Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައިވާ މި ތަސްވީރު ކިޔައިދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ މި ތުއްތު ކުއްޖާ ކޮންމެ ފަދަ ގައުމަކަށް ނިސްބަތް ވިޔަސް، އަދި އެއީ ކުރިއަރައި ތަރައްގީވެފައިވާ ގައުމެއްކަމުގެ ދައުވާ ކުރިޔަސް، އެ ގައުމެއްގައި ހިންގާލެވޭ ސިޔާސީ ނިޒާމަކީ ފާސިދުވެ، ފޭލުވެފައިވާ ސިޔާސީ ނިޒާމެއް ކަމެވެ!

މިފަދަ މަންޒަރުތައް އެ މުޖުތަމާއަކުން ފެންނަ ކޮންމެ މުޖުތަމާއަކީ ވެސް، އެތަނުގެ ސިޔާސީ ނިޒާމު ފާސިދުވެ، ފޭލިވެފައިވާ ތަނެކެވެ. އަދި އެ މުޖުތަމައަކީ އެ މުޖުތަމައުގައި އިންތިހާއަށް މަވެތިކަމާއި އިންފިރާދިއްޔަތު އަށަގަނެ، އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލުން ގެއްލިގޮސްފައިވާ މުޖުތަމާއެކެވެ.

ޖާހިލީ ޒަމާނުގައި ވެސް މައްކާގައި އޮތީ މިފަދަ މުޖުތަމައެކެވެ. ކީރިތި ގުރުއާނުގެ ބައެއް ސޫރަތްތަކުގައި މިކަން ފާހަގަކޮށް މިކަމާ ދެކޮޅު ހަދާފައި ވެއެވެ. މިސާލަކަށް މާއޫނު ސޫރަތާއި ތަކާޘުރު ސޫރަތުގައެވެ. މި ސޫރަތްތަކުގައި މަވަތިކަމާއި އިންފިރާދިއްޔަތުގެ ގޮތާ ފާޑުކިޔިފައި ވެއެވެ. އެކަކު އަނެކަކަށް އަޅާނުލައި ހުރިހާ ހެވެއް ވަކި ބައެއްގެ އަތްމައްޗަށް އަައުން އޮންނަ އޮތުމާވެސް ދެކޮޅު ހެދިފައިވެއެވެ. މިކަން އިތުރަށް ސާފުކޮށްލަދިނުމުގެ ގޮތުން، ތަކާޘުރު ސޫރަތުގެ މާނައާއި އޭގެ މައްޗަށް އެއްޗެއް ލިޔެލާނަމެވެ.

ތަކާޘުރު ސޫރަތުގެ މައްޗަށް އަވަސް ކަޅިއެއް

ތަކާޘުރު ސޫރަތަކީ މައްކީ ސޫރަތެކެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރުއެކަލޭގެފާނުންގެ އިސްލާމީ ދައުވަތުގެ މައްކީ މަރުހަލާގެ ކުރީކޮޅު ބާވާލެއްވުނސޫރަތެކެވެ. ކީރިތި ގުރުއާނުގެ މައްކީ މަރުހަލާއިގައި ތޭރަވަރަކަށް އަހަރު ހިމެނެއެވެ. މި ތޭރަ އަހަރުގެ ތެރެއިން ފުރަތަމަ ހަތަރު އަހަރު ބެލެވެނީ އެއީ މައްކީ މަރުހަލާގެ ކުރީކޮޅުކަމަށެވެ. މިކަމުން، ތަކާޘުރު ސޫރަތް ބާވާލެއްވުނު ދުވަސްވަރު އަންދާޒާކޮށްލެވެއެވެ.

