގުރުއާނުގެ އާޔަތެއްގެ ހިޔަލުގައި

މިއަދު އެ އާޔަތެއްގެ ހިޔަލުގައި މަޑުޖައްސާލަން ގަސްދުކުރާ އާޔަތަކީ ބަޤަރާ ސޫރަތުގެ ފުރަތަމަ ދެ އާޔަތެވެ. އާދެ، ألم ذلك كتاب لا ريب فيه هدى للمتقين، މި ދެ އާޔަތެވެ. ވަކިން ޚާއްސަ ގޮތެއްގައި މި ދެ އާޔަތުގެ ތެރެއިން ދެވަނަ އާޔަތެވެ. އަދި، އެ އާޔަތުގައި ހިމެނޭ هدى މި ލަފްޒުގެ ހިޔަލުގައި ހިނދުކޮޅެއް ހޭދަކޮށްލަން ގަސްދުކުރަމެވެ.

ދެވަނަ އާޔަތުގެ މައްޗަށް ނަޒަރު ހިންގާލުމުގެ ކުރިން، މި ދެ އާޔަތުގެ ތެރެއިން، އެންމެ ފުރަތަމަ، ފުރަތަމަ އާޔަތުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލާން ގަސްދުކުރަމެވެ. ألم މި އާޔަތް ހިމެނެނީ ކީރިތި ގުރުއާނުގެ 14 ސޫރަތެއް ފެށުމުގައި އޮންނަ ވަކިވަކި އަކުރުތަކުން އެކުލެވިފައިވާ އާޔަތްތަކާއެވެ. މި ފަދަ އާޔަތްތައް ތަފާތު ގޮތްގޮތަށް މާނަކުރެވެއެވެ. އޭގެ ތެރެއިން އެއްގޮތަކީ އެ އެ ފަދަ އާޔަތްތަކުގައިވާ އަކުރުތައް އިޝާރަތްކުރަނީ މާތްﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅަކަށެވެ. އަލިފު އިޝާރަތްކުރަނީ ލަފްޒުލް ޖަލާލާ ﷲ އަށެވެ. ލާމު اللطيف އަށެވެ. المجيد އަށެވެ. މި އަކުރުތައް ދެވަނައަށް މާނަކުރެވޭ ގޮތަކީ އެ އަކުރުތަކަކީ ސޫރަތްތަކަށް ދެވިފައިވާ އިތުރު ނަމަކެވެ. ތިން ވަނަ ގޮތަކީ އެއީ އަރަބި އަދަބީ ވަސީލަތްތަކުގެ ތެރެއިން ހިމެނޭ ވަސީލަތެކެވެ. ކީރިތި ގުރުއާނަކީ މުއުޖިޒާތެއް ކަމަށް އިޝާރަތްކުރާ ކުރުމެވެ. ކީރިތި ގުރުއާން އެކުލެވިގެން ވަނީ މިފަދަ އަކުރުތަކުން އުފެދިފައިވާ ބަސްތަކާއި ޖުމްލަކަކުންނެވެ. ކީރިތި ގުރުއާނުގެ މަސްދަރަކީ އިލާހުވަންތަ ފަރާތް ނޫން ކަމަށް ދައުވާކުރާ ނަމަ، މި އަކުރުތައް ބޭނުންކޮށް ބަސްތަކާއި ޖުމްލަތައް އަތުރާލައި، އެފަދަ ފޮތެއް، ނޫންނަމަ ސޫރަތެއް، ނޫން ނަމަ އާޔަތެއް އެކުލަވާލުމަށް ތަހައްދީ ކުރެވެއެވެ.

އާދެ، ދެން، ذلك كتاب لا ريب فيه هدى للمتقين، މިއީ އެ ފޮތެވެ. އެ ފޮތަކީ، އެއްވެސް ޝައްކެއް ނެތް ގޮތެއްގައި، ތަގުވާވެރިން ހިންގަން އޮތް ތެދުމަގު އެކުލެވިގެންވާ ފޮތެކެވެ. މި އާޔަތުގެ މާނަ ފުރިހަމައަށް ފަހުމުކޮށްގަތުމަށްޓަކައި މި އާޔަތުގައި ހިމެނޭ މިފްތާހީ ލަފްޒު ކަމުގައިވާ هدى، ތެދުމަގު، މި ލަފްޒުގެ މައްޗަށް ނަޒަރު ހިންގައި އޭގެ މާނަ ފަހުމްކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.

