Support Us

މީހަކު ބުނާ ވާހަކައެއް: ލޯބީގެ މަރުހަލާތައް

 

ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ލޯބީގެ ތިން މަރުހަލާއެއް އޮވެއެވެ; ކައިވެނީގެ ކުރީގައި އޮންނަ ލޯބީގެ މަރުހަލާއާއި ކައިވެނީގެ ފުރަތަމަ އަހަރު އޮންނަ ލޯބީގެ މަރުހަލާއާއި ކައިވެނީގެ ބާކީ އަހަރުތަކުގައި އޮންނަ ލޯބީގެ މަރުހަލާއެވެ.

ކައިވެނީގެ ކުރީގައި އޮންނަ ލޯބީގެ މަރުހަލާ

އެ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ކައިވެނީގެ ކުރީގައި އޮންނަ ލޯބީގެ މަރުހަލާގައި ވާހަކަދައްކަނީ ފިރިހެން މީހާއެވެ. އަބަދުވެސް، ކެތްތެރިކަމާއެކު، އަންހެން މީހާ އިންނަނީ އަޑުއަހާށެވެ.

ކައިވެނީގެ ފުރަތަމަ އަހަރު އޮންނަ ލޯބީގެ މަރުހަލާ

ނަމަވެސް، ކައިވެނިކުރުމަށް ފަހު، މިކަމަށް ބަދަލު އަންނަ ކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވެެއެވެ. އެ އެފަދަ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ކައިވެނީގެ ފުރަތަމަ އަހަރު އޮންނަ ލޯބީގެ މަރުހަލާގައި ވާހަކަ ދައްކާނީ މުޅިން ވެސް އަނބިމީހާއެވެ. މި މަރުހަލާގައި އަދަބުވެރިކަމާއެކު، ނަމަވެސް ކެތްމަދުވެފައި ވިޔަސް، ފިރިމީހާ އިންނާނީ އަޑުއަހާށެވެ.

ކައިވެނީގެ ބާކީ އަހަރުތަކުގައި އޮންނަ ލޯބީގެ މަރުހަލާ

ދެން، ހަމަ އެ ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ކައިވެނީގެ ދެން އޮތް އަހަރުތަކުގައި އޮންނަ ލޯބީގެ މަރުހަލާގައި ދެމަފިރިން ވެސް، ވަކިވަކިންނާއި އަދި ދެމަފިރިން އެއްފަހަރާ ވެސް ވާހަކަ ދައްކާނެއެވެ. ނަމަވެސް، ލޯބީގެ އެންމެ ފަހުގެ، މި މަރުހަލާގައި ދެމަފިރިންގެ ވާހަކައިގެ އަޑު ކިތަންމެ ގަދަވެފައި އޮތަސް، އެ މީހުންނަށް އެކަކު އަނެކަކުގެ އަޑެއް ނީވޭ ފަދައެވެ. އެ ވާހަކަތަކުގެ އަޑުއަހަން ތިބޭނީ އަވަށްޓެރިންނެވެ!