މި ނަންގަތް، މައްކީ މަރުހަލާގެ ކުރީ ދުވަސްކޮޅަކީ އިސްލާމީ ދައުވަތުގެ މަސައްކަތާ ދެކޮޅުހަދައި، މުސްލިމުންނާ މެދު އަނިޔާވެރި އަމަލުތައް މައްކާގެ ގުރައިންޝުންގެ ބޮޑުން، އަދި ނުފަށާ އޮތް ދުވަސްވަރެކެވެ. ނަމަވެސް، އެދުވަސްވަރު، ބާވާލެއްވުނު ބައެއް ސޫރަތްތަކުގައި، މައްކާގެ ޖާހިލިއްޔަތު ނިޒާމަށް ފާޑުކިޔައި ތަންގީދުކުރެވިފައި ވެއެވެ. ޖާހިލިއްޔަތުގެ ނިޒާމޭ ބުނެ މި އިޝާރަތްކުރަނީ، ދިރިއުޅުމުގެ ކަންކަމުގައި އެއްވެސް ރިވެތި އަޚުލާގީ ހަމައަކަށް ބެލުމެއް ނެތި، ހިތު ހުރި ގޮތަކަށް ކަންތައްތައް ކުރެވެމުން ދިޔަ ނިޒާމަށެވެ. ކޮންމެ މީހެއްގެ ހަޔާތުގެ މަގުސަދަކަށް ވެފައި އޮތީ އަމިއްލަ ފައިދާއެވެ. ކޮންމެ މީހެއްގެ މަސައްކަތަކީ މުދަލާއި ފައިސާ ޖަމާކޮށް، ވީހާ ވެސް ގިނައިން ހޯދުމެވެ. މުޖުތަމައުގެ އެހެން އަފުރާދުންގެ މަސްލަހަތަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. އަޚުލާގީ އިމެއްގެ ތެރޭގައި ތިބެ އެކަން ކުރުމުގެ ބޭނުމެއް އޮތްކަމަށް ނުދެކިއެވެ. ތަކާޘުރު ސޫރަތުގައި ޖާހިލިއްޔަތުގެ މި ސިފައަށް ފާޑުކިޔިފައިވެއެވެ.

މި ފާޑުކިޔުން، ސޫރަތުގެ ނަމުން ފެނި، ސާފުވެގެންދެއެވެ. ތަކާޘުރުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ގިނަކުރުމެވެ. މުދަލާއި ފައިސާ އެއްކޮށް، ޖަމާކޮށް، ގިނަކުރުމެވެ. ދުނިޔަވީ ހަޔާތަށް ޒީނަތްތެރިކަން ގެނެސްދޭ ސާމާނު އެއްކޮށް ޖަމާކޮށް ގިނަކުރުމެވެ. ބާރާއި ނުފޫޒު، ޖާހާއި ބޮޑުކަންވެސް، އިތުރަށް ލިބިގަތުމެވެ. އަދި، މިކަންކަމުން ތިމާއަށް މޮޅުކަން ލިބިފައިވާ ކަން ދައްކައި އެކަމާ މެދު ފަޚުރުވެރިވެ، ބޮޑާވެސް ވުމެވެ.

މިފަދައިން މުދަލާއި ފައިސާ، ތަކެއްޗާއި ސާމާނު، ބާރާއި ނުފޫޒު، ޖާހާއި ބޮޑުކަން އިތުރުކުރުމުގެ މަގުސަދަކީ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ދުނިޔަވީ އުފަލުގެ ގޮތުގައި ބެލެވޭ ކަންތައްތައް، ޖިސްމާނީ އުފާތައް – މީރު ކެއުމާއި ބުއިން، ޖިންސީ ލައްޒަތުތައް – މި އުފާތަކަށް ވާސިލުވެވެން އޮންނަ ވަސީލަތަކަށް މި ނަންގަތް މުދަލާއި ފައިސާ، ބާރައި ނުފޫޒު ފަދަ ކަންކަން ވުމުންނެވެ. އެހެންވެ، މިކަމަށް ފާޑުކިޔައި ތަކާޘުރުގެ މި ދިރިއުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ތަކާޘުރު ސޫރަތުގައި ބަޔާން ކުރެވިފައި ވެއެވެ. އިތުރަށް ކުރިއަށް ދިޔުމުގެ ކުރިން، ދެން، ތަކާޘުރު ސޫރަތުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

بسم الله الرحمن الرحيم ރަހުމަތްވަންތަ، ރަހުމަތްލައްވާ މާތްރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން ފަށްޓަމެވެ.

