ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތަކުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރެވިފައި އޮވެއެވެ. މިސާލަކަށް ބަޤަރާ ސޫރަތާއި ލުޤުމާނު ސޫރަތުގައެވެ. ތިރީގައި އެ ވަނީ މުއުމިނޫން ސޫރަތުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރެވިފައިވާ ކުރުމެވެ.
މިފަދައިން އެކިއެކި ސޫރަތްތަކުގައި މުއުމިނުންގެ ސިފަތަަކަކީ ކޮބައިތޯ ބަޔާންކޮށްދީ ބުނެދިނުމުގެ މަގުސަދަކީ މުއުނިނުނަށް އިސްލާހުވުމުގެ މަގު ޚިޔާރުކޮށް އެ މަގުގައި ދެމި ތިބުމަށް ހިއްވަރު ދިނުމެވެ.
މުއުމިނޫން ސޫރަތުގައި ބަޔާން ކުރެވިފައިވާ މުއުމިނުންގެ ސިފަތައް ހިމެނޭ އާޔަތްތައް ލިޔެލައި އެ އާޔަތްތަކުގެ މާނައެއް ހުށަހަޅާލަމެވެ.
- قَدْ أَفْلَحَ الْمُؤْمِنُونَ
އެއްވެސް ޝައްކެއް ނެތެވެ. މުއުމިނުނަށް، ފަލާހު، ކާމިޔާބު ލިބޭނެއެވެ.
މުއުމިނުންނަކީ ކޮބާ ހެއްޔެވެ؟ ކީރިތި ގުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބޭނުންކުރެވިފައިވާ ފަދައިން، މި އާޔަތުގައި ވެސް، މުއުމިނުންނޭ ނަންގަނެވި، އިޝާރަތްކުރެވެނީ މާތްﷲ އަށާއި އެކަލާނގެ ރަސޫލާ ސަލާމަތްލެއްވި، މުހައްމަދުގެފާނަށް އީމާންވި މީހުންނަށެވެ. މި މަގާމުގައި ހަނދާންކޮށްލަން ޖެހޭނޭ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. ކީރިތި ގުރުއާން ބާވާލެއްވެމުން ދިޔަ ދުވަސްވަރާއި އަދި އެއާ ވިދިގެން އައި ދުވަސްވަރު ވެސް، އާދެ، ސަހާބީންގެ ދުވަސް ވަރުވެސް، 'މުއުމިނޫން' (އީމާންވި މީހުން) މި ލަފްޒުން ގަސްދުކުރެވުނީ ދެންމެ ނިނަންގަތް މާނައަށެވެ. އާދެ، އެ ލަފްޒަކީ ޖަމާއީ ސިފައެއްގައި މާތްﷲއަށާއި މުހައްމަދުގެފާނަށް އީމާންވި މީހުންނަށް އިޝާރަތްކޮށް ބޭނުން ކުރެވުނު ލަފްޒެވެ. މިހާރު، މުސްލިމުން މި ލަފްޒު ބޭނުން ކުރާ ފަދައިންނެވެ. މި ނަންގަތް ވާހަކައިގެ އެންމެ އަލިގަދަ އެއް ހެއްކަކީ މުސްލިމުންގެ ވެރިންނަށް އެންމެ ފުރަތަމަ ދެވުނު ލަގަބަކީ 'އަމީރު އަލް މުއުމިނީން' އެވެ. އާދެ އީމާންވި މީސްތަކުންގެ ވެރިޔާއެވެ. އަމީރު އަލްމުސްލިމީން (އިސްލާމްވި މީހުންގެ ވެރިޔާ) މިހެންނެއް ނޫނެވެ.
ފަލާހު އަކީ ކާމިޔާބެވެ. މިކާމިޔާބު ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް، މުއުމިނުންނަށް ލިބޭނޭ ވާހަކަ މި އާޔަތުގައި ބުނެފައި ވެއެވެ. ޚާއްސަ ގޮތެއްގައި، އާޚިރަތުގައި މުއުމިނުންނަށް ކާމިޔާބު ލިބޭނޭ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.
ދެން، އޮތް ދިހަ އާޔަތުގައި ކާމިޔާބު ލިބޭނޭ މުއުމިނުންގެ ސިފައަކީ ކޮބައިކަން ބަޔާންކޮށް ދިނުމެވެ.
- الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ
އެ މީހުންނަކީ އެ މީހުންގެ ނަމާދުގައި (އެ މީހުންގެ ހިތްތައް) ބިރުގަނެ، މަޑުމޮޅިވާ މީހުންނެވެ.