هدى، ތެދުމަގު، މީގެ މާނަ ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ސުއާލެއް ކޮށްލަން ޖެހެއެވެ. ތެދުމަގު ގުޅެނީ ކާކާ އަދި ކޮން ކަމަކާތޯއެވެ؟ ތެދުމަގު ގުޅެނީ އިންސާނާއާއެވެ. އެ އާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުން، ޚާއްސަ އިންސާނަކާއެވެ. ކީރިތި ގުރުއާނަށް އީމާންވާ، އަދި، އެ ފޮތުން ތެދުމަގު ލިބިގަންނަން އެދޭ އިންސާނާއާއެވެ. އާދެ، މުއުމިނާއާއެވެ.

އިންސާނާގެ ހަޔާތުގައި ދެ ބައެއް އޮވެއެވެ. އަމިއްލަ ފަރުދީ ބަޔަކާއި މުޖުތަމައާ ގުޅޭ މުޖުތަމައީ ބައެކެވެ. ހިދާޔަތުގެ ވާހަކަ ނުވަތަ ތެދުމަގުގެ ވާހަކަ ގުޅެނީ މި ދެބަޔާއެވެ. މުއުމިނާގެ ފަރުދީ ހަޔާތާ އަދި އޭނަގެ މުޖުތަމައީ ހަޔާތް ވޭތުކޮށްލަން ޖެހޭނެ ގޮތާއެވެ.

މުއުމިނާގެ ފަރުދީ ހަޔާތް ވޭތުކޮށްލަން ޖެހެނީ ކިހިނެއްކަން ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައި ވެއެވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، މިއީ އެއްވެސް އޮޅުމެއް ނެތް ގޮތެއްގައި ކަނޑައެޅި، ވަކިކުރެވިފައިވާ ކަންކަމެވެ. ކީރިތި ގުރުއާނުގެ މައިގަނޑު އެއް މަގުސަދަކީ މިއެވެ. ހެވާއި ނުބައި އެއްވެސް އޮޅުމެއް ނެތް ގޮތެއްގައި ސާފުކޮށްދިނުމެވެ. އެހެން ވުމުން، ކީރިތި ގުރުއާނަކީ 'އަލްފުރްޤާނޭ' ކިޔައި ނަންދެވިފައި ވެއެވެ. އާދެ، ހެވާއި ނުބައި ވަކިކޮށްދޭ ފޮތެވެ. ހެވާއި ނުބައި ވަކިކޮށް ފާހަގަކޮށްދިނުމުގެ ބޭނުމަކީ، މަގުސަދަކީ، ހެޔޮ ގޮތުގައި ހިފައި އަމިއްލަ ފަރުދީ ހަޔާތް އަމިއްލައަށް އިސްލާހުކުރުމެވެ.

ދީނީ ބަހުރުވައިން މިބަޔަށް ކިޔަނީ ހަލާލު ހަރާމުގެ ބައެވެ. އިސްލާމް ދީނުގެ ޚާލިސް ދީނީ ބަޔަކީ މިއެވެ. އިސްލާމީ ދީނީ މުއައްސަސާ، ނުވަތަ، ދީނީ ބިނާ، އެ ދެކަމުގެ މައްޗަށް ބިނާވެފައި އޮންނަ ދެކަން ބާރު އަޅަނީ މުއުމިނާގެ ކިބައިގައި މި ސިފަ އަށަގެންނެވުމަށެވެ. އީމާންކަމުގެ ރުކުންތަކާއި އެ ރުކުންތައް އަމަލީ ގޮތުން ދައްކާލުމުގެ ސީދާ މަގުސަދަކީ ކުރިން ނަންގަނެވުނު ފަރުދީ އިސްލާހުގެ އަމާޒުފަތްގަނޑާ ހަމައަށް މުއުމިނާ ގެންގޮސްދިނުމަށް އެހީވެދިނުމެވެ.

