އިލްމުވެރިއެއް ކުރެން މީހަކު އެއްސެވެ. "މަނިކުފާނު ކިއުއްވައިފައިވާ އެންމެ ރީތި އެންމެ މަތިވެރި ހިކުމަތްތެރި ބަހަކީ ކޮބައިތޯއެވެ؟"
ދެން، އެ އިލްމުވެރިޔާ ވިދާޅުވިއެވެ. "ހަތް ދިހަ އަހަރު ފޮތް ކިޔުމުގައި އަހަރެން ހޭދަކޮށްފީމެވެ. އިބުނު އަލް ޖަވްޒީގެ ކިބައިން ރިވާކުރެވިފައިވާ މި ބަސްކޮޅަށް ވުރެ ވަކިން ރީތި އަދި މަތިވެރި އެހެން ހިކުމަތްތެރި ބަސްކޮޅެއް އަހަރެންގެ ލޮލުގައި އަޅައިގެންފައެއް ނެތެވެ.
އޭނާ ވިދާޅުވެފައި އޮވެއެވެ: "މާތް ﷲއަށް ކިޔަމަންގަތުމުގައި އުފުލޭ ބުރަ ހިނދުކޮޅެއްގެ ތެރޭގައި ފިލައިދެއެވެ. ނަމަވެސް، އެކަމުން ލިބޭ ސަވާބު އަބަދުގެ އަބަދަށް ދެމިހުރެއެވެ. އަދި، އެކަލާނގެއަށް އުރެދި، ހޯދައިގަނެވޭ ލައްޒަތާއި އުފާ ވެސް ފިލައި ނެތި ދެއެވެ. ނަމަވެސް، އެކަމުން ލިބިގަނެވޭ ފާފަތައް މުއްދަތްތަކަކަށް ދެމިހުރެއެވެ. "
އެހެންވެ، އަބަދުވެސް މާތްﷲއަށް ކިޔަމަންވުމުގައި، އެކަލާނގެއާ އެކުގައި ދެމިހުންނާށެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އެކަލާނގެ ހަޟުރަތަށް އަތްއުފުލައި ދުއާކޮށް، އެކަލާނގެއަށް ދަންނަވާށެވެ. "ހައްދަވާ ބޮޑުކުރެއްވި އަޅުގެ ރަސްކަލާކޯއެވެ: އިބަރަސްކަލާނގެ މަތިން ހަނދުމަކުރުން މަތީ ދެމިހުރެވިގެން މެނުވީ ދުނިޔެއިން ހިތަށް ހަގީގީ އެއްވެސް އުފާވެރިކަމެއް ލިބިގަނެވޭކަށް ނޯވެއެވެ. އަދި، އިބަރަސްކަލާނގެ ފާފަފުއްސެވުން ލިބިގެން މެނުވީ އާޚިރަތް ދުވަހުން އެއްވެސް ފައިދާއެއް ހާސިލުކުރެވޭނޭ ގޮތެއް ވެސް ނޯވެއެވެ. އަދި، އިބަރަސްކަލާނގެ ވަޖުހުފުޅު ފެނުމުގެ ނިއުމަތް ލިބިގެން މެނުވީ ސުވަރުގޭގެ ނިއުމަތް ފުރިހަމަވެގެން ނުދެއެވެ."
އެހެންވެ، އެކަކު އަނެކަކާ ސަލާންކޮށް އެކަކު އަނެކަކަށް މާފުކުރާށެވެ. އަދި، ޚަލްގުތަކުންނާ މެދު ރަނގަޅު ނުބައި ކަނޑައެޅުމާއި އެންމެ ފަހުގެ ގޮތް ނިންމުން ޚާލިގުވަންތަ ފަރާތަށް ދޫކޮށްލާށެވެ. އެމީހުންނާ އަދި އަހަރުމެން ވެސް މި ދުނިޔެ ދޫކޮށްދާން ޖެހެއެވެ. އެހެންވެ، އެއީ ކިތަންމެ އާދައިގެ ކުޑަކަމެއް ވިޔަސް، ހެޔޮ ކަމެއް ކުރެވޭތޯ ބަލާށެވެ. އެހެނީ ކަލެއަށް ސުވަރުގެ ވަދެވޭނީ ކޮން ހެޔޮ ކަމެއްގެ ސަބަބުންކަން ކަލެއަށް އެނގިފައެއް ނޯވެއެވެ.
"(ފާފަތަކާ ދުރަށް ގޮސް) މާތްﷲއަށް ތައުބާވެ، (ހެޔޮކަންތައްކޮށް އެކަލާނގެ ހަޟުރަތަށް) ކަލޭމެން އެންމެން އެނބުރި އަންނާށެވެ، އޭ އެންމެހައި މުއުމިނުންނޭވެ. އެއީ ކަލޭމެންނަށް ކާމިޔާބު ލިބިދިޔުމަށްޓަކައެވެ.)"