އާދެ، އެ މީހުންގެ ނަމާދުކުރުމުގައި، ނަމާދުގެ މަގުސަދުތައް މަތިން ހަނދާންކޮށް އެ މަގުސަދު ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރާ މީހުންނެވެ. މާތްﷲ މަތިން ހަނދުމަކޮށް، އެކަލާނގެ މަތިވެރިކަން ހިތަށް ގެނެސް، ހިތް މަޑުމޮޅިވެ، ހެޔޮލަފާ މީހަކަށް ވުމަށް މަސައްކަތް ކުރުމެވެ.
- وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ
އެ މީހުންނަކީ ބޭކާރު ވާހަކަތަކާއި ކަންކަމަށް ފުރަގަސްދީ، ދުރަށްދާ މީހުންނެވެ.
ބޭކާރު ވާހަކަތަކާއި ކަންކަމޭ ބުނެ އިޝާރަތްކުރެވެނީ ކުށް ފާފަތަކާއި އުރެދުންކަމުގައި ބެލެވޭ ބާތިލު ވާހަކަތަކާއި ކަންކަމަށެވެ.
- وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ
އެ މީހުންނަކީ އެ މީހުންގެ އެތެރެ ތާހިރުކުރުމުގެ މަސައްކަތުގައި ދެމި ތިބޭ މީހުންނެވެ.
މި އާޔަތުގައި 'ޒަކާތް' މި ލަފްޒު ދެ ގޮތަކަށް މާނަކުރެވިދާނެއެވެ. އެއް ގޮތަކީ ފައިސާއާއި މުދަލުން ޒަކާތްދީ ނަފްސު ދަހިވެތިކަމުން ތާހިރުކުރުމެވެ. އަނެއް މާނައަކީ ނަފްސުގައި ހިމެނޭ ނުރަނގަޅު ކަންކަމާ ދުރަށް ގޮސް، ނަފްސު ތާހިރުކޮށް ނަފްސު އިސްލާހުކުރުމުގެ މަސައްކަތުގައި ދެމިހުރުމެވެ.
- وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
އެ މީހުންނަކީ އެ މީހުންގެ ޖިންސީ ގުނަވަންތައް ރައްކާތެރިކޮށް (ޒިނޭ ކުރުން ފަދަ ފާހިޝް އަމަލުތަކުން ދުރުހެލިވެ ތިބޭ) މީހުންނެވެ.
- إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
އެ މީހުންގެ އަނބިފިރިންނާއި ނޫނީ (އެ މީހުންނާ އެކު އެފަދަ ގުޅުން ހިންގުން ހުއްދަވާ) އެ މީހުންގެ އަޅުން އެކުގައި ފިޔަވައެވެ. (މި ނަންގަތް މީސް މީހުންނާ އެކު، އެފަދަ ގުޅުމެއް ހިންގުމަކުން) އެ މީހުން ކުށްވެރިއެއް ނުކުރެވޭނެއެވެ.
- فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ
މި ނޫން ގޮތެއްގައި (އެފަދަ ގުޅުމެއް ހިންގައިފި މީހުން)، އެ މީހުންނަކީ (ހުއްދަ ކަންކަމުގެ ރޮނގު) ހުރަސްކޮށް، ފަހަނައަޅައިދާ މީހުންނެވެ.
- وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ
އަދި، އެމީހުންނަކީ އެ މީހުންނާ ހަވާލުކުރެވޭ އަމާނާތަކާއި އެ މީހުންނާ އެއްބަސްވެވޭ ކަންކަމަށް ރިއާޔަތްކޮށް ތެދުވެރިވާ މީހުންނެވެ.
- وَالَّذِينَ هُمْ عَلَىٰ صَلَوَاتِهِمْ يُحَافِظُونَ
އެ މީހުންނަކީ އެ މީހުންގެ ނަމާދުތަކަށް ރައްކާތެރިވެ، (ގަވާއިދުން) ނަމާދުތައް ކުރުމުގައި ދެމި ތިބޭ މީހުންނެވެ.
- أُولَٰئِكَ هُمُ الْوَارِثُونَ
ހަމަކަށަވަރުން ވާރުތަވާނޭ މީހުންނަކީ ހަމަ އެމީހުންނެވެ.
- الَّذِينَ يَرِثُونَ الْفِرْدَوْسَ هُمْ فِيهَا خَالِدُونَ
ފިރުދައުސްއޭ ކިޔުނު ސުވަރުގޭ( މަތިވެރި ދަރަޖަ) ވާރުތަވެ، އެ ތަނުގައި އަބަދުގެ އަބަދަށް ދެމިތިބޭ މީހުންނެވެ.