މި ނުކުތާ އިތުރަށް ވިސްނި ދިޔުމަށްޓަކައި އިސްލާމީ ދައުވަތުގެ އެންމެ ކުރިއަށް، އާދެ، ނަބަވީ ދުވަސްވަރަށް ޖެހިލަން ޖެހެއެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ދައުވަތު ފެއްޓެވުމުގައި މީސްތަކުންނަށް ދެއްވި އިރުޝާދުގެ މައްޗަށް ނަޒަރު ހުއްޓާލަން ޖެހެއެވެ. އިސްލާމީ ދައުވަތު ފެއްޓެވި ދުވަސްވަރު، އިސްލާމް ދީނުގެ ތައުލީމާތުތައް މީސްތަކުންނަށް ޚުލާސާކޮށްލަދެއްވަމުން އެކަލޭގެފާނު ވިދާޅުވީ، މާތް ﷲއަށް އީމާން ވުމަށާއި، ޝިރުކު ނުކުރުމަށާއި، ދޮގު ނުހެދުމަށާއި ވައްކަން ނުކުރުމަށާއި ޒިނޭ ނުކުރުމަށާއި ސިހުރު ނުހެދުމަށެވެ. އާދެ، އިޚުލާސްތެރިކަމާއެކު މާތްﷲ އަށް އީމާންވެ އަޚުލާގީ ގޮތުން ރަނގަޅު މީހަކަށް ވުމަށެވެ. މުއުމިނުންނަކީ ކޮބައިތޯ އިމްތިހާނު ކުރެއްވުމުގެ ގޮތުން، މިކަންކަން ގަބޫލުކުރޭތޯ ބެއްލެވުމަށް ވެސް، މުމްތަހިނާ ސޫރަތުގެ 10 ވަނަ އާޔަތުން ފެށިގެން 12 ވަނަ އާޔަތުގެ ނިޔަލަށް ކީރިތި ރަސޫލާއަށް އިރުޝާދުދެވިފައި ވެއެވެ. އިސްލާމްދީނަކީ ކޮބައިތޯ އެކަލޭގެފާނަށް ދެންނެވުމުން، މިވާހަކަކޮޅު ވެސް ޚުލާސާ ކޮށްލައްވައި، ވިދާޅުވެއެވެ. "قل آمنت بالله ثم استقم"، ތިމަން މާތްއަށް އީމާންވަމޭ ބުނެ، ދެން، އެއަށް ފަހު، (އަޚުލާގީ ގޮތުން) ސީދާ މަގުގައި ހުންނަ މީހަކަށްވާށެވެ!"

އިސްލާމް ދީނުގެ ބިނާގެ މައްޗަށް ބަލައިލުމުން ވެސް މިކަން، އާދެ، ކީރިތި ގުރުއާނުގެ ހިދާޔަތުގެ ފަރުދީ ބައި ގުޅެނީ އަޚުލާގީ ގޮތުން ހެޔޮ ލަފާ މީހާކަށް މުއުމިނާ ހަދާލުންކަން، ސާފުވެގެން ދެއެވެ. މިސާލަކަށް، މުއުމިނާގެ އީމާންކަން ތަޖުސީދުވެގެން ދަނީ ނަމާދާއި ރޯދަ ފަދަ އަޅުކަމުގެ ޝިއާރުތަކުގެ ތެރެއިންނެވެ. އަދި މި ފަދަ އަޅުކަންކަމަކީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަންކަމެއް ނޫނެވެ. އެ އަޅުކަންކަމުގެ ޝިއާރުތަކުގެ ބޭނުމާއި މަގުސަދު ހާސިލުކުރުމަށްޓަކައެވެ. އެ ކަން ގުޅިފައި އޮންނަނީ މުއުމިނާއަކީ އަޚުލާގީ ގޮތުން ހެޔޮލަފާ މީހަކަށް ވުމާއެވެ.

މިސާލަކަށް، އެންމެ ފުރަތަމަ އީމާންކަމުގެ މަގުސަދުގެ މައްޗަށް ވިސްނާލަމާ ހެއްޔެވެ؟ އީމާންކަމުގެ ބޭނުމަކީ ކޮބައިކަން ބަޔާންކޮށްދިނުމުގެ ގޮތުން ކީރިތި ގުރުއާނުގެ އަންއާމު ސޫރަތުގެ 158 ވަނަ އާޔަތުގައި އައިސްފައި ވެއެވެ: لا ينفع نفسا إيمانها لم تكن آمنت من قبل أو كسبت في إيمانها خيرا. (އެދުވަހުން) އެއްވެސް ނަފްސަކަށް އެ ނަފްސެއްގެ އީމާންކަމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. (އާޚިރަތް އައުމުގެ) ކުރިން އީމާންވެ، އަދި އެ އީމާންކަންމަތީ ހުރެ ހެޔޮ އަމަލު ނުކުރާ ނަމައެވެ. ދެން، މި އީމާންކަން ފާޅުކޮށްލެވޭ އިސްލާމީ އަޅުކަމުގެ އެންމެ މުހިއްމު ޝިއާރުކަމުގައިވާ ނަމާދުގެ މަގުސަދުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އެ މަގުސަދު ބަޔާންކޮށްދެމުން، އަންކަބޫތުގެ ސޫރަތުގެ 45 ވަނަ އާޔަތުގައި އައިސްފައި ވެއެވެ. إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر. ނަމާދަކީ ފާހިޝްކަންކަމާއި – އާދެ، ޒިނޭ ފަދަ، އަޚުލާގީ ގޮތުން ހަޑިހުތުރުވެގެންވާ ކަންކަމާއި –، މުންކަރާތްތަކުން – އާދެ، އެއީ ދޮގު ހެދުމާއި މަކަރު ހެދުން ފަދަ، އަޚުލާގީ ގޮތުން ސަލާމަތް ބުއްދި އެކަންކަމަށް އިންކާރު ކުރާ ފަދަ ކަންކަމުން ކުރުމާ ދުރުހެލިވުމެވެ. މީގެ އިތުރުން، ނަމާދުގެ އެނެމެ މުހިއްމު މަގުސަދަކީ މާތް ﷲ މަތިން ހަނދުމަކުރުމެވެ. އާދެ، ރެއަކާއި ދުވާލުގެ ވަގުތުތަކުގެ އެކިއެކި ވަގުތުތަކުގައި ފަސް ނަމާދުކޮށް އަބަދުވެސް، މުއުމިނާގެ ނަފްސުގައި މާތްﷲ މަތިން ހަނދުމަކުރުމުގެ ހުޅުކޮޅު ރޯކޮށްލާފައި ބަހައްޓައި އެ ހުޅުކޮޅުގެ އަލީގައި ފާހިޝްކަންކަމާއި މުންކަރާތްތަކުން ދުރުހެލިވެ، ހެޔޮ ލަފާ މީހަކަށް ވުމެވެ.