ألهاكم التكاثر ކަލޭމެން ޣާފިލުކޮށްލާފައިވަނީ (މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންތައްތައް، އެކަކު އަނެކަކަށްވުރެ) ގިނަކުރަން އުޅުމެވެ.

حتى زرتم المقابر ކަލޭމެން ގަބުރުތަކަށް ޒިޔާރަތްކުރަން ޖެހެންދެންނެވެ. [އެއީ ރަނގަޅު މޮޅު ގޮތް ކަމަށް ދެކިގެން، ކަށްވަޅަށް ދާންޖެހެންދެންނެވެ.]

كلا سوف تعلمون ނޫނެކެވެ. (ހަގީގަތުގައި ކަން ހުރިގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް އެއަށްޓަކާ ފަޚުރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރުކުރުމުގެ ނަތީޖާ) ލަހެއްނުވެ ކަލޭމެންނަށް އެނގޭނެއެވެ.

ثم كلا سوف تعلمون އަދި ވެސް ނޫނެކެވެ. (ހަގީގަތުގައި ކަންހުރިގޮތާއި، މުދަލާއި ފައިސާއާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ސާމާނު އެއްކޮށް ޖަމަޢަކޮށް، އެއަށްޓަކާ ފަޚްރުވެރިވެ އުޅޭ ދިރިއުޅުން ޚިޔާރު ކުރުމުގެ ނަތީޖާ) ލަހެއް ނުވެ އެނގޭނެއެވެ.

كلا لو تعلمون علم اليقين (ޚިޔާރުކޮށްގެން އުޅެންވީ “ތަކާޘުރު”ގެ، މުދަލާއި ފައިސާ، ދުނިޔަވީ ހަޔާތުގެ ޒީނަތްތެރިކަންކަން، އެކަކު އަނެކަކަށްވުރެ ގިނަކުރުމުގެ، ދިރިއުޅުމެއް) ނޫނެވެ. ޔަގީން ކުރެވޭ، (އެއާމެދު އެއްވެސް ޝައްކެއް ނުކުރެވޭ)، އެނގުން ކަލޭމެންނަށް އެނގޭނަމަ، (އެގޮތަކަށް ނޫޅުނީހެވެ).

لترون الجحيم ޔަގީން އެވެ. ކަލޭމެންނަށް ނަރަކަ ފެންނާނެއެވެ.

ثم لترونها عين اليقين އަދި ހަމަ ޔަގީނެވެ. ޝައްކު ނުކުރެވޭގޮތަށް، ޔަގީންކަމުގެ ލޮލުން، ކަލޭމެންނަށް އެނަރަކަ ފެންނާނެއެވެ.

ثم لتسئلن يومئذ عن النعيم ދެން، އެދުވަހުން (ދުނިޔޭގައި ކަލޭމެންނަށް ދެއްވި) ނިއުމަތްތަކާ މެދު ސުވާލު ކުރެވޭނެއެވެ.

ދެން، މި ސޫރަތުގެ ޖުމްލަ މާނައިގެ މައްޗަށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟ މުދަލާއި ފައިސާ، ބާރާއި ނުފޫޛު އަދި ދުނިޔަވީ ހަޔާތުގެ ޒީނަތްތެރި ކަންތަކާއި އެއްޗެހި ކަމަށް، ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެއްޗެހި، ހޯދައި އެއްކޮށް، ގިނަކޮށް، ޖަމަޢަކޮށް، އެތަކެއްޗާއި ކަންކަމުގެ ގިނަކަމަށްޓަކާ، މީސްތަކުންގެ މައްޗަށް، ނުވަތަ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށާއި އެކަކު އަނެކެއްގެ މައްޗަށް ފަޚްރުވެރިވެ އުޅުން، ދުނިޔަވީ ހަޔާތާއި ވަކިވެ މަރުވެ ދިޔުމަށްފަހު ކުރިމަތިވާނެ ކަންތައްތަކާ އާޚިރަތް ދުވަހު ކުރިމަތިވާން ހުރި ކަންތައްތަކުން، ކަލޭމެން ވަނީ، މުޅީން ޣާފިލުކޮށްލާފަ އެވެ. އަދި މިޣާފިލުކަމުގައި ކަލޭމެން މަރުވެގެން ޤަބުރުތަކަށް ދާންޖެހެން ދެން، ކަލޭމެން ތިބެއެވެ. މިގޮތަށް ކަލޭމެން ދިރި އުޅެމުން ދަނީ، މިގޮތަށް، ތަކާޘުރުގެ ދިރިއުޅުމުގައި ދުނިޔަވީ ހަޔާތް ވޭތުކޮށްލުމުގެ ނަތީޖާ ނޭނގޭތީއެވެ. މަރުވުމަށްފަހު، ކުރިމަތިވާން ހުރި ކަންތައްތައް، ހިތުގައި އެއްވެސް ޝައްކުކަމަކާ ނުލައި، ޔަގީންކަމާއެކު، ގަބޫލު ނުކުރެވޭތީ އެވެ. ނުވަތަ އެކަން ހަނދާނުގައި ނުބެހެއްޓޭތީއެވެ. އެކަމުގެ ހޯޝް، ހޭވެރިކަން، (ކޮންޝަސްނަސް) ހިތުގައި ނޯންނާތީއެވެ. ދުނިޔޭގައި ލިބޭ ހިއްސީ ބައެއް އުފާތައް، ލޮލަށް ފެންނަ ރީތި މަންޒަރުތަކާއި، ކަންފަތަށް އިވޭ ހިތްގައިމު އަޑުތަކާއި، ދުލުން އިހުސާސުކުރެވޭ މީރު ރަހަތަކާ، ޖިންސީ ލައްޒަތުގެ އަރާމުތައް ހޯދައި ލިބިގަތުމަކީ، ދުނިޔޭގެ ހަޔާތުގައިއޮތް އެންމެ މޮޅު ކަންތައް ކަމަށް ދެކި، މިކަންކަން ހޯދުމުގައި މަޝްޣޫލުވެ އަވަދި ނެތި އުޅެން ހަދައިގެންނެވެ. މިއުފާތައް ލިބިގަތުމަށްޓަކައި، މުދަލާއި ފައިސާ، ބާރާއި ނުފޫޒު ހޯދައި، ވީހާ ގިނައިން އެއްކޮށް އުޅުމަކީ، ހަޔާތުގެ ހަމައެކަނި މަގުސަދުކަމަށް ހެދިފައިވާތީ އެވެ. ނަމަވެސް، ހަގީގަތުގައި ކަންހުރީ ކަލޭމެން ތިދެކޭ ގޮތަކަށް ނޫނެވެ. އަދި، ލަސްތަކެއް ނުވެ، ކަލޭމެންނަށް، އެކަން އެނގޭނެ އެވެ. އަދި ހަގީގަތުގައި ކަންހުރީ ކަލޭމެން ތިޔަ ހީކުރާގޮތަށް ނޫންކަން، ކަލޭމެންނަށް، ޔަގީން ކުރެވޭގޮތަށް، އެނގޭ ނަމަ، ތިޔަގޮތަކަށް ނޫޅުނީހެވެ. ޔަގީނެވެ. ކަލޭމެންނަށް ފެންނާނެއެވެ. އަދި ޔަގީން ކުރެވޭ ގޮތެއްގައި، ލޮލަށް އެނަރަކަ ފެންނާނެއެވެ. އަދި މިކަންތައްތައް ފެންނަ ދުވަހު، ﷲ ސުބްޙާނަހޫ ވަތަޢާލާ، ދުނިޔޭގައި ކަލޭމެންނަށް ދެއްވި، ނިޢުމަތްތަކުގެ ބޭނުން ހިފިގޮތާ މެދު ސުވާލު ކުރެވޭނެއެވެ.

ސޫރަތުގެ މެސެޖަކީ، ރިސާލަތަކީ، ބުނެދޭ ވާހަކައަކީ ކޮބާ ހެއްޔެވެ؟ ފަހަރެއްގައި ވެސް، މަސައްކަތްކޮށް މުދާ ހޯދައި ފައިސާވެރި ވުމަށް އިންކާރެއް ނުކުރެއެވެ. އެއީ ހަމަ ކުރުން އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް، ސޫރަތުގައި އިންކާރު ކުރެވިފައިވަނީ މުދަލާއި ފައިސާ ހޯދުމަކީ ހަމައެކަނި ދުނިޔަވީ ހަޔާތުގެ މަގުސަދުކަމަށް ހަދާލުމާ މެދުގައެވެ. މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ޖެހޭނީ ދުނިޔެއަކީ ހަމައެކަނި އުޅެން އޮތް ތަން ކަމުގައި ނުދެކި، އުޚުރަވީ ހަޔާތެއް ވެސް އޮތްކަން ހަނދާން ކުރަމުންނެވެ. އަދި، އެކަން ކުރަން ޖެހެނީ އަޚުލާގީ އިމެއްގެ ތެރޭގައެވެ. ވައްކަމާއި ފޭރުން، އޮޅުވާލުމާއި ލަނޑުދީގެން މުދަލާއި ފައިސާ ހޯދުމަކީ މި ބުނާ އަޚުލާގީ އިމުން ބޭރުގައިވާ ކަންކަމެވެ. އެހެންވެ، އެފަދަ ކަންކަމީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. މީގެ އިތުރުން، ތިމާގެ މުދަލާއި ފައިސާގައި ފަގީރުންނާއި ނިކަމެތިންނަށް ވެސް ހައްގެއްވާކަން ވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އާދެ، ތަކާޘުރު ސޫރަތުގެ މައިގަނޑު ރިސާލަތަކީ މިއެވެ.

އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުމަކީ ތިރީގައި އެފެންނަ ތަސްވީރުން ފެންނަ މަންޒަރުތައް ނުފެންނާނޭ ފަދަ ސިޔާސީ ނިޒާމެއް ބިނާކުރުމެވެ. އިންފިރާދިއްޔަތާއި މަވެތިކަމަށް، އަދި ތަކާޘުރާއި ގައުމުގެ ހުރިހާ ހެވެއް މަދު ބައެއްގެ އަތް މައްޗަށް އެއްވެ ގިނަވާނޭ ގޮތުގެ މަގުފަހިކޮށްދޭ މިހާރު މިއޮތް ނިޒާމާ ދުރަށް ގޮސް، ގައުމުގެ ޚައިރާތަކީ އެންމެން ވެސް ހިއްސާވާ، އެއިން އެންމެނަށް ވެސް ފައިދާ ކުރާނޭ ނިޒާމެއް ގާއިމު ކުރުމެވެ. މިފަދަ ކަމެއް ކުރެވޭނީ މިކަމާ މެދު ވިސްނައި ފިކުރުކޮށް، މިކަމަކީ ކުރެވޭނޭ ކަމެއް ކަމުގައި ދެކި، ހެޔޮ ބަދަލުތަކެއް ގެނެވިގެންނެވެ. ކަންކަން ނުކުރެވޭ، ކަންކަން ކުރަން އަމުދުން ނުވެސް އެނގޭ، އަދި ތިމާމެންގެ ވެރިކަން ދެމެހެއްޓުމުގެ ގޮތުން ތިމާމެންގެ އަމިއްލައަށް ވެރިކަމަށް ގެނައި ތިމާމެންގެ ޕާޓީއާއި ގައުމު ވެސް ގުރުބާންކޮށްލަން ފަަސްނުޖެހޭ ސިޔާސީ ވެރިންނާއި އެމީހުންގެ ހޮޅި ފިކުރާ ދުރަށް ދިއުން މިނަންގަތް މަސައްކަތުގެ ފެށުން ކަމުގައިވާނެއެވެ.