ދެން، ހަމަ މި ކަން- އާދެ، ހެޔޮ ލަފާ މީހާކަށް ހަދާލުން- ރޯދައިގެ މަގުސަދަށް ބަލައިލިޔަސް ފެނިގެން ދެއެވެ. އެކަން ބަޔާންކޮށްދެމުން ކީރިތި ގުރުއާނުގައި އައިސްފައި ވެއެވެ. يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون. މާނައީ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުންގެ މައްޗަށް ވެސް ރޯދަހިފުން ފަރުޟުކުރެވިދިޔަ ފަދައިން، ކަލޭމެންގެ މައްޗަށް ވެސް ރޯދަހިފުން ފަރުޟުކުރެވިގެން ވެއެވެ. އެއީ ކަލޭމެން ތަގުވާވެރިވެ ދިޔުމަށްޓަކައެވެ.

ތަގުވާވެރިވުމަކީ ކޮބައި ހެއްޔެވެ؟ އެ ކަލިމައިގެ ލަފްޒީ މާނައަކީ ރައްކާތެރިކުރުމެވެ. އެކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ ހެޔޮ އަމަލުތައްކޮށް ނުބައި އަމަލުތަކަށް އަރައިގަތުމުން ދުރުހެލިވެ ހުރެގެންނެވެ. އެ ގޮތުގެ މަތިން މާތްﷲގެ ރުހުން ހޯދަން މަސައްކަތްކޮށް އެކަލާނގެ ކޯފާއިން އަމިއްލަ ނަފްސު ރައްކާތެރިކުރެވިގެންނެވެ.

އާދެ، މަތީގައި، ބަގަރާ ސޫރަތް ފެށުމުގައި، ކީރިތި ގުރުއާނަކީ ހިދާޔަތުގެ ފޮތެކޭ، އިލާހީ ތެދުމަގު ބަޔާން ކުރެވިގެން އޮތް ފޮތެކޭ ލިޔެވިފައި ވާނެއެވެ. އެ ހިދާޔަތުގެ އެއްބަޔަކީ ފަރުދުންގެ ހަޔާތް ވޭތުކޮށްލާނީ ކިހިނެއް ކަމުގެ ބައެވެ. މި ލިޔުމުގައި ސާފުކޮށްދެވޭތޯ ބެލިފައި ވަނީ އެ އިލާހީ ހިދާޔަތުގެ ފަރުދުންނާ ބެހޭ ބައެވެ. އާދެ، އިލާހީ ތެދުމަގުގައި ހިނގައި ހެޔޮ ލަފާ މީހަކަށް ވުމުގެ މަގުސަދު ހާސިލު ކުރުމުގެ ވާހަކައެވެ. މި ލިޔުމުގެ ދެވަނަ ބައިގައި ނަޒަރު ހިންގާލާނީ އެ އިލާހީ ހިދާޔަތުގެ ދެވަނަ ބައިގެ މައްޗަށެވެ. އިލާހީ ހިދާޔަތުގެ މުޖުތަމައު ތަންޒީމުކުރުމުގެ ބައިގެ މައްޗަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *